ފިހާރައެއްގައި ކާއެއްޗެހި އަތުރާލާފައި ހުރި އިރު އެތަނުން ގަނެގެން ފިހާރަތެރޭ ހުރެގެން ކަނީ--ފޮޓޯ:މިހާރު
11 ޖެނުއަރީ 2022 - 11:04
ބައެއް ކަންމަތީ ފިހާރަތަކަށް ވަނުމުން މިހާރު ހީވަނީ ކުޑަވަރެއްގެ ކެފޭއަކަށް ވަދެވޭ ހެންނެވެ. ބޮޑު މޭޒެއްގައި ހެދިކާ ތަށިބަރިތައް އަތުރާލާފައި ހުންނަ އިރު ކޮފީ މެޝިނުން ކޮފީ ބޮވޭ ގޮތަށް ވެސް ބައެއް ތަންތަނުގައި ހުރެ އެވެ. އަނެއް ބައި ފިހާރަތަކުގައި ކާން އިށީންދެލާނެ ގޮނޑި ވެސް ހުރެ އެވެ. ބައެއް ފިހާރަތަކުގައި އެކި ވައްތަރުގެ ނޫޑްލްސް އާއި ބަތްގަނޑު ވެސް ވިއްކަ އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މިހާރު ވަރަށް ގިނައިން އެ މަންޒަރު ފެންނާނެ އެވެ. ހާއްސަކޮށް އެމްޕީއެލް/ ކަސްޓަމްސްގެ ސަރަހައްދުންނެވެ. މިހާރު ވަރަށް ގިނަ ފިހާރަތަކަކީ ކޮފީ މެޝިން ބަހައްޓައި އަދި ހެދިކާ ވެސް ވިއްކާ ތަންތަނެވެ.
ފިހާރައެއްގެ ވެރިޔަކު ބުނީ، ކޮވިޑާ ގުޅިގެން ކެފޭ/ރެސްޓޯރެންޓްތައް ބަންދު ކުރި ހިސާބުން ފެށިގެން ފިހާރަތައް މަޑުމަޑުން އެގޮތަށް ބަދަލުވާން ފެށީ ކަމަށެވެ.
ފިހާރައްގައި އިން މޭޒެއް ކައިރީގައި މީހަކު ހެދިކާ ކާން އިށީދެގެން--ފޮޓޯ:މިހާރު
"ފިހާރަތަކުން ވެސް އޭރު ބެލީ އެ މީހުން ސަލާމަތް ވާނީ ކިހިނެއްތޯ. ބައެއް ތަންތަނުގައި އާންމު މުދާ ބަހައްޓައިގެން އުޅުމަށް ވުރެ ހެދިކާއެއް ވިއްކާލައިގެން ލިބޭ ފައިދާ މާ ބޮޑުވީ،" އޭނާ ބުންޏެވެ.
"ވަރަށް ގިނަ ފިހާރަތައް މިގޮތަށް ބަދަލުވި."
ކަންމަތީ ފިހާރަތަކުން ބަތް ފާރުސަލްތަކާއި ސަބްމެރިން، ކޭކު އަދި ގިނަ ބާވަތްތަކެއްގެ ހެދިކާ ވިއްކަ އެވެ. ފިހާރައަކުން ބުނީ އެކި ގޭގޭގައި ތައްޔާރުކޮށްގެން ވަރަށް ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފިހާރަތަކުގައި ވިއްކަމުން އަންނަ ކަމަށެވެ.
"މިހާރު" އިން ބައެއް ފިހާރަތަކަށް ގޮސް ބެލިއިރު ބައެއް ފިހާރަތަކުގައި ވަރަށް ގިނަ ބާވަތްތަކުގެ ކާބޯތަކެތި ވިއްކަ އެވެ. އަދި އެ ތަކެތި ވިއްކަނީ ވެސް ކާބޯތަކެތި ވިއްކުމާ ގުޅޭ އެއްވެސް ހުއްދައެއް ނުނަގަ އެވެ. ކާބޯތަކެތި ވިއްކުމާއި ކާން ދިނުމަކީ ވަކި ހުއްދައެއްގެ ދަށުން ކުރަން ޖެހޭ ކަމެކެވެ. އަދި އެފަދަ ތަންތަނަކީ އިންސްޕެކްޓް ކުރަން ޖެހޭ ތަންތަނެވެ.
ރާއްޖޭގައި ހިންގާ ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ސާފުތާހިރުކަން ބަލަހައްޓަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނެވެ. އެހެން ނަމަވެސް ކަންމަތީ ފިހާރަތަކުން މިގޮތަށް ވިއްކާ ތައްޔާރީ ކާނާގެ ފެންވަރު ބެލުމުގެ އެއްވެސް ޒިންމާއެއް އެޗްޕީއޭއަކަށް ނޯވެ އެވެ.
ފިހާރަތަކުގައި ވިއްކާ މުދާ ބަލަހައްޓަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިންނެވެ. އެ އިދާރާއިން ވެސް ހަމައެކަނި ބަލަހައްޓަނީ އިމްޕޯޓް ކުރާ ކާބޯތަކެއްޗެވެ. އެހެން ބާވަތްތައް ބެލުމުގެ ގާނޫނީ ޒިންމާއެއް ނޯންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
ފިހާރައެއްގެ ބޭރުގައި ކޮފީއެއް ބޯން މީހަކު މަޑުކޮށްލައިގެން. ފިހާރަތަކުން ތައްޔާރީ ކާނާ ވިއްކުން ވަނީ އާންމުވެފައި--ފޮޓޯ:މިހާރު
އެޗްޕީއޭގެ ޑިރެކްޓާ އަހުމަދު ނާސިރު ވިދާޅުވީ، ކުދިކުދި ފިހާތަކުން ވިއްކާ ކާބޯތަކެތީގެ ފެންވަރު ހަމައެކަނި ބަލަނީ މީހަކު އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ. މިގޮތަށް ޝަކުވާ ހުށަހަޅައިގެން ބައެއް ތައްޔާރީ ކާނާގެ ބާވަތްތައް ވިއްކުން ހުއްޓުވާފައި ވެސް ވެ އެވެ.
އެއްވެސް ލޭބަލެއް ނެތި، އަދި ޝެލްފް ލައިފް އެނގެން ނުހުންނަށް އެތައް ބައިވަރު ހެދިކާއަކާއި ބަތް ޕާރުސަލް ފިހާރަތަކުން ވިއްކަމުން ދާއިރު އެކަން އާންމުވެ އެ ވިޔަފާރި ދަނީ ވެސް ފުޅާވަމުންނެވެ. އެފަދަ ކާބޯތަކެތި ސްކޫލު ކުދިންގެ އިންޓަވަލްތަކަށް ވެސް ގަނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކަންމަތީ ފިހާރަތަކުން ހެދިކާ އާއި ތައްޔާރީ ކާނާ ވިއްކުމަށް އެޗްޕީއޭއިން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ކާބޯތަކެތި ވިއްކާ ގިނަ ތަނުން އެފަދަ ހުއްދައެއް ނުހޯދަ އެެވެ.
ފިހާރައެއްގެ ބޭރުގައި ކޮފީއެއް ބޯން މަޑުކޮށްލައިގެން: ކަންމަތީ ފިހާރަތަކުން ކާބޯތަކެތި ވިއްކާ ނަމަ އެޗްޕީއޭ އިން ހުއްދަ ހޯދަން ޖެހޭ--ފޮޓޯ:މިހާރު
އިކޮނޮމިކް މިނިސްޓްރީން ބުނީ ފިހާރައެއް ހިންގަން އިކޮނޮމިކް މިނިސްޓްރީން ދެނީ ޖެނެރަލް ޓްރޭޑިން ހުއްދަ ކަމަށެވެ.
"އެ ފިހާރައެއްގައި ކޮފީ އާއި ހެދިކާ ސާވް ކުރާ ނަމަ އެޗްޕީއޭއިން ދޫކުރާ ކާބޯތަކެތި ވިއްކުމުގެ ހުއްދަ ހޯދަން ޖެހޭނެ،" އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފިހާރަތައް މޮނިޓާ ކުރަންދާ ބައެއް ހާލަތުގައި ސާފުތާހިރުކަން ކުޑަ ގޮތްގޮތަށް ވިއްކާ ކާބޯތަކެތި ހުންނަ ތަންތަން ބައެއް ފަހަރު އެޗްޕީއޭ އަށް ރިޕޯޓު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، އުސޫލުތައް ހުރި ގޮތުން އެ ތަންތަން ހުއްޓުވުމުގެ ބާރު އޮތީ އެޗްޕީއޭ އަށް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
13 January 2022
ހުއްޓްވާނި މުއަށްސަސާއެއް ނެތް ހުރިހާ މަންފާއެއް ވަގަށް އުޅޭ ބަގުލާދޭސް ބޭފުޅުންނަށް. ފަށްޔާޒް އިސްތިއުފާ
ނަޖްވާ
13 January 2022
އަސްލު ހަމަ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ދެކެނީ! އެކަމު ހަމަ ވަރަށް ގިނަ ފިހާރަތަކުން މި ކަން ކުރާ ކަމަކަށް ނުފެނޭ! އެޗްޕީއޭ އިން މި ކަން ބަލަން ޖެހޭނެ ކަމަށް ދެކެނީ!
ކެފޭ
12 January 2022
އެއިރެއްގަ އޮއްނަ ޒަމާނާ އެއްގޮތަށް ޤަވާއިދު ބަދަލުކުރީމަ ރަގަޅުވާނެ
ސޮލް
12 January 2022
ހުރިހާކަމެއް ބޮއްސުންލާފަ.އޮޅި ސަރުކާރު އައިފަހުން ވާނުވާއެއްނޭގެ.ބޭނުން ގޮތެއް.ގާނޫނެއް ގަވާއިދެއްނެތް.އެމީހަކު ބޭނުންގޮތަކަށް އުޅެނީ..
ޢާއިޝަތު ޢަލީ
12 January 2022
ހޮޓާތައް ހިންގާ ފިރިހެނުންނަށް ހަޖަމު ނުކުރެވުނީ ދޯ ގޭގައި ތިބި އަންހެންވެރިންނަށް އާމްދަނީއެއް ލިބޭތީ؟؟ ބަލަ މި ކޮވިޑުގެ ސަބަބުން އަހަރެމެން އެންމެންވެސް މިތިބީ އަތްމަތި ދަތިވެ ނިކަމެތިވެފަ. އަނެއްކޮޅުން ފިހާރަތަކުގައި ޕެކްކޮށްފައި އެއްޗެހި ވިއްކުމުގެ ކޮބައިތޯ މައްސަލައެއް؟ ކުދިންގެ އިންޓަވަލްއަށް އަސްލު ގިނަފަހަރު އެ އެއްޗެހި ހަދަނީވެސް. އެހެން ހުރުމުން ހުރިހާ ބެލެނިވެރިންނަށްވެސް ފަސޭހަ. ކޮންމެ މީހަކީ އޮފީހުން ވަޒީފާއެއް ލިބޭނެ މީހެއްނޫން.
ފީއަލީ
11 January 2022
ތިއަށްވުރެ މާ ކަންބޮޑުވާންޖެހޭ ކަމެއް ކޮއްމެ ފިހާރަޔަކާއި ކޮއްމެ ވިޔަފާރި އެއްގެ ކުރީސަފުގައި ހުއްނަނީ ބޮދެއްވީއްޔާ.
ބުހާރިީ
11 January 2022
ޢެހެން ޤައުމުތަކުގައި ހޮޓެލް ނަންބޯރޑް ހަރުކޮއްފައި ހުންނަ ތަންތަނުން ދުވަހު ކުއްޔަށް ވިއްކަނީ ކޮޓަރި ރާއްޖޭގައި ވިއްކަނީ ކެއުމުގެ ބާވަތްތަށް.
ލުތުފީ
12 January 2022
ހޮޓާ ، ހޮޓެލް ތަފާތު ދެއްތޯ!
ހަސީ
11 January 2022
މީ އާކަމެއްނޫން. ވަރަށް އާންމުކަމެއް.
މަނާކަންތައް
11 January 2022
ވިޔަފާރިކުރުން އެއީ މިގައުމުގައި މަނާކަމެއްދޯ
އައްޓަމަސް
11 January 2022
ވިޔަފާރިކުރުން މަނަލެއްނޫން ނަމަވެސް ތަފާތު ގިންތިއަކަށް ހުއްދަ ދެނީ ތަފަތު ތަންތަނުން، ކެއިންބުއިމަށް އެޗްޕީއޭއިން، އަންމު ވިޔަފާރިތަކަށް ޓުރޭޑު މިނިސްޓުރީ، މިހާރު މުޅި ސިސްޓަމް ބޮއްސުންލައިފި
ބޮންދު ބެ
11 January 2022
ބިދޭސީން ހަދާ އެއްޗެހި ގިނައީ. އެކަން ބަލާނެ ބައެއް ނެތް. އޮތޮރިޓި ތައް ގަނެފަ އޮތީ. ޒިންމާ ނަގާނެ މީހެއް ނެތް