"ދުވަހަކު ވެސް އުފާވެރިކަމެއް ނުލިބޭ." އުފާވާ ވަގުތުކޮޅަކަށް ހަނދާނުގައި ހުންނަނީ، އޭނާ ބުނި ގޮތުގައި، ދަރިން އުފަންވި ވަގުތުކޮޅެވެ.
ޒަހުރާ: އޭނާގެ ހަޔާތުގައި ދިމާވި ހިތްދަތި ކަމާ އެކު ވެސް ދޫކޮށްނުލީ ހިތްވަރު.
12 ޑިސެމްބަރ 2022 - 14:43
ފެށުނީއްސުރެން ވެސް ހިތަށް ނުގެނެވޭހާ ފަގީރު ދިރިއުޅުމެކެވެ. ސޯޝަލް މީޑިއާގައި އިއްޔެ ވައިރަލްވި އައިމިނަތު ޒުހުރާގެ ވީޑިއޯ ބަލައިލި މީހުން ރޮއްވާލީ އޭނާގެ ހަޔާތުގެ ދެތިން ދުވަހުގެ ވާހަކަތަކުންނެވެ. މީގެ ނުވަ އަހަރު ކުރީގެ އެ ވީޑިއޯގައި އޭނާ ކިޔައިދިނީ އެކަނިވެރި މައެއްގެ ގޮތުގައި ހޭދަކުރި ހިތްދަތި ދުވަސްތަކެވެ. ދެ ކައިވެންޏަށް ލިބުނު ތިން ކުދިންގެ ހައްގުގައި އުފުލަން ޖެހުނު ތަކުލީފެވެ.
ވަރިކޮށްފައި ދިޔަ ގޮތަށް ކުދިންގެ ބައްޕަގެ ފަރާތުން ދަރިންނަކަށް އަޅައެއް ނުލަ އެވެ. އެއްވެސް ހަރަދެއް ނުކުރެ އެވެ. ދަރިންގެ ކެއިންބުއިމާއި ކިޔެވުމުގެ ކަންކަން ހަމަޖައްސަން އޭނާއަށް ލިބުނީ ދައުލަތުން އެކަނިވެރި މައިންނަށް ދޭ 3,000ރ. އެވެ. ވީވަރެއް ކޮށްފައި 100ރ. ރައްކާކުރަން މަޖުބޫރެވެ. ބަލި ހާލަތު ބޮޑުކަމުންނެވެ.
އޭގެ ނުވަ އަހަރު ފަހުން މިއަދު ވެސް ޒުހުރާގެ ދިރިއުޅުން އެހާ ނިކަމެއްޗެވެ. ކުޑައިރު އޭނާ ވަށާލި އަނދިރި ހަޔާތުން އަދިވެސް ނުނިކުމެވެ އެވެ.
އެ ވީޑިއޯއަށް ފަހު ވޭތުވެދިޔަ އަހަރުތަކުގައި ދިރިއުޅުން ކިހިނެއްތޯ މިއަދު އަހާލުމުން ދިނީ މި ޖަވާބެވެ.
"ދުވަހަކު ވެސް އުފާވެރިކަމެއް ނުލިބޭ."
އުފާވާ ވަގުތުކޮޅަކަށް ހަނދާނުގައި ހުންނަނީ، އޭނާ ބުނި ގޮތުގައި، ދަރިން އުފަންވި ވަގުތުކޮޅެވެ.
އޭރު އޭނާގެ ތިބި ތިން ކުދިންނާއި ތިން ވަނަ ކައިވެންޏެއްކޮށް މިހާރު އިތުރު ދެ ކުދިން އެބަތިއްބެވެ. ވީޑިއޯގައި އޭނާ އިޝާރާތްކުރި ކުދިންގެ އުމުރަކީ 20، 14 އަދި 13 އެވެ. އޭގެ ފަހުން ކުރި ކައިވެނީގައި ލިބުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އުމުރަކީ އަށް އަހަރެވެ. އަނެއް ކުއްޖާއަށް ނުވަ މަހެވެ.
ޒުހުރާ ކިޔައިދިން ގޮތުގައި ވަރަށް ކުޑައިރު ބައްޕަ މަރުވީ އެވެ. މަންމަ ފެށި ކައިވެންޏާ އެކު ވަކި ދިރިއުޅަމަކަށް ދިޔައީ އޭނާގެ ބެލުމުގެ ދަށުގައި ކޮއްކޮމެން ބައިތިއްބައިފަ އެވެ.
ހަގަށް ތިބި ހަތަރު ކޮއްކޮގެ ޒިންމާ ނަގަން ޖެހުނު އިރު ތަންދޮރު ރަނގަޅަށް ވަކިވެސް ނުވެ އެވެ.
"ކައްކާކަށް ވެސް ނޭނގޭ. ކޮއްކޮމެންނަށްޓަކައި ހުރިހާ ކަމެއް ދަސްކުރަން ޖެހުނީ. ތައުލީމެއް ނުލިބުނު،" ޒުހުރާ ކިޔައިދިނެވެ.
"އެހެން އުޅެފައި އެ ހާލަތުން އަރައިގަނެވޭނެ ކަމަށް މީހަކާ އިނީ. އެކަމަކު ދަރިއެއް ލިބުނު ފަހުން އެ ކައިވެނި ރޫޅުނީ،"
ބަލި ހާލަތާއި ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި އޮތް ދަތިކަމުން ދެ ވަނަ ކައިވެންޏަށް ވެސް އެހާ ދުވަސްތަކެއް ނުވެ އެވެ. ޒުހުރާ އެންމެ ހިތްދަތިވާ ކަމަކީ އޭނާ ދޫކޮށްލާފައި ދިޔައަސް ދަރިންނަށް ޚަރަދު ނުކުރުމެވެ. އެއް ކުއްޖެއްގެ ބައްޕަ 20،000ރ. ދިނުމުން އެ ކުއްޖާ ޚިތާނުކުރުމުގެ ކަންކަން ކުރިއިރު އެއީ މީހެއްގެ ފަރާތުން އޭނާއަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމެވެ.
"ވަރަށް ހާލުގައި އުޅުނީ. އަވަށްޓެރިއަކު ފުށްކޮޅެއް ދިއްކޮށްލީމަ ރޮއްޓެއް ފިހެލައިގެން ކެއުން ހަމަޖައްސައިގެން ވެސް ތިބެން. ކުދިންވީމަ ވަރަށް ވަރަށް ޝަކުވާ ކުރި ބޭނުންވާ ކަންކަން އަހަރެންނަށް ނުކޮށްދެވޭތީ. ދަރިން އެހެން ރުއި ކިތަންމެ ދުވަހެއް ދިޔަ. އެކަމަކު ވިސްނައިދެވޭތޯ ބެލީ،" ޒުހުރާ ކިޔައިދިނެވެ.
"ބައެއް ފަހަރަށް އެކަނި އިނދެ ރޮވޭ. ވަރަށް ބޭކާރު މީހެކޭ ވެސް ހިތަށް އަރާ. އެކަމަކު ވެސް ކުދިން ތިބީމަ އެ ކުދިންނަށްޓަކައިި ހިތްވަރުކުރީ. ކައިވެނިތައް ރޫޅުނުއިރު ވެސް ބެލީ އަތިރިމަތީގައި ނިދަން ޖެހުނަސް ކުދިން ދޫކޮށްނުލާނަމޭ."
ދަރިންގެ ހައްގު ހޯދަން ދައުލަތުގެ އިދާރާތަކަށް އޭނާ އެތައް ސިޓީއެއް ލި އެވެ. ދަރިންގެ ޚަރަދު ދިނުމަކީ ބައްޕައިން ކުރަން ޖެހޭ ކަމަކަށް ވާތީ އެ މީހުން ލައްވައި އެކަން ކުރުވަން ކޯޓުގައި އާދޭސްކުރި އެވެ. އެކަމަކު ނިޒާމުގެ ތެރެއިން އެކަން ކޮށްނުދެވުމަކީ ދަރިން އެހާ ހާލުގައި ދިރިއުޅެން މަޖުބޫރުވި އެއް ސަބަބު ކަމަށް އޭނާ ދެކެ އެވެ.
"އެ މީހުން ކޯޓަށް ހާޒިރުކޮށްގެން ދަރިންގެ ހައްގު ހޯދައިދެވޭނެ އެއްވެސް ގޮތެއް ނުހޯދުނު،" ޒުހުރާ ބުންޏެވެ.
މި ހުުރިހާ ކަމެއް އެކަނި ތަހައްމަލްކުރަނިކޮށް ހަމްދަރުދީވި މީހާއާ އެކު ތިން ވަނަ ކައިވެންޏެއް ޒަހުރާ ފެށީ އެވެ. ރަނގަޅު ގޮތުގައި ދިރިއުޅެން ބޭނުންވާތީ ކަމަށް ޒުުހުރާ ބުންޏެވެ.
ޒަހުރާ މިދިޔަ އަހަރުގެ ފަހުކޮޅު މާލެ ބަދަލުވީ ހަގު ކުއްޖާ ވިހަންވެގެންނެވެ. ރަށުގައި ވަޒީފާއެއް ނެތުމުން، މާލެ އިން ފިރިމީހާއަށް ލިބިފައި ހުރި އެއް ކޮޓަރީގެ ތަންކޮޅަށް ބަދަލުވީ އެވެ.
ދެމަފިރިންނާއި ދަރިން ދިރިއުޅެމުން އަންނަނީ އެ ކޮޓަރީގަ އެވެ. ފިހާރައެއްގެ ވަޒީފާ އަދާކުރާ ފިރިމީހާއަށް ލިބޭ 9،000ރ. އިން ހަރަދުތައް ދެކޮޅެއް ނުޖެއްސެ އެވެ. އެހީގެ އަތެއް އެ އާއިލާއަށް ފޯރުކޮށްދެނީ ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން އަންނަ ޒަހުރާގެ 20 އަހަރުގެ ދަރިފުޅެވެ.
"ސަތޭކައިގެ ދަރިއެއް އެއީ. އެހީއެއް ފޯރުކޮށްދެވެނީ ވަޒީފާއަކަށް ދާތީ،" ޒުހުރާ ބުންޏެވެ.
ދަރިން އޭނާއާ އަޅާލާތީ ޒަހުރާ ހިތްހަމަޖެހެ އެވެ. އެކަމަކު އޭނާ އުޅެން ޖެހުނު ނިކަމެތި ދިރިއުޅުން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮންމެވެސް ދުވަހަކުން އެ ހާލަތުން އަރައިގަނެވޭނެ އެވެ.
"މާތްﷲއަށް ދަންނަވައި ކެތްތެރިވިން. ދަރިންގެ ހައްގުގައި. ރަނގަޅު ގޮތް މިންވަރު ކުރައްވާނެ،"
ހިތްދަތި ހަޔާތަކުން ފެށި ޒުހުރާ މިހާ ދުވަހު ވެސް ދޫނުކޮށްލީ ހިތްވަރެވެ. އެ ނޫން ދުވަހެއް ލިބޭނެ ކަމުގެ އުއްމީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
14 December 2022
މި ޒަމާނަކީ ފެލިމީ ޕްލޭނިން ކޮށްގެން އުޅެވޭނެ ޒަމާން. 2-3 ކައިވެނިކޮށް ދަރިން ލިބިފައިތިބޭ އިރު އޮތުރަށް ދެން ކުރާ ކައިވެންޏަށްވެސް ދަރިން ހޯދަނީ ރަގަޅު ދިރިއުޅުންވެސް ނުފެށެނީސް. ދަރިންނަ މެދު ވިސްނާ މައިންބަފައިން 3-4 ކައިވެނި ކުރާއިރު ކޮންމެ މީހަކަށް ދަރިން ނުހޯދާނެ. ރާއްޖޭގައި ބައެއް މީހުން ދަރިން ހީދަނީ ވިސްނާގެންނެއް ނޫން.
ޤައުމުގެ ދޫ
13 December 2022
މިދައްތަގެ ރަށެއް ނުޖަހާދޯ މާތްﷲ އެދައްތައަށް ހިޔޮގޮތްމިންވަރުކޮށް ދެއްވާދެއެވެ
1206
13 December 2022
ފަގީރު ކަމުގައި މަމެންގެ އަޚުންއުޚުތުން އުޅެމުންދާތައް ދުވަހު، ފުދުންތެރި އެކަނިން ކައިބޮއެ އުޅޭ މީހުންގެ ރިޒުގީ ބޭބަރަކާތު ރިޒުގެއް. ކޮންމެ މީހަކުގެ ރިޒުގުގައިމެ މާތް ﷲ އަނެކާގެ ހައްގު ލެއްވި. އެ އަދާ ނުކުރަނީސް، އެ މީހަކު ކެޔަސްބުޔަސް ހައިކަން ފިލައިނުދާނެ. ލިބިލިބި ހުސްނުވިޔަސް ދަތިކަން ފިލައިނުދާނެ. ދިނުމުގައި ގުނަވެ ދިޔުން ވޭ. ބައްކުމުރުގައި އުނިވެ ދިޔުން ވޭ. ޔާ ﷲ. އިބަ އިލާހީ އަލް-ޣަނިއްޔު. ދަތިދާރުން ހެޔޮ ގޮތް މިންވަރު ކުރައްވާށި. އާމީން.
ސަމާރ
13 December 2022
ޒިންމާދާރު މަޤާމުގައި ތިބި ވެރިން މަހުންމަހަށް މުސާރަ ނަގައިގެން އަނބިދަރިން ހިތް އުފާކޮށްދެމުންދާއިރު މިވެރިންގެ ދޯދިޔާކަމުން ފީކަޅާކަމުން ޖާހިލިކަމުން ނިކަމެތި ރައްޔިތުން މިދަނީ ދުވަހަކަށް ދުވަހެއް ބިކަވަމުންމުން. ސޯޝަލް ހައުސިންގ ނަމުގައި އެތައް ކޮރަޕްޝަނެއް ހިންގާ ހަތަރު ފާރު ނިކަމެތި ރައްޔިތު މީހާއާ ޙަވާލުކޮށް ނުވިތާކަށް މިހާތަނަށް ޕްލެޓްތަކުން ނުނަގާވަރުގެ ބޮޑު އަގެއްނަގާ ހިޔާފުލެޓްގައި ދިރިއުޅޭ އެތައް ޢާއިލާތައް މިދަނީ ބިކަވަމުން.
އެއްކަލަ އިބުރާ
13 December 2022
ފެއިލް ވެފައިވާ ސިސްޓަމަކުން ހައްގު ހޯދޭނީ ކިހިނެއް؟ މި ޒަމާނުގަ 3000ރ އަކީ ކޯޗެއް؟ ސްކޫލައް އެކަނިވެސް އެޔައްވުރެ ގިނައިން ހަރަދުދޭ. އެއްވެސް ސަރުކާރަކުން މިހާ ނިކަމެތި މީހުންނައް އަޅައެއްނުލާ. ކޮންމެ ބަޔަކުވެސް ވެރިކަމައް އަރާ ގާތް މީހުންނައް ބައި އަޅާ ގައުމު ހަލާކު ކޮއްލަނީ. ދައްތަ އައް ހެޔޮ ގޮތް މިންވަރު ކުރައްވާށި!
އިހްސާސް
12 December 2022
މާތް ﷲ ވަނީ ކެތްތެރިންނާއެކު.
އިބު ރާ
12 December 2022
ރ ނަޝީދަކީ އެކަނިވެރި މައިންގެ ލޯބި ލިބިފައިވާ 3000
ދަލޭކަ ދައިތަ
12 December 2022
އެންމެ ބޮޑު މައްސަލައަކީ ލޯބިން ލޯ ކަނުވާތީ!! ލޯތްބެކޭ މިކިޔާ އެއްޗެއް ނިކަން ފަސޭހަކޮށް ޅަފުރައިގައި އަވަލަވާ ސިކުޑި ސުމަކަށް ފޮނުވާނެ. ހަޔާތައް މިއަންނަނީ އިންސިއެއްގެ ސިފައިގައި ހުރި ޖިންނިއެއްކަން އެގޭއިރުވެސް، މައިންބަފައިން ކިތަންމެ ނަސޭހަތެއް ދިނަން، ކިތަންމެ ނުރުހުނަސް ފިސާރި ރަނގަޅަށް ކަރުތެރޭ ހިތިރަހަ ލައިގެންނޫނީ ވެވުނީ ކެހިވެރި ކަނުލޯތްބެއްކަން ރޭކާވެސް ނުލާ ހާހަކުން ކުއްޖަކަށް ނޫނީ.
މަރީމް
13 December 2022
ރާއްޖޭގެ ގިނަ މައިން މިހާ ހަލުގަ އުޅެންޖެހެނީ މައިންބަފައިން ފިރިހެން ދަރިންނަށް ދޭ ތަރުބިއްޔަތު ގޯސް ވުން. ގިނަ ފަހަރަށް މިހެން ވަނީ. އިންސާނިއްޔަތު ކަން އަންނާނީ އަލަށް އަންހެނަކާ ހިތާވާ އިރު އެކަނި. މ
ދަލޭކަދައިތާގެ ދަރި
14 December 2022
ދައިތަގެ ވިސްނުން ތިހުރީ މުޅިން ނުބަިއކޮށް. މީހަކު ކަނު ލޯބިވެގެން ވިޔަސް ދެފަރާތުންވެސް އެ ކަނު ލޯބި ވެގެންތާ ދަރިފުޅު ލިބެނީ. ވަރިކުރުމަކުން ނޫނޭ މައްސަލަޔަކީ. ހަރަދު ނުދޭތީ، ރަހުމެއް ނުކުރާތީ. ދަރި ބަލައިދޭނަމަތާ އަންހެންމީހާ އާމްދަނީ ހޯދަންވެސް މަސައްކަތްކުރަން ދެވޭނީ. އެއްވެސް އެހީއެއް ނުވާމީހާ ތިހަދަނީ ކުށެއްނެތް މީހަކަށް. ކުއްވެރި ތިކުރަނީ ދަރިވިހޭމީހާ އެކަނި. ތީތި ކަމަކު ނުދޭ. އަމިއްލަ ފިރިހެންދަރިޔަށް ތިވިސްނުން ފޯރު ނޮކޮއްދެއްޗޭ ޕްލީސް
ވަރަ
12 December 2022
އެކަނިވެރިމައިންނަށް ލާރިދޭކަން ނަސީބުދޯ އހެންނޫނީ ވަރަށް ހާލުގަޖެހޭނެ ނަޝީދުގެ ވިސްނުނަ ރަނގަޅުދޯ
ލަބީނާ
12 December 2022
އިއީ އޭނަގެ އަމިއްލަ ފައިސާތަ؟ މިހާރުވެސް 270،000ރ މަހަކު މުސާރަ އަދި އިނާޔަތުގެ ގޮތުގައި ނަގަމުން އެދަނީ! ލަދު ނުގަނޭތަ ނަޝީދު؟
އެމްސް
12 December 2022
ނަޝީދުގެ ކުރިންވެސް މިޤައުމުގަ ވެރިން ތިބި، އެކަމަކު އެކަނިވެރީން މަތީން ފުރަތަމަ ހަނދާންކުރީ ނަޝީދު! ކުރީގެ ރައީސުންނަށް ލިބޭ ޢިނާޔަތް، މައުމޫނު، ޔާމީން އަދި ވަޙީދު އަަށްވެސް ލިބޭ! މަޖިލިހުގަ 5 އަހަރު ހޭދަ ކޮށްލައިގެން މުޅި ޢާއިލާއަށް ޢިނާޔަތް ހޯދާ މެމްބަރުން ލަދެއް ނުގަނޭބާ؟
ވިސްނުމޭ
12 December 2022
އަމިއްލަ ފައިސާއެއް ނޫން. އެކަމަކު ދައުލަތުގެ ނިޒާމެއްގެ ތެރެއިން އެކަނިވެރިމައިންނަށް އެލަވަންސެން ހަމަޖައްސަވައިދެއްވީ. މީގެ ކުރީގެ ސަރުކާރުތަކުންވެސް ކުރެވެން އޮތް ކަމެއް، ރަހުމެއްނެތީ، ވިސްނުމެއްނެތީ.
ދަލޭކަ ދައިތަ
12 December 2022
ޥ ގިނަ ވާނެ ތިފަދަ ނިކަމެތިކަމުގައި އުޅެ ދަރިންނަށްޓަކައި ގުރުބާންވެފައިވާ އަންހެނުން، ދަރިންގެ ބައްޕަޔާ ވަކިންވިޔަސް އެކީގައި އުޅެމުންވެސް ޚަރަދު ނުކުރާ ފިރިން ވ ގިނަ. ދަރިން އެއްލާލާ ނިކަމެތިކޮށްލާފައި ދުވާ އަންހެނުންވެސް މަދެއްނޫން. އެންމެންވެސް އަޅާލާ އޯގާތެރިވާންވީ ނިކަމެތި ކުޑަކުދިންނަށް.