ފްލޯފްލެކްސް ބްރޭންޑްގެ ރެޕިޓް ކޮވިޓް ޓެސްޓިން ކިޓް. މިއީ އިނގިރޭސިވިލާތުގައި ވެސް ބޭނުން ކުރަމުން އަންނަ އުފެއްދުމެއް--ފޮޓޯ:ފްލޯފްލެކްސް
13 ޖެނުއަރީ 2022 - 14:19
ކޮވިޑް ރޯގާގައި މިހާރު އެންމެ ބާރާށް ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓަށް ފަހު މުޅި ދުނިޔޭގައި ކޮވިޑް ރޯގާ ފެތުރެމުންދާ މިންވަރު ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ. އޮމިކްރޯނަކީ ކުރީގެ ވޭރިއަންޓްތަކާ އަޅާބަލާއިރު ވަރަށް ފަސޭހައިން ފެތުރޭ ވޭރިއަންޓަކަށް ވާތީ، މިހާރު ދުނިޔޭގައި ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ތިން މިލިއަނާ ގާތްކުރާ އަދަދަކަށް މައްޗަށް ގޮސްފަ އެވެ. އަދި މިއަދަދު މިހާރު ވެސް ދަނީ ކޮންމެ ދުވަހަކު އިތުރުވަމުންނެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ބައެއް ގައުމުތަކުގައި ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅައި، މިހާރު ވެސް ލޮކްޑައުން ހާލަތުގައި ވާއިރު އަނެއްބައި ގައުމުތަކުގައި އަޅާފައި ވަނީ ނިސްބަތުން ލުއި ފިޔަވަޅުތަކެކެވެ. ކޮވިޑް ބައްޔަށް ޓެސްޓު ކުރުމަކީ ހުރިހާ ގައުމެއްގައި ވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އަސާސީ ފިޔަވަޅެކެވެ. ނަމަވެސް އެކި ގައުމުތަކުގައި ޓެސްޓުކުރަން މަޖުބޫރުވާ ހާލަތުތައް ތަފާތެވެ. މިސާލަކަށް ރާއްޖެ ފަދަ މަދު ގައުމެއްގައި ނޫނީ، އެކި ދުވަސްވަރުގައި ވިއަސް، ޖެހިގެން އޮންނަ ރަށަށް ދިއުމަށް ޓެސްޓް ކުރާކަށް ނުޖެހެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި ކޮވިޑް ހާލަތު ރަނގަޅު މިންވަރެއްގައި ކާމިޔާބުކާމާ އެކީ ކޮންޓްރޯލް ކުރަމުން ގެންދެވިފައި ވަނީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.
ދުނިޔޭގެ ސިއްހީ ދާއިރާގެ ފުންނާބު އުސް ބޭފުޅުންނާއި ތަޖުރިބާކާރު އެޕިޑަމޮލޮޖިސްޓުން ވިދާޅުވާގޮތުގައި އޮމިކްރޯންގެ ސަބަބުން އަދި ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި މާބަރަށް ފެތުރޭނެ އެވެ. މިހާތަނަށް ބަލީގެ މާހިރުންގެ ހޯދުންތަކުން ދައްކާގޮތުން އޮމިކްރޯންއަކީ ކުރީގެ ވޭރިއަންޓްތަކާ އަޅާ ބަލާއިރު ބަލި ބޮޑުވާ މިންވަރު ނިސްބަތުން ދަށް ވޭރިއަންޓެކެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން ބޮޑު ބަޔަކަށް ބަލީގެ އެއްވެސް އަލާމާތެއް ނުފެނުމާއި ބަލީގެ އަލާމާތް ފެންނަ މީހުންގެ ބަލި ހާލަތު ބޮޑުވެ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ މިންވަރު ދަށެވެ.
އަގުބޮޑު ޕީސީއާރް ޓެސްޓަކީ ހަމައެކަނި މިކަމަށް އޮތް ހައްލުތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލުކުރަމުންނެވެ. ބަލި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ބަލި ޖެހިފައިވާ މީހުން ދެނެގަތުން ކަމަށް ވާއިރު، އެކަން ކުރެވޭނީ ޓެސްޓުކުރެވިގެންނެވެ. ދުނިޔޭގެ ގައުމުތަކަށް، ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކާއި އެމެރިކާ އަށް ބަލާއިރު، ޕީސީއާރު ނޫން އެހެން ވަސީލަތްތައް ޓެސްޓުކުރުމުގައި ޕެންޑަމިކްގެ ވަރަށް ކުރީކޮޅު ވަނީ ބޭނުންކުރަން ފަށައިފަ އެވެ. އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ރެޕިޑް ޓެސްޓް ބޭނުންކުރާ މިންވަރާއި އޭގެ ނަތީޖާ ރަސްމީގޮތުން ބޭނުންކުރާ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.
އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން، އެ ގައުމަށް ދިއުމަށް ފަހު ދެ ވަނަ ދުވަހު ކޮވިޑަށް ޓެސްޓުކުރަން ޖެހެ އެވެ. ނަމަވެސް މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިއީ ޕީސީއާރް ޓެސްޓަކަށް ވާކަށް ނުޖެހެ އެވެ. އަގުހެޔޮ ރެޕިޑް އެންޓިޖެން ޓެސްޓެއްގެ ނަތީޖާއިން ފުދެ އެވެ. ރެޕިޑް އެންޓިޖެން ޓެސްޓަކީ ގޭގައި އަމިއްލަ އަށް ވެސް ކޮށްލެވޭ ޓެސްޓަކަށް ވާއިރު މީގެ ގިނަ ބޭނުންތަކެއް ކުރެވެ އެވެ. ގިނަ މީހުން އެއްވާ ތަނަކަށް ދާކަމުގައި ވާނަމަ ރެޕިޑް އެންޓިޖެން ޓެސްޓެއް ހެދުމަށް އިނގިރޭސިވިލާތުގެ ސިއްހީ އިދާރާތަކުން އިލްތިމާސްކޮށްފަ އެވެ.
އެމެރިކާގެ ގެތަކަށް ހިލޭ ރެޕިޑް ޓެސްޓުކިޓް ބަހާނެ ކަމަށް މި އަހަރުގެ ފުރަތަމަ ހަފްތާގައި އެމެރިކާ ސަރުކާރުން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެމެރިކާ އަށް ދަތުރުކުރާ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ރެޕިޑް ޓެސްޓެއްގެ ނަތީޖާ ވެސް އެމެރިކާ އަށް އެތެރެވުމުގައި ގަބޫލުކުރެ އެވެ. ނަމަވެސް އެމެރިކާ އަށް ދަތުރުކުރާ ނަމަ ޓެސްޓު ހަދަން ޖެހެނީ ކްލިނިކެއްގައި ނުވަތަ އެކަމުގެ ހުއްދަ ދީފައިވާ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.
ފްލޯފްލެކްސްގެ ރެޕިޑް ޓެސްޓެއް ކުރަނީ. މި ޓެސްޓްގެ ނަތީޖާ 15 ވަރަކަށް މިނެޓްތެރޭގައި ލިބޭނެ-- ފޮޓޯ: ފްލޯ ފްލެކްސް
ރާއްޖޭގައި ވެސް ޓެސްޓުކުރުން އާންމުކުރުމަކީ މުހިންމު ކަމެކެވެ. އަދި ވިޔަފާރި އާއި އާއިލީ ބޭނުންތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ކޮވިޑް ނެގެޓިވްކަން ކަށަވަރުކުރުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް އަގުބޮޑު އަދި އެތަކެއް ވަގުތެއް ކިއުގައި ހޭދަންކުރަންޖެހޭ ޕީސީއާރް ޓެސްޓު ހަދައިގެން އެންމެ ކުރު ދަތުރު ވެސް ކުރަން މަޖުބޫރުވާ ނަމަ، ދަތުރުފަތުރު ކުރުން ވާނީ އުނދަގޫ، އަދި މަޖުބޫރީ ހާލަތެއްގައި ނޫނީ ނުކުރެވޭ ކަމަކަށެވެ. މިހެންވެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް ކަންކުރަމުންދާ އުސޫލުން ކޮވިޑް ޓެސްޓު ހެދުމަކީ ފައިސާގެ ގޮތުންނާ ވަގުތުގެ ގޮތުން ބޮޑު ތަކުލީފަކަށް ވެފައި އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރެޕިޑް އެންޓިޖެން ޓެސްޓަކީ 15 މިނެޓާއި 30 މިނެޓާ ދެމެދުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ، އަގުހެޔޮ، އަމިއްލަ އަށް ވެސް ހަދާލެވޭ ޓެސްޓެކެވެ. ރެޕިޑް ޓެސްޓް އާންމުކޮށްފި ނަމަ ސްކޫލްތަކުގައި ވެސް ރެންޑަމްކޮށް ޓެސްޓު ހެދުމަކީ މާލީ ގޮތުން ވެސް ކުޅަދާނަ ކަމަކަށް ވާނެ އެވެ. އަދި ރެޕިޑް ޓެސްޓަކީ ރާއްޖޭގެ ސިއްހީ ދާއިރާއިން ބައެއް ކަންކަމަށް ނަމަވެސް ގަބޫލުކުރާ އެއްޗަކަށް ވުމުން އާންމު ރައްޔިތުން އަމިއްލަ ގޭގައި ވެސް ޓެސްޓުކޮށް ބަލާނެކަން ހަމަ ޔަގީނެވެ. މިސާލަކަށް ރަށްރަށަށް ދަތުރުކުރުމުގަ އާއި ސްކޫލް ފަދަ ތަންތަނުގައި ހަދާ ރެޕިޑް ޓެސްޓުތަކުން ޕޮޒިޓިވް ވެއްޖެ ނަމަ، ޕީސީއާރް ޓެސްޓު ހެދިދާނެ އެވެ.
ބަލި ޖެހިފައިވާ މީހުންގެ އަދަދު ބެލުމަށް މިއަށް ވުރެ ލުއިފަސޭހަ ސަރުކާރަށް ވެސް ޚަރަދުކުޑަ، އާންމު ރައްޔިތުންނަށް ވެސް އަގުހެޔޮ ފަސޭހަ ގޮތެއް އޮންނާނެތޯ އެވެ. ޕީސީއާރަކަށް ކުރަންޖެހޭ ހޭދައާ އަޅާ ބަލާއިރު ރެޕިޑް ޓެސްޓު ކިޓެއްގެ އަގަކީ 100ރ. އަށް ވުރެ ކުޑަ އަގެކެވެ. ޕީސީއާރް ޓެސްޓެކޭ އެއްފަދައިން ރެޕީޑް ޓެސްޓު ކިޓްތަކަކީ ވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ލިބިފައިވާ ބާވަތެއް ކަމަށް ވާއިރު ރާއްޖޭގައި އެއްވެސް މިންވަރަކަށް ރެޕިޑް ޓެސްޓުގެ ނަތީޖާ ގަބޫލުކުރަން ފަސްޖެހެނީ ކީއްވެތޯ ސުވާލު އުފެދެ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮސްވަސްމާ
14 January 2022
ކޮންކަމެއް ކާމިޔާބީ؟ މިރާއްޖެ ނޫނީ މިކަން ނުހަނު ފަސޭހައިން މެނޭޖްކޮށްލެވޭނެ ގައުމެއް މެތް. ރަށެއްގައި ކޮވިޑްްކޭހެއް ފެންނައިރަށް އެރަށް ކަރަންޓީނު ކޮށް ބޭއްވީމާ އެނިނުނީ.
ސާމް
14 January 2022
ޜެޕިޑް ޓެސްޓަކުން ވޭރިއަންޓް ދެނެގަތުން އުދަގޫ.ރިސާޗް ކޮއްފަ ލިއުން ރަގަޅު.
ރިޒާ
13 January 2022
ރިސޯތްތަކުގައި ތިޔައެންތިޖެން ޓެސްޓް ހަދާތާ މިހާރު ކިތަންމެ ދުވަހެއް.....
ހަގީގޭ
13 January 2022
ބޮޑުކޮށާރަށް ތިކަމުން އެނގުންވާނަމަ، ތިވެސް ރަނގަޅުވާނެ.
ހައިހައި
13 January 2022
އެމީހަކަށް އެނގޭނީ އެމީހަކު ބަލިވީމަ. މަގުމަތިން ހިފަހައްޓާފަ ދެން އިރުކޮޅަކުން ގުޅަލާފަ ތިހިރީ ބަލިވެފައޭ ބުންޏަސް ކިހިނެއް ބަލިވާނީ.
ޢެޑްމުންޑޯ
13 January 2022
ތިޓެސްޓް ހެދުންވެސް ރަގަޅު ‘ އެކަމަކު ތިކިޓް ގެނެސް ވިއްކަންޖެހޭނީ އެސްޓީއޯ ކަހަލަ ސަރުކާރުގެ ބާރުފޯރާ ތަނަކުން ‘ އެހެންނޫނި އަނެއްކާވެސް ބަޔަކު މުއްސަދި ވުމަށް ރައްޔިތުން ފެލާލުމުގެ ފުރުސަތު ބޮޑުވެގެންދާނެ ‘
ބްލެކް
13 January 2022
ރާއްޖޭގަ ތީތި 300 ރުފިޔާއަށް ވުރެން ކުޑަކޮން ލިބޭނެކަމާ މެދު ސުވާލު އުފެދޭ...
އުދުހޭ
13 January 2022
ޓެސްޓްކިޓް ކައިރީގަ އައިޑީކާޑް ބާއްވާފަ އަދި ޓެސްޓްކުރި ތާރީހާ ގަޑި ކަރުދާސްކޮޅެއްގަ ލިޔެލާފަ ކައިރީގަ ބާއްވާފަ ނަތީޖާއާ އެއްކޮށް އަރާގޮތަށް ފޮޓޯއެއް ނެގީމާ އެއޮތީ ވެފައެއްނުން.
ސަސި
13 January 2022
އޭރުން ޓެސްޓު ހެދުމުގެ ވިޔަފާރި ކުރާ ބޭކަލުންނަށް ކިހާ ގެއްލުންވަނެ
ޔެސް
13 January 2022
މާ ރަގަޅުވާނެހެން ހީވަނީ. އެކަމު ތިކަމަށް ހުއްދަ ލިބުނިއްޔާތާ.