އައްޑޫ މޭޔަރު އަލީ ނިޒާރު: ބީއެމްއެލްއަށް ދައްކަން ޖެހޭ 1.2 މިލިއަން ރުފިޔާގެ ދަރަންޏެއް އޭނާ ވަނީ ދައްކައިފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
05 ފެބުރުއަރީ 2023 - 21:03
އައްޑޫގެ މޭޔަރު އަލީ ނިޒާރު 2016 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެންގެވި 1.2 މިލިއަން ރުފިޔާގެ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކަވާތީ ބޭންކުން އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް، އެ ދަރަނި އެއްކޮށް ދައްކައިފި އެވެ.
އެއްބަސްވުމާ އެއްގޮތަށް ލޯނަށް ފައިސާ ނުދައްކާތީ، އަލީ ނިޒާރާއި އެ ލޯނަށް ގެރެންޓީ ދިން މީހާއާ ދެކޮޅަށް ބީއެމްއެލް އިން ދައުވާކުރީ ޑިސެމްބަރު 7، 2022 ގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، އަލީ ނިޒާރާއި އޭނާގެ ގެރެންޓާ މިހާރު އެ ފައިސާ ދައްކައި ހަލާސްކުރައްވާފައި ވާތީ، ބީއެމްއެލްއިން މި މަހު އެކެއްގައި ދައުވާ ފޯމު ބާތިލުކުރަން ހުށަހެޅުމުން އެގޮތަށް ހުކުމްކޮށްފައިވާ ކަމަށެވެ.
އެ ހުކުމުގައި ބުނެފައިވާ ގޮތުގައި، އަލީ ނިޒާރުގެ އެދިވަޑައިގަތުމަށް އެހެން ފަރާތަކާ ބައިވެރިވެގެން އެ ލޯނު ނަންގަވާފައި ވަނީ ރަހުނެއް ބަހައްޓައިގެންނެވެ. ރަހުނެއްގެ ގޮތުގައި ބަހައްޓާފައި ވަނީ ސ. ހިތަދޫ ކްރެސް ގާޑެން ރެސްޓޯރެންޓާއި އެ ތަނުގެ އެންމެހާ މުދަލާއި ސ. ހިތަދޫ ހިޔަލާގެ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތަކެވެ.
އަލީ ނިޒާރާ ދެކޮޅަށް ބީއެމްއެލް އިން އުފުލި ދައުވާގައި އެދިފައި އޮތީ، އެ ލޯނާ ގުޅިގެން ދައްކަން ޖެހި، ނުދައްކާ ހުރި ހުރިހާ ފައިސާ އާއި ސާވިސް ޗާޖާއި އިންޓަރެސްޓާއި ޖޫރިމަނާ ފައިސާ އެކީ އެއްފަހަރާ ހޯދުމަށެވެ. ރަހުނުގެ އެއްބަސްވުމުގައި ހިމަނާފައި ހުރި ހުރިހާ އެއްޗެއް ރަހުނު ކުރެވިފައިވާކަން ކަނޑައަޅައި ދިނުމަށް ވެސް އެ ބޭންކުން ކޯޓުގައި އެދުނެވެ.
އަލީ ނިޒާރު ފޯނު ނުނަންގަވާތީ އެ ލޯނާ ގުޅިގެން އޭނާ ދައްކަން ޖެހުނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
އޭނާ 1.2 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ދެއްކެވިއިރު، މިިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ހުންނެވީ، އެ އިންތިހާބު ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހޫ
07 February 2023
ކޮބާތަ އޭސިސީއޭ
އިކޮނޮމިސްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
06 February 2023
އިއްޔެ ދަރަނިވެރިއެއް، މިއަދު އެދައްކާލީ 1.2މިލިއަން އެއްފަހަރާ. މިއީ ހަގީގީ އިކޮނޮމިސްޓުންނަކީ. ސަރުކާރުން އިއުލާން ކޮށްފައި އެއޮތް، ފިނޭންސް މިނިސްޓަރަށް ލަފާއަރުވާ އިކޮނޮމިސްޓްގެ މަގާމު އެއްވެސް ޝަރުތަކާ ނުލާ ނިޒާރަށް ދިނުމަށް ގޮވާލަން.
