އެމެރީ، ވިޔަރެއާލާ އެކު ޔޫރޮޕާ ލީގު ތަށި އުފުލާލަނީ، އޭނާ ވަނީ އާސެނަލް އަށް ވެސް ކުރިން ކޯޗު ކޮށްދީފައި.-- ފޮޓޯ: އޭޕީ
25 އޮކްޓޯބަރ 2022 - 10:03
ބާމިންހަމް (އޮކްޓޫބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް، ސްޕެއިންގެ ވިޔަރެއާލަށް ކޯޗު ކޮށްދެމުން އަންނަ އުނެއި އެމެރީ ހަމަޖައްސައިފި އެވެ.
މި ސީޒަންގެ ނިޔަލަށް ވިޔަރެއާލާ އެކު އެމެރީގެ ކޮންރެޓްރެކްޓް ހަމަވާން އޮތް ނަމަވެސް، ވިލާ އިން އުމުރުން 50 އަހަރުގެ އެމެރީ ހޯދީ، ވިޔަރެއާލަށް ހަ މިލިއަން ޔޫރޯ (5.9 މިލިއަން ޑޮލަރު) ދައްކައިފަ އެވެ.
ކުރިން އާސެނަލް އަށް ވެސް ކޯޗު ކޮށްދިން އެމެރީ އެސްޓަން ވިލާގެ ކޯޗަކަށް ހަމަޖެއްސި ނަމަވެސް، އޭނާ ޓީމާ ގުޅޭނީ ވޯކް ޕާމިޓްގެ ކަންކަން ފުރިހަމަ ވުމުން، އަންނަ ނޮވެމްބަރު އެއްވަނަ ދުވަހު ކަމަށް އެ ޓީމުން ހާމަ ކުރެ އެވެ.
މިދިޔަ ހަފްތާ ވިލާގެ ކޯޗުކަމުން ސްޓީވަން ޖެރާޑު ވަކިކުރުމާ ގުޅިގެން، އާދިއްތަ ދުވަހުގެ ރޭ ލީގުގައި އެޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އާރޮން ޑަންކްސް އެވެ. ޑަންކްސް އާއެކު ވިލާ ވަނީ 4-0 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ވެސް ވިލާ އަށް އިރުޝާދު ދޭނީ ޑަންކްސް އެވެ.
އާސެނަލްގެ ލެޖެންޑަރީ ކޯޗު އާސެން ވެންގާ 2018 ވަނަ އަހަރު ޓީމު ދޫކޮށްލުމުން، ޖެހިގެން އައި ސީޒަންގައި އާސެނަލްގެ ކޯޗުގެ ގޮތުގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގަށް އައިސް، އެމެރީ ވަނީ އާސެނަލް އަށް ލީގުގެ ފަސް ވަނަ ހޯދައިދީ، ޔޫރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ. ނަމަވެސް ފައިނަލްގައި ޗެލްސީގެ މައްޗަށް ކުރިއެއް ނުހޯދުނެވެ. ޖެހިގެން އައި ސީޒަންގެ މެދުތެރޭން އޭނާ އަށް ވަޒީފާ ގެއްލުނީ ނަތީޖާ ދަށްވެ، ޖެހިޖެހިގެން ހަތް މެޗުން މޮޅެއް ނުހޯދުމުންނެވެ.
އާސެނަލް އާ ގުޅުމުގެ ކުރިން އެމެރީ ވަނީ ޕީއެސްޖީ ގައި ކާމިޔާބު ދެ ސީޒަން ހޭދަ ކޮށްފަ އެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ސްޕެއިންގެ ސެވިއްޔާ އަށް ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގް ކާމިޔާބު ކޮށްދީފަ އެވެ. ފަހުން ވިޔަރެއާލާ އެކު ފުރަތަމަ ސީޒަންގައި، އެޓީމަށް ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގް ކާމިޔާބު ކޮށްދިނީ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފަ އެވެ.
މިދިޔަ ސީޒަންގައި ނިއުކާސަލް ޔުނައިޓެޑް ހިންގުމާ ހަވާލުވި އަރަބި ވެރިން، އެޓީމުގެ ކޯޗަކަށް އެމެރީ ހޯދަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ފުރުސަތު ދޫކޮށްލައި، އެމެރީ ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ވިޔަރެއާލް ގެންގޮސްދީފަ އެވެ. ޔުވެންޓަސް އާއި ބެޔާން މިއުނިކް އަތުން ބަލި ނުވެ، ސެމީ ފައިނަލަށް ގެންގޮސްދިން ނަމަވެސް، ސެމީގައި ބަލިވީ ލިވަޕޫލް އަތުންނެވެ.
އެސްޓަން ވިލާ ގައި އެމެރީގެ ފުރަތަމަ މެޗަކަށް ވާނީ ނޮވެމްބަރު ހަ ވަނަ ދުވަހުގެ ރޭ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ހަފްތާއެއް ނުވަނީސް އިނގިރޭސި ލީގް ކަޕް ގައި ވެސް ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy