ޝާނިފް: އަމިއްލަ ރަށުގައި ބޭއްވި މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން އޭނާ ވަނީ ހޯދާފަ
18 މެއި 2022 - 15:09
ދިވެހި ސާފިން ލީގުގެ ދެވަނަ މުބާރާތް، "މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޝާނިފް ޝަފީގް ހޯދައިފި އެވެ.
މުބާރާތް ބާއްވާ ރަށް، މ. މުއްޔަށް ނިސްބަތްވާ ޝާނިފް ޖޫނިއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަވަށްޓެރި މުލަކުގެ ޖުމާން މުހައްމަދުގެ މައްޗަށް 2.89 ތަފާތަކުން ކުރި ހޯދައިގެންނެވެ.
ސާފިން ލީގު ކުރިއަށްދަނީ ޝޯޓް ބޯޑުގެ އިވެންޓްތަކެވެ. މިއަދު މެންދުރު ފަހު ބޭއްވި ފައިނަލްގެ ހީޓްގައި ޝާނިފް ވަނީ އަށް ރާޅުގައި އަޅައިގެން 14.43 ޕޮއިންޓް ހޯދައިފަ އެވެ. އޭނާ އެންމެ ގިނައިން ސްކޯ ކުރީ ހަތްވަނަ ރާޅުގަ އެވެ. އެރާޅުގައި 7.50 ޕޮއިންޓް ހޯދި އެވެ.
ޝާނިފް ކަނޑު ހިފައިގެން: ސާފިން ލީގުގެ ދެވަނަ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދީ އޭނާ
ޖުމާން ވެސް އަށް ރާޅުގައި އެޅި އެވެ. އެކަމަކު އޭނާ އަށް ހޯދުނީ 11.54 ޕޮއިންޓެވެ. ހަތަރުވަނަ ރާޅުގައި އޭނާ ވަނީ 6.67 ޕޮއިންޓް ހޯދައިފަ އެވެ. މިއީ މި މުބާރާތުގެ ފައިނަލް ސްޓޭޖުގައި ޖުމާން އާއި ޝާނިފް ބައްދަލު ކުރި ދެވަނަ ފަހަރެވެ.
ކުއާޓާ ފައިނަލް ހީޓް 2 ގައި ވާދަކޮށް ވެސް ކުރި ހޯދީ ޝާނިފެވެ. ކުއާޓާގައި އޭނާ ވަނީ ފަސް ރާޅުން 15.66 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރު ރާޅުން ޖުމާން އަށް ހޯދުނީ 5.07 ޕޮއިންޓެވެ.
މުބާރާތުގެ އޯޕަން ކެޓަގަރީގެ ސެމީ ފައިނަލްގައިި ގައުމީ ޗެމްޕިއަން ހޫދު އަހްމަދު ބަލިކުރުމަށްފަހު އަހްމަދު އާގިލް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ފައިނަލްގައި އޭނާއާ ވާދަކުރާނީ ނަޖާހް މުހައްމަދެވެ. މިއީ ސާފިން ލީގުގައި ނަޖާހްގެ ދެވަނަ ފައިނަލެވެ. އަމިއްލަ ރަށް، ގަދަ. ގައްދޫގައި ބޭއްވި ފުރަތަމަ މުބާރާތުގައި އިސްމާއީލް ރަޝީދު (ސްމައިލީ) އާ ދެކޮޅަށް ފައިނަލްގައި ވާދަކުރީ ނަޖާހް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީމު ރަށް
19 May 2022
މ. މުއްޔަށް ނިސްބަތްވާ ޝާނިފް ޖޫނިއާ ޗެމްޕިއަންކަން ހޯދުމަކީ މުއްޔަށް ލިބުނު ވަރަށް ފަޚުރުވެރި ވަނައެއް މީގެ އެހެން މުބާރާތްތަކުގައި އަނޫފުވެސްވަނީ 2 ފަހަރު ޗެމްޕިއަންސްކަން ނަގާފަ އަދި މުލީ އައިހަމްވެސް ވަނީ 2 ފަހަރަކު ރަނަރއަޕް ވެސް ނަގާ މުލި ތާރީޚުގެ ތެރެއަށް ގެންގޮސްފަ