14 ޖެނުއަރީ 2022 - 22:53
ލ. ކަލައިދޫ އާއި ދަނބިދޫ، ކޯޒްވޭއަކުން ގުޅުވާލާނެ ކަމަށް ވައުދުވި ފަހުން ތިން އަހަރުވީއިރު ވެސް އެ މަސައްކަތް ފަށާފައިނުވާތީ ކަލައިދޫ ރައްޔިތުން ނިކުމެ އިހުތިޖާޖުކޮށްފި އެވެ.
ކަލައިދޫ އާއި ދަނބިދޫ ގުޅުވާލުމުގެ ވައުދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ނަމަވެސް ދެ ރަށް ގުޅުވާލުމުގެ ވައުދު ނުފުއްދާ، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލާނެ ކަމަށް އިއުލާންކުރިތާ ހަފްތާއެއް ނުވަނީސް މަސައްކަތް ފެށުމުން އެކަމާ މެދު ރައްޔިތުން ހިތްހަމަނުޖެހުނީ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކުރިން ވެސް މި ދެ ރަށް ގުޅާލާނެ ކަމަށް އެހެން ސަރުކާރުތަކުން ވެސް ވައުދުވިއެވެ. އެކަމަކު މިހާތަނަށް އެ މަސައްކަތް އެއްގޮތަކަށް ވެސް ނުފަށަ އެވެ.
ކަލައިދޫ ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ބައި އިލެކްޝަނާ ދިމާކޮށް މިއަހަރުގެ ބަޖެޓުގައި ވެސް ނެތް ކަމެއްގެ މަސައްކަތްކުރުމަށް ނިންމި ނިންމުމާ އެކު ކަލައިދޫ އާއި ދަނބިދޫ، ކޯޒްވޭއަކުން ގުޅާލުމުގެ ވާހަކަ ގަދަވީ ކަމަށެވެ.
"ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލަން އުޅޭ ވާހަކައާ އެކީގަ އަނެއްކާ ވެސް މި ދެ ރަށް [ކަލައިދޫ-ދަނބިދޫ] ގެ ވާހަކަ ރައްޔިތުން މި ދައްކަން ފެށީ. އެކަމުގައި މިއަދު އިހުތިޖާޖު ކުރީ،" މެމްބަރު ވިދާޅުވި އެވެ.
ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ގޮވާލައި ބޭއްވި އިހުތިޖާޖު--
އޭނާ ވިދާޅުވި ގޮތުގައި ކަލައިދޫ އާއި ދަނބިދޫ ގުޅާލާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ މަސައްކަތް ކުރުމަށް މިހާތަނަށް އެއްވެސް ކުންފުންޏަކާ ހަވާލެއް ނުކުރެ އެވެ. އެކަމަކު އެ މަސައްކަތުގެ ސާވޭ ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ ކަންބޮޑުވުމަކީ އެ މަސައްކަތް ފަށާނެ ތާރީހެއް ވެސް ދީފައި ނުވާތީ،" އޭނާ ވިދާޅުވި އެވެ.
ކޯޒްވޭ އިން ދެ ރަށް ގުޅާލާނެ ކަމަށް ބުނާ ސަރަހައްދުގައި ރައްޔިތުން ނިކުމެ ޕޯސްޓަރުތަކާ އެކު, އަޑު އުފުލަމުން ބުނެފައި ވަނީ މި ދައުރު ނިމެން ގާތްވެފައިވާތީ ކޯޒްވޭގެ މަސައްކަތް ފަށާނެ ސީދާ ތާރީހެއް ބޭނުންވާ ކަމަށެވެ.
ކަލައިދޫ އާއި ދަނބިދޫއާ ދެމެދު އެއް ކިލޯ މީޓަރު ހުރެ އެވެ. މެމްބަރު ވިދާޅުވީ މިހާރު ވެސް އިސްދޫ އާއި ކަލައިދޫ އަކީ އެއް ފަސްކޮށްފައިވާ ރަށަކަށްވާތީ ދަނބިދު އާއި އެ ދެ ރަށް ގުޅުލުމުން އިގްތިސޯދީ ގޮތުން ވެސް އެ ސަރަހައްދަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނދާން
17 January 2022
މިވަގުތު ކޮމަންޑޫ ދާއިރާއަށް ސަރުކާރުން ޚަރަދު މިކުރަނީ ކިހިނެއްވެގެންތަ މަޤާމުގެ ނުފޫޒު ފޯރުވަނީތާ މަކަރު ހަދަނީތާ
ާއުނިމާ
16 January 2022
ކޯޒުވޭ ހަދަން ބޭނުންވާ ހުރިހާ ރައްތަކުން ބައި އިލެކްޝަނަކަށް ދާންވީ، އެނޫން ގޮތަކަށް ތިޔަކަން ވާކަށްނެތް
ލޫކް
15 January 2022
3 އަހަރު ވީއިރު ކޮށްދޭނަމޭ ވިދާޅުވި ކަންތަށް ކޮށްދެއްވަން ޖެހޭނެ... 2023 ގެ ވޯޓް ކަށަވަރުވާނީ ލާމަރުކަޒީ އުސޫލުން ވައުދިވި ކަންތަށް ކޮށްދީގެން.... މާލެ ނޫނަސް އެހެން ރަށްތަށް ތަރައްގީ ކުރުމަކީ އެމްޑީޕީގެ ޖަޒީރާ ވައުދެއް... މާލެ އެކަނި ތަރައްގީ ވެގެން ދިވެހި ރާއްޖެ ތަރައްގީޔެއް ނުވާނެ... ކޮންމެ ކަމެއް ކުރަން މާލެ އައުމަކީ ވަރަށް ބޮޑު ހަރަދެއް
ކުޗީ
15 January 2022
ތީއިއީ ތިދާއިރާގެ މެމްބަރު މީހުން ނެރިގެން ކުރާކަމެއް. އެބޭފުޅާ ކައިރީބުނޭ ކޯޒްވޭ ހަދާދޭށޭ ...
ޒިލޭބީކާ ދޯސްތު
15 January 2022
މަޖިލީހުގެ ދައުރުގެ މެދުތެރެއިން އެބަޖެހޭ ރައްޔިތުންގެ ތާއީދު ހުރި މީހެއްތޯ ބަލާނެ ގޮތެއްވެސް ހަދަން. އޭރުން ފިނިގޮނޑީގައި އިންނަ ސޮރުވެސް މޭކަރަންފަށާނެ ދެ އަހަރު ވާންވާއިރަށް
ބޮޑުމީހާ
15 January 2022
މެމްބަރު ކަައިރީ ބުނޭ އިސްތިއުފާ ދޭށޭ
ހާސަރު
15 January 2022
ކީއްކުރަންތަ ތިދެރަށް ގުޅަންވީ!؟ ސުލްހަވެރިކަމާއެކު އިސްދޫ ކަލައިދޫ މީހުން އުޅުނިއްޔާ ވާނީ ކީއްތަ؟! ނުލާހިކު ބިންބޮޑު.
ސަރުކާރ
15 January 2022
މީގެންވެސް އެގެންޖެހެނީ، އެއިރެއްގަ އޮންނަ ސަރުކާރަކަށް ނޫނީ ސަރުކާރު މެމްބަރަކަށްކަން ކަމެއް ކޮށްދެވޭނީ!! އެމީހުން ބޭނުންވީމަ، ބޭނުންތާކު، ބޭނުން ކަމެއް ކުރެވިދާނެ، ބަޖެޓްގަ ނެތަސް، ފައިސާވެސް ހުންނާނެ، ސަރުކާރު ބޭނުންވާ އެއްޗެއް ހަދާނެ، އަހަރުމެން ހަޅޭލަވަލަވަ ހަމަ ތިބެންޖެހޭނީ.
ހަވާސޤ ސޯލިހުބެ
15 January 2022
ތިޔަ ދާއިރާއިން ވެސް ކުރަން ބޭނުންވާ ކަންކަން އަވަސް ކުރަންބޭނުމިއްޔާ ދާއިރާގެ މަޖިލީސް މެންބަރު ޖެހޭނީ އިސްތިއުފާދޭން ނުވަތަ އޭނާޖެހޭނީ މަރުވާން އޭރުން އެގޮންޑިޔަށް އޭނާހޮވާއިރު ނޫނީ އެހެން މީހަކު ހޮވާއިރު ކެންޕޭނުގެ ތެރެއިން ތިޔަ ކަނަކަމާއި މަސްރޫއުތަށް ބާރު ސްޕީޑުގައި މިސަރުކާރުންކޮށްދޭނެ !
މުލޭ
15 January 2022
މެންބަރު އިސްތިޢުފާދީ ބައި-އިލެކްޝަަނެއް ބާއްވަނިކޮށް އެއްދުވަހުން ވެސް ތިކަން ވެދާނެ. އެކަން ކުރުވާ އަވަހަށް.