ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ މިރޭގެ އޭޖީއެމްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 މެއި 2023 - 21:47
ބީއެމްއެލް ކަސްޓަމަރުންނަށް އާޓިފިޝަން އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ހިދުމަތް ދޭން "ޑިޖިޓަލް ކަސްޓަމާ ކެއާ" ހިދުމަތް ތައާރަފްކުރާނެ ކަމަށް އެ ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ކާލް ވިދާޅުވީ، ޑިޖިޓަލް ހިދުމަތްތަކުގައި ހެދޭ ކުށްތައް މަދުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މިހާރަށް ވުރެ ފަސޭހައިން ކަސްޓަމަރުންނަށް ހިދުމަތް ހޯދޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ހިދުމަތްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ޑިޖިޓަލް ސަޕޯޓު ޕްލެޓްފޯމުތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
ކާލް ވިދާޅުވީ، އެކުންފުނިން މިއަހަރު އަލަށް 56 އޭޓީއެމް ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަލަށް ހަދާ އޭޓީއެމް އާއި ބްރާންޗުތައް ހެދުމަށް ހަމަޖެހިފައިވަނީ ދެމެހެއްޓެނިވި ހަކަތަ ބޭނުންކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް އެ ބޭންކުން އިސްނަގައިގެން ކުރަމުން އަންނަ ކަމަށެވެ.
"މި ދާއިރާއަށް ވާދަވެރިން އަންނާނެކަށް ގަބޫލުކުރަން. އެއީ ހުއްޓުވޭނެކަމެއް ވެސް ނޫން. ނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރާނީ ރާއްޖޭގައި އެންމެން އިހުތިޔާރުކުރާ ބޭންކަށްވުމަށް. ރާއްޖޭގެ މާކެޓްގައި އަޅުގަނޑުމެންގެ ލިބިފައިވާ ކުރިއެރުމާއެކު އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓް ތަކާއި އައު މަގުތައް ހޯދަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ކާލް ވިދާޅުވީ، ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ އިތުބާރު ލިބި، ކަސްޓަމަރުންނާ މެދު އިންސާފުން ކަންކަން ކުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗެޓްޖީޕީޓީ
30 May 2023
މިހާރުވެސް ކަސްޓަމަރުންނަށް އޭއައި ހިދުމަތް ދެމުންނެއްނު ތިގެންދަނީ، ނޭންގި ތިއްބާ ކަސްޓަމަރުންގެ އެކައުންޓުން ޗެޓްޖީޕީޓީ އަށް ލާރި ކަނޑާލާފަ ސަބްސްކްރިޕްޝަން ގަނެލަދެނީ.
ވިސާ ގޯލްޑް
30 May 2023
ދެން ކާޑު ލިމިޓު ކަނޑާލަންވީނު، އޭއައި ބޭނުންކޮށްގެން