ކުޅިވަރު

ޝެއިހް ސަލްމާނަށް ތިންވަނަ ދައުރެއް، އޭޝިއަން ކަޕް ސައުދީގައި

އޭއެފްސީގެ ރައީސްކަމަށް ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ށެިއހް ސަލްމާން (ކ) އާއެކު ފީފާގެ ރައީސް އިންފަންޓީނޯ.-- ފޮޓޯ: އޭއެފްޕީ

03 ފެބުރުއަރީ 2023 - 12:15

1 comments

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ ރައީސް ގެ މަގާމަށް ފީފާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް، ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ ތިންވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ރައީސްކަން ކުރައްވާ ޝެއިހް ސަލްމާން އިތުރު ހަތަރު އަހަރުގެ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވީ ބަހްރޭނުގައި މިދިޔަ ބުދަ ދުވަހު ބޭއްވުނު 33 ވަނަ އޭއެފްސީ ކޮންގްރެސް ގަ އެވެ.

"އިތުރު ހަތަރު އަހަރުގެ ދައުރަކަށް އަހަރެން މަގާމުގައި ބަހައްޓަން ނިންމީތީ އެންމެންނަށް ޝުކުރު ކުރަން. އޭޝިއާގެ ފުޓްބޯޅަ މިދަނީ މުޅިން އާ މިސްރާބަކަށް،" ފީފާގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު ޖިއާނީ އިންފަންޓީނޯ އާ ވާދަ ކުރެއްވި ޝެއިހް ސަލްމާން ވިދާޅުވި އެވެ.

އޭއެފްސީ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ދަށުން އޮންނަ ބައްރުތަކުގެ ފެޑެރޭޝަންތަކުގެ ތެރެއިން އެންމެ ބޮޑު ފެޑެރޭޝަނެވެ. ފީފާގެ މެމްބަރު 211 ގައުމުގެ ތެރެއިން 47 ގައުމު ނިސްބަތް ވަނީ އޭއެފްސީ އަށެވެ.

ޝެއިހް ސަލްމާން އެންމެ ފުރަތަމަ އޭއެފްސީގެ ރައީސްގެ މަގާމަށް ވަޑައިގެންނެވި އިރު އޭޝިއާގެ ފުޓްބޯޅަ އޮތީ ނުތަނަވަސް ހާލަތެއްގަ އެވެ. ދެހާސް ދެވަނަ އަހަރުން ފެށިގެން އޭއެފްސީގެ ރައީސްކަން ކުރި ގަތަރުގެ މުހައްމަދު ބިން ހަމަދު، ރިޝްވަތާއި މަސްލަހަތަށް ފުށުއަރާ މައްސަލަތަކެއްގެ ދައުވާގައި 2011 ވަނަ އަހަރު ފުޓުބޯޅައިން މުޅި އުމުރަށް ސަސްޕެންޑް ކުރުމާ ގުޅިގެން ވަގުތީ ގޮތުން އޭއެފްސީ ހިންގުމާ އޭރު ހަވާލުވެ ހުންނެވީ ޗައިނާގެ ޒޭންގް ޖިލޯންގް އެވެ.

ޝެއިހް ސަލްމާން އިތުރު ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމާ އެކު ފީފާގެ ރައީސް އިންފަންޓީނޯ ވަނީ މަރުހަބާ ދަންނަވައިފަ އެވެ. އަދި ޝެއިހް ސަލްމާން ވަނީ މި އަހަރުގެ ފީފާ އިންތިހާބުގައި އިންފަންޓީނޯ އަށް ތާއިދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

2027 ގެ އޭޝިއަން ކަޕް ސައުދީ އަރަބިއާގައި

އިންޑިއާ އިން މިދިޔަ ޑިސެމްބަރު މަހު ބިޑު އަނބުރާ ގެންދިޔުމާ ގުޅިގެން ސައުދީ އަރަބިއްޔާ އަކީ 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ބާއްވަން ބިޑް ކުރި ހަމައެކަނި ގައުމެވެ.

އޭއެފްސީގެ ރައީސް ޝެއިގް ސަލްމާން (ވ)، އޭޝިއަން ކަޕް 2027 ގެ ބިޑް ކާމިޔާބު ކުރި ސައުދީ އަރަބިއްޔާގެ ކުޅިވަރު މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް (މ) އާއެކު.-- ފޮޓޯ: އޭއެފްޕީ

"އަހަރެމެން މިތިބީ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ފުރިހަމަ މުބާރާތް ބާއްވަން ތައްޔާރަށް،" ސައުދީ އަރަބިއްޔާގެ ސްޕޯޓްސް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާ ވަނީ ތިން ފަހަރު އޭޝިއަން ކަޕް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް 2027 ވަނަ އަހަރު ވެގެންދާނި ސައުދީގައި އޭޝިއަން ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

ކުރިއަށް އޮތް ތާނގައި އެ ގައުމުން އަންނަނީ 2026 ވަނަ އަހަރުގެ އަންހެން އޭޝިއަން ކަޕާއި، 2034 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ އިތުރުން އާޓިފިޝަލް ސްނޯ ގައި 2029 ވަނަ އަހަރުގެ އޭޝިއަން ވިންޓާ ގޭމްސް ބާއްވަން ތައްޔާރު ވަމުންނެވެ.

ހަމަ އެއާ އެކު ފީފާ ވޯލްޑް ކަޕާއި ހޫނު މޫސުމުގެ އޮލިމްޕިކްސް އާއި ވިންޓާ އޮލިމްޕިކްސް ސައުދީ ގައި ބާއްވަން އެ ގައުމުން ޝައުގުވެރި ވެއެވެ.

"އަހަރެންނަށް ޔަގީން ސައުދީ އަރަބިއްޔާ އިން ވަރަށް ފުރިހަމަ އޭޝިއަން ކަޕެއް ބާއްވާނެ ކަން،" އޭއެފްސީ ކޮންގްރެސް ގައި ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވި އެވެ.

މި އަހަރުގެ އޭޝިއަން ކަޕް ޗައިނާ ގައި ބާއްވަން ކުރިން ހަމަޖެހިފައި އޮތަސް، ކޮވިޑް ގެ ސަބަބުން އެ ގައުމުގައި މުބާރާތް ނުބޭއްވޭތީ މިހާރު ހަމަޖެހިފައި ވަނީ ގަތަރުގައި މުބާރާތް ބާއްވާށެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޅޮ

03 February 2023

ސައުދީ މިހާރު އެހެރަދަނީ މެކުހަށްޖަހަމުން. ދެން އަތެއްނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454