ކުޅިވަރު / ޔުއެފާ

ނޭޝަންސް ލީގު: ޕޯޗުގަލް އިން މިފަހަރު ވެސް ސްޕެއިން ހުއްޓުވައިފި

ސްޕެއިން އާއި ޕޯޗުގަލް އެންމެ ފަހުން ބައްދަލުކުރި ފަސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ ދެޓީމު އެއްވަރު ވެގެން.

ޕޯޗުގަލް އަށް ލަނޑު ޖަހަން ލިބުނު ފުރުސަތެއްގައި ރޮނާލްޑޯ ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސެވިއްޔާ (ޖޫން 3) - ޔޫއެފާ ނޭޝަންސް ލީގުގެ އާ ސީޒަންގެ ކުޅުން ފެށި އިރު ޑިވިޝަން އޭގެ ގުރޫޕް 2 ގައި ހިމެނޭ ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސްޕެއިން އިންނެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނިޓުގައި ސްޕެއިން އަށް ލީޑު ނަގައިދިން ލަނޑު ޖެހީ ފޯވާޑް އަލްވަރޯ މޮރާޓާ އެވެ. އަދި ޕޯޗުގަލް އަށް އެއްވަރު ކޮށްދިނީ 82 ވަނަ މިނިޓުގައި ޔާއޯ ކަންސެލޯ ނަގައިދިން ހުރަހަކުން، ބަދަލު ކުޅުންތެރިޔާ ރިކާޑޯ ހޯޓާ އެވެ.

ރޭގެ މެޗަކީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އޮތް ޔޫރޯ ކޮލިފައިންގައި އުމުރުން 19 އަހަރުގައި ޕޯޗުގަލް އަށް ފުރަތަމަ މެޗެއް ކުޅެދިން ބްރާގާގެ ވިންގާ ހޯޓާ، ގައުމީ ޓީމަށް ކުޅެދިން ދެވަނަ މެޗެވެ. އަދި އޭނާ ލަނޑު ޖެހީ ފޯވާޑް ރަފައެލް ލެއާއޯގެ ބަދަލުގައި ކުޅެން ނުކުތްތާ 10 ވަނަ މިނިޓުގަ އެވެ.

ޕޯޗުގަލް އަށް ނަތީޖާ އެއްވަރު ކޮށްދިން ވިންގާ ރިކާޑޯ ހޯޓާ: މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން ދެވަނަ މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު.-- ފޮޓޯ: އޭއެފްޕީ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ކުޅެން އެރުވީ ދެވަނަ ހާފުގައި، ހޯޓާ ކުޅެން ނުކުތުމުގެ 10 މިނިޓު ކުރިންނެވެ. ނަމަވެސް މެޗުގައި ރޮނާލްޑޯގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެނެއް ނުދިޔަ އެވެ.

ދެހާސް ދިހަ ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕަށް ފަހު އެ އަހަރުގެ ނޮވެމްބަރު މަހު ޕޯޗުގަލް އިން 4-0 އިން ސްޕެއިން ބަލި ކުރި ފަހުން، މި ދެޓީމު މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

ރޭގެ މެޗުގެ ކުރިން ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗު ވެސް ލަނޑެއް ނުޖެހި އެއްވަރުވި އިރު، 2018 ގެ ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި ދެ ޓީމު ކުޅުނު މެޗު ޕޯޗުގަލް އިން އެއްވަރުކުރީ ރޮނާލްޑޯގެ ހެޓްރިކަކުންނެވެ. އަދި އޭގެ ކުރިން 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލުގައި މި ދެޓީމުގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ޕެނަލްޓީ ޖަހައިގެން ސްޕެއިން ވަނީ އެ މެޗު ކާމިޔާބު ކޮށްފަ އެވެ.

އަލްވަރޯ މޮރާޓާ (7) ސްޕެއިން އަށް ލީޑު ނަގައިދިނުމަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއީ ސްޕެއިން ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެޓީމަށް މޮޅު ނުވެވުނު ދެވަނަ މެޗެވެ. ސްޕެއިން ވަނީ މިދިޔަ އޮކްޓޯބަރު މަހު ކުޅުނު ޔޫއެފާ ނޭޝަންސް ލީގު ފައިނަލުގައި ފްރާންސްއާ ވާދަކޮށް ބަލިވެފަ އެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ޗެކް ރިޕަބްލިކާއި ސްވިޒަލެންޑް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ ޗެކް ރިޕަބްލިކެވެ.

ޕޯޗުގަލްގެ ދެވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ނުކުންނާނީ އަމިއްލަ ގައުމުގައި ސްވިޒަލެންޑާ ދެކޮޅަށެވެ. އަދި ސްޕެއިން އިން އެރޭ ޕްރާގުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ނުކުންނާނެ އެވެ.

ނޭޝަންސް ލީގު ޑިވިޝަން އޭގެ ހަތަރުވަނަ ގުރޫޕުގައި ހިމެނޭ ޕޮލެންޑުން ވަނީ މި ޑިވިޝަނުގެ ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް ކުޅެ 2-1 އިން ކާމިޔާބު ކޮށްފަ އެވެ.

ސާބިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހާލަންޑް (ވ)، ޑިފެންޑަރެއް ކައިރިން ނައްޓާފައި ކުރިއަށް ދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މުބާރާތުގެ ޑިވިޝަން ބީގައި ހިމެނޭ ނޯވޭ އަށް ކުޅޭ އާލިން ބަރައުޓް ހާލަންޑް ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި ލަނޑު ޖަހައި މޮޅު ކޮށްދީފަ އެވެ. ޑިވިޝަން ބީގެ ހަތަރު ވަނަ ގުރޫޕުގެ ފުރަތަމަ މެޗުގައި ހާލަންޑްގެ ހަމައެކަނި ގޯލާ އެކު ނޯވޭ އިން ރަށުން ބޭރުގައި ބެލްގްރޭޑުގައި ކުޅުނު މެޗުން ސާބިއާ ބަލިކުރީ 1-0 އިންނެވެ.

ނޯވޭއާ އެއް ގުރޫޕެއްގައި ހިމެނޭ ސްވިޑެން ވެސް ވަނީ ފުރަތަމަ މެޗު ސްލޮވީނިއާއާ ވާދަކޮށް 2-0 އިން ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު އާރުބީ ލައިޕްޒިގަށް ކުޅޭ މިޑްފީލްޑަރު އެމީލް ފޯސްބާގު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިން އިރު، ދެވަނަ ލަނޑު ޖަހައިދިނީ ނިމުނު ސީޒަނުގެ ފަހުކޮޅު ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުނު ޑިޔާން ކުލުސެވްސްކީ އެވެ.

ޑިވިޝަން ބީގެ ދެވަނަ ގުރޫޕުގައި ރަޝިއާ ހިމެނުނަސް، އެ ގައުމުން ޔޫކްރޭނަށް އަރައި ހަނގުރާމަ ކުރަން ފެށުމުން ޔޫއެފާ އިން ވަނީ އެ ގައުމު ނޭޝންސް ލީގުން ސަސްޕެންޑްކޮށް، ޑިވިޝަން ސީ އަށް ރެލިގޭޓް ކޮށްލައިފަ އެވެ. އެހެން ނަމަވެސް ރަޝިއާ އާއި އެއް ގުރޫޕެއްގައި ހިމެނޭ، މުސްލިމުންނާ ދެކޮޅަށް އެތައް ޖަރީމާއެއް ހިންގާ އިޒްރޭލުގެ ގައުމީ ޓީމު ވަނީ އާދައިގެ މަތިން އެޓީމުގެ މެޗުތައް ކުރިއަށް ގެންގޮސްފަ އެވެ. އިޒްރޭލުން ނޯވޭއާ ދެކޮޅަަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ޔޫކްރޭން ވެސް ހިމެނެނީ ޑިވިޝަން ބީގަ އެވެ. އެ ގައުމުން މި ފެށުނު ނޭޝަންސް ލީގުގެ ފުރަތަމަ މެޗު ކުޅޭނީ، އާދިއްތަ ދުވަހުގެ ރޭ ވޭލްސްއާ ދެކޮޅަށް ކުޅޭ ފީފާ ވޯލްޑް ކަޕް ޕްލޭއޮފް ފައިނަލަށް ފަހު، އަންނަ ބުދަ ދުވަހުގެ ރެއެވެ. އެ ރޭ ޔޫކްރޭން ބައްދަލުކުރާނީ ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށެވެ. މީގެ އިތުރުން އަރްމީނިއާ އާއި ސްކޮޓްކެންޑް ވެސް ހިމެނެނީ ހަމަ މި ގުރޫޕުގަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454