މާޒިޔާގެ ނާއިޒް ހަސަން (ދާދު) އަތުން ބޯޅަ ހޯދަން ބުރުގެ ސާމިރު މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
21 އެޕްރީލް 2023 - 09:53
ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް 2-1 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ ބުރު ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަންގައި ހޯދި ފުރަތަމަ މޮޅެވެ. މި ނަތީޖާއާ އެކު ގުރޫޕްގައި ވާދަކުރި ތިން ޓީމުވެސް ވަނީ މެޗެއް ކާމިޔާބު ކޮށްފަ އެވެ. މާޒިޔާ އިން 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރި އިރު ޓީސީ ވަނީ 1-0 އިން ބުރު ބަލިކޮށްފަ އެވެ.
ފައިދާ ގޯލުގެ ތަފާތުން މި ގުރޫޕުން ސެމީ އަށް ދިޔައީ ބުރު ސްޕޯޓްސް އާއި މާޒިޔާ އެވެ. ފައިދާ އެއް ގޯލާ އެކު އެއް ވަނަ ލިބުނީ މާޒިޔާ އަށެވެ. ބުރަށް ދެ ވަނަ ލިބިފައި ވާއިރު ޓީސީ އަށް ވަނީ މުބާރާތް ނިމިފަ އެވެ.
މި މެޗަށް ބުރުން ނުކުތީ ފުރަތަމަ މެޗުގައި ނެރުނު 11 އަށް ބަދަލެއް ގެނެސްގެންނެވެ. އަހުމަދު ރަޝީދު (އަންމަޑޭ) ގެ ބަދަލުގައި ސްޓާޓް ކުރީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގައި ކުޑަހެންވޭރު ޔުނައިޓެޑަށް ކުޅެ، 20 އަހަރުން ދަށުގެ ޒުވާން ގައުމީ ޓީމުން ޖާގަ ހޯދި ފުލްބެލް ހުސެއިން ޝާވިން އެވެ. އޭނާ މި މެޗުގައި ކުޅުނީ އަރިމަތިން ކުރިއަށެވެ.
މާޒިޔާގެ ހައިޝަމް ހަސަމް ހުއްޓުވަން ބުރުގެ ޝާވިން (ވ)، މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އަންމަޑޭ އަކީ ކުރިން ދިގު މުއްދަތެއް ވަންދެން މާޒިޔާގެ ޖޯޒީގައި ކެޕްޓަންކަން ކުރި އެޓީމުގެ މުހިއްމު ފޯވާޑެކެވެ. އޭނާ ބެންޗުން ފެށި ނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު ކެޕްޓަން އަލީ ހަމްދާން (އައްޔަ) އަށް އަނިޔާ ވެގެން އޭނާގެ ބަދަލުގައި ވަނީ ކުޅެން އަރުވައިފަ އެވެ.
މާޒިޔާއިން މި ހާފުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. ބިދޭސީ ފޯވާޑް ސްޓެފާން މިހައިލޮވިޗް ފޮނުވާލި ބޯޅައެއް ގޯލް ރޮނގު މަތިން ބުރުގެ ޑިފެންޑަރު މުހައްމަދު ސާއިފް ދިފާއު ކުރި އިރު މިޑްފީލްޑަރު އައިސަމް އިބްރާހިމް ފޮނުވާލި ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ. އަދި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާއެއް ބުރުގެ ޒުވާން ކީޕަރު ޝައިހާން އަލީ ވަނީ ދިފާއު ކޮށްފަ އެވެ.
ޝައިހާނަކީ މިދިޔަ އަހަރުގެ ޔޫތު ލީގު ކްލަބް އީގަލްސް އަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކީޕަރެކެވެ. އޭނާ ވަނީ ޝާވިންއާ އެކު މިދިޔަ އަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ވެސް ހިމެނިފަ އެވެ.
ބުރުން ލީޑު ނެގީ ފުރަތަަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 41 ވަނަ މިނިޓުގައި ޖެހި މި ލަނޑަކީ އެޓީމުގެ އިބްރާހިމް އުސާމާ ހަސަން މަޖީދު ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްލި ބޯޅަ މާޒިޔާގެ ޑިފެންޑަރު އެޑްގާސް ޒާސްކިސް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. މި ގޯލަށް ފަހު ސްޓެފާން ގެ ހަމަލާއެއް ކީޕަރު ޝައިހާން ދިފާއު ކުރި އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު މާޒިޔާގެ އިބްރާހިމް އައިސަމް އަށް ވަނީ ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ. ބޮލުން ފޮނުވާލި ހަމަލާއެއް ލައިން މަތިން ބުރު ސްޕޯޓްސްގެ ޑިފެންޑަރު މުހައްމަދު ސާމިރު ލައިން މަތިން ބޮލުން ޖައްސާ ބްލޮކް ކުރި އިރު ދެން ލިބނު ފުރުސަތުގައި ރަނގަޅަށް ބޮލުގައި ބޯޅަ ލައްވައެއް ނުލި އެވެ.
މީގެ އިތުރުން ބުރުގެ އަންމަޑޭ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އަދި މުހައްމަދު ތަސްނީމް (ތައްތި) ފޮނުވާލި ހަމަލާއެއް ގޯލު ކައިރިން ބޭރަށް ދިޔައިރު ކީޕަރު ހުސެއިން އަށް ވެސް ވަނީ ތައްތިގެ ހަމަލާއެއް ދިފާއު ކުރަން ޖެހިފަ އެވެ. ތައްތި އަކީ މާޒިޔާގެ ޒުވާން ޓީމުން ކެރިއަރު ފަށައި، ކުރިން އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ.
ބުރުން ލީޑު ފުޅާ ކުރީ މެޗުގެ 75 ވަނަ މިނިޓުގައި މާޒިޔާ ކީޕަރު ހުސެއިން ޝަރީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގަ އެވެ. އުސާމާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން މި ލަނޑު ޖަހައިދިނީ ޝާވިން އެވެ. ބުރުން ދެ ވަނަ ގޯލު ޖެހުމުގެ ކުރިން މާޒިޔާގެ ސްޓެފާން އާއި އައިސަމް އަށް ލިބުނު ފުރުސަތުތައް ވެސް ގޯލާ އަމާޒުކޮށް ނުލެވުނެވެ.
ބުރު ސްޕޯޓްސް އިން ދެ ގޯލުގެ ލީޑެއް ނެގިތާ ދެ މިނިޓު ފަހުން ސާއިފް އޭރިއާ ތެރެއިން ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މާޒިޔާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އައިސަމް އެވެ.
މާޒިޔާ އިން ވަނީ ފަހުވަގުތު ހަސަން ނަޒީމް (ޗޯޓު) އާއި އަލީ ފާސިރު (ސެންޓޭ) ކުޅެން ނެރެ ގޯލެއް ޖަހަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސެޓްޕީސްތަކުން ހޯދި ފުރުސަތުތައް ކާމިޔާބެއް ނުވި އެވެ.
މިއީ މާޒިޔާ އަށް ވެސް ކުރިން ކުރު މުއްދަތަކަށް ކޯޗު ކޮށްދިން އަހުމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން ފުރަތަމަ ޑިވިޝަނަށް ނުކުތް ބުރު ސްޕޯޓްސް ހޯދި ތާރީހީ މޮޅެކެވެ. އަދި މިއީ މާޒިޔާގެ ބަލްގޭރިއާ ކޯޗު އިވާން ކޮލޭވްގެ އިރުޝާދުގެ ދަށުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮހޮލޭ
22 April 2023
ސާފް ޗެންޕިއަންސިޕް ގަ ގައުމީޓީމުން ފެންނާނީ ހަމަ ތިޔަމަންޒަރު ތިޔަނަތީޖާ ކުޅުންތެރިން ނާއި ކޯޗުން ނައް މާބޮޑައް ޕުރެސާ ދީފަ ތިއޮތީ
ހެހެހެހެހެހެހެ
22 April 2023
އަސްލު ބުރު ތި ބަލި ކޮށްލީ ގަވްމީ ޓީމު!
ސަޕޯރޓަރުން
21 April 2023
މާޒިޔާ ކޮބާ ކުރާޙަރަދުތައް ، ކުޅުން ތެރިންނައް އިހްތިރާމް މެއް ނޯވެ ، ކުޅުން ތެރިން ތިބެނީ މިނިވަން ކަން ގެއްލިފަ ،
ވީއާރބުލޫސް
21 April 2023
ފައިސާއާއި ތަނަވަސް ކަމަކީ ހުރިހާއެއްޗެއް ނޫން. ލޯތްބާއި ސަފޯޓާއި ހެޔޮދުއާލިބޭނި އެ ހޯދަށް އުޅެގެން. އަހަރެން ނިއުގެސަފޯޓަރެއްގެ ހައިސިންޔަތުން އަބަދުވެސް ހިތުގެ އަޑިން ދުއާކޮށްލަ ކޮށްލަ ހުންނަނި ނިއުރޭޑިޔަންޓް ހޯދި ކާމިޔާބީތައް މާޒިޔާއަށް ނުހޯދޭތޯ. އެވަކި މާޒިޔާދެކެ ޖޭވެގެންނެންވެސް ނޫން. ހަމަ ނިއު ދެކެވާ ލޯތްބެއްގެ ބޮނޑްކަމުން.
ސަފޯޓަރ
21 April 2023
ނިއުގެ ރެކޯޑް މުގުރަށް އެނެއްކާވެސް އިތުރު އިންތިޒާތެއް ކުރަށް ޖެހުނީއެވެ. އަވަހަށް ކޯޗު ފޮނުވާލަ ކަމަކުނުދެއެއްނު.
2013 ހުރިހާ މެޗަކުން މޮޅުވުން
21 April 2023
100 އަހަރު ނިއު އައިސީޔޫގަ ބާއްވާފަ މާޒިޔާ ކުޅުނަސް ރެކޯޑް މުގުރައެއް ނުލެވޭނެ، އެހެނެއް ނޫން އެއްވަރު ކުރެވިދާނެ..
މޯޑް
21 April 2023
ވަރުގަދައެއް ނުވިއެއްނު. މަރުހަބާ ބުރުސުފޯޓްސް ކުލަބު ތި ހޯދި ފަހުރުވެރި ކާމިޔާބަށް
ވާވާ
21 April 2023
އަވަހަށް ކޯޗު ބޭރު ކޮށްލާ! ލަސް ނުކުރާތި!