ޚަބަރު / މެންޓަލް ހެލްތް

ނަފްސާނީ ބަލީގެ ޒުވާނާގެ މަރު: "ބޭސް ނުކާތީ ހާލަތު ގޯސްވުމުން ފަރުވާގެ އިންތިޒާމް ހަމަޖެއްސިން"

ރަށެއްގައި ޒުވާނަކު ހިނގާފައި ދަނީ: ކަނޑުހުޅުދޫގައި މަރުވި ޒުވާނާގެ ކޭސް މިނިސްޓްރީން އައީ މޮނިޓަކޮށް ދޭން ޖެހޭ ލަފަ އާއި އިރުޝާދު ދެމުން ކަމަށް މިނިސްޓްރީން ބުނޭ.

02 އެޕްރީލް 2023 - 12:06

8 comments

ނަފްސާނީ ބަލީގައި ހާލަތު ގޯސްވެ، މޫދުގައި މަރުވެފައި އޮއްވައި ފެނުނު ޒުވާނާގެ ހާލަތު އައީ މޮނިޓަކުރަމުން ކަމަށާއި ބޭސް ކެއުން ހުއްޓާލުމާ އެކު އައި ބަދަލާ ގުޅިގެން ވެސް ސައިކޭޓްރިސްޓަކަށް ދައްކައި ފަރުވާގެ އިންތިޒާމް ކުރިއަށް ގެންދަން ހަމަޖެއްސި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން އެހެން ބުނީ، ގއ. ކަނޑުހުޅުދޫގައި މިދިޔަ ހުކުރުދުވަހު ފަތިހު މަރުވެފައި އޮއްވާ ފެނުނު ޖާމީން އަބްދުލްކަރީމް، 25، ގެ މަރުގެ މައްސަލައިގަ އެވެ. ނަފްސާނީ ބަލީގައި ފަރުވާ ހޯދަމުން އައި ޖާމީން މޫދުގައި މަރުވެފައި އޮއްވައި ފެނުނުއިރު އޭނާގެ ސައިކަލްގެ ވެސް އޮތީ ފަޅުތެރޭގަ އެވެ.

އެ މަރާ އެކު އާއިލާ އިން ބުނެފައި ވަނީ، އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް، ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒަށް ގެންދަން ޖެންޑާ މިނިސްޓްރީގައި އޮތީ އެދިފައި ކަމަށެވެ. އެކަން ނުކޮށްގެން އާއިލާގެ ހިތްހަމަނުޖެހުން ވަނީ އަމާޒުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ނަފްސާނީ ބަލީގެ އެހެން ހުރިހާ ކޭސްތަކެކޭ އެއްގޮތަށް ޖާމީންގެ ކޭސްގައި ވެސް މިނިސްޓްރީން އައީ ހާލަތު ބަލަމުން ކަމަށެވެ. އާއިލާ އަށް ދޭން ޖެހޭ ލަފަ އާއި އިރުޝާދުތައް އަދި މޮނިޓަރިން ވިޒިޓްތަކާއި ފަރުވާ ދޭން ޖެހުނު ހާލަތްތަކުގައި އެ އިންތިޒާމް ވެސް ހަމަޖެއްސި ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާމީންގެ ކޭސް އާއިލާ އިން ޖެންޑާ އަށް ރިޕޯޓްކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒު ކޮށްދޭން އެންމެ ފުރަތަަމަ އެދުނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.

ކަނޑުހުޅުދޫގައި ދެ މީހަކު ހިނގާފައި ދަނީ: މި ރަށުގައި ނަފްސާނީ ބަލީގެ ޒުވާނަކު ވަނީ ހުކުރުދުވަހު މަރުވެފައި. --ފޮޓޯ | މިހާރު

އޮފިޝަލް ވިދާޅުވީ ކޭސް ރިޕޯޓްކުރުމާ އެކު، އާއިލާ އަށް ދިން ލަފަ އާއި އިރުޝާދުގެ ދަށުން، ނަފްސާނީ ބަލީގެ ފަރުވާ އެންމެ އެކަށީގެންވާ ގޮތެއްގައި ދެވޭނީ އައިޖީއެމްއެޗުގެ ސެންޓަ ފޮ މެންޓަލް ހެލްތުން ކަމަށް ވާތީ އެތަނުން ފަރުވާ ހޯދި ކަމަށެވެ.

އައިޖީއެމްއެޗުގެ ސައިކޭޓްރިސްޓް ކަނޑައަޅާފައި އޮތީ އޭނާއަކީ ގަވައިދުން ބޭސް ބޭނުންކުރަން ޖެހޭ މީހެއްގެ ގޮތުގަ އެވެ. އެކަމަކު މަރުކަޒު ނުކޮށް ވެސް ހާލަތު ބަދަލު ކުރެވޭނެތީ އާއިލާ އިން ވެސް އެކަން ގަބޫލުކޮށް އެ ފަހަރު ރަށަށް އޭނާ ގެންދިޔައީ އެވެ.

"މިކޮޅުން [ސެންޓަ ފޮ މެންޓަލް ހެލްތުން] ފަރުވާ ހޯދާފައި އެދެވޭ ބަދަލުތަކެއް އަންނަން ފެށީމާ ފެމިލީން އަނބުރާ ރަށަށް މި ބަދަލުވީ. އާއްމުކޮށް ހުށަހަޅާ ކޭސްތަކުގައި ވެސް މާލެ ގެނެސް ސައިކޭޓްރިސްޓަށް ދައްކާފައި ޑައިގްނޯސިސްއެއް އޮތިއްޔާ ހަދާފައި ބޭސް ބޭނުންކުރަން ގިނަ ފަހަރަށް ސައިކޭޓްރިސްޓް މި އިރުޝާދު ދެނީ. އެއާއެކުގައި މުޖުތަމައުގެ ތެރޭގައި އުޅެގެން ބަދަލުތައް ގެންނަން މި ލަފާ ދެއްވަނީ," އޮފިޝަލް ވިދާޅުވި އެވެ.

މާލެ އިން ފަރުވާ އަށް ފަހު ކަނޑުހުޅުދު އަށް އޭނާ ބަދަލުވުމުން ވެސް ޖެންޑާގެ މަސައްކަތުގެ ނިޒާމް ރޭވިފައި އޮންނަ ގޮތުން އެކަން މޮނިޓަކުރަން ޖެހޭ ގއ. ވިލިނގިލީގައި ހުންނަ ޖެންޑާ ޑިޕާޓްމަންޓުން އޭނާގެ ހާލަތު ބަލަމުން އައި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އެތަނުން މޮނިޓާކުރަން ޖެހޭ ގޮތަށް ހެދީ ވެސް އާއިލާއާ ވާހަކަ ދައްކައި ބަސް ހޯދައިގެންނެވެ. އެ މޮނިޓަރިންގައި އާއިލާ އިން ބުނެފައި ވަނީ ގަވައިދުން ބޭސް ބޭނުންކުރަން ފެށުމާއެކު އޭނާއަށް ރަނގަޅު ބަދަލުތަކެއް އަންނަމުންދާ ވާހަކަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މެޑިކޭޝަނަށް ފަހު ރަނގަޅު ބަދަލުތަކެއް އަންނަމުންދާ ކަމަށް އާއިލާ އިން ބުނެފައި އޮތީ. އެހެން ނަމަވެސް ދޭތެރެދޭތެރެއިން ވިސްނަން ޖެހޭ ކަންކަން ހުރި ކަމަށް. ގަވައިދުން ބޭސް ބޭނުންކުރަމުން އަންނަ ކަމަށާއި އެދެވޭ ބަދަލުތަކެއް އަންނަމުންދާ ކަމަށް އާއިލާ އިން ބުނެފައި ވާތީ ގއ. އަތޮޅު އެފްސީއެފްސީ މެދުވެރިކޮށް ފަހުން ބަލަހައްޓަމުން މި ގެންދިޔައީ," އޮފިޝަލް ވިދާޅުވި އެވެ.

"އެ މުއްދަތުގެ ތެރޭގައި މަރުކަޒަށް ގެންދަން އެދުނު ކަމުގައި ވިޔަސް ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހަކު އަޅުގަނޑުމެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަނީ ޕްރޮސެސްއެއް ފުރިހަމަކުރުމަށް ފަހު."

އޭނާ އޭރު ހުރި ހާލަތުން ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒަށް ގެންގޮސްގެން ފަރުވާދޭން ނުނިންމީ, ޖެންޑާއިން ބުނި ގޮތުގައި، ގަވައިދުން ބޭސްކައި ހާލަތު ރަނގަޅުވަމުން އަންނާތީ އެވެ.

"އޭގެ ފަހުން ދެން އައި ކަންތައްތަކެއް މިއައީ," އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖާމީންގެ ހާލަތަށް ފަހުން އައި ބަދަލުތަކާ ގުޅިގެން ގދ. ތިނަދުއަށް ގެންގޮސްގެން އޭނާ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ވާނީ ހަމަޖައްސައި ދަތުރުކުރެވޭނެކަން އަންގާފައި ކަމަށެވެ. އޭނާ މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އެކަން އެންގި ރޭ ފަތިހެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ނަފްސާނީ ބަލި މީހުން މަރުކަޒުކޮށްދޭން އާއިލާތަކުން އެދުނަސް އެ މީހަކު ދައުލަތަށް ނަގަން އަމަލުކުރާ ހާއްސަ އުސޫލްތަކެއް ހުރެ އެވެ. އެ މީހަކު މަރުކަޒުކުރާނީ ސައިކޭޓްރިސްޓަކަށް ދައްކައި ބަލި މީހާ މަރުކަޒެއްގައި ބަހައްޓައިގެން ފަރުވާކުރަން ޖެހޭ ފަރާތެއް ކަމަށް ނިންމުމުންނެވެ.

"އެންމެ މަދުވެގެން ބޭނުންވާނެ ތިން މަސް ހަމަނުވާ ލިއުމެއް މިފަދަ ފަރާތެއް މަރުކަޒު ކުރަން ބޭނުންވާ ކަމުގައި ވާނަމަ. [ޖާމިންއަށް] މިނިސްޓްރީ މެދުވެރިކޮށް ފަރުވާދީފައި ބޭހާ އެކު މުޖުތަމައުގެ ތެރޭގައި އުޅެވޭ ފަރާތެއް ކަމަށް ޑޮކްޓަރު ކުރިން ކަނޑައަޅާފައި ވަނީ. ރިލެޕްސްވާ ހާލަތްތަކުގައި އަނެއްކާވެސް ސައިކޭޓްރިސްޓަކަށް ދައްކަނީ. އެ ރިވިއުކުރުމުގެ އިންތިޒާމް މި ކޭސްގައި ވެސް މިނިސްޓްރީން ވަނީ ހަމަޖައްސާފައި," އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ކަނޑުހުޅުދުއަށް މޮނިޓަރިން ވިޒިޓްތަކެއްކޮށް ޖެންޑާ މިނިސްޓްރީން އައީ ކަމާގުޅުން ހުރި އިދާރާތަކާ އެކު ވެސް މަސައްކަތް ކުރަމުންނެވެ.

ގުރައިދޫ މަރުކަޒުގައި ނަފުސާނީ ފަރުވާ ހޯދަމުން އަންނަ ބަޔަކު އެތަނުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ކޭސްގައި ވެސް ދިމާވީ އޮފިޝަލް ވިދާޅުވީ އެހެން ގިނަ ކޭސްތަކެއްގައި ދިމާވާ ގޮތަށް ގަވައިދުން ބޭސް ނުކެއުމެވެ. މިއީ އާއިލާއަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެ ކަންބޮޑުވުންތަކާ ގުޅިގެން އާއިލާގެ އިތުރުން ފުލުހުންނާއި ރަށު ކައުންސިލާ ވެސް މަޝްވަރާތަކެއް ކޮށްފައިވާ ކަން މި ކޭސްގެ ޓައިމްލައިނާ ހަވާލާދީ ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަވައިދުން ބޭސް ބޭނުން ކުރުން ހުއްޓާލުމާ އެކު އައި ބަދަލުތަކަށް ރިއާޔަތްކޮށް ޑޮކްޓަރަށް ދެއްކުން އަވަސްކުރަން އިންތިޒާމް ހަމަޖެއްސި އެވެ.

"އެކަން ކުރީ ޖެންޑާ މިނިސްޓްރީން އެކަންޏެއް ވެސް ނޫން. ގުޅުން ހުރި އިދާރާތަކާ ވާހަކަ ދައްކައިގެން. އާއިލާއަށް ވެސް އަޕްޑޭޓްކޮށްދެމުން ދިޔައީ. ބޭސް ނުކާ ހާލަތްތަކުގައި ވަރަށް ބޮޑަށް އާއިލާއަށް ގައިޑްކޮށްދެމުން އައީ ބޭސްދިނުމުގައި އަމަލުކޮށްދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން,"

"ވަރަށް ގިނަ އަދަދެއްގެ ކޭސް ރިޕޯޓްކުރާއިރު އާއިލާއަށް ބޭސް ނުދެވޭ ހާލަތްތަކުގައި ޖެންޑާ އިން އަބަދު އެޓެންޑްވުމަކީ ވެސް އެންމެ ރަނގަޅު ކަމަކަށް ނުވާނެ. އެހެން އަޅުގަނޑުމެން ބަލަނީ އާއިލާ އެމްޕަވާކުރެވޭނެ ނިޒާމެއް ގާއިމްކުރެވޭތޯ."

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަރުކަޒު ކުރަނީ ދެ ބާވަތެއްގެ މީހުންނެވެ. އެއީ އަޅާލާނެ ފަރާތެއް ނެތް އުމުރުން ދުވަސްވީ މީހުންނާއި ނަފްސާނީ ބަލީގައި ވަކި މުއްދަތަކަށް މަރުކަޒުކޮށްގެން ފަރުވާ ހޯދަން ޖެހޭ މީހުންނެވެ. މަރުކަޒުކުރަން ޖެހޭތޯ ނިންމަނީ ފަރުވާއަށް ގެންދިއުމުން ސައިކޭޓްރިސްޓުންނެވެ.

މަރުކަޒު ކުރަނީ އެ މީހަކު މުޖުތަމައުގައި ބަހައްޓައިގެން އެހެން ފަރުދުންނަށް ވެސް ނުރައްކާތެރި ހާލަތެއް ވުމުގެ އިހްތިމާލެއް އޮތުން ނުވަތަ އޭނައަށް އެ ބަލީގައި އެހެން މީހެއްގެ ފަރާތުން ނޫނީ އެހެން ގިނަ ބައެއްގެ ފަރާތުން ނުރައްކަލަކަށް ހުށަހެޅިދާނެ ހާލަތެއް އޮތް ނަމަ އެވެ.

ގުރައިދޫގައި ހުންނަ މަރުކަޒު: ނަފްސާނީ ބަލި މީހުން މިތަނަށް ގެންދަނީ މަރުކަޒުކޮށްގެން ފަރުވާދޭން ޖެހޭ ކަަމަށް ސައިކޭޓްރިސްޓުން ކަނޑައެޅުމުން. -- ފޮޓޯ | މިހާރު

އޮފިޝަލް ވިދާޅުވީ ނަފްސާނީ ބަލީގެ މީހުން ސިއްހީ ފަރުވާދޭ ތަނަކާ ހަމައަށް ގެންދަން އާއިލާތަކަށް ދަތިތަކެއް ހުރެގެން އެހީތެރިކަން އެދިއްޖެ ނަމަ އެކަން ވެސް ކުރާ ކަމަށެވެ. ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ސެންޓަ ފޮ މެންޓަލް ހެލްތު ހިންގިއަސް އެ އެހީތެރިކަން ޖެންޑާއިން ފޯރުކޮށްދެމުން އަންނަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބެހެލެއްޓުމުގެ ގާނޫނުގެ ދަށުން ކަން ފާހަގަކުރެއްވި އެވެ.

ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާގެ ޒިންމާ ކުރިއަށް ގެންދާނީ ސީދާ ކޮން އިދާރާއެއްގެ ބެލުމުގެ ދަށުން ކަން ސާފުކޮށް ކަނޑައެޅުމަކީ ނިޒާމުގެ ތެރޭގައި ކުރަން ޖެހިފައި އޮތް ކަމެކެވެ.

"ނަފްސާނީ ބަލީގެ މީހުން ޕްރޮޓެކްޝަނަށް ވުރެ ބޮޑަށް މި ބޭނުންވަނީ ސިއްހީ ފަރުވާއެއް. އެންމެން ގުޅިގެން ނޫނީ މިކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނެ," އޮފިޝަލް ވިދާޅުވި އެވެ.

ނަފްސާނީ ބަލީގެ މީހުން ގަވައިދުން ބޭސް ބޭނުންކުރޭތޯ ކޮންމެ ރަށެއްގައި ޖެންޑާ މިނިސްޓްރީ އަށް ނުބެލުނަސް ހެލްތު ސެންޓަރުތައް ހުންނާތީ، އެ ޒިންމާގެ ނިޒާމުގެ ތެރޭގައި އެންމެން ގުޅިގެން ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައި އޮންނަނަމަ ފަސޭހަ ވާނެ ކަމަށް އެ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެކަން ނިޒާމުގެ ތެރޭގައި އޮތީ ހަމަނުޖެހި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ޖާމީންގެ ކޭސްގައި ވެސް މޮނިޓަކޮށް އެ މިނިސްޓްރީން އައީ ކުރަން ޖެހޭ ކަންކަން ކުރަމުން ކަމަށެވެ.

8 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 69%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

02 April 2023

އެކަކު އަނެކަކު ބޮލަށް ޖަހާލަޖަހާލާ ތިބޭ ތިޔަހެން. ޒިންމާ އޮންނާނީ އޮތްތާ.

The name is already taken The name is available. Register?

ޢަލީބާބަ

02 April 2023

އާޢީޅަ އާއި ފުލުހުންނާއި ކައުންސިލުން ބުނީ ޒުވާނާގެ ހާލަތާ ގުޅޭގޮތުން ޖެންޑާއާއި ވާހަކަ ދެއްކިކަމަށެވެ. ޖެންޑާއިން ބުނަނީ ޒުވާނާގެ ހާލުބަން އާއިލާއާއި ހަވާލު ކުރެވިފައިވާކަމަށެވެ. މިލިޔުމުން ދޭހަވަނީ އެގޮތަށް

The name is already taken The name is available. Register?

ވަހީދާ

02 April 2023

ގދ. ތިނަދުއަށް ގެންގޮސްގެން އޭނާ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ވާނީ ހަމަޖައްސައި ދަތުރުކުރެވޭނެކަން އަންގާފައި ކަމަށެވެ "ވަރަށް ގިނަ އަދަދެއްގެ ކޭސް ރިޕޯޓްކުރާއިރު އާއިލާއަށް ބޭސް ނުދެވޭ ހާލަތްތަކުގައި ޖެންޑާ އިން އަބަދު އެޓެންޑްވުމަކީ ވެސް އެންމެ ރަނގަޅު ކަމަކަށް ނުވާނެ. އެހެން އަޅުގަނޑުމެން ބަލަނީ އާއިލާ އެމްޕަވާކުރެވޭނެ ނިޒާމެއް ގާއިމްކުރެވޭތޯ." ޖެންޑާ މިނިސްޓްޓްރީގެ ދައުރެއް ނުފެނުނު.

The name is already taken The name is available. Register?

ވަހީދުޒް

02 April 2023

ވަހީދާ ޖެންޑާ ހިންގަން ދަނިކޮށް ހުރިހާ ކަމެއް ހައްލުވާނެ.

The name is already taken The name is available. Register?

ސަންފުތު

02 April 2023

މިނިސްޓަރު ވެސް އެބަހުރި ޑިސައިޑް ކޮށްފަ މަރުކަޒަށް ގެންދާނެތޯ! ޑޮކްޓަރުން ބޭނުން ވިޔަސް ފޮނުވަން ވެސް ދެކޮޅު ހަދާ މިނިސްޓްރީން.

The name is already taken The name is available. Register?

ސަލަމްޒީ

02 April 2023

ދޭހަވަނީ އާއިލާއިން ބޭނުންވީ އަވަހަށް ސަލާމަތްވާންކަން، ބަލި މީހާގެ ފަރާތުން ކުރިމަތިވާ ކަންކަމުން... ނޫންތަ...

The name is already taken The name is available. Register?

ސަލަމްޒީރު

02 April 2023

ސަޅި ކޮމެންޓެއް ތިބުނި އެއްޗެއްގެ މާނަ އެގޭނީ ވިސްނާ ފިކުރުކުރާބަޔަކަށެވެ. މިސަރުކާރަށް މަލާމަތް ކުރެވޭނީ ތިކަހަލަ ގޮތަކަށް ލަދުން ބޯހަލާކުވޭ.

The name is already taken The name is available. Register?

ޥަހީ

02 April 2023

ޖެންޑާގެކުށެއްނޯންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454