ނަދުން ޗިކްތަކާ ވިކްރަމަރަޓޭން. ވަގު ޕާސްޕޯޓެއްގައި އޭނާ ރާއްޖެ އެތެރެވި ކަމަށް ވެސް އޮފިޝަލުން ވިދާޅުވޭ.
13 އޯގަސްޓް 2022 - 17:18
ގިނަ ގައުމުތަކަކަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ހަރަކާތްތެރިވާ ކަމަށް ބުނާ އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ވެސް ގުޅުންތަކެއް އޮންނަ ކަމަށް ތުުހުމަތުކުރާ ސްރީ ލަންކާގެ ޑްރަގް ޑީލަރެއް ދުބާއީ އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ.
ލަންކާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަދުން ޗިކްތަކާ ވިކްރަމަރަޓޭން ހައްޔަރު ކުރީ ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ އާއި ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާތަކާ ގުޅިގެން ހިންގި ސިއްރު އޮޕަރޭޝަނެއްގަ އެވެ. އޭނާ ހައްޔަރު ކުރީ މެލޭޝިއާއަށް ފުރަން ގޮސް ހުއްޓައި ދުބާއީގެ އެއާޕޯޓުންނެވެ.
ލަންކާގެ ނޫސްތަކާ ހަވާލާދީ ކޮލަމްބޯޕޭޖްގައި ބުނެފައިވަނީ ނަދުން އުޅުނީ އޭނާގެ އަންހެނުން ކަމަށް ބުނާ މީހަކާ އެކު ދުބާއީއިން ފުރައިގެން މެލޭޝިޔާއަށް ދާށެވެ.
ނަދުންއާއެކު ޖިލީ ނަމަކަށް ކިޔާ މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ. އެކަމަކު އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް ބުނެފައި ވެ އެވެ.
ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއިން ނަދުން ހައްޔަރުކުރުމުގެ ސިއްރު އޮޕަރޭޝަނެއް، ބައިނަލްއަގުވާމީ ފުލުހުންނާ ގުޅިގެން ހިންގާތާ މިހާރު މަސް ދުވަސް ވެއްޖެ އެވެ. އެ އޮޕަރޭޝަންގައި ހޯދުނު މައުލޫމާތުތަކުގެ ތެރޭގައި އޭނާ ލަންކާއިން ފިލީ ވަގު ޕާސްޕޯޓެއްގައި ކަން އެނގިފައިވާކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެ އެވެ.
އެ ޕާސްޕޯޓު ހަދާފަވަނީ މަރުވެފައިވާ މީހެއްގެ މައުލޫމާތު ބޭނުންކޮށްގެން އަދި ނަދުންގެ ފޮޓޯއެއް ހިމަނައިގެން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި ލިބުނު މައުލޫމާތުތަކުގެ ތެރޭގައި އެ ޕާސްޕޯޓުގައި އޭނާ ސިންގަޕޫރު، މެލޭޝިއާ ފަދަ ގިނަ ގައުމުތަކަކަށް ވަނީ ދަތުރު ކޮށްފަ އެވެ.
މިދިޔަ ހަފުތާގައި އޭނާ ދުބާއީއަށް އެތެރެވުމުން އިމިގްރޭޝަންގެ އޮފިޝަލަކަށް އެ ކަން އެނގި އޭނާ ހިފެހެއްޓި ނަމަވެސް ގާނޫނީ ފުށުއެރުންތަކެއްގެ ސަބަބުން ދޫކޮށްލަން ޖެހުނީކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
ދުބާއީގެ ރިޕޯޓްތައް ބުނާ ގޮތުގައި ނަދުން ވަނީ ފްރާންސުން ހިމާޔަތް ހޯދައިފަ އެވެ. އަދި އޭނާ އެ ގައުމަށް ބަދަލުވުމަށް ތައްޔާރުވަމުން ދިޔަ ކަމަށް އެ ނޫހުގައި ވެ އެވެ.
ކޮލަމްބޯޕޭޖްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ނަދުން އެންމެ ފަހުން އެ ޕާސްޕޯޓުގައި ދަތުރުކޮށްފައިވަނީ ރާއްޖެ އަށެވެ. ގިނަ ގައުމުތަކަކަށް ޑްްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުކުރެވޭ ނަދުން ވަނީ މެލޭޝިއާ، ސިންގަޕޫރު، ސީޝެލްސް އަދި ރާއްޖެއަށް މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފަ އެވެ.
ލަންކާގެ ނާކޮޓިކްސް ބިއުރޯގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ދުބާއީ އާއި ލަންކާއާ ދެމެދު ގާއިމްކޮށްފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ނަދުން އެ ގައުމަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ލަންކާގައި މި ފަހުން ހިންގި ބަޑިޖެހުމުގެ 20 ހާދިސާއެއްގެ ފަހަތުގައި ވެސް ހުރި މީހަކީ ވެސް ނަދުން ކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެ އެވެ. ތަހުގީގުތަކުން އެނގޭ ގޮތުގައި މައުންޓް ލަވީނިއާގެ ބަޑިޖެހުމުގެ ފަހަތުގައި ވެސް ހުރީ އޭނާ އެވެ.
އެ ހާދިސާތަކުގައި އޭނާ މަރާލި ގިނަ މީހުންނަކީ އޭނާއާ ބެހޭ މައުލޫމާތު ރަސްމީ އިދާރާތަކަށް ފޯރުކޮށްދިން މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޖިޗޭ
14 August 2022
ކުރީގައި ރާއްޖޭގައި ތިބެގެން މި ވިޔަފާރި ހިންގުމުގެ އިސް ލީޑަރުން މިހާރު ވަނީ ޕްރޮމޯޝަން ލިބި ދުބާއީއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެމީހުންގެ ސަޕްލައި މިހާރު ވަނީ އިންޓަރނޭޝަނަލް ސްޓޭންޑަޑަށް މަތިކޮށް، ފޮނުވާގޮތްވެސް ތަފާތުކޮށްފައެވެ. އެކަން އެނގެނީ ރާއްޖޭގެ ކަސްޓަމަށް ގެންނަ ކޮންޓޭނަރތަކުންވެސް ގިނަ ޢަދަދަކަށް އެބާވަތުގެ ތަކެތި ފެނުމާއި، ދަންވަރު ގޮތްނޭގޭ ދަތުރުތައްކުރާ ލޯންޗްފަހަރު ގިނަވުމާއި، މިހެންގޮސް އެތައްކަމެއް އެބަހިނގައެވެ.
ސުންދަރޯސް
14 August 2022
ތި މީހާގެ ނަސީބު ދެރަކަން ރާއްޖޭން އަތު ނުވިކަން.
ގަތަފާންގެ ރައްޔަތުންނޭ !!!!
14 August 2022
ލަންކާއިން ތިޔަ ސޮރު މިނިވަންކުރާނެ ސިންގަޕޫރުން އަތުލައި ގަނެވުނަމަ ދުވަސްދިޔައީ
ބޮޑުފުރޭތަ
14 August 2022
ފޮޓޯ ފެނުނީމަވެސް ބިރުގަނޭ. ނުލަފާ ސައިކޮޕަތެއް ހެން ފެންނަަނީ
އިސްމާއިލް އިސްހާގު
14 August 2022
ދިވެހިރާއްޖެ އާއި ދުބާއީ އާދެމެދު ކުށްވެރިން ބަދަލުގުރުގެ މުއާހަދާގައި ސޮއި ނުކުރަނީ ކީއްވެބާ ؟؟
އަހުމަދުބިންސުލައިމާން
14 August 2022
މިކަހަލަ މައްސަލަ ތަކުގައި ގިނައިން އުޅެނީ އެކި ކުށްތަކުގައި ފިލައިގެން ގޮސް ލަންކާގައި ދިިރިއުޅެމުން ދާ ދިވެހިން. ވައްކަމުގެ އަދި މާރާމާރީތަކުގެ އެތައް ކުށެއްކޮށްފައި ފިލައިގެން ގޮސް ލަންކާގައި ދިރިއުޅެމުންދާ ދިވެހިން މަދެއް ނޫން. އަދި އެކޮޅުގައި ދިރިއުޅުން ބަލަހައްޓަނީ ޖަރީމާ ހިންގައިގެން ލިބޭ ލާރިން.
އަބްޑޫޅް
14 August 2022
"ވިކްރަމަރަޓޭން" އޭ؟ އެ ސިންގަޅަ ނަމެއް، އިގިރޭސިބަސް ކިޔާގޮތަށް ލިޔުނީމަ ވާނެ ގޮތް ވެފަ މިއޮތީ. އެ ނަމަކީ "ވިކްރަމަރަޓްނަ".
ދިއްދޫމީހާ
13 August 2022
ނަދުން އެންމެ ފަހުން އެ ޕާސްޕޯޓުގައި ދަތުރުކޮށްފައިވަނީ ރާއްޖެ އަށެވެ މިހާރު އިބިލީސްވެސް ރާއްޖެއަ ދަތުރުކުރުން ހުއްޓާލާފަ މިކަހަލަ ނަދުންނާ ގިރިންނާ ހަވާލްކޮއްގެން އެއުޅެނީ..
ުޚެލްހް
13 August 2022
ޑެލިވަރީ ބޯއި އެއް ދޯ.
ކަޅުމަރިޔަނބު
13 August 2022
ރާއްޖެއާ ގުޅުން ނެތް ޑްރަގް ޑީލަރަކު ހިޔެއްނުވޭ އުޅޭނެހެނެއް!