ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި މުހައްމަދު އާޒާދު.
26 ސެޕްޓެމްބަރ 2022 - 19:54
ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ފައިނޭންޝަލް ކޮންސަލްޓަންޓުގެ މަގާމު ފުރުއްވި، މުހައްމަދު އާޒާދު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އާޒާދު އައްޔަންކުރެއްވީ އެ މަގާމުގައި ހަ އަހަރު ހޭދަކުރެއްވުމަށް ފަހު އިއްޔެ ފާތިމަތު ރަޒީނާ އިސްތިއުދާ ދެއްވުމާ ގުޅިގެންނެެވެ.
އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ކުރިން އޭނާ ވަނީ، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ ވަޒީފާ އާއި ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑު މެމްބަރުކަން ވެސް ކުރެއްވި އެވެ.
ޤާނޫން ނަންބަރު 3/2006(މާލިއްޔަތުގެ ޤާނޫން)ގެ 44 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިނޭންޝިއަލް ކޮންޓްރޯލަރގެ މަޤާމަށް މުހައްމަދު އާޒާދު، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި pic.twitter.com/OSC0LsrrhA
— Ministry of Finance (@MoFmv) September 26, 2022
ފައިނޭންޝަލް ކޮންޓްރޯލަރަކީ ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު އޮޑިޓާ ޖެނަރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓަވާ ފަރާތެވެ. ދައުލަތަށް މުދާ ގަތުމާއި ރައްކާތެރިކަމާ އެކު ބެލެހެއްޓުމާއި ވިއްކައި ނައްތާލަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބެލުމަކީ ވެސް އެ މަގާމުގެ މަސްއޫލިއްޔަތެކެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި ދައުލަތަށް ބޭނުންވާ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސް ދުވަހެއްގެ ތެރޭގައި އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބުތައް އޮޑިޓާ ޖެނަރަލް ކަނޑައަޅާ ގޮތެއްގެ މަތިން ތައްޔާރުކޮށް މިނިސްޓަރަށް ހުށަހެޅުމަކީ ވެސް އެ މަގާމުގެ ޒިންމާ އެކެވެ.
ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ކުރިން ހުންނެވި ރަޒީނާ މަގާމުން އިސްތިއުފާ ދެއްވީ ފައިނޭންސާއި އެކައުންޓިން ދާއިރާއިން ރާއްޖެއިން ބޭރުގައި ޕީއެޗްޑީއަށް ކިޔެވުމަށެވެ. އޭނާ މަގާމަށް އައްޔަންކުރެއްވީ ޖުލައި 5، 2016 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަގުޑި
27 September 2022
ރާއްޖޭގަ ފައިނޭންސް ކޮންޓްރޯލަރުގެ މަގާމައް މާކައް އިލްމެއް ހިލްމެއް މުހިންމެއް ނުވާނެ. ފައިނޭންސު މިނިސްޓަރު ޖަހާހާ ބެރަކައް ނެށީމަ، އެއޮތީ ފައިނޭންސް ކޮންޓްރޯލަރުކަން ކުރެވިފަ.
ލިޓަން
27 September 2022
ކުރިން ރަޒީނާ ހުރިއިެހވެސް ހުރިހާ މަސައްކަތެއް ކުރާނީ މިސޮރު. އެކަމަކު ކްރެޑިކް ނަގާލައިގެން މިނިސްޓަރ ކައިރީ އިންނާނީ ރަޒީނާ
ހާއިބްރީ
27 September 2022
މަރްހަބާ އުސްތާޛް! ވަރަށްވެސް އިލްމީ ބޭފުޅެއް. ފުރިހަމަ ކާމިޔާބީއަށް އެދެން.
ލައިޓް
26 September 2022
ވަރަށް ތޫނުފިލި މީހުނާއި ގުޅޭ ރަނގަޅު ތަޖުރިބާކާރު އިލްމް ވެރިއެއް.