ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: ފިރިކަލުން ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތާއީދުކުރައްވައި ނަހުލާ ވޯޓު ދެއްވިޔަސް ރޭ ދެއްކެވީ މި ސަރުކާރުން ރައްޔިތުންގެ ފަސޭހައަށް ކުރިއަށް ގެންދާ މަޝްރޫއުތައް. --- ފޮޓޯ: ރައީސް އޮފީސް
16 މާޗް 2023 - 11:13
ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ފިރިކަލުން ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވަން ވޯޓު ދެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ގެންނަވާ ތަރައްގީން ލުއި ފަސޭހަތަކެއް ހޯދައިދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ތައުރީފް ކުރައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު ޖުމްހޫރީ ޕާޓީއަށް ދީފައި ވަނިކޮށް އިންތިހާބުގައި ވަކިން ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. މި ނިންމުމަށް ނަހުލާ ވެސް ތާއީދުކުރައްވައި ވޯޓު ދެއްވި އެވެ.
ކައުންސިލްގެ ނިންމުމަށް ފަހު ނަހުލާ ރޭ ވަނީ ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވަން ރައީސްއާ އެކު އެ ރަށަށް ވަޑައިގެންފަ އެވެ.
އެ ޖަލްސާގައި ރައީސަށް ތައުރީފްކުރައްވައި ނަހުލާ ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް އެހެން ހަރުފަތަކަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަަމަށެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކުރެވިއްޖެ ކަަމަށް ވިދާޅުވި އެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވަން ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ނަހުލާ. -- ފޮޓޯ: ރައީސް އޮފީސް
"ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައި ދެއްވާ، ގައުމު ބިނާކުރުމުގައި ތިޔަ ދައްކަވާ ސާބިތުކަމަށާއި އަޅުގަނޑުމެންނަށް މަނިކިުފާނު ދެއްވާ ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދިވެހި ރައްޔިތުންގެ ނަމުގައި ފަށްފަށުން ޝުކުރު ދަންނަވަން،" ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަން ކުރައްވާ ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަތުރުފަތުރުގެ ނިޒާމް އެއްވިއުގައަކުން ގުޅާލައި ރައްޔިތުންނަށް ވަނީ ލުއިކޮށްދީފަ އެވެ. ފަރެސްމާތޮޑާ އެއާޕޯޓުން ވެސް ރައްޔިތުންނަށް އިޖުތިމާއީގޮތުންނާއި އިގްތިސާދީ ގޮތުން އެތައް މަންފާއެއް ވެގެންދާނެ އެވެ.
ދަތުރުފަތުރުގެ ސިޔާސަތު ދުރު ރާސްތާއަށް ވިސްނައި މި ސަރުކާރުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވައި ނަހުލާ މިގޮތަށް ވާހަކަ ދެއްކެވީ، ސަރުކާރު ކޯލިޝަންގައި ވާދަވެރި ދެ ކެންޑިޑޭޓުންނަށް ތިބެވިދާނެތޯ އުފައްދާ ސުވާލު ހޫނުވެ، ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި، ރައީސްގެ ފެކްޝަންގެ މަންބަރުން އިއްޔެ ވެސް ގޮވާލާފައި ވަނިކޮށެވެ.
އެކަމަކު އެގޮތަށް އެކަން ކުރަން ނުޖެހޭ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާރު އޮތް ކޯލިޝަން ވެރިކަމަށް ގެންނަން މަސައްކަތް ކުރީ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް، ކޯލިޝަންގެ ތެރެއިން އެ ޕާޓީއަށް ދީފައިވާ ސްލޮޓްތަކެކެވެ. މި ދައުރު ނިމުމުގެ ކުރިން ޖޭޕީގެ އެއްވެސް ބޭފުޅަކު ސަރުކާރުން އިސްތިއުފާ ނުދެެއްވުމަށް ވެސް ގާސިމް ގޮވާލެއްވި އެވެ.
ޖޭޕީގެ ސްލޮޓްތައް ހުސްކުރާ ނަމަ ރައީސް ވެސް އިސްތިއުފާ ދޭން ޖެހޭނެ: ގާސިމް https://t.co/CVINwbICcd
— Mihaaru (@Mihaarunews) March 15, 2023
"...[ޖޭޕީގެ ސްލޮޓްތައް އަތުލާ ނަމަ] ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ. އެހެން ނޫން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލަން ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދެއްވާފައި ވަނީ އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ނޫން،" އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި މެންބަރުން ސަރުކާރުން އިސްތިއުފާ ދިނުމަށް ގޮވާލުމަކީ ލަދުވެތި ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދޮން
16 March 2023
ނަހޫ އެހެންއެބުނަނީ މިސަރުކާރުގަ ނަހޫގެ ހިއްސާވެސް އޮތީމަ ނަހޫއާގުޅުންހުރި ކަންކަން ރަނގަޅަށްދާކަމަށް އަންގަންވެގެން. އޭރުން ފަހުން ފިރިކަލުންގެ ކެމްޕޭނުގަވެސް ހަމަ އެގޮވެލިފަތި ގޮވޭނީ
ދޮން ހަސަނު
16 March 2023
މީތި ކަޑަ. ރައީސް އާއި އެކު ދަތުރުގައި ބައިވެރި ވެވިދާނެ. އަދި ތިވަރަށް ސަނާ ނުކިޔަސް ސްޕީޗްވެސް ދެވިދާނެ.
ޑޮކްޓާރ. ބަނާނާ
16 March 2023
އަރެމެން ރަޓުބަހުން މިއަށް ކިޔަނީ ދެފުއްކެހެރި..
ޤާސި މް
16 March 2023
ޝުކުރިއްޔާ
2023
16 March 2023
ޜައީސް އިބޫއާއެކު ނައިބަކަށް ނަހޫ ރަނގަޅުވާނެ.... ބޮއިހަލަކި
ދިޔަވަދޭ
16 March 2023
ފަހު ވަގުތު ފެައށް ޖެހެން ތިގޮތް ރަނގަޅުވާނެ
އެޑްމުންޑޯ
16 March 2023
ނަހުލާގެ މަގާމް ގެއްލިދާނެތީ ގަތްބިރުން ރައީސަށް ތައުރީފް އެކުރީ ،
ގުދުގުދުލީބެއްޔާގެ ތެދުބަސް
16 March 2023
ދެކޮޅުން ކެވޭނީ ދެކޮޅަށްވެސް ތައުރީފުކޮށްގެން.
ތައުރީފް
16 March 2023
އިބޫ ރައީސް އަކީ މީހަކުކުރާ ތައުރީފަކުން ކިޔާފާނެ އެއްޗަކަށް ބަލާނެމީހެއްނޫން. ވަގުތު ޖެހުމުން ރައްޔަތުންނަށް އެންމެ ފައިދާ ހުރިގޮތައް ކަންތައް ނިންމަވާނެ. އެހެން ރައީސެއްނަމަ ރޭގެ ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ވެސް ނުދިނީސް.
ހަލްކު
16 March 2023
މަޑުދުވެލިން ޖެޓުސުޕީޑު ދަތުރުފަތުރުގެ އިންގިލާބެއް މިގަޢުމައް ގެނަސް ދެއްވި ކުޅަދާނަ ލީޑަރަކީ ރައީސް ސޯލިހު ނޫން ފަހެ ކާކުތޯ!