ކުޅިވަރު / ފީފާ ވޯލްޑް ކަޕް

ހަތަރު އަހަރު ތެރޭ ދެ ވޯލްޑް ކަޕުން 3.3 ބިލިއަން ޕައުންޑުގެ ފައިދާއެއް ލިބޭނެ: ފީފާ

ދޯހާ، ގަތަރު (ޑިސެމްބަރު 21) - ދެ އަހަރުން އެއް އަހަރު ފީފާ ވޯލްޑް ކަޕް ބާއްވައިގެން ހަތަރު އަހަރު ތެރޭ 3.3 ބިލިއަން ޕައުންޑަށް ވުރެ ބޮޑު އާމްދަނީއެއް އިތުރަށް ލިބޭނެ ކަމަށް، ފީފާގެ 207 މެމްބަރު އެސޯސިއޭޝަނާ އެކު އިއްޔެ ވާޗުއަލްކޮށް ބޭއްވި ފީފާ ގްލޯބަލް ސަމިޓުގައި ބުނެފި އެވެ.

ހަތަރު އަހަރުން އެއް އަހަރު މިހާރު ބާއްވާ ފީފާ ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވާ ގޮތަށް ފީފާގެ އާ ކަލަންޑަރު އެކުލަވާލަން ލަފާދިނީ ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި ކުރީގެ މަޝްހޫރު ކޯޗު އާސެން ވެންގާ އެވެ.

ފީފާއިން ހާމަކުރި ގޮތުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ވޯލްޑް ކަޕަކުން ގޭޓް ރިސިޕްޓް، މީޑިއާ ރައިޓްސް އަދި ސްޕޮންސާޝިޕް ފައިދާ ހަތަރު އަހަރުތެރޭ، 8.6 ބިލިއަން ޕައުންޑަށް އިތުރު ވެގެންދާނެ އެވެ. ހަތަރު އަހަރުން އެއް ވޯލްޑް ކަޕް ބާއްވާއިރު ފައިދާގެ ގޮތުގައި މިހާރު ލިބެނީ 5.3 ބިލިއަން ޕައުންޑް ކަމަށް ވެސް ފީފާއިން ހާމަކުރި އެވެ.

ގައުމީ އެސޯސިއޭޝަންތަކަށް އެވްރެޖްކޮށް އިތުރު ފައިސާގެ ގޮތުގައި 12.1 މިލިއަން ޕައުންޑް ދޭން އަންދާޒާ ކުރާކަމަށް މި ބައްދަލުވުމުގައި ފީފާއިން ހާމަކުރި ނަމަވެސް، ފައިސާ އެސޯސިއޭޝަންތަކަށް ހަވާލުކުރާނެ ސީދާ ގޮތެއް ސާފުކޮށްދީފައެއް ނުވެ އެވެ.

އާސެން ވެންގާ (ކ)، ފީފާގެ ރައީސް އިންފެންޓީނޯ އާއެކު.-- ފޮޓޯ: އީޕީއޭ

ފީފާގެ މެމްބަރު 211 ގައުމުގެ ތެރެއިން 133 ގައުމަކުން ދުވަހަކު ވެސް ވޯލްޑް ކަޕް ކުޅެފައެއް ނުވެ އެވެ. އަންނަ އަހަރު ގަތަރުގައި ބާއްވާ މުބާރާތަށް ފަހު ފީފާއިން ވަނީ 2026 ގައި ބާއްވާ މުބާރާތުން ފެށިގެން، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 އިން، 48 އަށް އިތުރު ކޮށްފަ އެވެ.

އާސެން ވެންގާގެ އަމާޒު ހުރީ، އެންމެ މުއްސަނދި އަދި އެންމެ ފަގީރު ގައުމުތަކުގެ މެދުގައި ފައިސާގެ އެހީގެ ފަރަގު ކުޑަކުރުމަށެވެ. އޭނާ ދެކޭ ގޮތުގައި މީގެ ސަބަބުން ފަގީރު ގައުމުތަކުގެ ކުޅުންތެރިން އެ މީހުންގެ ހުނަރު އޭގެ އެންމެ ފުރިހަމައަށް ތަރައްގީކުރަން ފުރުސަތު ލިބޭނެ އެވެ.

ދުނިޔޭގެ ޕްރޮފެޝަނަލް ފުޓުބޯޅަ ލީގުތައް ތަމްސީލުކުރާ ވޯލްޑް ލީގްސް ފޯރަމުން މިދިޔަ ނޮވެމްބަރު މަހު އެކުލަވާލި ރިޕޯޓެއްގައި ބުނެފައި ވަނީ، ފީފާގެ މި ޕްލޭނަށް އަމަލު ކުރަން ފަށައިފި ނަމަ، ޓީވީ ރައިޓްސް އާއި ކޮމާޝަލް އެގްރީމަންޓްތަކާ އެކު، ލީގުތަކާއި ޔޫއެފާ އަށް ސީޒަނަކަށް ގާތްގަނޑަކަށް އަށް ބިލިއަން ޔޫރޯގެ (6.8 ބިލިއަން ޕައުންޑް) ގެއްލުމެއް ވާނެ ކަމަށެވެ.

ޔޫއެފާ އާއި ޔޫރަޕުގެ ބޮޑެތި ލީގުތަކާ އަދި ދެކުނު އެމެރިކާގެ ފުޓުބޯޅަ އެސޯސިއޭޝަން (ކެންމޮބެލް) އިން ވަނީ ފީފާގެ މި ޕްލޭންތަކާ ދެކޮޅު ހަދައިފަ އެވެ. މިދިޔަ ހުކުރު ދުވަހު ޔޫއެފާ އިން ވަނީ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ އޮލިވާ އެންޑް އޯލްބޯ އިން ކުރިއަށް ގެންދިޔަ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ. މި ރިޕޯޓުގައިވާ ގޮތުން، ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވާ ގޮތަށް ފީފާއިން ބައިނަލްއަގުވާމީ ކަލަންޑަރު އެކުލަވާލައިފި ނަމަ ޔޫރަޕުގެ ގައުމީ ފެޑެރޭޝަންތަކަށް ލިބޭ އާމްދަނީ 2.5 އާއި ތިން ބިލިއަން ޔޫރޯ (2.1 އާއި 2.6 ބިލިއަން ޕައުންޑް) އާ ދެމެދުގެ އަދަދަކަށް ދަށަށް ދާނެ އެވެ.

ޔޫރަޕާއި ދެކުނު އެމެރިކާއިން މި ޕްލޭނާ ދެބަސް ވިޔަސް، އެފްރިކާ ބައްރުގެ ފުޓުބޯޅަ އެސޯސިއޭޝަން، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކެފް) އިން ވަނީ ވެންގާގެ ޕްލޭނަށް ތާއީދު ކުރާކަން މިއަހަރު ކުރީކޮޅު ހާމަކޮށްފަ އެވެ.

މި އަހަރުގެ ޖުލައި މަހު ބޭއްވި ފީފާ ކޮންގްރެސްގައި ކެފްގެ ރައީސް ޕެޓްރީސް މޮޓްސެޕޭ ވިދާޅުވީ، މާލީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި އިންފްރާސްޓްރަކްޗާ އަދި ވަސީލަތްތަކަށް ރިއާޔަތް ކުރާނަމަ، ކޮންމެ ދެއަހަރަކުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމުން އެފްރިކާ ފުޓުބޯޅައަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށެވެ.

ކެފް އިން އަންނަނީ މިހާރު ވެސް އެފްރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް އެފްރިކަން ކަޕް އޮފް ނޭޝަންސް ދެ އަހަރުން އެއް އަހަރު ބާއްވަމުންނެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 33%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޫނާސް

21 December 2021

ކުރިން ލާރި ނެތިގެން ދޯ ވެންގާ އުޅުނީ 40 މިލިއަން 1 ޕައުންޑަށް ސުއަރޭޒް އާސެނަލް އަށް ގެންނަން ހަހަހަހަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454