އައްޑޫ ކުއްދާ
06 February 2023
އިންތިހާބީ މަގާމެއްގައި ހުރުގެން ލިބޭ ފައިސާގެ ދެފުށް ފެންނަންޖެހޭ ދޯ؟
ބޮޑުމީހާ
06 February 2023
މީ ތަހުގީގުކޮށް ބަލަންޖެހޭ މައްސަލަތައް. މަހަކު 40 ހާސް ލިބުނަސް 3 އަހަރު ނަގާނެ 1.2 މިލިއަން ހޯދަން. ވެލާ ހިފުމަށްވުރެ އިސްކަންދީގެން ފުލުހާއި އޭސީސީން މިފަދަ މައްސަލަތައް ބަލަންޖެހޭ..މިގޮތަށް ހޯދާ ނާޖާއިޒް ނަހަލާލު ފައިސާގަ ޖެހި ގައުމުގެ ސިޔާސަތާއި އަދުލު އިންސާފު ނެތި މިދަނީ
ނަގޫ
06 February 2023
މިއަށް ކިޔަނީ ނަގޫ ފިތުން. އައްޑޫގެ ރައްޔިތުންނަށް ކިތަންމެހާވެސް ދެރަ މިކަހަލަ ނަގޫ ފިތިފައި ހުރި މޭޔަރެއް ލިބިފައިވާތީ.
އޮނަރަބްލް އަފީފު ދީދީ
06 February 2023
މަޖިލިސް މެންބަރަކަށް ހުންނެވި އިރުވެސް ނިޒާރުއަކީ "ފާޑަކަށް އުޅުނު މީހެއް" ކަމަށްވާތީ ނިޒާރު އާއި އޭރުގެ ބްރޯ "އަދީބް" އާއި ގުޅުވައިގެން މީހުން ވަރަށް ވާހަކަ ކިޔާއުޅުނު. # މިހާރު ވެރިކަމުގައި ހުންނެވިމީހާއަށް "އިތުރު ދައުރެއް ނުލިބޭނެކަން ކަށަވަރުވެފައިވާ ފަދައިން" އައްޑޫގެ މޭޔަރުވެސް ހުންނެވީ ހަމަ އެހާލަތުގައި ކަމަށްވާތީ "ލިބުނު ގޮތަކަށް ލިބުނު އެއްޗެއް ހޯދައިގެން" ދައުރު ނިމުމުގެ ކުރިން ދަރަނިތަކުން ސަލާމަތްވާން އުޅެނީ ކަމަށް ވެދާނެ.
ކާތިބު
05 February 2023
އޭސީސީ އަށް ގޮވާލަން. މިޒާތުގެ މައްސަލަތައް އަވަހަށް ހިހޫ ނުވަނީސް ބަލައި ރައްޔަތުންނަށް ސާފު މަޢްލޫމާތު ހާމަކޮށްދޭން. އެހެނީ މިބޭފުޅާއަކީ އައްޑޫ ސިޓީގެ ރައްޔަތުންގެ ވޯޓަކުން އެސިޓީގެ މޭޔަރު ކަމަށް ހޮވާ މިއަދު އެގޮނޑީގައި އިންނެވި ބޭފުޅާކަމުގައިވާތީ. ރައްޔަތުންގެ ހިތުގައި ޝައްކުއުފެދުނީމަ އެކަން ސާފުކޮށްދޭން ތި މުއައްސަސާއަށް އެބަޖެހޭ ނޫންތޯ؟ ބޭންކް ލޯނު ނުދެއްކި ޝަރީޢަތަށް ދިޔަފަހުން އެފައިސާ އެއްފަހަރާ ދެއްކިގޮތް ރައްޔަތުންނަށް އެނގެންޖެހޭ.
ޖަދަލޭ
05 February 2023
ފައިސާ ދައްކާނެ ގޮތެއް ނެތިގެން އުޅެނިކޮށް ވައްޓާލީ އެތެރޭގެ އިންތިހާބެއް - އަނެއް ލޯނު ނަންގަވައިގެން ރިޔާސީ ރޭހަށް ތައްޔާރު ވާންވީ
ގުދުގުދުލީބެއްޔާގެ ތެދުބަސް
05 February 2023
ރައީސްފަޅީގާ ހުންނަމީހަކު ހާސްވާންޖެހޭނެ އެއްވެސްކަމެއް ނޯންނާނެ.
ޢަލީ މަނިކު ދޮންބެ
05 February 2023
ހަދިޔާ ލިބުނީމަ ތިޔަކަހަލަ ކަންތައް ކުރެވޭނެ! ވަކި ފަޅިޔަކަށް އެރީމާ ވާނެ ފައިދާ މިހިރަ ދަނީ ފެންނަމުން
ބިލެތްދޮން
05 February 2023
ދޮން ބިލެތަށް 2 ރިސޯޓް ލިބުނީ ރައީސް ފަޅީގައި ހުރެގެން.