ސްޓެލްކޯ ގެޑް އޮފީސް-- ފައިލް ފޮޓޯ: ފަޔާޒު މޫސާ/މިހާރު
30 މާޗް 2022 - 20:08
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސްޓެލްކޯއަށް ދިން "ރެންސަމްވެއާ އެޓޭކް" ގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނީ އެޓޭކް ދިނުމާ އެކު އެކަން ހައްލުކުރަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ފެށި ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރެންސަމްވެއާ އެޓޭކާ ހެދި އެ ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނާއި މޯބައިލް އައުޓްލެޓްތައް އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ހުއްޓުނެވެ. ނަމަވެސް މިހާރު ވަނީ ބިލް ދެއްކޭ ގޮތާއި ފޯމު ހުށަހެޅޭ ގޮތް ހަދައިފަ އެވެ.
ހެކަރުން ދޭ ރެންސަމްވެއާ އެޓޭކުތަކުގައި، އޮންލައިންކޮށް ލިބޭ ޑޭޓާތައް ކޮންޓްރޯލްކޮށް އެ ޑޭޓާތައް ބްލޮކް ކުރުމުގެ ބާރު ހޯދަ އެވެ. އަދި ޑޭޓާތައް އަނބުރާ ދޫކުރަން ފައިސާ އަށް ވެސް ޑިމާންޑްކުރާ ހާލަތްތައް އާދެ އެވެ. ނަމަވެސް ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، ސްޓެލްކޯ އަށް އެފަދަ އެއްވެސް ޑިމާންޑެއް ހެކަރުންގެ ފަރާތުން މިހާތަނަށް އައިސްފައިނުވާ ކަމަށެވެ.
ސްޓެލްކޯއިން ވަނީ ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މާފަށް އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy