ކުޅިވަރު / ޔުއެފާ

ކޮންފަރެންސް ލީގުގައި ވެސްޓް ހޭމް އާއި ވިޔަރެއާލް މޮޅުވެއްޖެ

ވެސްޓް ހޭމްގެ އެމަސަން، އެޓީމުން ލީޑު ނެގި ލަނޑު ޖަހަނީ.-- ފޮޓޯ: ވެސްޓް ހޭމް

ލަންޑަން (ސެޕްޓެމްބަރު 9) - ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފުރަތަމަ މެޗުން އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑާއި ސްޕެއިންގެ ވިޔަރެއާލް މޮޅުވި އިރު، އިޓަލީގެ ފިއޮރެންޓީނާ ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ފައިނަލުގައި ކުޅުނު ވެސްޓް ހޭމް، އަމިއްލަ ދަނޑުގައި ވާދަކުރީ ރޮމޭނިއާގެ އެފްސީއެސްބީ އާ ދެކޮޅަށެވެ. ވެސްޓް ހޭމް އިން މި މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 3-1 އިންނެވެ.

އެފްސީއެސްބީ އިން މެޗުގެ ފުރަތަމަ ލާފު ނިންމާލީ 34 ވަނަ މިނިޓުގައި އަންޑްރޭ ކޯޑިއާ ކާމިޔާބު ކޮށްދިން ލަނޑާ އެކު ލީޑުގަ އެވެ. ވެސްޓް ހޭމް އިން ތިން ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ. ޕެނަލްޓީ އަކުން ޖަރޯޑް ބޯވެން އެޓީމަށް އެއްވަރު ކޮށްދިނީ 69 ވަނަ މިނިޓުގަ އެވެ.

ވެސްޓް ހޭމް އިން ލީޑު ނެގީ 74 ވަނަ މިނިޓުގައި އެމަސަން ޕަލްމެއިރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި ތިންވަނަ ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ މިޝޭލް އެންޓޯނިއޯ އެވެ.

ފަބިއޯ ސިލްވާ (ވ)، އެންޑަލެޗަށް ލަނޑު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: ޔޫއެފާ

ވެސްޓް ހޭމް އާއެކު ގުރޫޕް ބީ ގައި ހިމެނޭ ބެލްޖިއަމްގެ އެންޑަލެޗް ވަނީ ޑެންމާކުގެ ސިލްކެންބޯގާ ވާދަކުރި މެޗު 1-0 އިން ކާމިޔާބު ކޮށްފަ އެވެ. އެންޑަލެޗް ގެ ހަމައެކަނި ލަނޑު މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ، ވުލްވްސް އިން ލޯނު އުސޫލުން މި ސީޒަނުގައި އެޓީމަށް ކުޅޭ ފަބިއޯ ސިލްވާ އެވެ.

ސިލްވާ ވަނީ އެންޑަލެޗުން ކޮލިފައިން ބުރުގައި ކުޅުނު ހަތަރު މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން އޭނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ޕޯޓޯ އިން 2020 ވަނަ އަހަރު ވުލްވްސް އަށް ބަދަލުވެ، މިދިޔަ ސީޒަނުގައި އޭނާއަށް ގޯލެއް ނުޖެހެ އެވެ. ޕްރިމިއާ ލީގުގައި ދެ ސީޒަނުގައި ކުޅުނު ޖުމްލަ 54 މެޗުން އޭނާ އަށް ޖެހިފައި ވަނީ ފުރަތަމަ ސީޒަނުގައި ޖެހި ހަތަރު ލަނޑެވެ.

ވިޔަރެއާލް މޮޅުވީ ފަހުވަގުތު ޖެހި ލަނޑުން

ގުރޫޕް ސީ ގައި ވިޔަރެއާލުން އަމިއްލަ ދަނޑުގައި ޕޮލެންޑުގެ ލެޗް ޕޮޒޮން އާ ވާދަކުރި ފޯރިގަދަ މެޗު ކާމިޔާބުކުރީ އެންމެ ފަހު ވަގުތު ފްރެންސިސް ކޮކެލިން ކާމިޔާބު ކޮށްދިން ލަނޑުން، 4-3 އިންނެވެ.

ކޮކެލިން، ފަހުވަގުތު ވިޔަރެއާލް މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު. މިއީ އޭނާ ކޮންފަރެންސް ލީގުގައި ޖެހި ފުރަތަމަ ލަނޑު. އޭނާ ވަނީ ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް ލަނޑު ޖަހައިފައި.--

މެޗުގެ ދެވަނަ މިނިޓުގައި މިކޭލް ސްކޮރާސް ޖެހި ލަނޑުން ލެޗް ޕޮޒޮން ލީޑު ނަގާފައި ވަނިކޮށް ވިޔަރެއާލުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. އެއްވަރުކުރި ލަނޑު 32 ވަނަ މިނިޓުގައި ސެމިއުލް ޗުކްވުއެޒޭ ޖަހައިދިން އިރު، ލީޑު ހޯދީ އޭގެ ހަތަރު މިނިޓު ފަހުން އެލެކްސް ބީނާ ޖަހައިދިން ލަނޑެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން އޭނާ ވަނީ ލީޑު ފުޅާވެސް ކޮށްދީފަ އެވެ.

ދެ ވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ޕޮޒިން އިން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ހާފުގެ ފުރަތަމަ މިނިޓުގައި ހޯދި ޕެނަލްޓީއަކުން މިކާއިލް އިސްހާކް ފަރަގު ކުޑަ ކުރިއިރު، މެޗުގެ 61 ވަނަ މިނިޓުގައި އެއްވަރުކުރި ލަނޑު ވެސް ޖެހީ އޭނާ އެވެ. ވެސްޓް ހޭމް މޮޅުވި ލަނޑު ކޮކެލިން ޖެހީ 89 ވަނަ މިނިޓުގަ އެވެ.

މި ގުރޫޕުގައި ހިމެނޭ އޮސްޓްރިއާ ވީން އާއި އިޒްރޭލުގެ ހަޕޮއެލް ބީރު ޝެވާ، އޮސްޓްރިއާގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ.

ފިއޮރެންޓީނާގެ ޖޮނަތަން އިކޯނޭ އަތުން އާރުއެފްއެސް ގެ ކުޅުންތެރިއަކު ބޯޅަ ހޯދަނީ.-- ފޮޓޯ: ރޮއިޓާސް

ގުރޫޕް އޭ ގައި ހިމެނޭ އިޓަލީގެ ފިއޮރެންޓީނާ އަމިއްލަ ދަނޑުގައި ލެތުވިއާގެ އާރުއެފްއެސް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. ދެވަނަ ހާފުގެ 11 ވަނަ މިނިޓުގައި އެންޓޮނިން ބަރަކް ފިއޮރެންޓީނާ އަށް ލީޑު ނަގައިދީފައި ވަނިކޮށް، އެއްވަރުކުރީ 74 ވަނަ މިނިޓުގައި އަންޑްރޭ އިލިޗް ޖެހި ގޯލުންނެވެ.

މި ގުރޫޕުގައި ހިމެނޭ ތުރުކީގެ އިސްތަންބޫލު ބަސަކްޝެހިރް ވަނީ ރަށުން ބޭރުގައި ސްކޮޓްލެންޑުގެ ހާޓްސްއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާ އެކު 4-0 އިން ކާމިޔާބު ކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ހަސަން އަލީ ކަލްދިރިމް، ބަސަކްޝެހިރަށް ލީޑު ނަގައިދިން އިރު، ދެ ވަނަ ހާފުގައި ލަނޑުތައް ޖަހައިދިނީ ޔޫސުފް އެންޑޭއިޝިމިއޭ އާއި، ކުރިން ރޯމާ އާއި ޕްރިމިއާ ލީގުގައި ވަޓްފޯޑާއި އިޓަލީ ގައުމީ ޓީމަށް ވެސް ކުޅުނު ސްޓްރައިކަރު ސްޓެފާނޯ އޮކާކާ އަދި ބަރްކޭ އޮޒްކާން އެވެ.

ބަސަކްޝެހިރު ކުޅުންތެރިން މެޗަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ޔޫއެފާ

ގުރޫޕް ޑީ ގައި ހިމެނޭ ފްރާންސްގެ ނީސް އިން ފަހަތުން އަރައި ޖަރުމަންގެ އެފްސީ ކޯން އާ 1-1 އިން އެއްވަރު ކުރިއިރު، ޗެކް ރިޕަބްލިކްގެ ޝްލޮވަސްކޯ އާއި ސާބިއާގެ ޕާޓިޒާން ކުޅުނު މެޗު އެއްވަރުވީ 3-3 އިންނެވެ. ގުރޫޕް އީ ގައި ހިމެނޭ ސައިޕްރަސްގެ އަޕޯލޯން ލިމޮސޮން އިން ލިޗެސްޓިން ގައި ވަޑޫޒް އާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވި ނަމަވެސް ނެދަލެންޑްސްގެ އޭޒެޑް އަލްކަމާ އިން ވަނީ ރަށުން ބޭރުގައި ޔޫކްރޭންގެ ޑިންޕްރޯ 1-0 އިން ބަލިކޮށްފަ އެވެ.

ގުރޫޕް އެފް ގައި ނޯވޭގެ މޯލްޑޭ އާއި ބެލްޖިއަމްގެ ގެންޓް ބައްދަލުކުރި މެޗާއި އަޔަލެންޑްގެ ޝަމްރޮކް ރޯވާސް އާއި ސްވިޑެންގެ ޖާގާޑެންސް ބައްދަލުކުރި މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ. އަދި ގުރޫޕް ޖީ ގައި ތުރުކީގެ ސިވަސްޕޯ އާއި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް ބައްދަލުކުރި މެޗާއި، ކޮސޯވޯގެ ބަލްކާނީ އާއި ރޮމޭނިއާގެ ސީއެފްއާރު ކުލޫޖް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ކޮންފަރެންސް ލީގު ގުރޫޕް އެޗް ގައި ސްވިޒަލެންޑުގެ ބަސެލް ވަނީ އަމިއްލަ ދަނޑުގައި އަރުމީނިއާގެ ޕިއުނިކާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްފަ އެވެ. ސްލޮވާކިއާގެ ސްލޮވަން ބްރަޓިސްލާވާ އާއި ލިތުއޭނިއާގެ ޒަލްގިރިސް ކުޅުނު މި ގުރޫޕުގެ ދެވަނަ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454