އޯޖާސް އިން ބޫފާލް (ކ) އާއި އޮނާހީ (ވ) އަށް ދެ ކުޅުންތެރިންގެ ކާމިޔާބީ ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ދިން ޓްރޮފީއާއެކު.-- ފޮޓޯ: އޭއެފްޕީ
02 ޖެނުއަރީ 2023 - 13:22
އޯޖާސް (ޖެނުއަރީ 2) - ފްރާންސް ލީގުގެ އޯޖާސް އަށް ކުޅެމުން އަންނަ މޮރޮކޯގެ ދެ މިޑްފީލްޑަރުން ކަމަށްވާ ސުފިއާން ބޫފާލް އާއި އައްޒަޑީން، ނިމިދިޔަ ވޯލްޑް ކަޕް ގައި ދެއްކި މޮޅު ކުޅުމުގެ އަގު އެ ކްލަބުން ވަޒަންކޮށްފި އެވެ.
އޯޖާސް އިން އެ ދެ ކުޅުންތެރިންގެ އަގުވަޒަންކޮށް ހާއްސަ ޓްރޮފީއެއް ދިނީ، އެ ކްލަބުން ރޭ ފްރާންސް ލީގުގައި އަމިއްލަ ދަނޑުގައި ލޯރިއެންޓް އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންނެވެ.
އެނބުރި ކްލަބާ ގުޅުނަސް ރޭގެ މެޗަށް ނެގި ސްކޮޑުގައި އެ ދެ ކުޅުންތެރިން ނުހިމެނެ އެވެ.
ލީގުގައި އޯޖާސް މި ސީޒަންގައި ނެރެމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. މިހާތަނަށް ކުޅުނު 17 މެޗުން ހޯދި އަށް ޕޮއިންޓާ އެކު އެ ޓީމު މިވަގުތު އޮތީ ލީގުގެ ފުލުގަ އެވެ. ރޭ ކުޅުނު މެޗުގައި އެޓީމުން ވަރަށް ކުރީކޮޅު ލީޑު ނެގި ނަމަވެސް، އެންމެ ފަހު ވަގުތު ވަން ދެ ގޯލާ އެކު ބަލިވީ 2-1 އިންނެވެ.
ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ދެ ކުޅުންތެރިން ވެސް މިހާރު ކުޅެމުން އަންނަ ކުލަބް އޯޖާސް ދޫކޮށްލާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. މޮރޮކޯ އިން ދެއްކި މޮޅު ކުޅުމާ އެކު ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ލޯތައް ވަނީ މޮރޮކޯ ޓީމުގެ ކުޅުންތެރިންނަށް އަމާޒު ވެފަ އެވެ. އޭގެ ތެރޭގައި ބޫފާލް އާއި އޮނާހީ ވެސް ހިމެނެ އެވެ. ހާއްސަ ކޮށް އޮނާހީގެ ކުޅުމަށް، ވޯލްޑް ކަޕް ގައި ސްޕެއިން އަށް އިރުޝާދު ދިން ލުއިސް އެންރީކޭ ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
ބޫފާލް އަކީ އެކުލަބުގެ މުހިއްމު ކުޅުންތެރިއެކެވެ. އޯޖާސްގެ އެކަޑަމީ އިން ތަމްރީނު ވެގެން އެޓީމާ އެކު ސީނިއާ ކެރިއަރު ފެށުމަށް ފަހު، ލިލް އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ސައުތެމްޓަން އަށް ކުޅުމަށް އޭނާ އެނބުރި އޯޖާސް އަށް ބަދަލުވީ 2020 ވަނަ އަހަރެވެ. އޭނާ އަނީ މިދިޔަ ސީޒަން ގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ވެސް މެ އެވެ.
މޮރޮކޯގެ ރަސްގެފާނުގެ އެކަޑަމީ އިން ތަމްރީނު ވިއަސް އޮނާހީ އޭނާގެ ސީނިއާ ކެރިއަރު ފެށީ ފްރާންސްގަ އެވެ. އަދި ފްރާންސްގެ ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ހޯދައި އޯޖާސް އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ.
ވޯލްޑް ކަޕް ގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް، މުބާރާތުގެ ހަތަރުވަނަ ހޯދި މޮރޮކޯ ޓީމު އެނބުރި ގައުމަށް ދިޔުމުން އެ ގައުމުގެ ރައްޔިތުން ވެސް ވަނީ ޓީމަށް ޗެމްޕިއަނުންގެ މަރުހަބާއެއް ކިޔައިފަ އެވެ. އަދި އެ ގައުމުގެ ރަސްގެފާނު ވަނީ ޓީމުގެ ކުޅުންތެރިންނަށް ހާއްސަ ލަގަބާ އެކު މެޑަލް ވެސް އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy