30 ނޮވެމްބަރ 2022 - 06:27
މި އުމުރުގެ އެހެން ކުދިންގެ ޝައުގުވެރިކަން ހުންނަނީ ފޯނާއި ޓީވީއަށެވެ. ހުސެއިން ހައިކަލް ހަސަންގެ ތަފާތަކީ އެއީ އެވެ. އދ. ދަނގެއްޗަށް އުފަން 16 އަހަރުގެ މި ކުއްޖާ އެންމެ ކުރީއްސުރެ ވެސް ހިތް ދަމައިގެންފައި ވަނީ އިންޖީނިއަރިންނާ ގުޅޭ ކަންކަމަށެވެ.
ގޭގައި ބައްޕަ ހިންގާ ވޯކްޝޮޕްގެ ތެރެއިންނާއި ޔޫޓިއުބުން ވީޑިއޯ ބަލައިގެން ދަސްކުރުމަށްފަހު ހައިކަލް މި ވަނީ ކާޓެއް ހަދައިފަ އެވެ. ގްރޭޑު 10 ގައި ކިޔަވަމުން އަންނަ ދަރިވަރު އަމިއްލައަށް ހެދި ކާޓު ދުއްވާ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ.
އޭނާ ބުނީ ދަގަނޑު ހޮޅި އާއި ޕަމްޕު އިމްޖީނާއި ސައިކަލުގެ ގިއަރު ބޮކްސް އަދި ބަރޮލުގެ ފުރޮޅު ބޭނުންކޮށްގެން އެ ކާރު ހެދީ ތިން ހަފުތާގެ ތެރޭގައި ކަމަށެވެ.
ބުރެއްކާއި ވެލްޑިން ރޮޑު ގަތުން ފިޔަވައި ބާކީ ހުރި އެއްޗެހި ހޯދީ ރަށުންނެވެ. މާލެއިން އެ ތަކެތި ގަތުމަށް ހައިކަލް ހަރަދުކުރީ އެންމެ 300ރ. އެވެ.
ހަވީރު ފިނި ބުރު ޖަހާލަން އޭނާ މިހާރު ބޭރަށް ނުކުންނަނީ ވެސް އެ ކާޓުގަ އެވެ. ދިގުމިނުގައި ހަތް ފޫޓުގެ ކާޓަށް 1.3 ލީޓަރުގެ ތެޔޮ އަޅައިގެން ދެ ހަފުތާ ވަންދެން ދުއްވެ އެވެ.
ހައިކަލް ބުނީ ކާޓު ހެދުމުގެ މަސައްކަތުގައި އޭނާއަށް އެންމެ އުނދަގޫވީ ޕަމްޕު އިންޖީނުން ސައިކަލު ގިއަރު ބޮކްސްއަށް ޕަވަ ޓްރާންސްފާ ކުރުމަށް ކަމަށެވެ. އެކަމަކު، ގިނަ ބައެއްގެ އެހީތެރިކަމާއެކު އޭނާ ހެދި މި ފަދަ ފުރަތަމަ ޕްރޮޖެކްޓް ކާމިޔާބުކުރެވުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
"އަޅުގަނޑު ނުލާހިކު ކުރާ ހިތްވާ ކަމެއް އެއްޗެހި ހެދުމަކީ އަބަދު ވެސް. ފޯނު އެއްޗެހި ކުޅެން އޮންނަ ހިތެއް ނުވޭ. އެހެންވެ، އަތުން ކޮންމެ ވެސް މަސައްކަތެއް ކުރަން ހިތަށް އެރީ ކާރެއް ހަދާނީއޭ. ވަރަށް ކުރިން ކާރެއް ހަދަން ހިތުލައިގެން މި ހުންނަނީ. މިހާރު އެއްޗެހި ވެސް ލިބިފައި ހުރީމަ ހެދީ،" ދަނގެތި ސްކޫލުގެ ބްލޫ ހައުސްގެ ވައިސް ކެޕްޓަން ކަން ވެސް އަދާކުރާ ދަރިވަރު ބުންޏެވެ.
ހައިކަލު ހެދި ކާޓު.
ހައިކަލްގެ ބައްޕައަކީ ރާއްޖެއަށް އިންޖީނު އެތެރެކުރުމުގެ ވިޔަފާރިކޮށް، އަދި ދޯނިފަހަރުގެ އިންޖީނު މަސައްކަތްކޮށްދޭ މީހެކެވެ. އޭނާގެ ކާފައަކީ ވެސް ވެލްޑިންގެ ކަންކަން ދަންނަ މީހެކެވެ. ހައިކަލު އުޅެ ބޮޑުވީ އެ މަސައްކަތުގެ ތެރޭގައި ކަމަށްވާތީ، ކުޑައިރު ފަސޭހަކަމާއެކު ރިމޯޓު ކާރާއި ރިމޯޓު ފްލައިޓު ހެދުނެވެ. އޭނާ އަމިއްލައަށް ހަދާ އެއްޗެހި އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރީ ވެސް އެ މިސްޓޭކުތަކުންނެވެ.
"އަބަދު ވެސް އެ ކަހަލަ ކުދި ކުދި އެއްޗެހި ހަދަން. އެގޮތަށް މިސްޓޭކުތައް ރަނގަޅުކުރަމުން އައީ. ނުބައިކޮށް އެއްޗެއް ހެދިއްޖެއްޔާ ބައްޕަ ނުވަތަ ކާފަމެން ބުނެދޭނެ އެ ވެނި ކަމެއް ރަނގަޅުކުރަން ޖެހެއޭ،" އޭނާ ބުންޏެވެ.
ހައިކަލް، ކާޓު ހަދަނީ.
އިންޖީނިއަރިންނަށް ހައިކަލްގެ ހާއްސަ ޝައުގުވެރިކަމެއް ހުއްޓަސް ސްކޫލު ނިންމުމަށްފަހު ކުރިއަށްދާނެ ވަކި ދާއިރާއެއް އަދި ކަނޑައެއް ނާޅަ އެވެ. ގެސްޓްހައުސް ނުވަތަ ސަފާރީ މެނޭޖުކުރުމުގެ ވިޔަފާރި ނޫނީ އެއާކްރާފްޓް އިންޖީނިއަރިނެއްގެ ގޮތުގައި ވެސް ހައިކަލް ފެނިދާނެ އެވެ.
އެކަމަކު، މި ވަގުތަށް އޭނާގެ ބޮޑު ޕްލޭނަކާއި ސަމާލުކަންދޭ ކަންތައްތައް އެބަހުއްޓެވެ.
"ކުރިއަށް ވެސް މަސައްކަތްތަކެއް ހުންނާނެ. ވިސްނުމުގައި އެބަހުރި މި ފަހަރު ހެދި ކާރަށް ވުރެ ފުރިހަމަކޮށް ކާރެއް ހަދަން. ދެން އިނީ ރާޅުން ކަރަންޓު އުފެއްދޭ ކަހަލަ އެއްޗެއް ހަދަން،" އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
04 December 2022
ތިއަކީ މިފަދަ ޒަމާނެއްގަ އެއްގޮތަކައްވެސް މީހަކު އާސޯހު ވާވަރު ކަމެއްނޫން! އަމިލަޔައް ހާދާ ތިފަދަ އެއްޗެއް މަގުމާތީގަ ދުއްވިގެންނުވާނެ! އެހެވެއްޖެއާ ސައިކަލާ ކާރު މަގުމާތީ ދުއްމުގެ ހުއްދަ ހޯދަން ޓެސްކުރަން ގާރާޖު ތަކައް ދިއުމުގެ ބޭނުމެއްނެއް! ތިއަކީ ޔޫޓިއުބު ބަލައިގެން ވަރައް ގިނަމީހުނައް ކުރެވިދާނެ ކަމެއް! އެންމެން ތިފަދަ އެއްޗެތި މަގުތަކުގަ ދުއްވަން ވެއްޖެއާ ހަމައިން ނައްޓާނެ
ماشاءالله
01 December 2022
ސާބަހޭ ދަރިޔާ! ﷲ ގެ ޙަޟްރަތުން، ހައިކަލަށް ވަރަށް އުޖާލާ މުސްތަޤްބަލެއް މިންވަރުކޮށް ދެއްވަވައި، ޙަސަދަވެރިންގެ ކިބައިން ރައްކާތެރި ކުރައްވާށި! آمين
އުދާސް.
01 December 2022
އިބުރާހިމު ރަށުކުރެްޖެއްނަމަ ފޯރި ހުރިސް ނިކަން
ކަރުބުޑު
30 November 2022
މިއީ އާޝޯޚު ވާންޖެހޭވަރުގެ ޚަބަރެއްނޫން. ނުބައި މެސެޖެއް ލިބެނީ. ދެންވީ ރަށްރަށުގެ ކުދިން , މިކަހަލަ އެއްޗެތި ބޯކޮށް ހަދައިގެން ހަމަހިމޭން މަގުތައް ހަލަބޮލިކުރަން.
