ފިނޭންސް މިނިސްޓްރީން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކާއެކު ލޯނު އެއްބަަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި--ފޮޓޯ:ފިނޭންސް މިނިސްޓްރީ
22 ޖޫން 2022 - 20:45
ނެޝަނަލް ހެލްތު ލެބޯޓްރީ އަޅަން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 19.4 މިލިއަން ޑޮލަރު (299 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ލޯނު ނެގީ ލެބޯޓްރީ އާއި އަތޮޅު ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ހެދުމަށް ކަމަށެވެ. އެ ލޯނަކީ ކޮންސެޝަނަލް ލޯނެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Government of Maldives has today signed a concessional loan of EUR 18.4million with European Investment Bank (EIB) for establishing a National Health Laboratory and isolation facilities in the atolls. @EIB pic.twitter.com/unkc9375EP
— Ministry of Finance (@MoFmv) June 22, 2022
ފިނޭންސް މިނިސްޓްރީ ޓުވީޓް
އެ ލޯނުގެ އިންޓްރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. ކޮންސެޝަނަލް ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ކުޑަ ލޯނުތަކެވެ. އަދި އާންމުގޮތެއްގައި މިފަދަ ލޯނުތައް އަދާކުރުމުގައި ހާއްސަ ގޮތްތަކެއް ކަނޑައަޅާނެ އެވެ.
ފިނޭންސް މިނިސްޓްރީން މި ލޯނު ނެގި އިރު މިދިޔަ ހަފުތާގައި ތިން ބޭންކެއް މެދުވެރިކޮށް ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން ވަނީ 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފަ އެވެ.
ދުނިޔޭގެ އިގްތިސާދުގައި ތަކެތީގެ އަގުތައް އުފުލި، އިގްތިސާދީ ކާރިސާއެއްގެ މަލަމަތި ފެންނަމުންދާ މި ހާލަތުގައި ސަރުކާރުން ވަނީ ތަރައްގީގެ އާ ޕްރޮޖެކްޓްތަކަށް ލޯނު ނުނަގާނެ ކަން އިއުލާނުކޮށްފަ އެވެ. އަދި ހަރަދުތައް ކުޑަ ކުރަން ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.
އަލަށް ނެގި ލޯނާ އެކު މި ސަރުކާރުން މިހާތަނަށް ނެގި ދަރަނީގެ އަދަދު 38 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ ލޯނުގެ ގޮޮތުގައި 37 ބިލިއަން ރުފިޔާ އާއި ސޮވެރިން ގެރެންޓީގެ ގޮތުގައި ނެގި 1.1 ބިލިއަން ރުފިޔާ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދަރަނީގެ ގޮތުގައި 39 ބިލިއަން ރުފިޔާ ނެގި އެވެ. އެއީ ލޯނުގެ ގޮތުގައި ނެގި 26.5 ބިލިއަން ރުފިޔާ އާއި ސޮވެރިން ގެރެންޓީގެ ގޮތުގައި ނެގި 12.6 ބިލިއަން ރުފިޔާ އެވެ. ދައުލަތުގެ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ. ނަމަވެސް އަހަރު ދެބައި ނުވަނީސް ދައުލަތުގެ ދަރަނި މިހާރު ހުރީ 99 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
އަހަރުން އަހަރަށް ދައުލަތުގެ ދަރަނި އިތުރުވާ އިރު ދަރަނި އަދާކުރަން ސަރުކާރުން ހޭދަކުރާ ވަރު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މި އަހަރު ދައުލަތުން 5.7 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރާނެ އެވެ. އެންމެ ކައިރި މުސްތަގްބަލެއްގައި ދައުލަތުން ދަރަނި އަދާކުރަން އެންމެ ބޮޑު ހޭދަކުރާނީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދައުލަތުން ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
23 June 2022
ހާލަތު އެނގޭތީ ލޯން ދެނީ އެވެ. ޑިފޯޓް ވީމަ އަގު ބޮޑު ރިސޯޓް ލިބޭނެ އެވެ .
ފިނެސް މަސްޓރ
23 June 2022
މި ގޮތަށް ލޯނު ނަގާފަ އެގެން އެސްޖޭ އާއި މަސްލަހަތު އޮންތަން ތަނަށް ހަވާލުކުރާނީ ޕޮރޮޖެކްޓް ދޯ. ދެން އެމީހުން ހޮސްޕިޓަލެއް އެޅޭ އަގުގަ ހަޓުތަކެއް ހަދާފަ ޕުރޮޖެކް ލާރިކޮޅު ދިރުވާލާނީ، އެހެން ނޫންތޯ
އިބްރ
23 June 2022
ރާއްޖެ ސަރުކާރު ވެއްޓެމުންދާތީ ރާއްޖެ އިނދަޖައްސާލަނީ.
ވެލިކާން
23 June 2022
ތީތަ ޚަރަދު ކުޑަކުރާ ގޮތަކީ............އަމީރު ނެގީ ލޯނެއް، ރައީސް މީހާ ކަނޑާލީ ރުވާންޑާއަށް، ނައިބު ރައީސް ފުވައްމުލަކަށް................
އެކަލޯ
23 June 2022
މިވަގުތު ލެބޯޓްރީއެއް އަޅާގެން ވާނެ އިގްތިސާދީ ފައިދާ އަކީ ކޮބާތޯ؟ ޕްރޮމޯޝަން ހުއްޓުވިފަ. މަގާމުތައް އުފެއްދުން މެދުކެޑިފަ. އެކަމަކު ބޮޑެތި ލޯނުތައްނަގާ އިގްތިސާދީ ގޮތުން ފައިދާއެއް ނެތް ކަންކަން ކުރުމުގަ ހޭބޯ ނާރާ.
އެނދިމަރިޔަނބު
22 June 2022
އެކި މީހުން ހުންނާނީ އެކި ކަހަލަ ހޮބީސް، ބައެއް މީހުން މަސް ބާނާނީ، އަނެއް ބަޔަކު ރާޅާ އަޅާނީ، ބައެއް މީހުން ގޭމްވެސް ކުޅޭނެ. އަމީރު ނަގާނީ ލޯނު! އެއީ އޭނަގެ ހޮބީ.
ހަމަމޮޔަވެދާނެ
22 June 2022
މިމީހުން ހަރަދުކުޑަ ކުރާ ގޮތް މިއީ ދުނިޔޭގެ އެއްވެސް ބަޔަކު އަދި ނުދަންނަ ގޮތަކަށް ކުރާ ކަމެއް.
ޅެން
23 June 2022
ދަރަނި އަކީ ރަނގަޅު ގޮތުގައި ނަގައިގެން ފައިދާ ހުރި ކަމަށް ބޭނުން ކުރަން ޖެހޭ އެއްޗެއް. ހަރަދު ކުޑަ ކުރަން ހުރި ކަންކަމުން އެކަން އެދަނީ ކުރަމުން.
ދޮންމަރީ
22 June 2022
ދަރިނިއްޔޭ ކިޔައި ކަރުން ހަންބޭލި މީހުނއގެ ތާހިރު ދިރިއުޅުން. މުޅި ދިވެހި ޤަޢުމު އޮޔާ ދުއްވާލަންއުޅޭކަހަލަ
ދިއްދޫމީހާ
22 June 2022
އެ ލޯނުގެ އިންޓްރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އިބްރާހިމާ ކިހެނެއްހޭ ތިޔަ ހަދަނީ؟؟ މީކަލޭމެން ބުނާ ދެފުއްފެންނަ ވެރިކަންތޯ؟؟ މިޔަކިޔަނީ ކޮންކަހަލަ ދަންތުރައެބާ؟؟ ދެން އަޑު އިވޭނީ ސޯމާލިޔާ އިންވެސްޓް ބޭންކުން ލޯން ނެގި ވާހަކަ..
ސަސި
22 June 2022
ލޯނު ނަގާފަ އަދި ފަހުރުވެރިކަމާއެކު ފޮޓޯނަގާ ޓުވީޓު ކުރެއެއްނު.