ދިވެހިރާއްޖެ އާއި ބަންގްލަދޭޝްގެ ވޮލީ ޓީމު މިރޭ ކުޅުނު މެޗުގެތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
12 ފެބުރުއަރީ 2022 - 02:08
ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ ތިން މެޗުގެ ތެރެއިން ފަހު މެޗުގައި ތަފާތު ރޫހެއްގައި ކުޅެ ސީދާ ތިން ސެޓުން ބަންގްލަދޭޝް މިރޭ މެޗު ކާމިޔާބުކޮށްފި އެވެ.
މި ސީރީޒްގެ ފުރަތަމަ މެޗު ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ކާމިޔާބު ކުރި ނަމަވެސް ބަންގްލަދޭޝް ވަނީ ފަހު ދެ މެޗު ކާމިޔާބުކޮށްފަ އެވެ. މިރޭގެ މެޗް ބަންގްލަދޭޝް ކާމިޔާބުކުރީ 25-18، 25-21 އަދި 25-18 އިންނެވެ.
ފުރަތަމަ ސެޓުގެ ފުރަތަމަ ޕޮއިންޓް ހޯދީ ރާއްޖޭންނެވެ. ބަންގްލަދޭޝް އިން ޖެހިޖެހިގެން ދެ ޕޮއިންޓް ނަގައި ލީޑު ނެގި ނަމަވެސް ދެ ޓީމު 10 ޕޮއިންޓުން އެއްވަރު ވަންދެން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އޭގެ ފަހުން ބަންގްލަދޭޝް ވަނީ ބޮޑު ލީޑަކާ އެކު ފަސޭހަކަމާ އެކު ސެޓް ކާމިޔާބުކޮށްފަ އެވެ.
ދެވަނަ ސެޓު ފަށައިގެން ރާއްޖޭން ތިން ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ބަންގްލަދޭޝް އިން ފަހަތުން އަރައި އެ ލީޑު އަތުލި ނަމަވެސް ރާއްޖޭން ވަނީ ހިތްވަރުކޮށް، ރަނގަޅު ފައިޓެއް ދީފަ އެވެ. ބަންގްލަދޭޝް އިން 16 ޕޮއިންޓް ހަމަކުރިއިރު އެޓީމު ލީޑުގައި އޮތީ އެންމެ ޕޮއިންޓަކުންނެވެ. އެއަށް ފަހު ބަންގްލަދޭޝްގެ އެޓޭކްތައް ރާއްޖެއަށް ނުހުއްޓުވުމުން ބަންގްލަދޭޝް ހޯދި 24-17 ގެ ލީޑާ އެކު ފަސޭހައިން ސެޓް ކާމިޔާބު ކުރާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ރާއްޖޭން ވަނީ ބަންގްލަދޭޝް އިން ފަހު ސެޓް ޕޮއިންޓް ހޯދުމުގެ ކުރިން އިތުރު ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.
ފުރަތަމަ ދެ ސެޓާ ހިލާފަށް ފަހު ސެޓުގައި ފުރަތަމަ ލީޑު ނެގީ ބަންގްލަދޭޝް އިންނެވެ. އަދި މި ސެޓުގެ ވަރަށް ކުރީކޮޅު ބަންގްލަދޭޝް ވަނީ ބޮޑު ލީޑެއްގައި އޮވެ، ފަސޭހަ ކަމާއެކު ސެޓް ނިންމައިފަ އެވެ.
ރަހުމަތްތެރިކަމުގެ ފުރަތަމަ ދެ މެޗާ ހިލާފަށް، ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ މި މެޗުގައި ކުޅުމުގެ ފުރުސަތު ދީފަ އެވެ. އަދި އެ ކުޅުންތެރިންނަށް ލިބުނު ވަގުތުކޮޅުގައި ވަނީ އިތުބާރާ އެކު ބަންގްލަދޭޝްގެ ކުޅުންތެރިންނާ ދެކޮޅަށް އުންމީދީ ކުޅުމެއް ދައްކައިފަ އެވެ.
މި މެޗަށް ފަހު ރާއްޖޭގެ ގައުމީ ވޮލީ ޓީމާ ބްރެޒިލްގެ ކޯޗަކު ހަވާލުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
12 February 2022
މަރުހަބާ ބަންގްލަދޭޝް.3 މެޗު ވެސް އަހަރެން ބެލިން.އެންމެ މެޗެއްގަ ވެސް ރާއްޖެއަށް ސަޕޯޓެއް ނުކުރަން.އެންމެ ސެޓެއް ވެސް މިބައިގަނޑަށް ލިބެން އަހަރެން ނޭދެން.ކީއްވެކަން އެނގޭތަ؟؟ ފޮނި ބޮޑުކަމުން.ރޭގަ ފުރަތަމަ ސެޓް ރާއްޖެ ލީޑްކުރީމަ ކޮމެންޓޭޓަރު (ފަރިޔާޒް) ވެސް ބުނީ ރާއްޖޭގެ ކުޅުންތެރިންގެ މޫނުން ފެންނަނީ އުޖާލާ ކަމޯ.އޮޅިގެން އަދި ބުނި ބަންގާޅު އެއީ ޕާކިސްތާނޭ ވެސް.މިހުންނަނީ މިމީހުންގެ ފެންވަރު އަދި ސައިޒް.ހެހެހެހެހެ.ވ.ވެދުން
އެމް ބީ އޭ
12 February 2022
މަހިުލޫފް ގެ ނުފޫޒުން ބާސްކެޓް ޓީމް ތަކައް އަދި އެމް ބީ އޭ އައް ބޮޑެތި ގެއްކުން ތަކެއް ވީ ،
ނޫސްކިޔާމީހެއް
12 February 2022
ފެންދީފަގެންދިޔައީދޯ ؟؟ ރަނގަޅަށްތައްޔާރުނުވެވުނީއޭ މޫސުންފިނިވީމައޭ ރެފްރީގޯސްވީމައޭބުނުންހުއްޓާލަންފެނޭ !!
އަހުމިއްޓޭ
12 February 2022
ބަންގްލަދޭޝް ފުރަތަމަ މެޗުގަ ރާއްޖޭގެ ކުޅުންދަސްކުރީ. ހަހަހަ