ކުރަފަތް ހަސަނު
30 November 2022
ކަރުބުޑު ހިސާބުން ނުފެންނައްޗޭ ދެން. ގައުމުގެ ލޯނުތައް ދައްކަން ޖައްސަފާނަން އިނގޭ.
ބޯހަލާކު.
01 December 2022
ކޮބާ މައްސަލައަކީ؟ މުއްސަނދިންގެ ދަރިން ކުރާނެ ކަމެއްނޭގިގެން ބޭރުން ކޮންމެ މީހަކު 10 ވަރަކަށް ކާރު ގެނެސްގެން ރައްޓެހިންނާ އެންމެން ގޮވައިގެން ރޭސްޖަހާއިރު ނުވޭ މައްސަލައަކަށް. ނިކަމެއްޗެއްގެ ދަރިއަކު އަމިއްލައަށް އެއްޗެއް އުފެއްދުން މައްސަލައަކަށްވަނީ؟
ބޮޑުމީހާ
30 November 2022
ގައުމީ އެވޯޑް ދޭންވީ ކަމެއް މިއޮތީ ފެނިފަ! އަންނަ އަހަރު ސްޓޭޖުން ފެންނާނެ ކަމަށް އުއްމީދުކުރަން
ކިރު ސައި
01 December 2022
އަދި ތިޔަވަރު ވާކަށް ނުޖެހޭ.
ވާނުވާ.
01 December 2022
އަހަރެމެންގެ ވެރިކަމެއްނަމަ، މިފަދަ ކުދިން ހޯދައިގެން މަސައްކަތް ތަރައްޤީކުރަން ބޭރުގެ ކުންފުނިތަކަށް ފޮނުވައި ތަމްރީނުދީގެން ރާއްޖޭގައި މަސައްކަތް ކުރިއެރުވޭނެ ގޮތްވެސް ހަމަޖައްސައިދޭނަން. ދިވެހިރާއްޖޭގެ ވެރިން ނޫޅޭ ރައްޔިތަކަށް ކަމެއްކޮށްދޭކަށް.
މުހަންދިސްގަބީލާ
30 November 2022
ޓޮޕް10އަށް އަރަނީ ހާދަ މަސައްކަތެއް ދަރިވަރުން ކޮއްގެންނޭ , ދެން އެކަން ނުވާ ބަޔަކު ހަސަދަވެރި ނުވެ , ހިލްމީ ގޮތުން ކުރިއަށް ދާންވީ.
އެޑްމުންޑޯ
30 November 2022
ހައިކަލްގެ ތިޔަ މަސައްކަތަށް ހަމަސާބަސް ،
ލަސްވިޔަސް
30 November 2022
ރާއްޖޭގެ ސްކޫލްތަކުގައި ހުރިހާ ކުދިން އޯލެވެލް/އޭލެވެލް އިން އޭ ސްޓާރ ގެންނަން ކިޔަވައިދޭ ކިޔަވައިދިނުން، ބޮޑުތަނުން މަސައްކަތްތެރިކަމަށް އަމާޒުކޮށްގެން ކިޔަވައިދިނުމަށް ބަދަލުކުރަންވީތާ މިހާރު ކިތަންމެ ދުވަހެއް. އުނގެނޭ އެއްޗެއް ފަހުމުވުންވެސް ފަސޭހަވެފައި، ގައުމަށްް ބޭނުންވާ ވާރކްފޯސް އުފެއްދިފައި، އަނެއްކޮޅުން ސެޓްފިކެޓްން މަތީ ގްރޭޑް ނުހޯދޭ ކުއްޖާވެސް އޭރުން ސްކޫލް ނިންމާނީ ދިރިއުޅުމަށް ތައްޔާރުވެފައިވާ، ގައުމަށް ބޭނުންހިފޭ ކުއްޖެއްގެ ގޮތުގަ
ކަމަނަ
30 November 2022
ބަރޮލުގެ ފުރޮޅުތޯ ބަރޯގެ ފުރޮޅުތޯ
ކިރު ސައި
01 December 2022
ބަރަބޮލުގެ ފުރޮޅު. އޯކޭތަ؟
ވސނނ
30 November 2022
ސަޅި! އަމިއްލަ އަތުން އެއްޗެއް އުފެއްދުމަކީ ފަސޭހަ ކަމެއް ނޫން. ތިކުރާ މަސައްކަތް ކުރިއަށް ގެންދާތި!