މިއަދުން ފެށިގެން ވެލިގާއިން "ނިޕޯން"ގެ ކުލަ އާއި ދަވާދު ގަންނަން ލިބޭނެ. -- ފޮޓޯ: ވެލިގާ
25 މެއި 2023 - 13:56
އެސްޓީއޯ އިން އެތެރެކުރާ "ނިޕޯން" ބްރޭންޑުގެ ކުލަ އާއި ދަވާދު ވެލިގާ ހާޑްވެއާގައި ވިއްކަން ފަށައިފި އެވެ.
މިއީ އެސްޓީއޯ އާއި ވެލިގާއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ފެށި ކަމެކެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން އެސްޓީއޯގެ ސްޓްރެޓީޖިކް ސޭލްސް މެނޭޖަރު އަބްދުލްމަޖީދު މުހައްމަދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ނިޕޯން ޕެއިންޓުގެ މާކެޓު އިތުރަށް ފުޅާވާނެ ކަމަށެވެ. އަދި ވެލިގާއިން ނިޕޯންގެ ޕްރޮޑަކްޓުތައް ލިބެން ހުރުމަކީ ކަސްޓަމަރުންނަށް އޭގެ ލުއިފަސޭހަތައް ލިބޭނެ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ވެލިގާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު، ސޭލްސް މުހައްމަދު ރަމީޒު ވިދާޅުވި ގޮތުގައި މި ޕްރޮޑަކްޓާ އެކު އެތަނުުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފުރިހަމަވެއްޖެ ކަމަށެވެ.
"ނިޕޯން" ވެލިގާއަށް ލޯންޗުކުރަނީ. -- ފޮޓޯ: ވެލިގާ
"އަޅުގަނޑުމެންގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯގެ ވަރަށް ބޮޑު ގެޕެއް މި ފިލް ވީ. މި ޕްރޮޑަކްޓާ އެކު ކޮންސްޓްރަކްޝަން ސޮއިލުޝަންސްއަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފިޔަވައި ހުރިހާ ޕްރޮޑަކްޓެއް މިހާރު އަޅުގަނޑުމެންގެ އައުޓްލެޓްތަކުން ލިބޭނެ." އޭނާ ވިދާޅުވި އެވެ.
ވެލިގާގައި ވެސް "ނިޕޯން"ގެ ކުލަ އާއި ދަވާދު ވިއްކާނީ އެސްޓީއޯއިން ވިއްކާ އަގުގަ އެވެ. ވެލިގާގެ ޖަނަވަރީ މަގާއި ހުޅުމާލޭގައި ހުންނަ ފިހާރައިން "ނިޕޯން" ހުރިހާ ވައްތަރެއްގެ ކުލަ އާއި ދަވާދު ތައްޔާރުކޮށްދޭނެ އެވެ.
ވެލިގާއިން ބުނީ މި ވަގުތަށް ހަމައެކަނި ދެ ފިހާރައަކުން "ނިޕޯން"ގެ ޕްރޮޑަކްޓުތައް ވިއްކި ނަމަވެސް، ކުރިއަށް އޮތްތަނުގައި އެ ތަނުގެ ހުރިހާ އައުޓްލެޓަކަށް "ނިޕޯން" ތައާރަފްކުރާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy