"މިހާރު" ކުއިޒު ކާމިޔާބުކުރި ނަސީބުވެރިން (ކ-ވ) ތިންވަނަ އަށް ހޮވުނު ފަހުދު، އެއްވަނަ ބައިވެރިޔާ ސުލްތާން އަދި ދެވަނަ އަށް ހޮވުނު ސުލައިމާންގެ ފަރާތުން އިނާމާ ހަވާލުވި ބެލެނިވެރިޔާ.---ފޮޓޯ: ނިޝާން އަލީ| މިހާރު
31 މެއި 2022 - 10:37
މި އަހަރުގެ ރޯދަ މަހަށް ހާއްސަ ކޮށްގެން "މިހާރު" އިން ބޭއްވި ކުއިޒުގެ ނަސީބުވެރިން އިއްޔެ ހޮވައިފި އެވެ.
ކުއިޒުގެ އެއްވަނަ ނަސީބުވެރިޔާ ސުލްތާންއާ، އިއްޔެ އިނާމު ހަވާލުކުރަނީ.---ފޮޓޯޯ: ނިޝާން އަލީ| މިހާރު
އެ ކުއިޒުން އެއް ވަނަ އަށް ހޮވުނު ސުލްތާން މުހައްމަދު ލަތީފަކީ އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމު އަދި އިސްލާމިކް މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލަތީފުގެ ބޭފުޅެކެވެ. ދެ ވަނަ ނަސީބުވެރިއަކީ ސުލްތާނަށް ބޮޑުބޭބެ ވިދާޅުވާ ސުލައިމާން ބިން ސަލްމާން މުހައްމަދެވެ. އަދި ތިން ވަނަ އިނާމު ކާމިޔާބު ކުރެއްވީ ސުލްތާންގެ ޅިޔަނު، ފަހުދު އަހުމަދެވެ.
ކުއިޒުގެ އެއްވަނަ ނަސީބުވެރިޔާ ސުލްތާން ވިދާޅުވީ، އާއްމުކޮށް ކުއިޒު މުބާރާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ފަހުދު ތަފާތެވެ. "މިހާރު" ގެ ކުއިޒުގެ މައުލޫމާތު އެނގި، އޭނާގެ އޮފީހުގެ ގިނަ ބަޔަކު ކުއިޒުގައި ބައިވެރިވެ، ޗެލެންޖު ކިޔައި ދިނުމުން އަޖުމަ ބައްލަވައިލަން ބޭނުންވީ އެވެ.
ކުއިޒުގެ ދެވަނަ އަށް ހޮވުނު ސުލައިމާންގެ ފަރާތުން އާއިލާގެ މީހަކާ އިނާމު ހަވާލުކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ސުލްތާން ވިދާޅުވިގޮތުގައި، އެއް އާއިލާއަކަށް އިނާމު ލިބުނަސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުއިޒުގައި އެހީތެރިކަން ނުދެ އެވެ
"މިހާރު" ކުއިޒު ބޭއްވީ، ވީ އެންމެ ކުޑައިރުކޮޅެއްގެ ތެރޭގައި 30 ސުވާލަށް ޖަވާބުދޭން ޖެހޭ ގޮތަށެވެ. ސުލްތާނާއި ސަލްމާން ޖަވާބުތައް ދިމާކުރެއްވީ އެންމެ 31 ސިކުންތުންނެވެ.
ދެ ބޭފުޅުންގެ ތެރެއިން އެއްވަނަ އާއި ދެ ވަނަ ހޮވީ، ޕޮއިންޓް އެއްވަރުވުމުން ގުރުއަތުންނެވެ. އަދި ތިން ވަނަ އަށް ފަހުދު ހޮވުނީ އިތުރު ދެ ބައިވެރިއަކާ ވާދަކުރައްވައި، އެއް ސިކުންތުގެ ތަފާތުންނެވެ. ފަހުދުގެ އިތުރުން ފާތިމަތު ސަމާ އާއި މަރިޔަމް އާލިޔާ ޖަވާބު ދިމާކުރީ 32 ސިކުންތުންނެވެ. ކުއިޒުގެ ތިންވަނަ ނަސީބުވެރިއަކަށް ފަހުދު ހޮވުނީ އެ ތިން މީހުންގެ މެދުގައި ނެގި ގުރުއަތުންނެވެ.
ކުއިޒުގެ ތިންވަނަ ނަސީބުވެރިޔާ ފަހުދުއާ ވައުޗަރު ހަވާލުކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އާންމު މައުލޫމާތު ހިމެނޭ ގޮތަށް ބޭއްވި ކުއިޒުގެ އެއްވަނަ އިނާމަކީ ލިޓަސް އިން ހުށަހެޅި ޔަމަހާ 125 ފިނޯގެ ސައިކަލެކެވެ. ދެ ވަނަ އިނާމަކީ ޓީއެމްއޭގެ ދެކޮޅު ޓިކެޓާއި ހެޕީ މާކެޓުން ދޭ ކޮފީ މެޝިނަކާއި 80 ކެޕްސޫލެވެ. ތިން ވަނަ އިނާމަކަށް ކަނޑައެޅީ ޔޫރޯ ސްޓޯރުން ދިން 3،000ރ. ގ ވައުޗަރެކެވެ.
"މިހާރު" ގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އިސްމާއިލް ޝިއުތު ވިދާޅުވީ، ކުއިޒުގައި 75،000 އެއްހާ މީހުން ބައިވެރިވި ކަމަށާއި އެއީ ވަރަށް ބޮޑު ތަރުހީބެއް ކަމަށެވެ.
"މި އަންނަ އަހަރު މި އަށް ވުރެ އަގުހުރި އިނާމުތައް މި ކުއިޒުގައި އަޅުގަނޑުމެން ދޭނަން. އަދި މިހާރަށް ވުރެ ފޯރިގަދަކޮށް ގެންދަން ވަރަށް ބޮޑަށް އިސްކަންދޭނަން،" އޭނާ ވިދާޅުވި އެވެ.
އޮންލައިންކޮށް ބޭއްވި ކުއިޒުގައި ހިމެނީ ރާއްޖޭގެ ތާރީހީ ބައެއް ހާދިސާތަކާއި ފާހަގަކޮށްލެވޭ އެކި ޝަހުސިއްޔަތުތަކުގެ މައުލޫމާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކުބާ
01 June 2022
އަހަރެން 30 ސިކުންތައް ވުރެ އަވަހައް ނިންމިން. މީ އެެއްވެސް ގޮތަކަށް ރަނގަޅަށް ކޮއްފަ އޮތް ކަމެެއް ނޫން. ޕްރޫފް ބޭނުން. ތިއޮތީ އޮޅުވާލާފަ ވަރަށް ބޮޑަށް
ސޮދުރީ
31 May 2022
މަ ހިތުން ގުުރުއަތުލަންޏާ އެއީ ކަމުދާ ކަމެއް ނޫން. ދުނިދަނޑި ޖެހުން ކަހަލަ ކަމެކޭ ކިޔާތީ އަހަން އަހަނީ
ވޮއްކޮޅު
31 May 2022
މިއީދެން ބޮޑުވަރު. ދެން ބުނޭ ނަސީބޭ. ހެއްހެއް. އަނެއްހެން ބައިވެރިންގެ ކަމެެއްނޫން މިއީ. ކޮންގުރާ ފެމިލީއަށް.
ކުޗީ
31 May 2022
އެއްއާއިލާއެއް ވީމަ ޖަވާބު ހުންނާނީ ހިއްސާކޮއްފަ. ރަނގަޅު ގޮތަކީ ގުރުއަތަށް ދާއިރު އާއިލާއަކުން ކޮންމެވެސް އެކަކު ގުރުގައި ބައިވެރި ކުރުން.
މީ ކާކުބާ
31 May 2022
މަރުހަބާ
ތުނިޔަ
31 May 2022
مرحبا ،ވަރަށް ވިސްނުންތޫނު ޢާއިލާއެއް. ماشاءالله
އައްޓަމަސް
31 May 2022
އެއް އާއިލައަކަށް ތިޔަ އިނާމު ދިއުން ގޯސް ކޮންމެވެސް ކަމެއް ގޯސްވެއްޖެ
އަވައްޓެހި
31 May 2022
އެއް އާއިލާއެއް ވިޔަސް އެއީ ވަނަ ނުލިބެންވީ ސަބަބެއްް ނޫން. ވަނަ ލިބޭނީ ވަރަށް މަސައްކަތުން
ގޯޕާލް
31 May 2022
ވަނަތައް ލިބިލެއްވި އެންމެހައި ބޭފުޅުންނަށް މަރުޙަބާ. ހުރިހާ ބޭފުޅުންވެސް ވަރައް ވައްތަރު ދެއްތޯ؟
ރަދީފްއޮފިޝަލް
31 May 2022
03 ބޭފުޅުންނަށް ވެސް ތަހުނިޔާ.އަހަރެންވެސް ވަރަށް ގިނައިން ޓްރައިކުރިން ނަމަވެސް ކާމިޔާބް ނުވި.ވ.ވެދުން