ކުޅިވަރު / އެތުލެޓިކްސް

ގްރޯން ޕްރީގެ އެންމެ މޮޅު އެތުލީޓް ފަޒީލް މި ފަހަރު ނުފެންނާނެ

ފަޒީލް ގްރޯން ޕްރިކްސްގައި ނުފެންނާނެ --- ފައިލް ފޮޓޯ: މިހާރު

އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި ހުސައިން ފަޒީލް ހާރޫން (ފްލޭޝް)، މިއަދު ފަށާ އެތުލެޓިކްސްގެ ގްރޯން ޕްރީގެ މުބާރާތުން ނުފެންނާނެ ކަމަށް އޭނާ ބުނެފި އެވެ.

ފަޒީލް ވަނީ ގްރޯން ޕްރީގެ 2018 އަދި 2019 ގެ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދައިފަ އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު އެ މުބާރާތް ބާއްވައިފައެއް ނުވެ އެވެ.

އެމްއެންޑީއެފްގައި މަސައްކަތް ކުރަމުން އަންނަ ފަޒީލް، ސްރީ ލަންކާގައި ހުރެ ދިން އިންޓަވިއުގައި ބުނީ އަސްކަރީ ތަމްރީންތަކެއްގައި ސްރީ ލަންކާގައި ހުރުމުން މި ފަހަރުގެ ގްރޯން ޕްރީގައި ބައިވެރިވެވެން ނެތް ކަމަށް އަންގާފައި ވާނެ ކަމަށެވެ.

"މިފަހަރު ބެސްޓް އެތުލީޓުގެ ޓައިޓަލް ދިފާއު ކުރަން މުބާރާތުގައި ވާދަކުރަން ރާއްޖޭގައި ނުހުރެވުނީތީ ދެރަވޭ،" އެންމެ ފަހުން ބޭއްވި ގްރޯން ޕްރީގެ ދެ މުބާރާތުގެ ވެސް އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ފަޒީލް ބުންޏެވެ.

އެތުލެޓިކްސްގެ އެންމެ ވާދަވެރި މުބާރާތުގެ ގޮތުގައި މަޝްހޫރުވެފައިވާ ގްރޯން ޕްރީ މުބާރާތް އެންމެ ފުރަތަމަ އިއުލާން ކުރީ 2018 ގަ އެވެ. އެ މުބާރާތުން ފުރުސަތު ދެނީ އެތުލެޓިކްސްގެ ޑޮމެސްޓިކް މުބާރާތްތަކުން މެޑަލް ހޯދި އެތުލީޓުންގެ ތެރެއިން އެންމެ މޮޅު އެތުލީޓުންނަށެވެ. ކޮވިޑް-19 އާ ގުޅިގެން އެއްވެސް މުބާރާތެއް ނުވާއްވާތާ ދެ އަހަރެއްހާ ދުވަސް ފަހުން ނޮވެމްބަރު މަހު ވަނީ ގައުމީ މުބާރާތް ބާއްވައިފަ އެވެ. އެހެން ކަމުން މިފަހަރުގެ ގްރޯން ޕްރީ އިން ފުރުސަތު ދެނީ ގައުމީ މުބާރާތުގެ ޓްރެކް އިވެންޓްތަކާއި ލޯންގް ޖަމްޕުން ވަނަަ ތައް ހޯދި އެތުލީޓުންނަށެވެ.

އެންމެ ފަހުން ބޭއްވި ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓަކީ އައިޝަތު ހަމްނާ ހަސަން އެވެ. މިދިޔަ މަހު ބޭއްވި ގައުމީ މުބާރާތުގައި ވެސް އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދީ ހަމްނާ އެވެ.

އެންމެ ފަހުން ބޭއްވި ގްރޯން ޕްރީގައި ފަޒީލް ވާދަ ކުރަނީ --- ފައިލް ފޮޓޯ: މިހާރު

ގައުމީ މުބާރާތުގައި ބޭއްވި ޓްރެކް އިވެންޓްތަކުގެ ތެރެއިން 5،000 މީޓަރު އިވެންޓްގެ ބަދަލުގައި ގްރޯން ޕްރީ މުބާރާތުގައި ހިމަނާފައި ވަނީ 3،000 މީޓަރެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް ވިދާޅުވިގޮތުގައި ގްރޯން ޕްރީގެ 3،000 މީޓަރުގައި ވާދަކުރާނީ ގައުމީ މުބާރާތުގެ 5،000 މީޓަރުން އެންމެ ރަނގަޅު ނަތީޖާ ހޯދި އެތުލީޓުންނެވެ.

އެންމެ ފަހުން ގައުމީ މުބާރާތުގައި 5،000 މީޓަރު އަދި 10،000 މީޓަރުގައި ފަޒީލް ފަހަތަށް ޖައްސާލުމަށް ފަހު ރަން މެޑަލް ހޯދި، މުހައްމަދު ރަޝީދު (މޯޑް) ވެސް ގްރޯން ޕްރީ މުބާރާތުން ނުފެންނާނެ އެވެ. އާއިލީ ކަމެއް ދިމާވެގެން އޭނާ ވެސް ވަނީ މުބާރާތުގައި ބައިވެރިވެވެން ނެތް ކަމަށް އަންގައިފަ އެވެ.

އެންމެ ފަހުން ބޭއްވި ގްރޯން ޕްރީގައި ފަޒީލް ވަނީ 3،000 މީޓަރުގެ ރޭސް 9:11 (ނުވަ މިނެޓް 11 ސިކުންތު) އިން ނިންމައި ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. އެއީ ރާއްޖޭގެ ސިންތެޓިކް ޓްރެކެއްގައި އެތުލީޓަކު މުގުރާލި ފުރަތަމަ ގައުމީ ރެކޯޑެެވެ. އޭގެ ކުރިން ވެސް އެ ރެކޯޑް އޮތީ ފަޒީލް އަތުގަ އެވެ. އައްޑޫގައި 2018 ގައި ބޭއްވި ފުރަތަމަ ގްރޯން ޕްރީގައި ފަޒީލް ރޭސް ނިންމީ 9:29 އިންނެވެ. ފަޒީލްގެ ކުރިން އެ ރެކޯޑް އޮންނަނީ 2011 ގައި 9:41 ނިންމައިގެން ރެކޯޑް ހެދި އަޒްހަމް ވަހީދު އަތުގަ އެވެ.

ފީލްޑް އިވެންޓްތަކުގެ ތެރެއިން ގްރޯން ޕްރީގައި ހިމަނާފައި ވަނީ ލޯންގް ޖަމްޕް އެކަންޏެވެ. ތުރޯއިންގެ އެއްވެސް އިވެންޓެއް ގްރޯން ޕްރީގައި ހިމަނައިފައެއް ނުވެ އެވެ. ތުރޯއިންގެ އިވެންޓްތައް ނެތުމުން ތުރޯއިންގައި ވާދަކުރި ބައެއް އެތުލީޓުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެެ އެވެ.

ހުޅުމާލޭ ދުވާ ޓްރެކްގައި ކުރިއަށް ގެންދާ މުބާރާތުގެ ޓްރެކް އިވެންޓްތައް ފަށާނީ މިއަދު ހަވީރު 4:30 ގަ އެވެ.

މިއަދު ހަވީރު ބާއްވާ އިވެންޓްތައް

- 100 މީޓަރު ސްޕްރިންޓް އަންހެން / ފިރިހެން

- 400 މީޓަރު ސްޕްރިންޓް އަންހެން / ފިރިހެން

- 1،500 މީޓަރު މިޑްލް ޑިސްޓެންސް، އަންހެން / ފިރިހެން

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޜަޒާ

17 December 2021

މިވެސް ހަބަރެއްތަ ނޫނީ އަރަތެއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454