މުނިފޫހިފިލުވުން / ވާހަކަ

އުންމީދު

ޔަޝްފާ އަބްދުލްޣަނީ

02 އެޕްރީލް 2023 - 06:41

9 comments

މިއަދު އަހަންނަކީ އެއްވެސް މަންޒިލެއް ނެތް މީހަކީމެވެ. މަންޒިލަށް ވާސިލްވާން އެރި ހަޔާތުގެ ސަވާރީން އަހަރެން ވެއްޓިއްޖެ އެވެ. ތެދުވާނެ ހިތްވަރެއް ނުލިބުނެވެ. ދާނެ ދިމާއަކަށްދާން އަހަރެންގެ ދިރިއުޅުން ހަވާލު ކޮށްފީމެވެ. ތަގުދީރުއާ އެވެ. ތަގުދީރު ނިޔާކުރި ގޮތެވެ. ބަދަލު ކުރެވޭނޭ ހެއްޔެވެ؟ ބަދަލު ކުރެވޭނަމަ އަހަރެންގެ ދިރިއުޅުން ބަދަލު ކުރީހެވެ. މާޒީ އަލުން ލިޔުނީމުހެވެ. މިއަދު އަހަރެން މިކުރާ ހިޔާލު ގުޅިފައިވަނީ ދިރިއުޅުމުގެ ސަފުހާތަކާ އެވެ. ދިރިއުޅުން އަހަރެންނަށް ދެއްކި ކުލަތަކާ އެވެ. އަހަރެންގެ ހަޔާތް ފެށުމުގައި އެހެން މީހުންނަށް ކުރެވުނު ކުށްތަކާ އެވެ.

"ތީ ނަހަލާލު ދަރިއެއް. ދަރި ލިބުނީމާ ލޯބިވެރިން ދުނިޔެއާ ކުރިމަތިލާން ނުކެރިގެން ފުރާނަ ދުއްވާލި ދެ ފިޑިންގެ ދަރިއެއް." ބައްޕަގެ އަލަތު އަނބިމީހާގެ ނަފުރަތުގެ ބަސްތައް އަހަރެންގެ ހިތް ކަތިލާލިއެވެ.

އޭރު އަހަންނަށް 16 އަހަރު ފުރިއްޖެ އެވެ. އެ ހަބަރުން އަހަރެންގެ ހިތް ކުދިކުދިވެގެން ދިޔަ އެވެ. ހިނދު ކޮޅެއްގެ ތެރޭގަ އެވެ. ހަގީގަތުގައި އިންސާނާގެ ދުލަކީ ބާރުގަދަ ގުނަވަނެކެވެ. ތޫނު ހަތިޔާރެކެވެ. ބައްޕަގެ އަންހެނުން ބުނެދިން ގޮތުގައި، އަހަންނަކީ އެ މީހުންގެ އުފާވެރި ދިރިއުޅުމުގެ ހަލާކެވެ. ބައްޕަގެ މަރުގެ ސަބަބެވެ. މިކަން އެނގުމުން އަހަރެން ދިރިހުއްޓައި ވަޅުލި ކަހަލަ އެވެ. އަހަރެންގެ ފުރާނައިގެ އަގެއް ނެތެވެ.

ދިރިއުޅުމުގެ މަގުސަދު އޮޅިއްޖެއެވެ. ފުރާނަ އަށް ވުރެ ބޮޑަށް ލޯބިވެވުނީ އަހަރެންގެ ދިރިއުޅުމުގައި ނެތް ބައެއް ދެކެއެވެ. އިންތިޒާރުގެ ނިމުން މިހާ ހިތިވާނޭ ކަމަކަށް ޚުދު އަހަރެން ވެސް އުންމީދެއް ނުކުރަމެވެ. އަހަރެންގެ އަމިއްލަ ނަފްސު އަހަންނަށް ނަފުރަތު ކުރަމުން ދިޔަ އެވެ.

އެންމެ ފުރަތަމަ ދުނިޔެ އަށް ލޯހުޅުވުނު ވަގުތުން ފެށިގެން ވެސް އަހަންނަކީ އެހެން މީހުންނަށް ބުރައަކަށް ވެފައިވާ ކުއްޖަކީމެވެ. ބާކީވެ އެއްފަރާތް ވެފައިވާ ފުރާނައެކެވެ. މަގު ހިނގާ މީހުންނަށް އުނދަގޫވެގެން އެއްފަރާތްކޮށްލާ ގައުކޮޅެއް ފަދައިންނެވެ. ޚުދު އަހަންނަކީ އަހަރެންގެ ބައްޕަ އަށް ކުރެވުނު ކުށުގެ ދިރިހުރި ނިޝާނެވެ. އަހަންނަކީ ފޮރުވަން މަސައްކަތް ކުރި ސިއްރެވެ. އާއެކެވެ. އަހަންނަކީ ކައިވެނީގެ ބޭރުން ލިބުނު ކުއްޖެކެވެ. އަހަންނަކީ ހުއްދަ ނޫން ގުޅުމެއްގެ ނަތީޖާ އެވެ. އެ ނިޝާނެވެ.

"ތި ސުންޕާ ދަރި މިތަނުން ދުރަށްލާ،" މަންމަގެ ފުރަތަމަ ބަހަކީ އެއީއެވެ.

އެއީ މަންމައެއް ހެއްޔެވެ؟ އޭނާގެ މައިވަންތަކަން ހަރުހިލަ ދަޔަކަށްވުރެ ވެސް ހަރެވެ.

އަހަންނަށް ހޭން ދަސްކޮށްދޭނެ މަންމައެއް ބައްޕައެއް ނެތެވެ. އާއެކެވެ.

"ކަލެއާ ހެދި މަގުމައްޗަށް ނިކުންނަން ނުކެރޭ. މަގޭ ލޯމަތިން ފެއްސިގެން ދޭ." ބައްޕަ އަމަލުކުރި ލަދުވެތިގޮތް ރަށު އެންމެންނަށް އެނގެއެވެ.

ރަށުގެ މަލާމާތް ބައްޕަ އަށް ރައްދުވި އެވެ. އެ ނިޝާނުގެ ސަބަބުން ބައްޕަގެ ދިރިއުޅުން ބަރުބާދުވި ސަބަބެވެ. ކުރެވުނު ކުށާ ކުރިމަތިލާކަށް ބައްޕައަކަށް ނުކެރުނެވެ. މުޅި ދުނިޔެ އަށް ބޭޒާރުވީތީ އެވެ. ހަގީގަތް ފަޅާއެރީތީ އެވެ. ދިރިއުޅެމުން ދިޔަ ކައިވެނީގެ ގޮށް މޮހި، ދިރިއުޅުން ބޮއްސުން ލައިގެން ދިޔައީތީ އެވެ. ދުނިޔޭގެ ލަދަށް ކެތް ނުކުރެވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ބައްޕަގެ އަމިއްލައަށް ފުރާނަ ނަގާލުމެވެ. ދަންޖެހިގެންނެވެ.

"ނާޖާއިޒު ގުޅުމަކުން ޖާއިޒު ދިރިއުޅުމަކަށް ހުވަފެންދެކެން ހުންނާނެ ހިތްވަރެއް ދެނެއް ނެތް." ބައްޕަގެ ނޯޓުކޮޅު މަންމަ އަށް ފޮނުވި ކަމަށްވި އެވެ. އޭރު އަހަންނަށް ތިން މަސް ވެސް ނުވެއެވެ. ބައްޕަ ފަދައިން، އަހަރެން ބަނޑުއަޅާވިހޭ މަންމަ އަށް ވެސް އަހަންނާ ކުރިމަތިލާން ނުކުޅެދުނެވެ.

ބައްޕަ ދަންޖެހުމުން މަންމަގެ ލޯބި ވެސް ބީވީއެވެ. އޭގެ ސަބަބުން އިތުރަށް މަންމަ އަހަރެން ބޭނުން ނުވީއެވެ. އަހަރެން އެކަނި ކޮށްލީ އެވެ. އަހަންނަށް ޖެހިފައި ވަނީ ކުޅިބަލަން ހުރުމެވެ. ބައްޕަ ވެސް ގެއްލި ދިޔައީ އެވެ. މުޅި އުމުރަށެވެ. މަންމަ ވެސް ދިޔައީ އެވެ. އެހެން ދިރިއުޅުމެއް ފެށުމަށެވެ. އަހަންނާ ދުރަށެވެ. އެހައިތަނުން އަހަރެން ބެލުމުގެ ޒިންމާ ނަގާ ކޮނޑަށްލީ އަހަރެންގެ މަންމަ ފަރާތު މާމަ އެވެ. ވަރަށް ހިތްވަރާ އެކުގަ އެވެ. ދުނިޔޭގެ ލަދާ ކުރިމަތި ލަމުންނެވެ.

ދުވަހަކަށް ފަހު ދުވަހެއް، ފާއިތުވަމުން ދިޔަ އެވެ. މާމަގެ ބެލެނިވެރިކަމުގައި ހުރެ އަހަރެން ބޮޑުވަމުން އައީ އުފަލާއި މަޖަލުގައެވެ. އަހަންނަށް ހިނިތުންވާން ދަސްކޮށްދިނީ މާމަ އެވެ. އިނގިލިކޮޅު ލައިގެން ހިނގާން ދަސްކޮށްދިނީ މާމަ އެވެ. އެއްވެސް ޝަކުވާއެއް ނެތި އެވެ. އަހަރެންގެ ހަގީގަތް މާމަ ފޮރުވާފައި ބޭއްވި އެވެ. އަހަރެން ދެރަވެދާނެތީ ތޯއްޗެކެވެ.

"މަންމަވީ ބޭސްފަރުވާއަކަށް ބޭރަށް ގޮސް. ބައްޕަ ވަނީ މަންމަގެ ބޭސްފަރުވާ އަށް ފައިސާ ހޯދަން ބޭރު ގައުމެއްގެ ވަޒީފާއަކަށް ގޮސް. ދަރިފުޅު ދެރަނުވޭ. މާމަ މިހުރީނު." މާމަގެ އެ ވާހަކަތައް އަހަރެން ގަބޫލު ކުރީމެވެ. މަންމައާ ބައްޕަގެ އިންތިޒާރުގައި ދިރިހުރީމެވެ. ކެތްތެރިކަމާ އެކުގަ އެވެ.

ބައްޕައިން ދަރިންނަށް ލޯބިދޭ މަންޒަރު ބަލަން ދުރުގައި ހުންނަމެވެ. ލޮލަށް ޖަމާވެ ބަރުވަމުން އަންނަ ކަރުނައިން އެ މަންޒަރު ފުސްވެގެން ދިޔަޔަސް މެއެވެ.

ބައެއްފަހަރު ހިތަށް އަރައެވެ. މަންމަ އަށް އަހަރެން ފެނުނަސް މިހާރު އެނގޭނެ ހެއްޔެވެ؟ މަންމަ އަހަރެންގެ މަތިން ހަނދާން ނުވަނީ ހެއްޔެވެ؟ މަންމަ އަހަރެންދެކެ ލޯބި ނުވަނީ ހެއްޔެވެ؟ އަހަންނަށް އެ ލޯބި ލިބުމެއް ނުވޭ ހެއްޔެވެ؟ އަހަރެން އެހާ ބަދުނަސީބީ ހެއްޔެވެ؟ ލޯބީގެ ފުންކަނޑެއް އަހަންނަށް ނުވަނީ ހެއްޔެވެ؟ އަހަންނަށް އެ ކަނޑުން އަތްގޮށްޓެއްގެ މިންވަރު ވެސް ހައްގު ނުވަނީ ހެއްޔެވެ؟ ލޯތްބަކީ އަހަރެންގެ ވެސް ހައްގަކަށް ވީހިނދު، ބައްޕައާ މަންމަ އެ ހައްގަށް ހިޔާނާތްތެރި ވަނީ ހެއްޔެވެ؟

މަންމަގެ އުފަލަށްޓަކައި އަހަރެން ކިޔަވަން މަސައްކަތް ކުރީމެވެ. ލޮލަށް ނުފެނި ބޮޑުވިއެއް ކަމަކު، މަންމަމެން ފަހުރުވެރިވާ ފަދަ ނަތީޖާ ހޯދުމަށްޓަކައެވެ. މަންމަ އަންނާނެ ދުވަހަކަށް ފޫހިކަމެއް ނެތި އިންތިޒާރު ކުރީމެވެ.

ނަމަވެސް އެ ދިގު އިންތިޒާރަށް ނިމުން އައީ އަހަންނަށް އަހަރެންގެ ހަގީގަތް އެނގުނު ހިސާބުންނެވެ. ރޭގަނޑުގެ ނިދިން އަހަރެން މަހުރޫމްވާން ފެށިއެވެ. މުޅި ދުނިޔެ އަށް އަހަރެން އެކަނިވެރި ވެއްޖެ އެވެ. ބޭޒާރު ވެއްޖެ އެވެ. ބާކީ ވެއްޖެ އެވެ. އަހަރެން ކުރި ދިގުއިންތިޒާރުގެ ހަނދާންތައް އަހަރެންގެ ސިކުނޑީގައި ބިންވަޅު ނެގެމުން ދިޔަ އެވެ. މާމަ އަހަންނަށް ކިޔައިދީފައި ހުރި ވާހަކަތައް ހަނދާންވެ، ރޮވުން ނޫން ކަމެއް ނުވެއެވެ.

އަހަރެން ހަނދާންވި އެވެ. ކުލާހުން އެއްވަނަ ހޯދަމުން ދިޔަ ދުވަސްވަރުގެ މަތިންނެވެ. ބައްޕައާ މަންމަ ފަހުރުވެރި ކުރުމަށްޓަކައި އަހަރެން އަމިއްލަ ނަފްސަށްވީ ވައުދު ފުއްދަމެވެ. މަތީ ވަނަތަކަކީ އަހަރެންގެ މަންމަ އާއި ބައްޕަ އަށް ޓަކައި ހޯދަމުން އައި ކާމިޔާބީ އެވެ. ވީއިރު އަހަންނަށް އޮތް އިނާމަކީ މިއީ ހެއްޔެވެ؟ މަންމައާ ބައްޕަގެ ތައުރީފުގެ އަޑު އެހުމަށްޓަކައި އަހަރެން ކިހާ އިންތިޒާރެއް ކުރިން ހެއްޔެވެ؟ ޚުދު އަހަރެން ވެސް ދުނިޔެ ދަސްކުރަން ބޭނުން ވަނީ އަހަރެންގެ މަންމައާ ބައްޕަގެ ނަސޭހަތުންނެވެ. ނަމަވެސް އެ މަންމައާ ބައްޕައަކީ ދުވަހަކު ވެސް އަހަރެންގެ ދިރިއުޅުމުގައި ވީވެސް ބައެއް ނޫނެވެ. ވީއިރު އަހަރެން ހުރިހާ ކަމަކަށް ޝުކުރުވެރިވުން ހައްގީ ހެއްދެވި ފަރާތް ފިޔަވައި، އަހަރެންގެ މާމައަށް ނޫން ހެއްޔެވެ؟

"މަންމަ އާއި ބައްޕަ ކަހަލަ ފިނޑިއަކަށް މަށެއް ނުވާނަން. ކިޔަވައި މޮޅުވެ ރަނގަޅު މީހަކާ އިންނާނަން." އަހަރެން މާމަ ގާތު އަބަދު ވެސް ބުނަމެވެ.

މަންމަ އާއި ބައްޕަ ކުރިމަތިލާން ނުކުޅެދުނު ހަގީގަތާ އަހަރެން ކުރިމަތިލާން ނިންމީމެވެ. އެއީ އަހަރެންގެ އަމިއްލަ ނަފުސާ އެވެ. އަމިއްލަ ދިރިއުޅުމާ އެވެ. އަހަރެން ކުރީން ވެސް ކިޔެވުމަށް ކުރަމުން އައި ބުރަ މަސައްކަތް، އާ އުންމީދަކާ އާ ހިތްވަރަކާ އެކު ފެށީމެވެ. ނަމަވެސް އެއީ ބާކީވި މަންމައާ ބައްޕަގެ ލޯބި އެއްވެސް ފޫހިކަމެއްނެތި ދެމުން އައި މާމަ އަށް ޓަކަ އެވެ. އޯލެވަލްގެ އިމްތިހާނު ބޯމަތިވެފައި އޮތުމުން އަހަރެންގެ ހުރިހާ ވަގުތެއް ކިޔެވުމަށް ގުރުބާން ކުރީމެވެ. އެހެން ނަމަވެސް މާމަ އަހަންނަށްޓަކައި ކޮށްދެމުންދާ އެއްވެސް ކަމެއް އަހަރެން ހަނދާން ނައްތައެއް ނުލަމެވެ. އުފަލާއެކު ބަލައިގަންނަމެވެ. ހިތުގެ ފުންމިނުން ޝުކުރުވެރި ވަމެވެ.

"ދަރިފުޅު ތިހޯދި ކާމިޔާބީއަކީ ދަރިފުޅުގެ ބުރަ މަސައްކަތާއި ހިތްވަރު." މާމަ އަހަރެން ގައިގާ ބައްދާލިއެވެ.

ުއޯލެވެލް އިމްތިހާނު ނިމި ނަތީޖާ ލިބުނު ދުވަހަކީ އަހަރެންގެ މާމަގެ ލޯ ކަރުނުން ތެންމާލި ދުވަހެކެވެ. އުފަލުންނެވެ. މާމަ ކޮށްދިން ބުރަ މަސައްކަތުގެ އަގު އަދާކުރީ ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނިގެންނެވެ. އެ ދުވަހުން ފެށިގެން މުޖުތަމައން ނުލިބުނު ލޯބި އަހަންނަށް ލިބެން ފެށި އެވެ. އަވަށްޓެރިންގެ ފަރާތުން ނުލިބުނު އޯގާތެރިކަން ލިބެންފެ ށި އެވެ.

"ދިރިއުޅުމުގެ ދަތުރު އަދި އޮތީ ކުރިއަށް. ހިތްވަރާ އެކު ކުރިމަތިލާ. މާމަ ހަމަ މި ގޮތުގައި ހުންނާނަން." މަތީތައުލީމު ހާސިލުކުރަން އޮސްޓްރޭލިޔާ އަށް ދިއުމުގެ ފުރުސަތު، ލިބުމުން މާމަ ބުންޏެވެ.

ނުދާން އުޅެފައި ވެސް އަހަރެން އޮސްޓްރޭލިޔާ އަށް ދާން ނިންމީމެވެ. މާމަގެ އެދުމާ އެކުގަ އެވެ. މާމަ ދޫކޮށްލާފައި ދާކަށް އެއްގޮތަކަށް ވެސް ހިތެއް ނުރުހެވެއެވެ. މުސްކުޅިބަލީގެ ވޭނީ ދުވަސްތައް މާމަ ތަހައްމަލު ކުރަމުން ދާތީއާ ވެސް އެކުގަ އެވެ. ނަމަވެސް މިފަދަ ފުރުސަތެއް ދެން ނުލިބިދާނެތީވެ، މާމަގެ އެދުމުގެ މަތީން އަހަރެން އޮސްޓްރޭލިޔާ އަށް ކިޔަވަން ދާން ނިންމީމެވެ. އެއީ އަހަރެން ކުރިއަށްދާން ބޭނުންވާ ދާއިރާ އަށް ވެފައި، މި ކޯސް ހަދައިފި ނަމަ، ދާއިރާއިން އިތުރަށް ކުރިއަށް ދާން ފަސޭހަވާނެތީވެ، އަހަރެން ހުރީ ހިތްހަމަޖެހިފަ އެވެ.

ކޯސް ފެށުމުގެ މަހެއްހާ ދުވަސް ކުރީން އަހަރެން އޮސްޓްރޭލިޔާ އަށް އައީ ކޯހުގެ ކުރިން ކުރަން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެއްސުމަށެވެ. އަދި އަހަރެން އެ އާ މުޖުތަމައަށް ހޭނުމަށެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކާ އެކު، މާމަމަތިން ހަނދާންވާލެއް އިތުރުވަމުން ދިޔަ އެވެ. އެހެންކަމުން، އެންމެ މަދުވެގެން ދުވާލަކު އެއްފަހަރު މާމައާ ގުޅަމެވެ.

މާގިނަ ދުވަހެއް ނުވެ ކިޔަވަން ފެށުނެވެ. އައު އުންމީދުތަކާ އާ އަޒުމެއްގައި އަހަރެން ކޮލެޖަށް ދާން ފަށައިފީމެވެ. ފުރަތަމަ ދުވަސްކަމުން، ހުރިހާކުދިން ވެސް ތިބީ ތަންކޮޅެއް ބީރަށްޓެހި ކޮށެވެ. ނަމަވެސް މާ ގިނައިރެއްނުވެ އެކަކު އަނެކަކާ ތައާރަފުވާން ފެއްޓުނެވެ. މުޅިތަނަށް ވެރިވެގެން ދިޔައީ މަޑު ހުނުމުގެ އަޑެވެ.

"މާޝާﷲ. ހާދަ ރީތި ފިރިހެނެއް،" ކައިރީގައި އިން ކުއްޖާ ބުނެލި އެވެ.

ކުއްލިއަކަށް އެންމެންގެ އަޑު އެއްފަހަރާ ކެނޑިގެންދިޔައީ ކުލާހަށް ވަންނަން އައި ޒުވާނާ ފެނިފަ އެވެ. އަހަރެންގެ ހިތަށް ވެސް އެހިނދު ކުއްލި ސިހުމެއް ވެރިވެގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އަހަންނަށް ވާންފެށި ގޮތް ޚުދު އަހަންނަށްވެސް ބުނެދޭކަށް ނޭގެއެވެ.

އެހެރަ ފިރިހެންވަންތަ ހަށިގަނޑެކެވެ. އެހަށިގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ އޭނާގެ ދިގު އިސްކޮޅާ ފުޅާ ބައިމައްޗެވެ. އެލޮލުގައިހުރި މަސްތީ ނަޒަރެވެ. އެ ލޮލުގައިވާ ތޫނު ކަމެވެ. އަހަރެންގެ ހިތް ޒަޚަމް ކޮށްލައިފި ކަހަލައެވެ. އެއަޑުގެ ޖާދުވީ ރާގެވެ. ރީތިކަމުގެ ލާމަސީލެކެވެ. މިހާރު އަހަރެން އިޙުސާސްކުރަމުން މިދަނީ އާ ކަމެކެވެ. ދުވަހަކުވެސް އެފަދަ އިހުސާސެއް އަހަންނަށް ކުރެވިފައެއް ނެތެވެ.

ފުރަތަމަ ނަޒަރުން އެޒުވާނާ އަހަރެންގެ ހިތް ކަތިލައިފި އެވެ. އަހަންނަށް ލޯބި ވެވެނީބާވައޭ ހިތަށްވަނެވެ. މިފަދަ އެތައް ހިޔާލެއް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދަނިކޮށް، އެނާ ކުލާހަށްވަދެ އަމިއްލަ އަށް ތައާރަފު ވެލި އެވެ.

"ހައި މައުރީން... އިތުރު އެހީ ބޭނުންނަމަ ގުޅާ." ޖަވާޒް ބުނެލި އެވެ. އެއީ އަހަރެމެންގެ ގުޅުމުގެ ފެށުމެވެ. ހިނދުކޮޅަކަށް ވެސް އެއީ އަހަންނަށް ކިޔަވައިދޭ ޓީޗަރު ކަމެއް އަހަންނަށް އިހުސާސެއް ނުވިއެވެ.

އެ ދުވަހުން ފެށިގެން އަހަރެންގެ ފިކުރުތަކާ ޖަވާޒް ގުޅުނެވެ. އަހަރެންގެ ހުވަފެނީ ހިޔާލުތަކުގައި ޖަވާޒް ރަސްކަންކުރަން ފެށި އެވެ. ރޭގަނޑުގެ ނިންޖަށް ދެ ލޯ އުޒުރުވެރިވާން ފެށިއެވެ. އަހަރެންގެ ކިޔެވުމާ ދުރަށް ޖެހެވެން ފެށުނެވެ. މިކަން އަހަންނަށް ރޭކާލީ މާފަހުންނެވެ. ވާނީ ވެސް އެހެންތާ އެވެ. މިހާރު އަހަންނަށް ދެލޯ މަރާލިޔަސް ފެންނަނީ ޖަވާޒް ވިއްޔާ އެވެ. ދެ ލޯ ހުޅުވުމަށްފަހު އެންމެ ފުރަތަމަ ފެންނަ ތަސްވީރަކީ ވެސް ޖަވާޒް އެވެ. ކިޔެވުމާ އަދި އަމިއްލަ ފުރާނަޔަށް ވުރެ ވެސް ބޮޑަށް ޖަވާޒް ދެކެ ލޯބި ވެވެނީތާ އެވެ.

އިރާއި ހަނދު ދައުރުވާހެން އަހަރެންގެ ހަޔާތުގެ ދުވަސްތައް ފާއިތުވަމުން ދިޔަ އެވެ. އެއިން ކޮންމެ ދުވަހަކީ ވެސް ޖަވާޒްދެކެ ވާ ލޯބި އިތުރުވެގެންދާ ދުވަހެކެވެ. ދުވަސްތައް ފާއިތުވާވަރަކަށް އަހަރެންގެ ހިތް ޒަހަމްވާލެއް ބޮޑުވަމުން ދިޔަ އެވެ. ޖަވާޒަށްޓަކައި ހިތުގައިވާ ލޯބި އިތުރުވަމުން ދިޔަ އެވެ. އަހަރެންގެ ހިތުތެރޭގައި އެ އިޙުސާސްތައް ފޮރުވާފައި ބަހައްޓަން އުނދަގޫ ވާން ފެށި އެވެ. އިންތިހާ އަށް ލޯބި ވެވުމުންނެވެ.

"އެކަމަކު ޓީޗަރެއްގާތު މިވާހަކަ ދައްކާނީ ކިހިނެއް؟" މާމަގާތު ބުނީމެވެ. މާމަ އެ ދުވަހު ވަރަށް ނަސޭހަތް ދިނެވެ. މަންމަ ހެދި ކަހަލަ ގޯހެއް ނުހެދުމަށެވެ.

ނަމަވެސް މި ހިތަށް ކެތްކުރަން އުނދަގޫވި އެވެ. ހިތަކީ އަމިއްލަ ބާރުގައި ވާއެއްޗެއް ނޫނެވެ. ހިތު ތެރޭގައިވި އެ އިހުސާސްތައް އޮއްބާލަން މަސައްކަތް ކުރީމެވެ. އެގޮތުގައި ކިޔެވުމުގެ ފުރަތަމަ ދެ އަހަރު ވޭތުވެގެން ދިޔައެވެ. ނުހަނު ވޭނުގަ އެވެ.

"އިތުރު އެހީ ބޭނުން ނުވާތީ ނުގުޅަނީ،" ޖަވާޒު އަހަރެން ނުގުޅާތީ ޝަކުވާ ކުރި ދުވަހެއްގައި ބުނީމެވެ.

އަހަރެންގެ ހަޔާތުގެ ސަފުހާތައް އުކެމުން ދިޔައެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން އަހަރެން މިއަދު ވެސް ކޮލެޖަށް ދިޔައީ ވަރަށް ނަލަހެދިގެންނެވެ. ޖަވާޒުގެ ލޮލުގެ ޝިކާރަޔަކަށް އަހަރެން ވޭތޯ އެވެ.

ކެތްތެރިކަމާ އެކު އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އަހަރެންގެ ލޮލުގެ ނޫރަށެވެ. ހިތުގެ ވިންދަށެވެ. އެ ސޫރަ އެންމެ ފަހަރަކު ފެނިލިޔަސް ހިތް ފުރެއެވެ. ފޫހިކަމެއް ނެތި ބެލެއެވެ. އެ ހިނިތުންވުމަށެވެ. މާގިނަ އިރުތަކެއްނުވެ އަހަރެންގެ ހިތުގެ ރާޖާ އައެވެ. ހާދަ ފުރިހަމަ އެވެ. އަނގައިން ބަސްހުސްވި އެވެ. މުޅި މީހާ ގަނޑުވި އެވެ. އަހަރެންގެ ހިތް ބުނަމުންދިޔަ އެވެ. ޖަވާޒް އެވެ. މިކަން ނޭނގޭ ހެއްޔެވެ؟

ކުލާސް ފެށިގެން ކުރިޔަށް ދިޔަ އެވެ. އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ފިލާވަޅަށް ސަމާލުކަން ދެވޭތޯ އެވެ. ނަމަވެސް އަހަރެންގެ ސަމާލުކަން ދަމައިގެންފައި ވަނީ ޖަވާޒް އެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަހަރެންގެ ހިތް ރޮމުން ދިޔަ އެވެ. މިއަދު ޖަވާޒްގެ އެންމެ ފަހު ފެނިލުމަށް ވީތީއެވެ. ތިން ގަޑިއިރުގެ ކުލާސް ވެސް އަހަންނަށް އިހުސާސްވީ ލޯމަރާލާފައި ހުޅުވާލިހެންނެވެ. ވަގުތު ދިޔަލެއް އަވަސްކަމުންނެވެ.

ކުލާސް ނިމުނުގަޑީގައި އަހަރެންގެ ފޯނު ރިންގުވާން ފެށި އެވެ. އަވަސްއަވަހަށް ފޯނު ކަނޑާލުމަށްފަހު، ސައިލެންޓު މޯޑަށް ބަދަލު ކޮށްލީމެވެ. އޭރު ޖަވާޒްގެ ބެލުންހުރީ އަހަންނާ ދިމާއަށެވެ. ހަތަރުކަޅި ހަމަވެގެން ދިޔައިރު އަހަރެން އިނީ އަތްފައިފިނިވެ ގުޑާލަން ވެސް ނޭނގިފަ އެވެ. އަހަރެންގެ ސަމާލުކަން އަނެއްކާ ވެސް އަތުލީ އަހަރެންގެ ފޯނެވެ. އެ ގުޅަމުންދަނީ މާމަގެ ނަންބަރުންނެވެ. މާމަ އަށް އަހަރެން ކުލާހަށްދާ ވަގުތުތައް އެނގޭތީ، ދުވަހަކު ވެސް މިގަޑިއަކު ގުޅައެއް ނަހަދަ އެވެ. އެހެންވެ އަވަހަށް ފޯނުނަގައި ކަންފަތުގައި ޖައްސައިލީމެވެ.

"އެކޮއި މާމަ ނިޔާވެއްޖެ." އެކޮޅުން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ ޚަބަރުން ދެލޯ ބޮޑުވެގެން ދިޔައެވެ. ހީވީ ކަންފަތަށް ބާރުގަދަ ހޮނެއް އެޅިހެންނެވެ. މުޅި ދުނިޔެ އަނދިރިވެގެން ދިޔަ އެވެ. ދުނިޔެމަތި އަނދިރިކުރާ ޒާތުގެ ކަޅުވިލާގަނޑެއް ބޯމަތިން އޮއްސައިލިހެން ދެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. އާއެކެވެ. އަހަރެންގެ މާމަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީއެވެ. ހާޓުއެޓޭކެއް ޖެހިގެންނެވެ!

ކުލާހުން ނިކުމެ، ރޮމުންރޮމުން ދުއްވައިގަތީމެވެ. އެދިޔަ ބާރުމިނުގައި ކޮންމެވެސް މީހެއްގެ ގައިގަ އަޅައިގަނެ ވެއްޓުނެވެ.

"މައުރީން..." ޖަވާޒް އަހަރެން ނެގި އެވެ.

"ކަމެއް ގޯސްވީތަ؟" އަހަރެންގެ މޫނު ފެނުމުން އޭނާ ސުވާލު ކުރިއެވެ.

އަނެއްކާވެސް އަހަންނަށް ރޮވުނެވެ. އަހަރެން ގެއަށް ލައިދިނުމަށްޓަކައި ޖަވާޒް އަހަރެންގެ ފަހަތުން އައެވެ. ވަރަށް އަވަހަށް އާދެވިއްޖެ އެވެ. އަހަރެން އައިސް ލިފްޓަށްއެރުމުން ޖަވާޒް ވެސް އެރިއެވެ. އޭރު ވެސް ގިސްލުމުގެ އަޑު ކެނޑިގެންނެއް ނުދެއެވެ. ލިފްޓުން ފައިބައިގެން ގޮސް ކޮޓަރި އަށް ވަނީމެވެ. ޖަވާޒް ވެސް ވަދެ އޭނާ ހިފައިގެންހުރި އަހަރެންގެ ފޮތް މޭޒުމަތީ ބޭއްވި އެވެ. އަދި އަހަރެން ގާތަށް އައެވެ. ދެން ހުއްޓާލުމަށް އެދުނެވެ. ތަކުރާރުކޮށެވެ. ޖަވާޒް ނިކުންނަންދާން އުޅުމުން އަހަންނަށް އޭނާގެ އަތުގައި ހިފުނެވެ. ބޭ އިޚުތިޔާރުގަ އެވެ. ޖަވާޒް އަހަންނާދިމާ އަށް އެނބުރުނެވެ. އެ ވަގުތު އަހަންނަށް ޖަވާޒްގެ ގައިގައި ބައްދާލެވުނެވެ. އަދި ރޯން ފެށުނެވެ. މި ވަގުތު ޖަވާޒް ނުދިޔުމަށް އެދި އާދޭސްކުރަން ފެށުނެވެ.

"ސަރ. އަހަރެން އެކަނި ކޮށްފައި ނުދޭ އަހަރެންގެ އެކަކު ވެސް ނެތް މި ދުނިޔެއަކު، މިއަދު އަހަރެން ބަލާބޮޑުކުރި މާމަ ވެސް އެ ދިޔައީ އަހަރެން އެކަނި ކޮށްފައި. ސަރ ތީ މިހާރު އަހަރެންގެ ހުރި ހަމައެކަނި އުއްމީދަކީ. އައި ލަވް ޔޫ ޖަވާޒް! އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެންނަށް ޖަވާޒް ދެކެ ލޯބިވެވުނު.'' އެއްވެސް ހިފެހެއްޓުމެއް ނެތި ހިތުތެރޭގައި ރައްކާކުރެވިފައިވާ އިހުސާސްތައް ގިސްލުމަކުން ބަޔާންކުރަން ފެށުނެވެ.

އޭރު އަހަންނާ ޖަވާޒްއާ ދެމެދު އެއްވެސް ހުރަހެއް ނެތެވެ. އަހަރެން ބައްދާލިގޮތަށް ދޫކޮށްލަން ވެސް ނޭނގިފައި ހުރީއެވެ. އެ އަތުގެ އޯގާތެރިކަމަށް ބޭނުންވެގެންނެވެ. އެ ހަށިގަނޑުގެ ހިޔާވަހި ކަމަށް އެދިގެންނެވެ.

"މި ދުވަހަށް އަހަރެން އިންތިޒާރު ކުރާތާ ކޮންދުވަހެއް. މައުރީނަކީ ދަރިވަރެއްވީމަ އިންތިޒާރުގައި ހުރީ. އަހަރެމެންގެ ކައިވެނި ކުރެވޭކަށް މާގިނަ ދުވަހެއް ދެންނެތް." ޖަވާޒް އަހަރެން ގޮނޑިއެއްގައި ބޭންދި އެވެ. އަދި އަތުގައި ހިފާލި އެވެ.

ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރޭގައި ޖަވާޒް ވެސް އެއްވެސް އިޚުތިޔާރަކާ ނުލައި އަހަރެންގެ ހަށިގަނޑު ޖަވާޒްގެ އަތުތެރެޔަށް ލައި ބާރުކޮށްލި އެވެ. އެ ހަރަކާތުން އަހަރެންގެ ހިތަށް ނޭނގޭ އިހުސާސްތަކެއް ވެރިވެގެން ދިޔައެވެ. އެހިނދު ދެ މީހުންނަށް ވެސް ގާތްވެވުނެވެ. މާމަ ނިޔާވުމުން ހަޔާތުން ނިވިގެންދިޔަ ހުޅުކޮޅުގެ ބަދަލުގައި، ތަގުދީރު ވަނީ އާ ހުޅުކޮޅެއް ހަޔާތަށް އަލިކޮށްދީފަ އެވެ.

އަހަރެންނާއި ޖަވާޒުގެ ކައިވެނިން އެކަން ޔަގީންވެގެން ދިޔަ އެވެ.

ނިމުނީ

9 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލައިކާ

04 April 2023

ވާހަކަ ވަރަށް ރީތިވެފަ ވަރަށް ފުރިހަމަ.

The name is already taken The name is available. Register?

ކިމް ކާޑޭޝިއަން

02 April 2023

ހައްޕާޅެއް ކަހަލަ ވާހަކައެއް..

The name is already taken The name is available. Register?

ސޯނޫ

02 April 2023

މިއަދުވެސް ވަރަށް ތަފާތު ވާހަކަ އެއް. އަމިއްލަ މަސައްކަތުން ކާމިޔާބު ހޯދި ހިތްވަރުގަދަ ދަރިއެއް. ވަރަށް ރީތި

The name is already taken The name is available. Register?

ނަވާބު

02 April 2023

ވަރަށް ރީތި ވާހަކަތަކެއް މިހާރު ނޫހުން ކިޔާލަން އެބަލިބޭ. ވާހަކަ ވަރަށް މޮޅު

The name is already taken The name is available. Register?

ސަލާމީ

02 April 2023

ވަރަށް ވަރަށް ރީތި ވާހަކައެއް. ހިތްވަރު ގަދަ ކުއްޖެއް.

The name is already taken The name is available. Register?

ރަދީފޭ

02 April 2023

މިހާރު ނޫހުގަ ރަޖިސްޓްރީ ކޮށްފަ އިންނަ ކޮންމެ ނަމެއް ބޭނުން ކޮށްގެންވެސް މިހާރު ނޫހުގެ އެޕް އިން ކޮންމެ މީހަކަށްވެސް ކޮމެންޓު ކުރެވޭނެ. މިސާލަކާށް ކައިލީ ޖެނާ ނަން ރަޖިސްޓްރީ ކޮށްފަ އިން ނަމަވެސް ކޮންމެ މީހަކަށް ވެސް އެނަމުގަ ކޮމެންޓު ކުރެވޭނެ މިހާރު ނޫހުގެ އެޕް އިން.

The name is already taken The name is available. Register?

ކެންޑަލް ޖެނާ

02 April 2023

ވާއު.

The name is already taken The name is available. Register?

ކައިލީ ޖެނާ

02 April 2023

މިވާހަކަވެސް ކައިއަށް ވަރަށް ސަޅި! ތެންކިއު ޔަޝް ދައްތާ!

The name is already taken The name is available. Register?

ޔުސްރ

02 April 2023

ސަޅި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454