ރަޝިޔާގެ ތެޔޮ ސާފުކުރާ ފެކްޓަރީއެއް -- ފައިލް ފޮޓޯ: އޭއެފްޕީ
28 ޑިސެމްބަރ 2022 - 14:22
ރަޝިޔާގެ ތެލުގެ އުފެއްދުންތައް ގަތުމަށް ހުޅަނގުން ކަނޑައެޅި ދަށް އަގުތަކަށް އެއްބަސްވި ގައުމުތަކާއި ކުންފުނިތަކަށް ތެޔޮ ވިއްކުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ރިއާސީ ގަރާރަކުން ހުއްޓާލައިފި އެވެ.
ރަޝިޔާގެ ތެޔޮ ގަތުމަށް، ހުޅަނގުގެ ގައުމުތަކުން ދަށް އަގެއް ކަނޑައެޅީ، ރަޝިޔާ އިން މިއަހަރުގެ ކުރީކޮޅުން ފެށިގެން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާ އަށް ބާރު އެޅުމުގެ ގޮތުންނެވެ. މި މަހުގެ ކުރީކޮޅު ވިލާތުގެ ގައުމުތަކުން ދަށް އަގެއް ކަނޑައެޅި ނަމަވެސް، އެކަމުގައި އަމަލުކުރަން ގަސްދުކުރާ ގޮތެއް، އިއްޔެއާ ހަމައަށް ވެސް ރަޝިޔާ އިން ހާމައެއް ނުކުރެ އެވެ.
ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ނެރުއްވި ރިއާސީ ގަރާރުގައިވާ ގޮތުން، ހުޅަނގުން ކަނޑައެޅި ދަށް އަގުގައި ރަޝިޔާގެ ތެޔޮ ގަތުމަށް އެއްބަސްވި ގައުމުތަކަށާއި ކުންފުނިތަކަށް، މި ފެށޭ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ރަޝިޔާގެ ތެލެއް ނުވިއްކާނެ އެވެ. އޭގެ ތެރޭގައި ރަޝިޔާ އިން އެކްސްޕޯޓް ކުރާ ސާފުނުކުރާ ތެލާއި، ތެލުގެ އެހެން އުފެއްދުންތައް ވެސް ހިމެނެ އެވެ.
ރިޔާސީ ގަރާރުގައި ބުނެފައިވާ ގޮތުން، އެ ހުރިހާ ގައުމުތަކަށާއި ވަކިވަކި ކުންފުނިތަކަށް ތެޔޮ ވިއްކުން ހުއްޓައިލި ނަމަވެސް، ރައީސް ޕުޓިން ނިންމަވާ ގޮތެއްގެ މަތިން، އޭގެ ތެރެއިން ބައެއް ގައުމުތައް ނުވަތަ ބައެއް ކުންފުނިތައް، ފަހުގެ މަރުހަލާއެއްގައި އިސްތިސްނާ ކުރެވިދާނެ އެވެ.
އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ-7) އާއި ވިލާތުގެ އިއްތިހާދު (އީޔޫ) އާއި އޮސްޓްރޭލިޔާ އިން މި މަހުގެ ކުރީކޮޅު އެއްބަސްވެފައިވަނީ، ރަޝިޔާ އިން ކަނޑުމަގުން އެކްސްޕޯޓްކުރާ ތެޔޮ ގަންނާނެ އެންމެ މަތީ އަގަކީ ފީފާއެއް 60 ޑޮލަރަށެވެ. މި ނިންމުމަށް އަމަލުކުރުމަށް އެ ގައުމުތަކުން ނިންމީ މި ހިނގާ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.
ހުޅަނގުގެ ގައުމުތަކުން މި ނިންމި ނިންމުމުގެ އެއް ބޭނުމަކީ، މި އަގަށް އެއްބަސްވި އެއްވެސް ގައުމެއް ނުވަތަ އެއިން ގައުމެއްގެ ކުންފުންޏެއް މެދުވެރިވެގެން ވިޔަސް، ތިން ވަނަ ގައުމަކަށް ރަޝިޔާގެ ތެޔޮ ބޮޑު އަގުގައި ވިއްކިޔަ ނުދިނުމެވެ. އަނެއް ބޭނުމަކީ ދުނިޔޭގެ ބާޒާރަށް ތެޔޮ ވިއްކައިގެން ރަޝިޔާ އިން ހޯދަމުން އަންނަ އާމްދަނީ ހުއްޓުވުމެވެ.
އެކަން އެ ގޮތަށް ތަންފީޒުކުރެވިއްޖެ ނަމަ، ޔޫކްރޭން ހަނގުރާމަ އަށް ޚަރަދުކުރުން ރަޝިޔާ ސަރުކާރަށް ދަތިވާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ދެކެ އެވެ. ނަމަވެސް ރަޝިޔާ އިން ބުނި ގޮތުގައި، ހުޅަނގުގެ ގައުމުތަކުން އެގޮތަށް އަގު ދަށް ކުރި ނަމަވެސް، ޔޫކްރޭންގައި ރަޝިޔާ އިން ކުރަމުންދާ އަސްކަރީ ހަރަކާތްތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށާއި، ތެޔޮ ވިއްކާނެ އެހެން ބާޒާރުތައް ހޯދާނެ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޝިޔާ، އިޒްރެއިލް، ޗައިނާ، އެމެރިކާ، އިންޑިޔާ މި އެންމެން ކުޅޭބޯޅަގަޑެއް މުސްލިމުންނަނީ!
30 December 2022
މިއީ ވަރައް ނުރައްކާ ވަނީ. ދުނިޔޭގެ ބާޒާރުގައި ދިވެހިން ބޭނުން ކުރާ މުދާ އުފައްދާ ގައުމުތަކައް ތެލުގެ އަގުބޮޑުވުމުން، ދިވެހިންނައް އަގުތައް ބޮޑުވާނެ. އަދި ހުޅަނގުގެ ގިނަ ގައުމު ތަކުގައި ނިއުކްލިއަރ ރިއެކްޓަރ އުފަންކުރާނެ، ކުރިއައް އޮތްތަނުގަ ތެލައް އެހާވަރައް އެހާވަރައް ބަރޯސާ ނުވާން. ތެލުގެ ބޭނުން މަދުވާއިރައް އަރަބިންގެ ބިންތައް ވާނީ ހަތިޔާރު ވިޔަފާރިގެ ބާޒާރަކައް! މެދިނުކެޑި ހަގުރާމަ ކުރާ ފަސްގަޑަކީ މެދުއިރުމަތި!
ޖުހާ.
29 December 2022
މިފަހަރު ޔޫރަޕު މީހުނަ ރަނގަޅަށް ރާކަނިމަސް ކެވޭނެ. ތިއޮތީ އަމިއްލަ ކަރުގައި ދަންމަޅި ބައްދާފަ. ޕޫޓިންބޭ އެދަނީ މަޅިގަނޑަށް ބާރުކުރަމުން.
އަފްރާސިޔާބު
29 December 2022
އަދި ކިރިޔާ ރަސިއާ ރޫސީންގެ ގޮތުގައި ދުނިޔެއަށް ފެންނަން ތިފެށީ. މަށަށް ފެންނަގޮތަކީ ބޮޑު އަގުގައި އެމީހުން ގަންނަން ބޭނުންވިޔަސް ދެން ތެޔޮ ނުވިއްކުން. މިހާރުވެސް ޖަޕާނުގެ ކުންފުންޏަކުން ރަޝިޔާގެ ތެޔޮ އެބަގަނޭ ރަޝިޔާ އިން ވިއްކާ އަގުގައި. އެވެސް ތިބުނި ޖީ7ގެ ގޭންގުގައި ހިމެނޭ ގައުމެއް. އެމީހުންގެ ހިއްސާ ރަޝިޔާގެ ކުންފުނީގައި އޮތަސް ވިއްކަންވާނީ ބޮޑު އަގުގައި.
މަށަށް
29 December 2022
ގަނެވޭނީ ރުފިޔާއަކަށް ފީފާއެއް. ދެން ރަސިޔާއިންވީ ދޯ ހަމަ ވިއްކަން
1206
28 December 2022
ރަނގަޅު. ސާބަސް ރަޝިޔާ. ހުޅަނގާ ރަނގަޅަށް ވިއްދައިގެން ނޫން މަގަކުން ދުނިޔެއަށް ހަމަޖެހުމެއް ނެތް.
1828
28 December 2022
ރަޝިއާއަކާއި ނުކުޅެވޭނެ