ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް: އޭނާ ވޯލްޑް ބޮޑީ ބިލްޑިން ފެދޭރޭޝަންގެ ނައިބު ރީސް ކަމަށް އިންތިހާބުކޮށްފަ --. ފޮޓޯ: ނިޝާން އަލީ | މިހާރު
08 ޑިސެމްބަރ 2022 - 10:20
ދުނިޔޭގެ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ނައިބު ރައީސް ކަމަށް ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) މިއަދު އިންތިހާބު ކޮށްފި އެވެ.
ތައިލެންޑްގެ ޕުކެޓްގައި ބާއްވާ ދުނިޔޭގެ ބޮޑީ ބިލްޑިން މުބާރާތުގެ ހަވާސާގައި ބޭއްވި ކޮންގްރެސްގައި އޭޝިއާ ބައްރުން އެގްޒެކެޓިވް ނައިބުރައީސް ކަމަށް ވާދަ ކުރެއްވީ އިބްރާހިމްގެ އިތުރުން އިރާންގެ އާމިރު ބަޔަތު އެވެ. ކޮންގްރެސްގައި ގިނަ ގައުމުތަކުން ވޯޓް ދިނީ، މިހާރު ވެސް އޭޝިއާގެ ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ނައިބުރައީސްކަން ކުރައްވަމުން ގެންދާވާ އިބްރާހިމް އަށެވެ.
އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް މި އަހަރު ރާއްޖޭގައި ބޭއްވުމަށް ކުރި މަސައްކަތުގައި އޭނާ ވަނީ އޭޝިއާގެ ފެޑެރޭޝަންގެ ކޮންގްރެސްގައި އަދި އެގްޒެކެޓިވް ކޮމިޓީގައި އެކަމަށް ލޮބީ ކުރައްވައިފަ އެވެ.
އިބްރާހިމް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދުނިޔޭގެ ބޮޑީ ބިލްޑިން މުބާރާތް ވެސް ރާއްޖޭގައި ބޭއްވުމަކީ އޭނާގެ އުންމީދެއް ކަމަށެވެ. އިބްރާހިމް އާ ގާތް ގުޅުމެއް ބާއްވަވާ ދުނިޔޭގެ ފެޑެރޭޝަންގެ ރައީސް ދާތުކު ޕޯލް ޗުއާ ވެސް ވަނީ ޖުލައި މަހު އެކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. މިއަދުގެ ކޮންގްރެސްގައި އިތުރު ދައުރަކަށް ޕޯލް ޗުއާ ވަނީ އިންތިހާބުކޮށްފަ އެވެ.
އޭޝިއާގެ ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ރައީސްކަން ކުރަމުންދާ ޕޯލް ޗުއާ އަށް ގިނަ ބަޔަކު މުހާތަބު ކުރަނީ "ޕާޕާ" ގެ ނަމުންނެވެ. އެއީ އޭޝިއާގެ ބޮޑީ ބިލްޑިންގެ ބައްޕަގެ ގޮތުގައި އޭނާ މަޝްހޫރު ވެފައިވާތީ އެވެ.
ބޮޑީ ބިލްޑިންގައި އިންޓަނޭޝަނަލް ޖަޖެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ އިބްރާހިމް ވަނީ މިދިޔަ ފަސް އަހަރު ތެރޭ އިންޓަނޭޝަނަލް ބޮޑީ ބިލްޑިން އެކި މުބާރާތްތަކުގައި ވެސް ޖަޖްކަން ކޮށްފަ އެވެ. އެގޮތުން ވޯލްޑް ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ވެސް އޭނާ ވަނީ ޖަޖްކަން ކޮށްފަ އެވެ. އަދި މި އަހަރު ބޭއްވި ސައުތު އީސްޓް އޭޝިއަން ގޭމްސްއެއްގައި ވެސް ޖަޖުކަން އޭނާ ވަނީ ފުރަތަމަ ފަހަރަށް މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ވެސް ޖަޖުކަންކަން ކުރައްވައިފަ އެވެ.
ތައިލެންޑްގައި ފަށާ ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖެއިން ހަތް އެތުލީޓުން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އޭޝިއާގެ މުބާރާތުން ރަން މެޑަލް ހޯދި އެތުލީޓުގެ ތެރޭގައި އަޒުނީން ރަޝީދާއި މުހައްމަދު މޫސާ (މޯޑް) އާއި ހުސައިން ހިމްޔާން ހިމެނެ އެވެ.
ކ. މާފުށީގައި ބޭއްވި އޭޝިއާގެ މުބާރާތުގެ ފިރިހެން އިވެންޓްތަކުގައި މޯޑް ވަނީ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި، މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އޭނާ ވެފައި ވަނީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ މިސްޓަ އޭޝިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
އެތުލެޓިކް ފިޒީކް 160 ސީއެމް ކެޓަގަރީން ރިހި މެޑަލް ހޯދި ފަތުހުﷲ މުހައްމަދު އާއި އޯވާ 180 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި މުހައްމަދު އިމްރާހް ވެސް ވަނީ ގައުމީ ޓީމުގައި ހިމަނައިފަ އެވެ. އަދި އޭޝިއާގެ މުބާރާތުން މެޑައްޔަކާ ވަރަށް ކައިރިއަށް ދިޔަ، ރާއްޖޭގެ ޗެމްޕިއަން ނުވަތަ މިސްޓަ މޯލްޑިވްސް މުހައްމަދު ޔާމީން ވެސް ގައުމީ ސްކޮޑްގައި ވަނީ ހިމަނައިފަ އެވެ. ދެން ހިމެނެނީ އޭޝިއާގެ މުބާރަތަށް ނެގި 20 އެތުލީޓުންގެ ތެރެއިން ޓީމު އޭ ގައި ހިމެނުނު އަބްދުﷲ އަހުސަނެވެ. އެތުލެޓީކް ފިޒީކް 160 ސީއެމް ކެޓަގަރީން ބްރޯން މެޑަލް ހޯދި މުހައްމަދު ޒިދާން ޓީމުގައި ނެތެވެ.
އަޒްނީން ރަޝާދު، މުހައްމަދު މޫސާ، ހުސައިން ހިމްޔާން، މުހައްމަދު ޔާމީން، ފަތުހުﷲ މުހައްމަދު، މުހައްމަދު އިމްރާހް އަދި އަބްދުﷲ އަހުސަން، އެވެ. ޓީމުގެ ކެޕްޓަނަކީ އަޒުނީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy