15 ފެބުރުއަރީ 2023 - 06:36
މައިކަލް ބީ. ޖޯޑަން މެއިން ކެރެކްޓާގެ ރޯލުން ފެންނަ "ކްރީޑް 3" އަކީ އޭނާ ފިލްމީ ކެރިއާގައި އެންމެ ފުރަތަމަ ޑައިރެކްޓުކުރާ ފިލްމެވެ. އެ ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ މާޗު މަހުގެ ތިން ވަނަ ދުވަހު އެވެ.
"ކްރީޑް 3" އަކީ ހޮލީވުޑް ބޮކްސް އޮފީހުގައި މަގްބޫލު "ރޮކީ" ސީކުއެލްގެ ނުވަ ވަނަ ފިލްމެވެ. ރޮކީ ފްރެންޗައިޒްގައި "ކްރީޑް" ގެ ފިލްމެއް އެންމެ ފުރަތަމަ ނުކުތީ 2015 އަހަރު އެވެ. ރޮކީ ފިލްމުތަކުގެ ޓައިޓަލް ކެރެކްޓާ، ސިލްވެސްޓާ ސްޓަލޯންގެ ރޮކީ ބަލްބޯއާ، ސަޕޯޓިން ރޯލަކުން ފެނުނު އެ ފިލްމުގެ މެއިން ކެރެކްޓާއަކީ އެޑޮނިސް ކްރީޑް (މައިކަލް ބ. ޖޯޑަން) އެވެ.
އޭގެ ފަހުން، 2018 ވަނަ އަހަރު "ކްރީޑް 2" ނެރުނު އިރު، "ކްރީޑް 3" އަކީ ރޮކީ ފްރެންޗައިސްގައި ސްޓަލޯން ފީޗާ ނުކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.
"ކްރީޑް 3" ގައި ފެންނާނީ، ކްރީޑްގެ ކުރީގެ ރައްޓެއްސަކު، 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު އެނބުރި ބޮކްސިން އަށް ނުކުމެ، ކްރީޑާ ކުރިމަތިލާ މަންޒަރެވެ. އެ ރޯލުން ފެންނާނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޮނަތަން މޭޖާސް އެވެ.
މިހާރު ނެރެފައިވާ ޓްރެއިލާތަކަށް ބަލާއިރު، އެންޑަސަން "ޑޭމިއެން" ޑޭމް (ޖޯނަތަން) 18 އަހަރު ޖަލުގައި ހޭދަކުރަން ޖެހުމުން، އޭނާގެ ބޮކްސިން ކެރިއާ ބީވެގެން ދިއުމުގެ ބަދަލު ހިފާނެ ކަމަށް ބެލެވެ އެވެ. އެއީ އޭނާގެ ދުވަސްވީ އެކުވެރިޔާ، ކްރީޑާ ވާދަކުރަން ޖެހުނަސް ހެޔޮ ކަމަށެވެ.
"ކްރީޑް 3" އެންމެ ފުރަތަމަ ޕްރިމިއާ ކުރަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެހެން ނަމަވެސް، އެ ފިލްމު ޕްރޮޑިއުސް ކުރި، އެމްޖީއެމް ސްޓޫޑިއޯސް އިން ވަނީ ރިލީޒް ކުރުން މާޗު މަހަށް ފަސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy