ބްރިޖުން ދަތުރުކުރި މީހެއްގެ ހެލްމެޓް ނައްޓައިގެން ގޮސް ވަޔާދާ މަންޒަރު--
27 ފެބުރުއަރީ 2022 - 17:32
ހުޅުމާލެ އިން މާލެއަށް ބްރިޖުން ދަތުރުކުރި މީހެއްގެ ހެލްމެޓެއް ވަޔާ ވިއްސައިގެން ދިޔަ ބާރުމިނުގައި، ފަހަތުން ދުއްވާފައި އައިި މީހަކަށް ނުރައްކަލެއް ނުވެ ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ނިހާޒު ނަމަކަށް ކިޔާ މީހަކު އާންމުކުރި ވީޑިއޯ އިން ފެންނަނީ ސައިކަލުގައި ބާރަށް ދުއްވާފައި ދަނިކޮށް މީހަކު އަޅައިގެން އިން ހެލްމެޓް ބޮލުން ނެއްޓި ފަހަތަށް ވިއްސައިގެންދާ މަންޒަރެވެ. ފަހަތުން އައި ސައިކަލާ ވަރަށް ކައިރިއަށް ހެލްމެޓް ވެއްޓޭތަން އެ ވީޑިއޯ އިން ފެނެ އެވެ. އެކަމަކު އޭނާގެ ގައިގައި އަދި ފަހަތުން ދެން ދުއްވާފައި އައި އެހެން އެއްވެސް މީހެއްގެ ގައިގައި ވެސް ނުޖެހެ އެވެ.
ފަހަތުން ބާރު މިނުގައި އައި ސައިކަލުތަކުގެ ސްޕީޑު ވެސް އެ ހެލްމެޓާ ހެދި ކުއްލިއަކަށް މަޑުކުރަން ޖެހި ނުރައްކާތެރި ހާދިސާއެއް ވެސް ނުހިނގަ އެވެ.
އެ ވީޑީއޯ އިން ފެންނަނީ ހެލްމެޓު ވަޔާ ވިއްސައިގެން ދިއުމުން، ނަގަން ވެރިފަރާތުން ސައިކަލް ބްރިޖުގެ އެއް ފަޅިއަށް މަޑުކޮށްލާ ތަނެވެ.
ވީޑިއޯ އާންމުކުރި މީހާ ބުނީ ނުރައްކާތެރި އެ ހާދިސާ ހިނގީ، ބްރިޖުގެ އެ ދަތުރު އޭނާގެ ގަމީހުގެ ޖީބަށް ފޯނު ލައިގެން ވީޑިއޯ ކުރަމުންދަނިކޮށް ކަމަށެވެ.
އެ ވީޑިއޯ އާންމުކުރުމާ އެކު ކަންބޮޑުވުންފާޅުކުރި ބައެއް މީހުން ވަނީ އެ މީހުންގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. އެއީ އަލަށް ހިނގި ކަމެއް ނޫން ކަަމަށާއި އެފަދަ ނުރައްކާތެރި ވަގުތުކޮޅުތަކާ ކިތަންމެ ފަހަރަކު ދިމާވެފައި އެބަހުރި ކަމަށް ބައެއް މީހުން ބުންޏެވެ.
އެކަކު ބުނި ގޮތުގައި ބްރިޖުން ދަތުރު ކުރި މީހެއްގެ ހެލްމެޓް ވިއްސައިގެން ދިޔަ ދެ ހާދިސާއެއް އޭނާއަށް ފެނުނެވެ. މިގޮތަށް ދިމާވަނީ ރަނގަޅަށް ހެލްމެޓް ނާޅައި ބޮލުގައި ބާއްވައިގެން ދުއްވާތީ އެވެ.
Secure your helmets people.
— Nihaz ނިހާޒު 🇲🇻 (@nihax) February 26, 2022
Nearly escaped one today 😞🤦🏻♂️ pic.twitter.com/e1paqALpTg
ބްރިޖު ދަތުރުތަކުގައި ހެލްމެޓް އެޅުން މަޖުބޫރުކޮށްފައި ވަނީ އެކްސިޑެންޓެއް ވެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެތީ އެވެ. މި އުސޫލަށް ތަބާވާން ނުވަތަ ފުލުހުން ހުއްޓުވާފާނެތީ އެކަމުން ސަލާމަތްވާން ބައެއް މީހުން ހެލްމެޓް އަޅަނީ ހިތުހުރި ގޮތަކަށެވެ. އަޅަން ޖެހޭ ގޮތަށް ރަނގަޅަށް ނާޅާއި ދުއްވާ ކިތަންމެ ބަޔަކު ބްރިޖުގެ ދަތުރުތަކުގައި ފެނެ އެވެ.
ވީޑިއޯއަސް ކޮމެންޓު ކުރި މީހުން އެ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައިވެ އެވެ.
ބައެއް މީހުން ހެލްމެޓްގެ ވާގަނޑު ބާރުކޮށް ނުލައި ނުވަތަ ނުވެސް އަޅުވައި ދުއްވާ މަންޒަރު ފެނެ އެވެ. މިއީ، އަމިއްލަ މީހާ އާއި އެހެން މީހުންގެ ފުރާނަ ވެސް ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމެކެވެ. ހެލްމެޓް ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް މިހާތަނަށް ހިނގާފައި ނުވިޔަސް ބްރިޖުގައި އާއްމުވަމުންދާ އެ ހާދިސާތަކަށް ބަލާއިރު ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަން އާއްމުވި ވީޑިއޯ އިން ވެސް އެނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
01 March 2022
ކުޅެފައިއޮތް ވީޑިއޯއެއްފާޑުޖަހަނީ
ކޮންމެ ފުރާނައަކީވެސް އަގުހުރި އެއްޗެއް
28 February 2022
ސައިކަލް ދުއްވާ ގިނަމީހުން ޚާއްޞަކޮށް ކަނބަލުންނަކީ އެކަނބަލުންގެ އިސަތަށިގަނޑު ހަޑިވެދާނެތީ, ބުރުގާ ރޫ އަރާފާނެތީ ހެލްމެޓް ބޯމަތީގައި ބާއްވައިގެން ދުއްވާ މީހުން . ހެލްމެޓްގައި އިންނަ ބަކަލް އަޅުވާ ބާރު ކުރާނަމަ ތިކަހަލަ ހާދިސާތައް މެދުވެރިވުމަކީ ވަރަށް ނާދިރު ކަމެއް. މިހާދިސާގައި އިތުރު ހެލްމެޓެއް ވަޔާ ވިއްސައިގެންދާތީ، އިތުރު ހެލްމެޓް ގެންދާނަމަ މަޑިދަށައް ލުން، ނުވަތަ ސޭފްޓީއަށްޓަކައި އައްސާލާފައި ބައިންދާނަމަ ރައްކާތެރިވާނެކަން ކަށަވަރު.
ކާސިންޖީ
28 February 2022
ބުރުގާ އަޅާ ގިނަ އަންހެނުން ހެލްމެޓް އިންނަނީ ބޯ މަތީގަ ބައިންދާފަ.
ދެދސދ
01 March 2022
ދެން އެހެން މީހުން ބޮލުގަ ބައިންދަނީ ކީ ނޫން ތަ؟ ކޮންތާކުތަ އެހެން މީހުން ހެލްމެޓް ބައިންދަނީ
ދިހްދެ...
28 February 2022
ހެލްމެޓް އެކަންޏެއް ނޫން މައްސަލައަަކީ. ވީޑިއޯ ކުރިމީހާ ދުއްވާާފަ އެދަނީވެސް ސްޕީޑްލިމިޓަށް ވުރެއް އެހާބާރަށް.
ސްޕީޑް
28 February 2022
ލިމިޓް ސްޕީޑްއަށް ވުރެން މާ ބާރަށް އެދުއްވަނީ، ބޭނުންވީ އެހާ ބާރަށް ދުއްވާކަން ދައްކާލަން. އެހެންވެ ވީޑިއޯކުރަން ޖައްސައިގެން ދުއްވީ. ނިހާޒް ވަރަށް ގަދަ އިނގޭ ..
