.
06 ޖޫން 2022 - 06:46
މީމްތަކަކުން އިންޓަނެޓުގައި މަގުބޫލުވި ސޮނީގެ ފިލްމު "މޯބިއަސް" ދެވަނަ ފަހަރަށް ސިނަމާގައި އެޅުވުމުން ވެސް އެ ފިލްމު ފްލޮޕް ވެއްޖެ އެވެ.
ޖޭރެޑް ލީޓޯ ލީޑް ރޯލުން ފެންނަ "މޯބިއަސް" އެންމެ ފުރަތަމަ ސިނަމާތަކުގައި އެޅުވުމުން ވެސް ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާ އެވެ. ބޮކްސް އޮފީހުގައި ކާމިޔާބު ނުވި އިރު ރޭޓިންތަކުންނާއި ރިވިއު ތަކުން ވެސް އެ ފިލްމު ފުލަށް ވެއްޓުނެވެ.
ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ، އެ ފިލްމާ ގުޅޭ މީމްތަކެއް އާންމުވެ، ފިލްމު ޓްރެންޑުވާން ފެށި އެވެ. އެއާ އެކު ސޮނީ އިން ބޭނުންވީ އެ ފިލްމު އަލުން ސިނަމާތަކުގައި އަޅުވާށެވެ. އެ މީމްތަކާ އެކު އަނެއްކާ އާމްދަނީ ލިބިދާނެ ކަމަށް ހީކޮށެވެ.
އެ ވިސްނުމުގައި ފިލްމު 1،000 ތިއޭޓަރެއްގައި އެޅުވި އެވެ. ފުރަތަމަ ދުވަހުގެ އާމްދަނީ މިހާރު ލިބިފައިވާއިރު، ފިލްމު ބޮޑު ފްލޮޕަކަށް ވެފައިވާކަން އަނެއްކާ ވެސް ތަފާސްހިސާބުތަކުން އެނގެ އެވެ.
އެ ފިލްމު ދެވަނަ ފަހަރަށް ރިލީޒްކުރި ފުރަތަމަ ދުުވަހު ލިބުނީ 82،000 ޑޮލަރުގެ އާމްދަނީއެކެވެ. އެއީ ސިނަމާއަކަށް އެންމެ 80 ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy