ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

ޒޯން 5 ގެ ފައިނަލުގައި ތިމަރަފުށްޓާއި ކުޑަހުވަދޫ

ތިމަރަފުށި (ކ) އަދި ކުޑަހުވަދޫ (ވ) ރޭ ކުޅުނު ޒޯން މެޗުތަކުގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން 5 ގެ ފައިނަލުގައި ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ތިމަރަފުށިން ފައިނަލަށް ދަތުރު ކުރީ ރޭ ފ. މަގޫދުއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި އަލީ ޝިފާއު (ރޮނާ) ތިމަރަފުށްޓަށް ދެ ގޯލު ޖަހައިދިން އިރު އާދަމް ނާސިހު (އާދަންނާ) ވެސް ގޯލެއް ޖެހި އެވެ. ކުޑަހުވަދޫ ފައިނަލަށް ދިޔައީ ތ. އަތޮޅުގެ ޗެމްޕިއަން ކިނބިދޫ 3-0 އިން ބަލިކޮށްގެންނެވެ. ކުޑަހުވަދޫގެ ލަނޑުތައް ޖަހައިދިނީ ޖުމެއިލް ޖަމީލް (ޖުމްބެ) އާއި ހާރޫން އިބްރާހިމް އަދި މާޔިޒް ވަހީދެވެ.

ކިނބިދޫ އާއި މަގޫދޫ ފުރަތަމަ މެޗުން ވެސް ބަލި ވެފައި ވާއިރު ތިމަރަފުށްޓާއި ކުޑަހުވަދޫ ވަނީ ޒޯން ބުރުގެ ފުރަތަމަ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފައިނަލް މެޗުގެ ކުރިން ލީގު ބުރުގައި ކުޑަހުވަދޫ އާއި ތިމަރަފުށި ބައްދަލު ކުރާނެ އެވެ.

ދިއްފުށި އަތުން ބަދަލުހިފައި ގާފަރު ޒޯން 3 ގެ ފައިނަލަށް

މުބާރާތުގެ މިދިޔަ އަހަރުގެ ރަނަރަޕް ކ. ގާފަރު ވަނީ ޒޯން 3 ގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް ކާމިޔާބުކޮށް މި ޒޯނުގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ގާފަރުން ވަނީ ފުރަތަމަ މެޗުގައި އއ. އަތޮޅުގެ ޗެމްޕިއަން ބޮޑުފޮޅުދޫ ބަލިކޮށްފަ އެވެ. އެ ޓީމު ޒޯން ފައިނަލުގެ ޖާގަ ޔަގީން ކުރީ، އަތޮޅު ފައިނަލުގައި އެ ޓީމު ބަލިކުރި ދިއްފުށްޓާ ވާދަކޮށް 3-1 އިން މޮޅުވެގެންނެވެ. ގާފަރުން މެޗުގައި ޖެހި ތިން ގޯލުވެސް ޖަހައިދިނީ ނާއިހު މުފީދު (ނާހު) އެވެ. ދިއްފުށީގެ ގޯލް ޖަހައިދިނީ އަހުމަދު މާޒިން އެވެ.

ދިއްފުށިން ވަނީ ޒޯން ބުރުގެ ފުރަތަމަ މެޗުގައި ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫ އަތުން މޮޅު ވެފަ އެވެ. މި ޒޯނުގެ ފައިނަލުގެ ދެ ވަނަ ޖާގަ ހޯދަން ފަހު މެޗުގައި ދިއްފުށި ނުކުންނާނީ ބޮޑުފޮޅުދޫއާ ދެކޮޅަށެވެ.

ބޮޑުފޮޅުދޫ އާއި ކުރެންދޫ ރޭ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. ކުރެންދޫގެ ފަހު މެޗުގައި ނުކުންނާނީ ގާފަރާ ދެކޮޅަށެވެ.

ޒޯން 4 ގެ ފައިނަލުގެ ފުރަތަމަ ޖާގަ މާމިގިއްޔަށް

ޒޯން 4 ގެ ފައިނަލުގެ ފުރަތަމަ ޖާގަ އދ. އަތޮޅުގެ ޗެމްޕިއަން މާމިގިލިން ހޯދީ ރޭ އެ އަތޮޅުގެ ފައިނަލުގައި ވެސް ވާދަކުރި މަހިބަދޫ 3-1 އިން ބަލިކޮށްގެންނެވެ. މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް މާމިގިލިން މެޗު ކާމިޔާބު ކުރީ ހިސާމް ސަލީމް (ކޮކީ) ގެ ދެ ގޯލާއި އަހުމަދު ނިޒާމް (ނިޒާމްބެ) ޖެހި ގޯލަކުންނެވެ.

މާމިގިލިން ވަނީ ޒޯން ބުރުގެ ފުރަތަމަ މެޗުގައި މ. ދިއްގަރު ވެސް ހަމަ މި ނަތީޖާއިން ބަލިކޮށްފަ އެވެ. މަހިބަދޫން ވަނީ ފުރަތަމަ މެޗުގައި މ. ނާލާފުށި ބަލިކޮށްފަ އެވެ.

މ. އަތޮޅުގެ ފައިނަލުގައި ކުޅުނު ނާލާފުށްޓާއި ދިއްގަރު ރޭ ބައްދަލުކުރި މެޗު 4-0 އިން ކާމިޔާބު ކުރީ ޗެމްޕިއަންކަން ހޯދި ދިއްގަރެވެ. އެޓީމުގެ އިބްރާހިމް ރިފާތު ތިން ގޯލު ޖަހައި ހެޓްރިކް ހެދިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު މިދުހަތު މަހުމޫދެވެ.

ޒޯން ބުރުގައި މިރޭ ކުޅޭ މެޗުތައް:

20:00 (ރެހެންދި ޓާފް 1 - ޒޯން 1 ސެމީ ފައިނަލް) : ހދ. ނާވައިދޫ - ށ. ފޯކައިދޫ

20:00 (ރެހެންދި ޓާފް 2 - ޒޯން 1 ސެމީ ފައިނަލް) : ށ. ކަނޑިތީމު - ހދ. ނޭކުރެންދޫ

21:00 (ރެހެންދި ޓާފް 1 - ޒޯން 8) : ހުޅުމާލެ - މައްޗަންގޮޅި

21:00 (ރެހެންދި ޓާފް 2 - ޒޯން 8) : ވިލިމާލެ - މާފަންނު

22:00 (ރެހެންދި ޓާފް 1 - ޒޯން 6) : ލ. ގަން - ގއ. ނިލަންދޫ

22:00 (ރެހެންދި ޓާފް 2 - ޒޯން 6) : ގދ. ވާދޫ - ގއ. މާމެންދޫ

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454