މުލީކޮޅު ރާޅުގަނޑުގައި ސްމައިލީ: މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްގެން ލީގުގެ އެއްވަނައިގައި އޮތް ސްމައިލީ ކެޓީ ކުރީގެ ޖޫނިއާ ރަނަރަޕް އައިހަމްއާ ވާދަކޮށް ބަލި ވެގެން.-- ފޮޓޯ: އެމްއެސްއޭ
15 މެއި 2022 - 20:28
މ. މުލީގައި މިހާރު ކުރިއަށްދާ އެމްޓީސީސީ ސާފް ލީގުގެ ދެވަނަ މުބާރާތުގައި ރާއްޖޭގެ އެއްވަނަ ރާޅާ އެޅުންތެރިޔާ އިސްމާއީލް ރަޝީދު (ސްމައިލީ) އާއި އެންމެ ފަހުގެ ޖޫނިއާ ޗެމްޕިއަން ޝަރޫފް ޝާއިރު މުބާރާތުން ކަޓައިފި އެވެ.
"މުލީކޮޅު ރާޅުގަނޑު" ނަމުގައި ބާއްވާ މުބާރާތުން ސްމައިލީ ކެޓީ، ފަސްވަނަ ބުރަށް ކޮލިފައިވާން ކުރިޔަށް ގެންދިޔަ ޕްލޭއޮފް ހީޓުގައި މުލީގެ 20 އަހަރުގެ އައިހަމް އަދްނާން އަތުން ބަލި ވެގެންނެވެ.
މީގެ ކުރިން 2019 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖާއި ގައްދޫ ޕްރޯ 2020 ގެ ޖޫނިއާ ބައިން ދެވަނަ ހޯދި އައިހަމް ވަނީ ހަތަރު ރާޅުގައި އަޅައިގެން މި ބުރުގައި ޖުމްލަ 9.33 ޕޮއިންޓް ސްކޯ ކޮށްގެން މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 4.50 އަކާއި 4.83 އެވެ.
މުލީކޮޅު ރާޅުގަނޑު 2022 ގައި ސްމައިލީ ކަޓުވާލި އައިހަމް.--
ސްމައިލީ އަށް ލިބުނީ ޖުމްލަ 7.93 ޕޮއިންޓެވެ. އޭނާގެ ދެވަނަ ރާޅަށް 4.33 ޕޮއިންޓް ހޯދި ނަމަވެސް ސްމައިލީ އަށް ހީޓް ކާމިޔާބު ކުރަން އެއް ރާޅުން 5.00 ގެ ސްކޯއެއް ހޯދަން ޖެހުނެވެ. ނަމަވެސް ހީޓް ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ކުރި މަސައްކަތުން ވެސް ހޯދުނީ 3.60 ޕޮއިންޓެވެ.
މުބާރާތުގެ ފުރަތަމަ ހީޓް ކާމިޔާބުކޮށް ތިންވަނަ ބުރުން ސީދާ ޖާގައެއް ހޯދި ނަމަވެސް، ޕްލޭއޮފް ހީޓުގައި ސްމައިލީ ވާދަކުރަން ޖެހުނީ ތިންވަނަ ބުރުގައި އަލީ ރީހާން މުހައްމަދު އަތުން ބަލި ވެގެންނެވެ. ރީހާން މި ހީޓުގައި ޖުމްލަ 13.17 ޕޮއިންޓް ސްކޯ ކުރިއިރު ސްމައިލީ އަށް އެއްކުރެވުނީ 9.33 ޕޮއިންޓެވެ.
ރީހާން އެޅި ހަތަރު ރާޅުގެ ތެރެއިން އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 6.00 އާއި 7.17 ޕޮއިންޓް ލިބިފަ އެވެ. ސްމައިލީ އަށް ހަ ރާޅުގެ ތެރެއިން އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 3.83 އަކާއި 5.50 އެވެ.
ފަސްވަނަ ބުރުގައި އައިހަމް އަށް ވާދަކުރަން ޖެހިފައި ވަނީ ވަރުގަދަ ހީޓެއްގަ އެވެ. މި ބުރުގެ ފުރަތަމަ ހީޓުގައި އައިހަމްގެ އިތުރުން ދެން ހިމެނެނީ، ތިންވަނަ ބުރުގައި ސްމައިލީ ބަލިކުރި ރީހާން އަދި ލެޖެންޑަރީ ރާޅާއެޅުންތެރިޔާ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. ތިންވަނަ ބުރުގައި އައިހަމް ބަލިވީ ކުޑަ އިއްސެއާ ވާދަކޮށެވެ.
ސްމައިލީގެ އިތުރުން ކަޅެގަލެކޮޑާ 2022 ގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ކ. ގުރައިދޫގެ ޝަރޫފް ޝާއިރު ވެސް ވަނީ މުބާރާތުގެ އޯޕަން ކެޓެގަރީން ކަޓައިފަ އެވެ.
ޝަރޫފް އިއްޔެ ވަނީ މުބާރާތުގެ ފުރަތަމަ ހީޓު ކާމިޔާބުކޮށް ތިންވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ނަމަވެސް މިއަދު ތިންވަނަ ބުރުގައި އޭނާ ބަލިވީ ޖިނާން އަހުމަދާ ވާދަކޮށެވެ. އެ ހީޓު 4.66 ޕޮއިންޓުގެ ތަފާތަކުން ޖިނާން ކާމިޔާބުކޮށް ފަސްވަނަ ބުރަށް ހޮވުނު އިރު، ޝަރޫފް އަށް ޖެހުނީ ހަތަރުވަނަ ބުރުގައި ވާދަކުރާށެވެ. ހަތަރުވަނަ ބުރުގައި އޭނާ ބަލިވީ ޝައިހާން ހުސެއިން ސޮލާހާ ވާދަކޮށް އެއް ޕޮއިންޓުގެ ތަފާތުންނެވެ.
ފަސްވަނަ ބުރުގައި ޝައިހާން ވާދަކުރާނީ، ތިންވަނަ ބުރުގައި ޝަރޫފް ބަލިކުރި ޖިނާން އާއި ގައުމީ ސީނިއާ ސާފިން ޓީމުގައި ހިމެނޭ އަހުމަދު އާގިލް (އަންމަޑޭ) އާ އެކު ހަތަރުވަނަ ހީޓުގަ އެވެ. އަންމަޑޭ ފަސްވަނަ ހީޓުން ޖާގަ ހޯދީ ތިންވަނަ ބުރުގައި 8.23 ޕޮއިންޓުން ޝައިހާން ބަލިކޮށްފަ އެވެ.
ފަސްވަނަ ބުރުގައި ޖުމްލަ ހަ ހީޓެއް ކުރިޔަށް ދާނެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން މި އަހަރު އަލަށް ޖާގަ ހޯދި ހޫދު އަހުމަދު (ހޫބްޒް) އަދި ނަޖާހު މުހައްމަދު (ކަނބޯ) ވެސް ވަނީ ތިންވަނަ ބުރުގެ ހީޓު ކާމިޔާބުކޮށް ފަސްވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
އެންމެ ފަހުގެ ގައުމީ ޗެމްޕިއަންކަން ވެސް ހޯދި ހޫބްޒްއާ އެކު މި ބުރުގެ ދެވަނަ ހީޓުގައި ވާދަކުރާނީ ޖައިލަމް ނިޒާރާއި އަލީ ރިޒާ އެވެ. ހޫބްޒް ވަނީ ތިންވަނަ ބުރުގެ ހީޓުގައި އަހުމަދު ފާރިއު ބަލިކޮށްފަ އެވެ. ތިންވަނަ ބުރުގައި ޖައިލަމްއާ ވާދަކޮށް ރިޒާ ބަލިވި ނަމަވެސް ރިޒާ ވަނީ ހަތަރުވަނަ ބުރުގައި ފާރިއު ބަލި ކޮށްފަ އެވެ.
ތިންވަނަ ހީޓުގައި ކަނބޯ ވާދަކުރާނީ މުހައްމަދު އަތޫފް އާއި ތިންވަނަ ބުރުގެ ހީޓުގައި އޭނާއާ ވާދަކޮށް ބަލިވި ހަސަން ނާސިހުއާ އެވެ.
މުހައްމަދު ފަޔާޒު (ޕެލޭ) އާއި އާދަމް މުއީން އިބްރާހިމް އަދި މުހައްމަދު އިބްރާހިމް ވާދަކުރާނީ ހަތަރުވަނަ ހީޓުގަ އެވެ. އަދި މި ބުރުގެ ފަހު ހީޓުގައި ވާދަކުރާނީ އަހުމަދު އަރްޒާން އާއި ޝާނިފް ޝަފީގު އަދި ޖުމާން މުހައްމަދެވެ.
މި ހީޓްތަކުން އެއްވަނަ އަދި ދެވަނައަށް ދާ އެތުލީޓުންނާ އެކު ހަވަނަ ބުރު ވެސް ކުރިޔަށް ގެންދާނީ ހަ ހީޓަކަށެވެ. އަދި ކުއާޓާ ފައިނަލަށް ހޮވޭނީ ހަވަނަ ބުރުގެ ހީޓުތަކުން މޮޅުވާ ހަ އެތުލީޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ސޯ
16 May 2022
އައިހަމްގެ ތިނޫން ފޮޓޯއެއް ޖަހާލިނަމަ.. އަހަރެންގެ އަހޫ ގެ ކަޅު ފޮޓޯއެއް ވިއްޔާ ޖަހާފަތީނީ...