ވިޔަފާރި / ދިރާގު

އަންހެން ކުދިންނަށް ހާއްސަކޮށްގެން ޑޭޓާ ލިޓްރަސީ ޕްރޮގްރާމެއް ފަށަނީ

ދިރާގައި ވިމެން އިން ޓެކް ގުޅިގެން "ގާލްސް އިން ޑާޓާ" ޕްރޮގްރާމެއް ފަށަނީ.

30 އެޕްރީލް 2022 - 14:24

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެން ކުދިންނަށް ހާއްސަކޮށްގެން ޑޭޓާ ލިޓްރަސީ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ދިރާގުން ބުނީ "ގާލްސް އިން ޑޭޓާ" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދޭނެ ކަމަށެވެ. އަދި ޑޭޓާ އެއްކުރުމާއި އެއިން މާނަ ދޭހަކުރުމާއި ޑޭޓާ ބޭނުންކޮށްގެން މުހިންމު ނިންމުންތައް ނިންމާނެ ގޮތްތައް ވެސް އެ ޕްރޮގްރާމްގައި ކުދިންނަށް ދަސްކޮށްދޭނެ އެވެ.

އަންނަ މަހު 15 ގައި ފަށާ އެ ޕްރޮގްރާމްގެ ފުރަތަމަ އެޑިޝަން ހާއްސަކޮށްފައި ވަނީ މާލެ ސަރަހައްދުގެ ގްރޭޑް 5-7 (10 އަހަރާއި 13 އަހަރާ) ދެމެދުގެ އަންހެން ކުދިންނަށެވެ. ދޮޅު މަސްދުވަހަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ކުލާސްތައް އޮންނަނީ އޮންލައިންކޮށެވެ.

އެ ޕްރޮގްރާމް ސްޓްރަކްޗާ ކުރެވިފައި ވާނީ ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ފީލްޑް ޓްރިޕްތައް ވެސް ހިމަނައިގެން ކަމަށް ދިރާގުން ބުންޏެވެ. އެއީ ދިރާގުން ބުނި ގޮތުގައި ބައިވެރިންނަށް ޑޭޓާ ބޭނުންކުރާ އަސްލު ހާލަތުތަކުގެ ތަޖުރިބާ ހޯދާދިނުމުގެ ބޭނުމުގަ އެވެ.

މިއަދުން ފެށިގެން އެ ޕްރޮގްރާމްއަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވެ އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިން womenintechmv.org ވެބްސައިޓް މެދުވެރިކޮށް އަންނަ މަހު 12ގެ ނިޔަލަށް ރަޖިސްޓްރީ ކުރޭވޭނެ އެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އަކީ ޓެކް އިންޑަސްޓްރީގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވައި، އެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. ޑޭޓާ ސައިންސް ހުނަރަކީ ޓެކް ދާއިރާގެ ވަރަށް މުހިއްމު ހުނަރަކަށް ވުމާ އެކު، ޑޭޓާ އަށް އަހުލުވެރި ބަޔަކަށް ވުމަކީ ކޮންމެ މީހަކަށް ވެސް، ހާއްސަކޮށް އަންހެން ކުދިންނަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވިމެން އިން ޓެކް މޯލްޑިވްސްއިން ގަބޫލުކުރެ އެވެ.

ޓެކް ދާއިރާއިން އަންހެން ކުދިން ބާރުވެރިކުރުވުމަކީ ދިރާގުން މީގެ ކުރިން ވެސް ހާއްސަ އަހައްމިއްޔަތެއްގެ ދީގެން ކުރާ މަސައްކަތަކަށް ވެފައި، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ އަންނަން އޮތް ޖީލުގެ އަންހެން ކުދިންނަށް ޑޭޓާގެ މުހިއްމުކަމުގެ މަޢުލޫމާތު ދިނުން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެ ޕްރޮގްރާމުން ދަސްވެގެންދާ ޑޭޓާގެ ހުނަރުތަކަކީ މުޖުތަމަ އަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭނުންކުރެވޭނެ ހުނަރު ކަމަށެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި "ގާލްސް ޓު ކޯޑް"ގެ ނަމުގައި ކޮންމެ އަހަރަކު ވެސް ޕްރޮގްރާމެއް ހިންގަ އެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާރު ވެސް ތިން ޕްރޮގްރާމެއް ހިންގާފައިވެ އެވެ.

އަންނަ މަހު ފަށާ "ގާލްސް އިން ޑޭޓާ" ޕްރޮގްރާމްގެ އިތުރު ބުރުތައް ރާއްޖޭގެ އެކި ސަހަރައްދުތަކުގައި ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް ދިރާގާއި ވިމެން އިން ޓެކްއިން އުންމީދުކުރެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454