ކުޅިވަރު / ކްރިކެޓް

ކްރިކެޓްގެ ގިނަ ރެކޯޑްތަކެއް ހެދުމުގެ އަޒުމުގައި މި ދެ ތަރިން

ސަދޫފް (ކ) އާއި ޝިއުސް (ވ). ކްރިކެޓް މެޗެއްގެ އޯޕަނިން ޕާޓްނާޝިޕަކުން އެންމެ ގިނަ ލަނޑު ހެރުމުގެ ރެކޯޑް އޮންނަނީ މި ދެ ކުޅުންތެރިން އަތުގައި.--

ރާއްޖޭގެ ގައުމީ 14 އަހަރުން ދަށުގެ ކްރިކެޓް ޓީމާ އެކު 2016 ވަނަ އަހަރު ސްރީ ލަންކާގައި އޮތް ޓުއާގައި އިބްރާހިމް ސަދޫފް މުހައްމަދާއި ޝިއުސް ފަރީދަކީ ޓީމު ލީޑު ކުރި ކެޕްޓަނާއި ވައިސް ކެޕްޓަނެވެ. ޓީމު ކޭމްޕު ކުރި ހޮޓަލުގައި ކުޅުންތެރިން އެކުގައި މަޖާކުރަން އުޅުމުގެ ތެރޭގައި އެނދެއް ބިންދައިގެން ދިޔަ އެވެ. ކޯޗަށް އެކަން ނާންގައި ޓީމުގެ މެނޭޖަރު ގާތު ބުނީ، އެއީ ޓީމުގައި ހިމެނޭ ތަންކޮޅެއް ވަރުގަދަ ކުއްޖަކު އަތުން ވީ ކަމެއް ކަމަށެވެ.

ޖެހިގެން އައި ދުވަހުގެ މެޗުގައި އޯޕަނިން ބެޓްސްމަނުންނަށް އެރީ ސަދޫފް އާއި ޝިއުސް އެވެ. ސަދޫފް ލަނޑެއް ހަދަން ދުއްވައިގަތް އިރު ޝިއުސް މަޑުކުރީ އެވެ. ސްރީ ލަންކާގެ ފީލްޑަރުން އެ ބޯޅައިން ސަދޫފް ރަންއައުޓް ކޮށްލީ އެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ބެންޗަށް ގޮސް، އޭގެ ކުރީ ރޭ އެނދު ބިންދާލީ ޝިއުސް ކަމަށް ކޯޗު ގާތުގައި ބުނެ، ފަޅާއަރުވާލީ އެވެ.

މިއީ، އުމުރުން 19 އަހަރުގެ ޝިއުސް އާއި 20 އަހަރުގެ ސަދޫފް އެންމެ ފުރަތަމަ އެކުގައި ބޭރަށް ދިޔަ ކްރިކެޓް ޓުއާގައި ދިމާވި، ދެ ކުޅުންތެރިންނަށް ވެސް ހަނދާނުން ފޮހެނުލެވޭނެ މަޖާ ހަނދާނެކެވެ.

އެއީ ދެ މީހުން ވެސް ކްރިކެޓް ކުޅެން ފެށި ދުވަސްވަރެވެ. އޭރުން ފެށިގެން އޯޕަނިން ބެޓްސްމަނުން ގޮތުގައި ގިނަ މެޗުތަކެއް އެކުގައި ކުޅުނު މި ދެ ކުޅުންތެރިން ވަނީ، ނިމިދިޔަ 23 އަހަރުން ދަށުގެ ޓީ20 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އެކުގައި ގައުމީ ރެކޯޑެއް ވެސް މުގުރާލައިފަ އެވެ.

ސަދޫފް އާއި ޝިއުސް، ނިމިދިޔަ 23 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި "މާލެ އޭ" ޓީމުގެ ކުޅުންތެރިންނާ އެކު ތަށި އުފުލާލަނީ.-- ފޮޓޯ: ރައީސް އޮފީސް

އޯޕަނިން ޕާޓްނާޝިޕަކުން ނުބައި ނުވެ 205 ލަނޑު ހަދައިގެން 2016 ވަނަ އަހަރުގެ އިންޓަ ސްކޫލް މެޗެއްގައި ހަދާފައިވާ ގައުމީ ރެކޯޑް މި އަހަރުގެ 23 އަހަރުން ދަށުގެ މުބާރާތުގައި ފުރަތަމަ މުގުރާލީ ފުވައްމުލަކު ޓީމުންނެވެ. އެ ޓީމުގެ އާޒިން ރަފީފާއި ޝައުފް ހަސަން ރެކޯޑް މުގުރާލީ 209 ލަނޑު ހަދައިގެންނެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން ޝިއުސް އާއި ސަދޫފް ވަނީ 242 ލަނޑު ހަދައިގެން ރެކޯޑް މުގުރާލައިފަ ނެވެ.

"ރެކޯޑް މުގުރާލަން އެރީ. އޯޕަނިން ޕާޓްނާޝިޕްގަ ދެ މީހުންގެ ކަނެކްޝަން އެއީ ވަރަށް މުހިއްމު އެއްޗެއް،" އެ މެޗުގައި ނުބައި ނުވެ 61 ބޯޅައިން 107 ލަނޑު ހެދި، މާލޭ އޭ ޓީމުގެ ކެޕްޓަން ސަދޫފް ބުންޏެވެ.

"ޝިއުސް ރަން ނަގަން ދުވާނެކަން ނޫނީ ދުވެވޭނެ ބޯޅައެއްކަން އެނގޭނެ އެ ކަނެކްޝަން އޮންނަންޏާ. ގިނައިން އެކުގައި ކުޅެވިފައި ހުރުމުން އެކުގައި ދިގު އިނިންސް އެއް ކުޅެވޭނެކަމުގެ ޔަގީންކަން އޮވޭ."

ޝިއުސް ނުބައިވީ މެޗުގެ 19 ވަނަ އޯވަރުގެ ފަހު ބޯޅައިންނެވެ. ނުބައި ވިއިރު އޭނާ ވެސް ވަނީ 107 ލަނޑު ހަމަކޮށްފަ އެވެ. އެ މެޗުގައި ޓީމުން 256 ލަނޑު ހެދިއިރު، ރާއްޖޭގެ ޓީ20 މެޗެއްގެ އެންމެ މަތީ ސްކޯއެއް ހެދުމުގެ ރެކޯޑު މުގުރާލަން ޓީމަށް މަދުވީ ނުވަ ލަނޑެވެ.

"ކޯޗުން ވެސް ދެ މީހުން ތައްޔާރު ކުރަނީ އޯޕަނިން އަށް ޕްރެކްޓިސްތަކުގައި. އުންމީދަކީ ކުރިއަށް އޮތް ތާނގައި ވެސް ޕާޓްނާޝިޕް ޕާފޯމަންސް ރަނގަޅުވުން،" މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދި ޝިއުސް ބުންޏެވެ.

ޝިއުސް، 23 އަހަރުން ދަށުގެ މުބާރާތުގެ މެޗެއްގައި ސެންޗަރީއެއް ހެދުމަށް ފަހު.-- ފޮޓޯ: ސީބީއެމް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝިއުސް ވަނީ، މުބާރާތުގައި ހަތް އިނިންސްގައި ކުޅެ، އޭނާ ކުރިމަތިލި 246 ބޯޅައިން 340 ލަނޑު ހަދައިފަ އެވެ. ދެ މެޗެއްގައި ސެންޗަރީ (100 ލަނޑު) ވެސް ހެދި އެވެ.

މި މުބާރާތުގައި ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ހެދި ސަދޫފް ވަނީ ހަތް އިނިންސްގައި 171 ބޯޅައިން 244 ލަނޑު ހަދައިފަ އެވެ. ރެކޯޑް ހެދި މެޗުގައި ސަދޫފް އާއި ޝިއުސް ވެސް 107 ލަނޑު ސްކޯ ކުރި އެވެ.

ޒުވާން ގައުމީ ޓީމުތަކުގައި އެކުގައި ގިނަ މެޗުތަކެއް ކުޅުނު ނަމަވެސް، ސްކޫލް ދައުރު ނިންމާލާފައި، މިދިޔަ އަހަރުގެ ޑިސެމްބަރާ ހަމައަށް ޝިއުސް ހުރީ ކްރިކެޓާ ދުރުގަ އެވެ. ތިން އަހަރު ކްރިކެޓާ ދުރުގައި ހުރުމަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައީ ސީދާ މި މުބާރާތް ކުޅެން، ސަދޫފްގެ އެދުމަކަށެވެ.

"ސަދޫފް ގުޅާލާފައި ބުނީ މުބާރާތެއް އެބަ އޮތޭ ޑިސެމްބަރުގައި. އޭރު ހުރީ ތިން އަހަރުގެ ބްރޭކެއްގައި. ބުނި ފުވައްމުލަކު ވެސް ބައިވެރި ވާނެއޭ. މިއީ ކްރިކެޓްގައި އަހަރެމެންގެ ހޯމް. އެހެންވެ މާލޭން ބޭރަށް ތަށި ދާން އަހަރެމެން ބޭނުމެއް ނުވޭ. ހިތަށް އެރީ އަލުން ފަށާނީއޭ،" ޝިއުސް އަލުން ކުޅެން ފެށި ސަބަބު ހާމަ ކޮށްދެމުން ބުންޏެވެ.

ސަދޫފް، 23 އަހަރުން ދަށުގެ މުބާރާތުގެ މެޗެއްގައި ސެންޗަރީއެއް ހެދުމަށް ފަހު.-- ފޮޓޯ: ސީބީއެމް

މުބާރާތުގައި ވާދަކުރި ޓީމުތައް މަދު ނަމަވެސް މިއީ ވާދަވެރިކަން ފެނުނު މުބާރާތެއް ކަން ދެ ކުޅުންތެރިން ވެސް ފާހަގަ ކުރި އެވެ. ސަދޫފް އަކީ ފުވައްމުލަކަށް ނިސްބަތްވާ ކުޅުންތެރިއަކަށް ވެފައި އެ ޓީމުގައި ވެސް ސީނިއާ ގިނަ ކުޅުންތެރިންތަކެއް ތިބުމުން ވާދަވެރިކަން ބޮޑުވި އެވެ. ލީގު ބުރުގައި ފުވައްމުލަކު ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ މެޗުން ވެސް އެކަން ފާހަގަ ވިއެވެ.

ފުވައްމުލަކުން މާލޭ އޭ ޓީމާ ދެކޮޅަށް ފުރަތަމަ ކުޅުނު ދެ މެޗުން ވެސް މޮޅުވި އެވެ. ނަމަވެސް ކުރިއަށް ދިޔައީ އެކަމުން އިތުރު ހިތްވަރެއް ހޯދައިގެން ކަމަށް ޝިއުސް އާއި ސަދޫފް ބުނެ އެވެ. ހާއްސަކޮށް ލީގު ބުރުގައި ފުވައްމުލަކާ ދެކޮޅަށް ކުޅުނު ދެވަނަ މެޗަކީ ދެ ކުޅުންތެރިންނަށް ވެސް ދަށްކޮށް ކުޅެވުނު މެޗެވެ. ނަމަވެސް ހިތްވަރު ކޮށްގެން ކާމިޔާބު ހޯދަން، ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ލިބުނު ސަޕޯޓާއި ހިތްވަރު ދެ ކުޅުންތެރިން ވެސް ވަނީ އުފަލާ އެކު ފާހަގަ ކޮށްފަ އެވެ.

"އިންޑިވިޖުއަލީ އަމިއްލަ ޓީމަށް ނުކޮށްދޭ ކަމެއް އެހެން މީހަކު އަރައި ނުކޮށްދޭނެއޭ. އެއީ ކުޑައިރުން ފެށިގެން ވެސް އަބަދު ވެސް ހުރިހާ ކޯޗުންގެ ފަރާތުން އަޑުއިވޭ ބަސްކޮޅެއް. އެންމެ ފުރަތަމަ ނިލަންތަ ކޯޗު، ދެން އިބޫ ކޯޗު، އިންމަ ކޯޗު، އިމާދު ކޯޗު، ނިޓޭ. ޓީމުގައި ހިމެނޭ ސީނިއާ ހުރިހާ ކުޅުންތެރިން ވެސް އެ ރެސްޕޮންސިބިލިޓީ ނަގައިގެން މުބާރާތް ކުޅުނީ،" ޓީމުގެ ކެޕްޓަން ސަދޫފް ބުންޏެވެ.

"ވަރަށް ގިނަ ދުވަހު ނުކުޅެ ހުރެ އައިސް ޝިއުސް އަދި ތިން މަހު ޕްރެކްޓިސް ކުރީ. ޝިއުސް ވަރުބަލި ފިލުވާލަން ބޭނުންވީމަ އަހަރެން އެ ވަގުތު އޯވަރެއް ހިފަހައްޓާލަނީ. ދެމީހުންނަށް ވެސް ޕްރެޝަރު ކުޑަކޮށް ކުޅެވޭތޯ ބަލަން. ކުރިން އަހަރެންނަށް ނުކެރޭނެ އެގްރެސިވްކޮށް ކުޅެލާކަށް، ނޫނީ މަތިން މާ ގިނަ ބޯޅަ ޖަހާކަށް. އެކަމަކު މި މުބާރާތުން އަމިއްލަ ނަފްސަށް އިތުބާރެއް ލިބުނީ."

ޝިއުސް (އިށީނދެގެން ވ-2)، މިދިޔަ އަހަރު ތައިލެންޑަށް ދިޔަ ރާއްޖޭގެ ގައުމީ ޓީމާ އެކު.-- ފޮޓޯ: ސީބީއެމް

ޝިއުސް އަލުން ކުޅުމުގެ ތެރެއަށް އައީ އުމުރުފުރާގެ މުބާރާތް ކުޅޭށެވެ. އެކަމަކު މުބާރާތް ލަސްވެ، ޓްރެއިނިންތަކުގައި އުޅެމުން އޭނާއަށް ލިބުނީ ސީނިއާ ގައުމީ ޓީމުގެ ފުރުސަތެވެ. ޓީމާ އެކު ރަސްމީ މެޗެއް އަދި ނުކުޅުނަސް، ގައުމީ ޓީމާ އެކު އޭނާ ވަނީ ރަނގަޅު ތަޖުރިބާއެއް ހޯދައި ވަރުގަދަ ޕްރެކްޓިސްތަކެއް ކޮށްފަ އެވެ. އެކަމަކު އަދިވެސް ކުރީގެ ފޯމަށް އަންނަން ބުރަކޮށް މަސައްކަތް ކުރަން ޖެހެއެވެ.

ފަހުން ކުޅުމުގެ ތެރެއަށް އައިސް ޝިއުސް އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ރާއްޖޭގެ އެއްވަނަ ކްރިކެޓް ކުޅުންތެރިޔާ އަހުމަދު ހަސަން (އާދަޅޭ)ގެ ފަރާތުންނެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު ދަނޑަށް ގެނެސް އޭނާއަށް ބެޓިން ޕްރެކްޓިސް ކޮށްދީފައި ވާކަން ޝިއުސް ވަނީ ޝުކުރުވެރިކަމާ އެކު ފާހަގަ ކޮށްފަ އެވެ.

ދާދި ފަހުން ސަދޫފް ވަނީ އަނިޔާއެއް ވެގެން އަށް ވަރަކަށް މަސް ދުވަހު ކުޅުމާ ދުރުގައި ހުރެފަ އެވެ. އަނިޔާއިން ރަނގަޅުވެ، ކްލަބް ލެވެލްގައި ކުޅެމުން އައިސް އަލުން ގައުމީ ޓީމުން ފުރުސަތު ލިބުމުން ވެސް ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް އަލުން ދާން ޖެހިލުން ވީ ރަނގަޅު ރީހެބިލިޓޭޝަން ނުޖެއްސުމުންނެވެ. އަލުން ޓީމުގެ ފަރިތަކުރުންތަކާ ގުޅުނީ ސީނިއާ ކުޅުންތެރިން ދިން ހިތްވަރުންނެވެ.

ސަދޫފް (ވ-ކޮޅަށް)، ރާއްޖޭގެ ގައުމީ ޓީމާ އެކު ޕްރެކްޓިސް މެޗެއްގެ ކުރިން.-- ފޮޓޯ: ސީބީއެމް

ވިކެޓް ކީޕަރެއްގެ ގޮތުގައި ކުޅެން ފެށި ސަދޫފް އަށް ސީނިއާ ޓީމުން ފުރުސަތު ލިބެން ފެށީ އުމުރުން 16 އަހަރުގަ އެވެ. މިހާތަނަށް ރަސްމީ މެޗެއް ނުކުޅުނު ނަމަވެސް ޓީމާ އެކު ޓުއާ ތަކަށް ގޮސް ޕްރެކްޓިސް މެޗުތަކުން އޭނާ އަންނަނީ ކުރިއެރުން ހޯދަމުންނެވެ.

ކްރިކެޓްގައި ދުނިޔޭގެ ވަރުގަދަ ގައުމުތަކެއްގެ ވަށައިގެން ރާއްޖެ އޮތް ނަމަވެސް، ބައިނަލްއަގުވާމީ ލެވެލްގައި ރާއްޖެ އަދި އޮތީ ވަރަށް ފަހަތުގަ އެވެ. ނަމަވެސް ހުނަރުގެ ގޮތުން ރާއްޖޭގެ ކުޅުންތެރިންނަކީ ވެސް މަތީ ލެވެލްގައި ވާދަ ނުކުރެވޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށް ސަދޫފް އާއި ޝިއުސް ގަބޫލު ކުރެ އެވެ. ދެ ކުޅުންތެރިން ވެސް ދެކޭގޮތުގައި މެދުނުކެނޑި ރަނގަޅު ފެންވަރުގެ ޓްރޭނިންތަކަކާ އެކު ރާއްޖޭގެ ކުޅުންތެރިންނަށް ވެސް އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާ ވާދަ ކޮށްލެވޭނެ އެވެ.

"ވަރަށް ރަނގަޅު އިންޓެންސް ޓްރެއިނިން ބޭނުން ވާނެ. އެކަމުގެ ހެއްކެއް ކަންނޭނގެ، ރާއްޖޭގެ އެންމެ ބާރު އުކުންތެރިޔާ ހަސަން [އިބްރާހިމް] އޮސްޓްރޭލިއާގައި އެ ކުޅެނީ. ގައުމީ ޓީމާއެކު ޓުއާގައި މިދިޔަ އަހަރު އޭނާގެ ހުނަރު ފެނުނު. ރާއްޖެ ޓީމުގެ އެންމެ މޮޅު ބެޓްސްމަނުން ވެސް ސްޓްރަގަލް ކުރި އޭނާއާ ދެކޮޅަށް،" ޝިއުސް ބުންޏެވެ.

ޝިއުސް (ކ) އަދި ސަދޫފް (ވ)، 2018 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި މަޖީދިއްޔާ އާއި ތާޖުއްދީން ބައްދަލުކުރި މެޗެއްގެ ތެރެއިން.-- ފޮޓޯ: ސީބީއެމް

ދެ ކުޅުންތެރިންނަކީ ވެސް ސްކޫލް މުބާރަތްތަކުން ކްރިކެޓަށް ތައާރަފްވި ކުޅުންތެރިންނެވެ. ޝިއުސް އަކީ ތާޖުއްދީން ސްކޫލުގެ ބެޓްސްމަނެކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ސްކޫލް މުބާރާތުގައި ގާޒީ ސްކޫލާ ދެކޮޅަށް ކުޅުނު މެޗުގައި ނުބައި ނުވެ 77 ބޯޅައިން 224 ހަދައި، ޓީ20 މެޗެއްގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ.

ސްކޫލް ދައުރު ނިމުމުން ދުވަސްކޮޅަކަށް ކްރިކެޓާ ދުރަށް ދިޔަ ޝިއުސް، ކްލަބް ލެވެލްގައި ކުޅުނީ ދެވަނަ ޑިވިޝަންގައި ކޮމެޓްސް ވާދަކުރި އަހަރެވެ. އެފަހަރު ވެސް އޭނާ ކުޅުނީ ސަދޫފް އަނިޔާގައި ހުރުމުން ލިބުނު ފުރުސަތެއްގަ އެވެ.

މަޖީދިއްޔާ ސްކޫލް ކްރިކެޓް ޓީމުގެ ކެޕްޓަން ސަދޫފް ވަނީ އުމުރުން 19 އަހަރުގައި ކޮމެޓްސް ކްރިކެޓް ކްލަބްގެ ކެޕްޓަންކަން ކޮށްފަ އެވެ. ސަދޫފް ދެކޭގޮތުގައި އިބޫ ކޯޗު އިތުބާރު ކޮށްފައި އޭނާ އަށް ފަހިކޮށްދިން މި ފުރުސަތަކީ ކެރިއަރުގައި ކުރިއަށް ދާން ލިބުނު ބޮޑު ހިތްވަރެކެވެ.

ރާއްޖޭގެ ޓީ20 ކްރިކެޓް މުބާރާތް ކާމިޔާބު ކުރުމަކީ ދެ ކުޅުންތެރިންގެ ވެސް އުންމީދެކެވެ. އެކުގައި ގައުމީ ރެކޯޑެއް މުގުރާލި ނަމަވެސް ސީނިއާ ކްލަބް ލެވެލްގައި މި އަހަރު ދެ ކުޅުންތެރިން އެކުގައި ނުފެންނާނެ އެވެ. ނިމިދިޔަ 23 އަހަރުން ދަށުގެ މުބާރާތުގެ ކުރިން ސަދޫފް އޭނާ ކުޅެމުން އައި ކޮމެޓްސް ކްލަބް ދޫކޮށްލާފައި ވާއިރު މިއަހަރު ސީބީއެލް ސްޕޯޓްސް އަށް ކުޅެން ވަނީ އެއްބަސް ވެފަ އެވެ. އަދި ޝިއުސް ވަނީ މާލޭ ސްޕޯޓްސް ކްލަބަށް ކުޅެން އެއްބަސް ވެފަ އެވެ.

ގައުމީ ޓީމުގައި ސަދޫފް އާއި ޝިއުސް ވެސް ވާދަ ކުރަން އޮތީ އެއް މަގާމަކަށެވެ. އެއީ ބެޓިން ލިސްޓުގެ އެންމެ ކުރީ ޖާގަ އެވެ. އެކުގައި ކުޅެން ފުރުސަތު ލިބިއްޖެ ނަމަ ދެ ކުޅުންތެރިން ވެސް ތިބީ ޓީމަށް ފައިދާހުރި މޮޅު ކުޅުމެއް ކުޅެދީ، އިތުރު ރެކޯޑްތަކެއް ގާއިމް ކުރުމުގެ އަޒުމުގަ އެވެ.

4 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 55%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަބަރޭ ރަބަރު

20 May 2023

ދުވާލުދަ ހަތަރުދަމު ކުޅެ ކުޅެވެސް މެޗު ނުނިމޭ ކުޅިވަރެެއް ތިނޫނީ ނޯންނާނެ މަ ހާދަ ފޫއްސެއްވެޔޭ ކޮބާތަ އިންޑިޔާއިން އެޅި ކުރިކެޓް ސްޓޭޑިޔަމް ބޯހަލާކު

The name is already taken The name is available. Register?

ދޯޕައްޓާ

20 May 2023

ރާއްޖޭގައި ކުރިކެޓު މަނާކުރަންޖެހޭ. ހާއްސަކޮށް އިރުވައިމޫސުމުގައި މަދަރުސާކުދިންލައްވާ ކުރިކެޓު ކުޅުވައިފިއްޔާ އެބަޔަކު ހިފާހައްޔަރުކޮށް ވަކިމުއްދަތަކަށް ޑިޕޯޓުކުރެވޭގޮތަށް ގާނޫނުހަދަންޖެހޭ.

The name is already taken The name is available. Register?

ކަތްދައްތަ

20 May 2023

ފޫއްސެއް ކަރުވާ ކުޅިވަރެއް ތި ކުރިކެޓަކީ. މިއޮށްގަދަަ ހޫނުގަ ރަތްދަކަ އަވީގަ ކަމެއްނެތި ހަމަ ހުންނާން ޖެހިދާނެ އެތައް ހާސް އިރަކު. ފިނި ތަންތާ ތިޔަ ކުޅުނުކަސް މިތަންތާ ތިޔަ ކުޅެން ހެޔޮނުުވާނެ.

The name is already taken The name is available. Register?

ކުރިމަގު ޒުވާނުން

20 May 2023

އަދިވެސް ރާއްޖޭން ގޮވާލެވޭ ކުރުންތެރިން ތިބެނީ ބޭރުގެ ޓީމުތަކާ އަޅާބަލާއިރު އެހާ ސްޕޯޓްސް ޝޭޕެއްގައެއް ނޫން. މިބުނަނީ އެޕެއަރެންސް އިޝޫއެއްގެ ގޮތަކު ނޫން. އެޕެއަރެންސް ދެއްތޯ ވާހަކަ ދައްކާނީ؟ އެބުނެދެނީ އެއްޗެއް. ކުޅިވަރުގެ މިންގަނޑަކީ ސިއްޙަތާއި އިންސާނުންގެ ގުޅުން. މިއީ ބޮޑަށް އެޑމިންގެ އިޝޫއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454