ސޭފް
01 March 2022
ވީޑިއޯ އެހެރީ އަވަސްކޮށްފަ...
ފޫހި
28 February 2022
ދިވެހިންނަކީ ބުއްދިވެރި މޮޔައިން. ހަމަ ހައިވޭއިން ހުޅުމާލެއަށް އެރުމާއެކު ހެލްމެޓް ނަގާ ތަން ފެނޭ. އެކަމަކު ހުޅުމާލޭގެ މަގުތަކަކީވެސް ހަމަ ވަރަށް ބާރަށް ދުއްވާމަގުތަކެއް. ހައިވޭގަ ނޫނަކަސް ކޮންމެ މަގެއްގައިވެސް އެކްސިޑެންޓެއް ވެއްޖެނަމަ ލިބޭގެއްލުން ބޮޑުވާނެ ހެލްމެޓް ނާޅާނަމަ. ދެން އެދެވޭތަނަކަށް ދެވެންދެން ހެލްމެޓް އެޅިއްޔާ ކީއްތަވަނީ.
ފާތުން
28 February 2022
ވަރަށް ގިނަ އަންހެން ކަނބަލުންދޭ ހެލްމެޓް އޮންނާނެ ބުރުގާމަތީ ބާއްވައިލައިފަ.
ހިތާމަމަ
28 February 2022
“”ހެލްމެޓް ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް މިހާތަނަށް ހިނގާފައި ނުވިޔަސް ބްރިޖުގައި އާއްމުވަމުންދާ އެ ހާދިސާތަކަށް ބަލާއިރު ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަން އާއްމުވި ވީޑިއޯ އިން ވެސް އެނގެ އެވެ.“ https://mihaaru.com/news/100020 އެހަބަރު ބުނާގޮތުން ހެލްމެޓް ރަނގަޅަށް ނާޅައި ވިއްސައިގެންގޮސް ޖެހި އަންހެނަކު އައިސީޔޫގައި.
ބައެއްފަހަރު
28 February 2022
ބައެއްމީހުން ދުއްވަމުންދާއިރު ބައެއްފަހަރު ފެނޭ ލައިގެންހުންނަ ބައެއްކަހަލަ ހެދުންތަކުގެ ބައެއް ވަޔާ ސައިކަލުގެ ފުރުޅުތެރެޔައްވަދެ އޭގަ ހެދުން އޮޅިގެން މީހެއްގެ ފުރާނައައް ނުރައްކާވެދާނެހެން ހީވާފަދަ މަންޒަރުތައްވެސް.
މިވަރެއްނެތް
27 February 2022
މިއީ އަލަށް ހިނގިކަމެއް ނޫން. ހަމަ ގައިމުވެސް އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި އަދި ގާނޫނުލް އުގޫބާތުގެ ދަށުން މިފަދަ މީހުންގެ މައްޗަށް ދައުވާކުރެވޭނެ އެތައް ގޮތެއް ހުރިހުރި، އެއްވެސް ފިޔަވަޅެއް ނާޅާ މަމެން ޓެކްސް ޕޭޔަރުންގެ އަތުން މުސާރަނަގާ ވެރިން ކުޅިވަރުކުޅެ ޓްވީޓްކޮށްލަކޮށްލާ ތިބެނީ! މިއީވާ ގައުމެއް! މިގައުމުގެ ވެރިއަކު، ވަޒީރަކު، ސަރުކާރެއް އޮތްތޯ ނުވަތަ ގާނޫނު ތަންފީޒުކުރާ ބަޔަކު އެބަތިބިތޯ ސުވާލުއުފެދޭ ވަރުވެއްޖެދޯ!
ހުސޭނު
27 February 2022
އެހެން މީހުންގެ ފުރާނަޔަށް ނުރައްކާވާނެ ގޮތަށް ފަުވާކުޑަކޮށް ދުށްވާ މީހުން ޖަލަށްލާބަލަ!!