އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް(ކ) އާއި ދިރާގުގެ ސީނިއާ މެނޭޖަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރުޝާން (ވ) ޑިޖިޓަލް ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ދިރާގު
17 މާޗް 2022 - 14:36
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެމްބީބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަބްދުﷲ އަރީފެވެ. އަދި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއާ މެނޭޖަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަނެވެ.
އެއީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ބޮޑީބޯޑިންގެ ދާއިރާއިން ޒުވާނުން ތަމްރީން ކޮށް އެ ދާއިރާ ކުރިއެރުވުމަށް އެމްބީބީއޭއާ ގުޅިގެން ދިރާގުން މަސައްކަތްކުރާނެ އެވެ.
އެމްބީބީއޭ އިން ވަނީ އަންނަ ހަފުތާގައި ރާއްޖޭގައި ބޮޑީބޯޑިން ލީގެއް ބާއްވަން ނިންމައިފަ އެވެ. މި މަހުގެ 20-30 އަށް ކުރިއަށްގެންދާ މި މުބާރާތުގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ސްކޯރިން ސިސްޓަމެއް ވެސް ބޭނުންކުރާނެ އެވެ.
މާލެ ރާޅުގަނޑު ސަރަހައްދުގައި އޮންނަ އެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ވެސް ދިރާގެވެ. އެ މުބާރާތުގައި ބޮޑީބޯޑިން ދާއިރާގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އަންހެނުންގެ ޑިވިޝަނެއް ވެސް ވަނީ ހިމަނައިފަ އެވެ.
ދިރާގުގެ ސީނިއާ މެނޭޖަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރުޝާން ވިދާޅުވީ ރާއްޖޭގައި ބޮޑީބޯޑިން ކުރިއަރުވަން އެމްބީބީއޭ އިން ކުރަމުން އަންނަ މަސައްކަތަށް ދިރާގުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މި އަހަރު އެ ދާއިރާއިން ގިނަ ކަންތައްތަކެއް ރާވާފައިވާއިރު ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުގެ އެހީތެރިކަން އެ ޖަމިއްޔާއަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޅިވަރާއި ރެކްރިއޭޝަނަލް ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގެ އެއްބައިވަންތަކަން ވަރުގަދަވާއިރު އެފަދަ ކަންކަމަށް ދިރާގުގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy