"މިހާރު"ގެ ނިއުސް ބަޖެޓް މީޓިންގައި ނޫސްވެރިންގެ ޓީމު މަޝްވަރާ ކުރަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
18 ޖެނުއަރީ 2023 - 10:33
ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެ ނޫން ވެސް ގޮތްގޮތުން "މިހާރު" ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަ އާއި ބަދުނާމުކޮށް، އަބުރު ގެއްލޭ ފަދަ ވާހަކަތައް ފަތުރަމުންދާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު އެކަން ކުށްވެރިކޮށްފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ "މިހާރު"ގެ ނޫސްވެރިންނަށް އެކި ގޮތްގޮތުން ފުރައްސާރަކުރަމުން ދާތީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ނަމާއި އަބުރު ރައްކާތެރިކުރުމާއި މިނިވަން ނޫސްވެރިކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަކަށް ވާއިރު، ކަނޑައެޅިގެން ވަކި ނޫސްވެރިންތަކަކަށް އަމާޒުކޮށްގެން ހިންގާ އެ ފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ތަހުޒީބު ވެފައިވާ ޑިމޮކްރަޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.
"މި ޖަމިއްޔާއިން ގަބޫލުކުރާ ހަމައަކީ ފާޑުކިޔަން ވާނެ ކަމާއި ނަމަވެސް, އެ ފާޑުކިޔުން ވާންވާނީ ޒާތީ ނުވެ, ބިނާކުރުވަނިވި ފާޑުކިޔުމަށް ކަމެވެ. ނަމަވެސް, މި ފަހުން 'މިހާރު' ގެ ނޫސްވެރިންނަށް އަމާޒުކުރަމުންދާ އަމަލުތަކަކީ މި ހަމައިން ބޭރު އަމަލުތަކެއްކަން މި ޖަމިއްޔާއިން ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
މިހާރު" ނޫހުން ނެރޭ ނޫސްބަޔާން" pic.twitter.com/sX2rEzW7zL
— Mihaaru (@Mihaarunews) January 16, 2023
ފުރައްސާރަކުރުން ގިނަވެ، "މިހާރު" އިން ބައެއް މައްސަލަތައް ފުލުހުންގެ އިދާރާ އަށް ހުށަހަޅައި, މަދަނީ މައްސަލަތަކެއް ހުށަހެޅުމަށް ވެސް ތައްޔާރުވަމުން އަންނާތީ، އެ ނޫހުން ހުށަހަޅާފައިވާ މައްސަލަތައް ވީ އެންމެ އަވަހަށް ތަހުގީގުކޮށް، ނޫސްވެރިންނަށް ލިބެން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އެމްޖޭއޭއިން ގޮވާލި އެވެ.
އެމްޖޭއޭއިން ބުނިގޮތުގައި، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެކި ފަންތިތަކުގައި ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން އެ ޖަމިއްޔާ އިން ވާނީ މީގެ ކުރިން ވެސް ކަމާ ގުޅޭ އެކި އިދާރާތަކާއި މުއައްސަސާތަކާ އަދި ސަރުކާރަށް ވެސް ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުންތައް ވީހާ ވެސް އަވަހަށް ތަންފީޒުކުރުމަށް އެ ފަރާތްތަކަށް އެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލި އެވެ.
އެ ޖަމިއްޔާ އިން ބުނީ ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ އެ ފަދަ އަމަލުތަކާ ގުޅިގެން، ކޮށްދެވެން ހުރި ކަންކަން ބަލައި، އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
19 January 2023
ހަޖަމް ވުމުގައި މައްސަލަ އެބަ ހުރި ދޮއްތަ؟
ކޮމެންޓްކުރާމީހާ
18 January 2023
ކޮން ފުރައްސާރައެއް ކޮށްގެންތަ ތިއުޅެނީ
ފަޒާރު
18 January 2023
އަހަރެން ނޫހެއް ކަމުގައި ބަލަނީ މިހާރު ނޫސް. ފަޒީނާ އަކީ ވަރަށް މޮޅު ލިޔުންތެރިއެއް. އިއްސޭގެ ލިޔުންތައްވެސް ވ ކަމުދޭ.
ރިޔާސް
18 January 2023
މިހާރުނޫހަކީ އެއްމެ އިތުބާރުހިފޭ ފެންވަރު ރަނގަޅު ލިޔުންލިޔާ ނޫހެއް..ލިޔުންތަކުގެ ފަސްކާފް ހަމަކޮށް ހުންނާނީ ހަމައެކަނި މިހާރު..އެކަމު މިފަހުން ވަރަށްބޮޑު ބަދަލެއް އައިސްފައިވާ ކަން އިނގޭ.
ށަވިޔަނި
18 January 2023
ދިވެހިބަހުން ނެރޭ ނޫސްތަކުން އަހަރެން ކިޔާ އަދި ކިޔާހިތްވާ އިތުބާރު ކުރާ ހަމައެކަނި ނޫހަކީ މިހާރު ނޫހެވެ. އެހެން ނޫހެއް ބަލާހިތް ނުވެއެވެ. އެހެންވީމާ ގިނަބަޔަކު ސަޕޯޓުކުރާ ނޫހަކަށްވެދާނެއެވެ. ނަތީޖާއަކަށްވާނީ ފުރައްސާރަ ކުރުމެވެ. ހަގީގަތުގައި މި ރާއްޖޭގައި ނެރޭ ނޫސްތަކުގެތެރެއިން މަށަށް އެންމެ ފެންވަރު ރަނގަޅުކަމަށް ގަބޫލުކުރެވެނީ މިހާރު ނޫހެވެ. އެނޫހަށް ލިޔާ މީހުންނެވެ.
ތެދެއް ތިބުނީ
18 January 2023
މިހާރު ނޫސް ވަރެއް ނެތެވެ! އެކަމަކު މަޝްހޫރު ދިވެހި އޮންލައިން ނޫހަކުން ހެޑްލައިން ގައި ވެސް "ބާޒާރުމަތީ، ބޭއަދަބީ ބަސްތައް" ދޭތެރެދޭތެރެއިން އެބަ ބޭނުން ކުރެއެވެ. ތަކުރާރުކޮށް އެފަދަ ބަސްތައް އެނޫހުގެ ހެޑްލައިންގައި ލިޔަނީ އެކަކު ކަން ފާހަގަ ކުރެވެއެވެ. އެއީ އަންހެނެކެވެ. އެމްޖޭއޭ އަކަށް އެތަނެއް ނުފެނޭ ހެއްޔެވެ؟ ނޫސްތަކުގައި ލިޔާ މީހުންގެ އަޚްލާޤް ރަނގަޅު ކުރުމަށް އެމްޖޭއޭ އިން އެއްވެސް ރޯލެއް އަދާކުރެވެން އޮތްނަމަ، އެކަން ކޮށްދެއްވާށެވެ!