ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ސެމީ އަށް މާޒިޔާ ނުކުންނަނީ މައްސަލަތައް ހައްލުކޮށްގެން: ކޯޗު

އެންމެ ބޭނުންވާ ފެންވަރުގައި މާޒިޔާ އަށް ނުކުޅެވޭ ސަބަބުތައް ދެނެގަނެވިފައިވާ ކަމަށާއި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ނުކުންނާނީ އޭގެ ތެރެއިން ވަރަށް ގިނަ ކަންކަން ހައްލުކޮށްގެން ކަމަށް މާޒިޔާގެ ކޯޗު އިވާން ވެންކޯފް ބުނެފި އެވެ.

މި ސީޒަނަށް އެންމެ ކުރިން ތައްޔާރުވާން ފަށައި އެންމެ ބޮޑެތި ހަރަދުތަކެއް ވެސް ކުރި މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ނަމަވެސް، ބޭނުންވާ ފެންވަރަށް ޓީމު ނުގެންދެވޭ ކަމަށް ކޯޗު ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އަދި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް އަތުން މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުގައި މިދިޔަ ހަފުތާގައި 2-1 އިން ބަލިވެފަ އެވެ.

މިރޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަލްގޭރިއާ އަށް ނިސްބަތްވާ އިވާން ބުނީ މި މެޗަށް ވަރަށް ސީރިއަކޮށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރީ ޓީމަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކަމަށެވެ.

"މިދިޔަ މެޗުގައި ވަރަށް ސީރިއަސް މައްސަލަތަކެއް ފާހަގަކުރެވުނު. އެއް ކަމަކީ ބައެއް ކުޅުންތެރިން އަނިޔާ އިން އެއްކޮށް ފިޓްނުވުމާއި ބޭރު ކުޅުންތެރިން ތަންކޮޅެއް ލަހުން ޓީމާ ގުޅުމުން އެ ކުޅުންތެރިންނަށް ތައްޔާރުނުވެވުން. ޖުމްލަކޮށް ހަ ކުޅުންތެރިންނަށް އެފަދަ މައްސަލަތައް ދިމާވި. އެއީ ޓީމުގެ ދެބައިކުޅަ އެއްބައި،" އިވާން ބުންޏެވެ.

އޭނާ ބުނީ އެޓޭކުގައި ބިދޭސީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ބަރޯސާވާއިރު، އެ ކުޅުންތެރިން ޓީމާ އެކުނުލެވުމަކީ ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ. އެގޮތުން މެދުތެރެއިން ރަނގަޅަށް ކުޅުނު ނަމަވެސް ނިންމާލުމުގައި މައްސަލަތައް ދިމާވި ކަމަށް އިވާން ބުންޏެވެ.

"އަހަރެން އުއްމީދުކުރަން ވަރަށް އަވަހަށް ޓީމު އެއްކޮށް ތައްޔާރުކުރެވި ކުޅުން ރަނގަޅުކުރެވޭނެ ކަމަށް. މިރޭ ނުކުންނަނީ ކަންކަން ހައްލުކޮށްގެން،" އިވާން ބުންޏެވެ.

މާޒިޔާގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުރު މެޗުގައި ކުޅުނުއިރު 100 ޕަސެންޓް ފިޓެއް ނޫނެވެ. އަދި ސާބިއާގެ ފޯވާޑް ސްޓެފަން މިހަލޮވިޗް އަމިއްލަ ކަމެއްގައި ދާދި ފަހުން ގައުމަށް ދިއުމުން ޕްރެކްޓިސްތަކެއް ގެއްލުނެވެ.

އިންޑޮނީޝިއާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބުނީ އިދިކޮޅު ޓީމުތަކުން މާޒިޔާ ނަގަނީ ވަރަށް ސީރިއަސްކޮށް ކަމަށާއި އެގޮތުން މާޒިޔާއާ ދެކޮޅަށް ކުޅޭއިރު ވަގުތު ބޭކާރުކޮށް ކުޅުން ހަލާކުކުރަން މަސައްކަތްކުރާ ކަމަށެވެ.

"އެ މީހުން ބޭނުމެއް ނުވޭ އަހަރެމެންނަށް އަހަރެމެންގެ ގޭމު ކުޅެން ފުރުސަތު ދޭން. އެކަމަކު މައްސަލައެއް ނެތް. އެއީ އެ މީހުންގެ ޓެކްޓިކްސް. އެކަމަށް އަހަރެމެން ޖެހޭނީ ތައްޔާރުވާން،" އިވާން ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ބުރު އަތުން ބަލިވުމުން، ކުޅުންތެރިންގެ ރޫހަށް އަސަރުކުރިތޯ އެހުމުން އިވާން ބުނީ މިއީ ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށާއި، މެޗަކުން ބަލިވެގެން އެ މާޔޫސްކަން އަބަދަށް ދެމި ނޯންނާނެ ކަމަށެވެ.

މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ބުރު ކުޅެ މޮޅުވާ ޓީމަކާ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454