ދުނިޔެ / ސޫދާން

ސޫދާން ހަނގުރާމައިގެ ހަގީގަތަކީ ކޮބާ؟

ސޫދާންގެ ވެރިކަން ކުރާ އިންތިގާލީ ސިޔާދަތީ މަޖިލިސްގެ ރައީސް އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން (ކ) އަދި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ)

24 އެޕްރީލް 2023 - 12:30

2 comments

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސޫދާންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އަށް، އަވަސް ނިމުމެއް އަންނާނެ ކަމުގެ އެއްވެސް އަލާމާތެއް އަދި ނުފެނެ އެވެ. އެއްވެސް ޝަރުތަކާ ނުލައި، ހަމަލާ ބަދަލުކުރުން ހުއްޓާލައި، މަޝްވަރާގެ މޭޒު ދޮށުން މައްސަލަ ހައްލުކުރުމަށް، ސޫދާންގެ ރަހުމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ގޮވައިލު ގޮވައިލުމަށް ވެސް ހަނގުރާމައިގެ ބައިވެރިން އިޖާބައެއް ނުދެ އެވެ.

ސޫދާންގައި މިހާރު ކުރިއަށް ދާ ހަނގުރާމަ ފެށުނީ، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ)ގެ ކޮމާންޑަރުކަމުގެ ދަށުގައި އޮންނަ، ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން، ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށް ހަމަލާ ދޭން ފެށުމުންނެވެ. އެ ލަޝްކަރުގެ ބޭނުމަކީ، ސިފައިންގެ މައި މަރުކަޒާއި، ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ޓީވީ ސްޓޭޝަނާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިފައި، ގައުމު އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމެވެ.

އާރްއެސްއެފް ލަޝްކަރުގެ ކޮމާންޑަރު ހަމިއްތީ ވިދާޅުވާ ގޮތުގައި މައްސަލަ އަށް އޮތް ހަމައެކަނި ހައްލަކީ، މިހާރު އެ ގައުމުގައި ވެރިކަން ކުރާ އިންތިގާލީ ސިޔާދަތީ މަޖިލިސްގެ ރައީސް އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން އަމާން ދެއްވުމެވެ. އަމާން ނުދެއްވައިފި ނަމަ، އޭނާ ހުރި ތަނަކުން ހިފައި ހައްޔަރުކޮށް ޝަރީއަތަށް ހުށަހަޅާނެ ކަމަށް ވެސް، ހަމިއްތީ ވިދާޅުވި އެވެ.

މި ފަހަކާ ޖެހެންދެން ވެސް ޖެނެރަލް ބުރުހާން އާއި ޖެނެރަލް ހަމިއްތީއަކީ، ވަރަށް އެކުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. ވެރިކަން ކުރާ އިންތިގާލީ ސިޔާދަތީ މަޖިލިސްގެ ރައީސްގެ މަގާމުގައި ޖެނެރަލް ބުރުހާން ހުންނެވި އިރު، އެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވީ ޖެނެރަލް ހަމިއްތީ އެވެ.

ސޫދާންގެ ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ވައްޓައިލުމަށް 2019 ވަނަ އަހަރު ހިންގި ހުރިހާ ގަޑުބަޑެއްގައި ވެސް ދެ ބޭފުޅުން މަސައްކަތް ކުރެއްވީ އެކުގަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އެ ގައުމަށް ގެނައި އަސްކަރީ އިންގިލާބުގައި ވެސް، ދެ ބޭފުޅުން ތިއްބެވީ އެއް ފިޔަވަޅު މަތީގަ އެވެ.

ނަމަވެސް، މިހާރު އެ ގައުމުގައި އޮތް އިންތިގާލީ ސިޔާދަތީ މަޖިލީހުގެ އަސްކަރީ ވެރިކަން އުވާލައި، މަދަނީ ސަރުކާރަކަށް ވެރިކަން ފުރޮޅައިލުމުގެ މަޝްވަރާތައް ފެށުމާ އެކު، ދެ ޖެނެރަލުންގެ މެދުގައި ދެބަސްވުންތައް އުފެދެން ފެށި އެވެ. ޖެނެރަލް ބުރުހާން އެކަމަށް ތާއީދު ކުރެއްވި ނަމަވެސް، ޖެނެރަލް ހަމިއްތީގެ ވިސްނުން ހުރީ، ވެރިކަމުގެ ތެރޭގައި އަސްކަރިއްޔާގެ ދައުރު މިހާރަށް ވުރެ ވެސް ފުޅާ ކުރުމެވެ.

އެއަށް ވުރެ ވެސް ބޮޑަށް ދެ ބަސްވުން އުފެދުނީ، ސޫދާންގައި އަލުން މަދަނީ ސަރުކާރެއް އުފައްދާ އިރު، އާރްއެސްއެފް ލަޝްކަރު ވެސް އެ ގައުމުގެ އަސްކަރިއްޔާގެ ގޮތްޕެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުށަހެޅި ހިސާބުންނެވެ. އޭގެ ބަދަލުގައި ޖެނެރަލް ހަމިއްތީ ބޭނުންވަނީ، މިނިވަން އަސްކަރީ ލަޝްކަރެއްގެ ގޮތުގައި އާރްއެސްއެފް ބާއްވާށެވެ.

އާރްއެފްއެސް ލަޝްކަރަކީ ހަގީގަތުގައި އެއްވެސް އަސްކަރީ ތަމްރީންތަކެއް ފުރިހަމަކޮށް، އިންތިޒާމީ ގޮތެއްގައި ރޭވިގެން ހިނގަމުން އަންނަ ލަޝްކަރެއް ނޫނެވެ. އަދި އެ ލަޝްކަރުގެ ކޮމާންޑަރު ޖެނެރަލް ހަމިއްތީއަކީ ވެސް އެއްވެސް އަސްކަރީ ތަމްރީނެއް ފުރިހަމަކޮށް، އަސްކަރިއްޔާގެ ހައިރާކީ މަގާމުތައް ފުރުއްވަމުން، ޖެނެރަލެއްގެ މަގާމު ހޯއްދެވި ބޭފުޅެއް ނޫނެވެ.

އާރްއެފްއެސް ލަޝްކަރުގެ އަސްލަކީ، ސޫދާންގެ ދާރްފޫރް ސަރަހައްދުގައި އުޅުނު "ޖަންޖަވީދު" ކިޔާ ހަނގުރާމަވެރި ޖަމާއަތެކެވެ. ޖަންޖަވީދު ޖަމާއަތުގައި ހިމެނެނީ، ސޫދާންގެ އަރަބި ދަރިކޮޅުތަކަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ.

ސޫދާންގެ ހުޅަނގުގައި އޮންނަ ދާރްފޫރް ސަރަހައްދުގައި ދިރިއުޅޭ އަރަބި ނޫން ދަރިކޮޅުތަކުގެ މީހުން، އެ ދާރްފޫރްގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް، ސޫދާން ސަރުކާރާ ދެކޮޅަށް 2003 ވަނަ އަހަރު ހަނގުރާމަ ފެށުމާއެކު، ޖަންޖަވީދު ހަނގުރާމަވެރިން އެކަމާ ދެކޮޅު ހެދި އެވެ. އެހެންކަމުން، ދާރްފޫރުގެ ހަނގުރާމަވެރިން ނައްތައިލުމަށް، ސޫދާން ސަރުކާރު ސިފައިން ދޭ ހަމަލާތަކަށް ވާގިވެރިވާ ލަޝްކަރެއްގެ ގޮތުގައި، ސޫދާން ސަރުކާރުން، ޖަންޖަވީދު ހަނގުރާމަވެރިންގެ ބޭނުން ހިފަން ފެށި އެވެ.

ޖަންޖަވީދު ހަނގުރާމަވެރިންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު، ދާރްފޫރުގެ ހަނގުރާމަވެރިންގެ މައްޗަށް ސޫދާން ސަރުކާރު ސިފައިން ކުރި ހޯދުމަށް މާ ގިނަ ދުވަހެއް ނުނަގަ އެވެ. ސޫދާން ސަރުކާރުން ފޯރުކޮށްދިން ހަތިޔާރާއި އެހެނިހެން އަސްކަރީ މަދަދާއެކު، ދާރްފޫރްގެ ހަނގުރާމަވެރިން ބަލި ކުރުމުގައި މައިގަނޑު ދައުރެއް އަދާކުރީ ޖަންޖަވީދު ހަނގުރާމަވެރިންނެވެ.

