ގދ. ނަޑެއްލާގެ ބަނދަރު: އެ ރަށުގައި މަސް ހިފަން މޫދަށް ފޭބި އުމުރުން ދުވަސްވީ މީހަކު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ވަނީ ފެނިފައި.
05 ފެބުރުއަރީ 2023 - 20:17
ގދ. ނަޑެއްލާގައި މަސް ހިފަން މޫދަށް ފޭބި އުމުރުން ދުވަސްވީ މީހަކު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ނަޑެއްލާގައި މިއަދު ހެނދުނު ދާ އަޅަން ދިޔަ މީހެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް މެންދުރުފަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މަރުވީ 68 އަހަރު ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
"މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު "މިހާރު" އަށް ވިދާޅުވީ މަރުވި މީހާގެ އާއިލާއިން އެއްވެސް މައުލޫމާތެއް އާންމުކުރަން ބޭނުންނުވާތީ އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.
މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ މީހާއަކީ ދޭތެރެއަކުން ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ މީހެކެވެ. މިއަދު ވެސް ފަތިސް ނަމާދަށް ފަހު އޭނާ ދަލެއް ހިފައިގެން މޫދަށް ދިޔަ އެވެ. ނަމަވެސް މެންދުރު ވީއިރު ވެސް އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނީ ގޮނޑުދޮށުގައި މަރުވެފައި އޮއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy