12 ނޮވެމްބަރ 2022 - 17:42
ރާއްޖޭގެ އުމުރުން އެންމެ 12 އަހަރުގެ ޓެނިސް ތަރި ނަބާ ނިޝާން މި އަހަރުގެ ގައުމީ ޓެނިސް މުބާރާތުގެ ވެސް އެންމެ މުހިއްމު ތިން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ނަބާ ދިފާއުކުރީ ވިމެންސް އޯޕަންސް ސިންގަލްސް ތަށްޓާއި ވިމެންސް އޯޕަން ޑަބަލްސް ތަށްޓާއި ޖޫނިއާ އޯޕަން ސިންގަލްސް ތަށްޓެވެ.
އޭނާ ވިމެންސް ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނަޔާރާ އުސާމާ އަލީ އަތުން މޮޅުވެގެންނެވެ. ވިމެންސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ލަޔާން މުހައްމަދު ޝާމިންއާ އެކު ކުޅެ އައިޝަތު ޔުމްން ނިޔާޒް އާއި މިޝަލް މުހައްމަދުގެ ޕެއާ ބަލިކޮށްގެންނެވެ. އަދި ޖޫނިއާ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަޔޭޝާ ޒޯޔާ އަލީ ސުޒޭން އަތުން މޮޅުވެގެންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން އިންޑިއާގެ ބެންގަލޫރުގައި ތަމްރީން ހަދަމުން އަންނަ ނަބާ ރާއްޖެ މި އައީ މި މުބާރާތާއި ކުރިއަށް އޮތް އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާށެވެ.
މީގެ ކުރިން ވެސް މާލޭގައި އޮތް އިންޓަނޭޝަނަލް މުބާރާތެއްގައި ކާމިޔާބު ހޯދި ނަބާ މިހާރު ޓާގެޓްކުރަނީ ކުރިއަށް އޮތް އިންޓަނޭޝަނަލް މުބާރާތުން ކާމިޔާބު ހޯދާށެވެ.
"އެ ފަހަރު ދިވެހި ކުޅުންތެރިންގެ ތެރެއިން ނަބާ އަށް އެކަނި ޓްރޮފީ ހޯދުނީ. މި ފަހަރު އުއްމީދަކީ ދިވެހި އެހެން ކުޅުންތެރިންނާ އެކު ނަބާ އަށް ވެސް ކާމިޔާބު ލިބުން،" ނަބާގެ މަންމަ ޑރ. ނަޒްމާ ހަމީދު ބުންޏެވެ.
ނަބާ ވަނީ މިދިޔަ މޭ މަހު ބެންގަލޫރުގައި އޮތް އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަން މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މުބާރާތުގައި ބެންގަލޫރުގެ ކުޅުންތެރިންގެ އިތުރުން، ކަރްނާޓަކާ ސްޓޭޓްގެ އެހެން ސިޓީތަކަށް ނިސްބަތްވާ ކުޅުންތެރިންނާއި އިންޑިއާގެ އިތުރު ފަސް ސްޓޭޓަކަށް ނިސްބަތްވާ ކުޅުންތެރިން ވާދަކުރި އެވެ.
މީގެ ކުރިން ނަބާ ވަނީ ސްރީ ލަންކާގައި ބޭއްވި ޖޫނިއާ އިންޓަނޭޝަނަލް ހަތަރު މުބާރާތެއްގައި ވާދަކޮށް ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ.
މިދިޔަ މާޗު މަހު ބޭއްވި، މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ އެވޯޑް ހޯދި ނަބާ، މީގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ލޯންގް ޓާމް ޓާގެޓަކީ ޓެނިސް ގްރޭންޑް ސްލޭމް މުބާރާތެއްގައި ކުޅުން ކަމަށެވެ.
ނަބާގެ އިތުރު ޓާގެޓްތަކެއްގެ ގޮތުގައި އޮތީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހޯދުން ކަމަށް އޭނާގެ ބައްޕަ ޑރ. އަހްމަދު ނިޝާން ބުނެފައިވެ އެވެ.
އެއް އަހަރު ދުވަހުގެ ޓްރޭނިން ޕްރޮގްރާމެއްގައި ނަބާ، 12، ތަމްރީން ހަދަމުން ގެންދަނީ އިންޑިއާގެ އެންމެ ބޮޑު އެއް އެކަޑަމީގަ އެވެ. ބެންގަލޫރުގައި ގާއިމުކޮށްފައިވާ މި އެކަޑަމީ އަކީ ދުނިޔޭގެ ކުރީގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަޑްކޯން އާއި ދުނިޔޭގެ ކުރީގެ އެންމެ މޮޅު ބެޓްސްމަން ރާހުލް ޑްރަވިޑް ގުޅިގެން އުފައްދާފައިވާ އެކަޑަމީ އެކެވެ.
ނަބާގެ ޓްރޭނިންތައް ކުރިއަށް ގެންދިިއުމަށް، އޭޑީކޭ ހޮސްޕިޓަލްގެ ސިނިއާ ގައިނޮކޮލޮޖިސްޓްގެ މަގާމު ކުރިން އަދާކުރެއްވި ޑރ. ނަޒްމާ ވަނީ އެ މަގާމުން ވަކިވެވަޑައިގެން ބެންގަލޫރަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.
ޑރ. ނިޝާން ވިދާޅުވީ ކޮންމެ ދުވަހަކު ފަސް ގަޑިއިރު ނަބާގެ ޓްރޭނިންތައް އެ އެކަޑަމީގައި ކުރިއަށްގެންދާ ކަމަށެވެ. އެއީ ހެނދުނު ތިންގަޑިއިރު އަދި ހަވީރު ދެގަޑިއިރެވެ. ނަބާގެ ކިޔެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ "އޮންލައިން ސްކޫލިން" މެދުވެރިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޖެންޑާ
13 November 2022
ކުދިންނަށްވެސް ހަމަހަމސ ފުރުސަތު ނުދޭ. ގައުމީ މުބާރާތުގައި ކުޅުނީ މިލިޔުމުގައިވާ ކުއްޖާއެކަނިތަ؟ އެމީހުން އިޝްތިހާރުކުރާ ކުދިން އެއީ ކޮންމެހެން ކުޅެވޭކަށްޖެހޭ ކުދިންނެއްނޫން.
ލަލް
13 November 2022
ތިޔަ ކުޅިވަރަކީ މުއްސަދިންނަށް ނޫނީ ފުރުސަތު މި ރާއްޖޭގައި ނުދޭ ކުޅިވަރެއް
ސަންތޯޝް
12 November 2022
ގައުމީ މުބާރާތުގައި އޮންނަނީ އަންހެން ކެޓަގަރީ އެކަނިތަ؟
ކުޅިވަރު
12 November 2022
ގައުމީ މުބާރާތުގައި ވާދަކުރީ ކިތައްކުދިން؟