އެހެންކަމުން، 2013 ވަނަ އަހަރުގެ ތެރޭގައި ސޫދާންގެ އޭރުގެ ރައީސް އުމަރުލް ބަޝީރު، ޖަންޖަވީދުގެ އިސް ކޮމާންޑަރުންނާ ބައްދަލުކުރައްވައި، އެ ހަނގުރާމަވެރިންނަކީ، ޤުއްވާތުއް ދަޢުމުއް ސަރީޢު (ރެޕިޑް ސަޕޯޓް ފޯސަސް)ގެ ނަން ދީފައިވާ ލަޝްކަރެއް ކަމުގައި ހަމަޖެއްސެވި އެވެ. އަދި އެ ލަޝްކަރުގެ އިސް ކޮމާންޑަރުން ހަނގުރާމައިގައި އަދާކުރި ދައުރަށް ބަލައި، ސޫދާންގެ އަސްކަރީ ރޭންކުތަކާ އެއްގޮތަށް ރޭންކުތައް ހަމަޖެއްސެވި އެވެ.

އެ ގޮތުން ޖެނެރަލް ހަމިއްތީއަކީ ވެސް، ސޫދާންގެ އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާންއާ އެއްފަދައިން، ލެފްޓިނެންޓް ޖެނެރަލް ރޭންކުގެ އޮފިސަރެއް ކަމުގައި ހަމަޖެއްސެވި އެވެ. އަދި އާރްއެސްއެފް ލަޝްކަރަކީ ސޫދާންގެ އަސްކަރިއްޔާގައި ހިމެނޭ ލަޝްކަރެއް ކަމުގައި ވެސް ކަނޑައެޅުއްވި އެވެ.

ނަމަވެސް ޖެނެރަލް ހަމިއްތީ މަސައްކަތް ކުރައްވަމުން ގެންދެވީ، ސަރުކާރުގެ ސިފައިންނަށް ވުރެ ވެސް ބާރުގަދަ ލަޝްކަރެއްގެ ގޮތުގައި އާރްއެސްއެފް ބޭއްވުމަށެވެ. އަދި ސޫދާން ސަރުކާރުގެ އަމުރު ދަށުގައި އޮންނަ ލަޝްކަރެއްގެ ބަދަލުގައި، މިނިވަން ލަޝްކަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.

މިހާރު އޮތް އިންތިގާލީ ވެރިކަމަށް ފަހުގައި މަދަނީ ސަރުކާރެއް އެކުލަވައިލާއިރު، މިނިވަން ދެ ލަޝްކަރެއް އޮތުމުގެ ބަދަލުގައި އެއް އަސްކަރިއްޔާއެއް އޮތުމަށް އެންމެ ބޮޑަށް ބާރު އަޅުއްވަނީ ސިފައިންގެ ވެރިޔާ ޖެނެރަލް ބުރްހާން އާއި ސިޔާސީ ބޭފުޅުންނެވެ. ނަމަވެސް ޖެނެރަލް ހަމިއްތީ އަށް އެކަމަށް އެއްބަސް ނުވެވޭ މައިގަނޑު ސަބަބަކީ، އަސްކަރިއްޔާގެ ރަސްމީ ގޮތްޕެއްގެ ގޮތުގައި އާރްއެސްއެފް ހަމަޖައްސައިފި ނަމަ، ޖެނެރަލް ބުރްހާންގެ ދަށުން މަސައްކަތް ކުރަންޖެހިދާނެތީ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް

24 April 2023

ކޮން .، މި ކަހަލަ ތިންވަނަ ދުނިޔޭގެ، ޓިނު ތެލި، ދޮންކެޔޮ ޖުމްހޫރިއްޔަތުތަކާ ހެދި؟ އަހަރެމެންނަކާ ބެހޭ ބައެއް ނޫން މީކީ. އެފެރިކާ ބައެއް މީ.

The name is already taken The name is available. Register?

ނުރަބޯ

26 April 2023

އެފްރިކާގައި ވެސް އުޅެނީ ހަމަ އިންސާނުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454