މެކްސިކޯގެ ކުރީގެ ކޯޗު ޓާތާ މާޓިނޯ: ރޭ ގެ މެޗަށް ފަހު އޭނާ ވަނީ އެ ޓީމުން އިސްތިއުފާ ދީފަ --- ފޮޓޯ: އޭއެފްޕީ
01 ޑިސެމްބަރ 2022 - 12:45
ދޯހާ (ޑިސެމްބަރު 1) - ވޯލްޑް ކަޕުގައި މެކްސިކޯގެ ޓީމަށް ކުރިމަތިލާން ޖެހުނު ހިތްދަތި ވަކިވުމުގެ ޒިނާމާ ނަގާކަމަށް ބުނެ މެކްސިކޯގެ ކޯޗު ކަމުން ޖެރާޑޯ މާޓިނޯ އިސްތިއުފާ ދީފި އެވެ.
ބާސެލޯނާގެ ކުރީގެ ކޯޗު މާޓިނޯ އަށް މެކްސިކޯގެ ވަޒީފާ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަވާލު ކުރީ އެންމެ ދަށް ވެގެން ވެސް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދެވޭނެކަމުގެ އުންމީދާ އެކު އެވެ.
"ޖެނުއަރީ 2019 ގައި މެކްސިކޯގެ ކޯޗު ކަމާ ހަވާލުވެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިކޮށްދިން މާޓިނޯ ބުނީ ރޭގެ މެޗުގެ ފަހު ކަށިގަނޑާއެކު އޭނާގެ ކޮންޓްރެކްޓް ހަމަވެފައިވާ ކަމަށެވެ.
ރޭ ސައުދީ އަރބިއާ އަތުން 2-1 ން މޮޅުވި ނަމަވެސް މެކްސިކޯގެ ޓީމަށް ދެވަަނަ ބުރަށް ނުދެވުނީ ފައިދާ ގޯލުން ކުރި ނުލިބުމުންނެވެ. ގުރޫޕްގެ ދެވަނަ ހޯދި ޕޮލެންޑާއި މެކްސިކޯ ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. އެކަމަކު މެކްސިކޯ އަށް ގެއްލުން އެއް ގޯލް އެބައޮތެވެ. ޕޮލެންޑަށް ފައިދާ އަދި ގެއްލުން ގޯލެއް ވެސް ނެތެވެ.
"މިހާރު އަހަންނަށް މި ޓީމުގައި ކުރާނެ މަސައްކަތެއް ނެތް،" ރޭގެ މެޗަށް ފަހު މާޓިނޯ ބުންޏެވެ.
"މި ހިތްދަތި ނިމުމަށް ޒިންމާ ނަގަންޖެހޭ މީހަކީ އަހަރެން. މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ދެރައެއް. މި ނާކާމިޔާބުގެ ޒިންމާ އަހަރެން ފުރިހަމަ އަށް ނަގަން."
މާޓިނޯ ވަނީ އެމެރިކާ ބައްރުގެ ތިން ގައުމަކަށް މިހާތަނަށް ކޯޗުކޮށް ދީފަ އެވެ. އޭނާ ފުރަތަމަ ހަވާލުވީ ޕެރައުއޭ އާއެވެ. އެއަށް ފަހު ބާސެލޯނާގެ ކޯޗުކަން ދޫކޮށްލުމަށް ފަހު އޭނާ ހަވާލުވީ އުފަން ގައުމު އާޖެންޓީނާގެ ކޯޗު ކަމާ އެވެ. އެކަމަކު އެ ދެ ޓީމުގައި ވެސް އެކަށީގެންވާ ވަރުގެ ނަތީޖާއެއް އޭނާ އަކަށް ނުހޯދުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy