13 ޖޫން 2023 - 12:18
ކީޓޯ، އިކުއެޑޯ (ޖޫން 13) - އިކުއެޑޯގެ ޕްރޮވިންސެއް ކަމަށްވާ ބަބަހޯޔޯގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަނާޒާއެއްގައި، އުމުރުން 76 އަހަރުގެ އަންހެނަކު ސަންދޯކު އަޅައިގެން ވަޅުލާން ގެންދަނިކޮށް، ނޭވާ ލާން ފެށުމާ ގުޅިގެން އަނެއްކާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
ބެލާ މޮންޓޯޔޯ ނަމަކަށް ކިޔާ އެ އަންހެން މީހާ މަރުވި ކަމަށް، އޭނާ އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލުގެ ޑޮކްޓަރުން މިދިޔަ ހަފުތާގައި ނިންމީ، އޭނާއަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް، ހަށިގަނޑުގެ ހަރަކާތް މުޅިން ހުއްޓި ނޭވާލުން ވެސް ހުއްޓުމާ ގުޅިގެންނެވެ. އޭނާ މަރުވިކަމަށް ޑޮކްޓަރުން ނިންމުމާ ގުޅިގެން، އާއިލާގެ މެންބަރުން މައްޔިތާގެ ހަށިގަނޑާ ހަވާލުވެ ގެއަށް ގެންގޮސް ކަށުކަމާކެމީގެ ކަންތައް ފެށި އެވެ.
މަރުވިކަމަށް ނިންމިތާ ފަސް ގަޑިއިރު ފަހުން، އޭނާގެ ހަށިގަނޑު ސަންދޯކުގައި ބާއްވައި އޭނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ގޮތުން، ރަހުމަތްތެރިންނާއި އަވައްޓެރިން ޒިޔާރަތް ކުރަމުން ދިޔަ އެވެ. އެ ވަގުތު ސަންދޯކުގެ ކައިރީގައި ހުރި، މައްޔިތާގެ ތިމާގެ މީހަކަށް ފާހަގަކުރެވުނީ ސަންދޯކުގެ ތެރެއިން އަޑެއް އިވޭ ކަމެވެ.
ރަނގަޅަށް ވިސްނައިލުމުން އެނގުނީ ސަންދޯކުގެ އެތެރެއިން ސަންދޯކުގައި ތަޅާ ކަމެވެ. އާއިލާގެ މީހުން ވަގުތުން ސަންދޯއް ހުޅުވައި ބެލި އިރު، ސަންދޯކުގައި އޮތް މީހާ ފުން ގޮތަކަށް ނޭވާލާން މަސައްކަތް ކުރެ އެވެ.
"މަންމަގެ ވާތުން ސަންދޯކުގެ ބިތުގައި ތަޅަން ފެށީ. އެއާ އެކު ސަންދޯއް ގުޑާކަން ވެސް އަހަރެމެންނަށް ފާހަގަކުރެވުނު. ދެން އަވަހަށް ސަންދޯއް ހުޅުވައިގެން ބެލި އިރު މަންމަ ނޭވާލާން މަސައްކަތް ކުރޭ،" ބެލާ މޮންޓޯޔޯގެ ފިރިހެން ދަރި ގިލްބާޓް ބަލްބޭރަން ބުންޏެވެ.
އޭނާ ބުނި ގޮތުގައި މަންމަ ވަޅުލަން ނިންމީ، މަންމަ މަރުވި ކަމަށް ނިންމައި ޑޮކްޓަރުން މަރު ސެޓްފިކެޓް ވެސް ދިނުމުންނެވެ. އަދި މަންމަ އަލުން ނޭވާ ލާން ފެށިއިރު، މަރު ސެޓްފިކެޓް ދިންތާ ވެސް ހަ ގަޑިއިރު ވާން ކައިރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
މަރުވި ސަބަބެއް ކަމަށް މަރު ސެޓްފިކެޓްގައި ބުނެފައި އޮތީ، ކާޑިއޯރެސްޕިރޭޓަރީ އެރެސްޓް އެވެ. އެއީ ހިތުގެ ހިނގުން ހުއްޓި ނޭވައިލުން ވެސް ހުއްޓުމެވެ. އަދި އެފަދަ ހާލަތުގައި ނޭވާ ލެއްވުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކުރުމުން ވެސް ފުއްޕާމޭ އެއްވެސް ވަރަކަށް ހަރަކާތް ނުކުރުމުން، ޑޮކްޓަރުން ނިންމީ އޭނާ މަރުވީ ކަމަށެވެ.
ސަންދޯކު އަޅާފައި ވަނިކޮށް އަލުން ނޭވާ ލާން ފެށުމާ އެކު، އޭނާ އަށް އިތުރު ފަރުވާ ދެމުން އަންނަނީ ވެސް، އޭނާ މަރުވި ކަމަށް ނިންމި ހޮސްޕިޓަލުގަ އެވެ. މި ހާދިސާއާ ގުޅިގެން، އެކަން ހިނގައި ދިޔަ ގޮތް ބަލައި އިހުމާލުވި މީހުންނަކީ ކޮބައިކަން ދެނެގަތުމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާ އިން މިހާރު ވަނީ ފަންނީ މާހިރުންގެ ޓީމެއް އެކުލަވާލައިފަ އެވެ.
މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، ހަށިގަނޑުގެ ގުނަވަންތައް ވެސް ހަރަކާތް ކުރާ ކަމަށާއި، ކުރިއަށް ވުރެ ހާލަތު ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ.
މިދިޔަ އަހަރު ވެސް އިކުއެޑޯގައި ވަނީ މިފަދަ ހާދިސާއެއް ހިނގައިފަ އެވެ. އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކު މަރުވެގެން ސަންދޯކު އަޅައި ވަޅުލުމުގެ ކުރިން މޫނު ދެއްކުމަށް ބާއްވާފައި އޮއްވާ، ސަންދޯކުގެ މަތިން ޖަހާފައި އޮތް ބިއްލޫރިގަނޑުގެ ދަށް ފަރާތުން އާވި އުފެދި ފުސްވަމުންދާ ކަން ފާހަގަކުރެވިގެން ބެލިއިރު، އެ ކުއްޖާ ދިޔައީ ނޭވާ ލަމުންނެވެ.
އެ ކުއްޖާ ސަންދޯކުން ނަގައިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ އޭގެ އެއް ދުވަސް ފަހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝާސަ
16 June 2023
އަސްލު މަރުވިކަން %100 އަށް ބުނެދެވޭނެ ގޮތެއް ނޯވޯ. އެހެންވެ ބައެއް ފަހަރު މިސްޓޭކް ހެދެނީ. ހޮސްޕިޓަލުންދޭ މަރުގެ ސެޓްފިކެޓްގެ މާނައަކީ 'ކްލިނިކަލީ ޑެޑް'
ސަލީމު އިދުރީސް
13 June 2023
އިސްލާމް ދީނުގަވަނީ މަރުހިއްޕަވަނީ މަލަކަލް މައުތުކިއާ މަލާއިކަތެއްކަން މިހެން ވީމަހިތައް އަރަނީ ނޭވާލާކަން ނޭގުމަކުން އަދި މަރު ހިއްޕެވީކަން ބެލެވެން ނެކަން ދެން އެންވީއިރު އިސްލާމު ދީނުގަ އޮވޭތޯއޭ މަރުހިއް ޕެވިކަން އެގޭނެ ހާއްސަ ގޮޔްތަކެއް ބަޔާން ކުރެވިފަ؟؟؟؟؟
ރޯނުން
13 June 2023
ހޫނ.. އެންމެ 'ދަންނަ' މީހުން ތިބޭނެ ކޮމެންޓު ސެކްޝަނުގަ ލިޔެލައިގެން ދީން ދަސްކުރަނީ ބާ؟ ދެން ލައިކު ގިނައިން ލިބޭގޮތްތަ ޤަބޫލުކުރަނީ؟
ކުކުޅޭ
13 June 2023
އެނގޭ ކުއްޖަކު ސަލީމުބޭއަށް ބުނެދީބަލަ..ވ.ދުވަސް ވެއްޖެ ސަލީމްބެގެ ކޮމެންޓެއް ނުފެންނަތާ..އެނބުރި އައި އިރު ދިވެހި ބަހުން ލިޔުމުގަ ވ. ބޮޑުތަން ރަނގަޅުކޮށްފަ ހުރިކަން ފާހަނގަ ކުރެވޭ..ކުރިން ހުންނަ ގޮތަށް ލޮލަށް ބޮލަށް އުނދަގޫވާ ކަހަލަ ގޮތެއް ނުހުރޭ
ސަލީމުގެ ބަފާ
14 June 2023
ކަލޭ ހިތުން ވަރަަށް މޮޅު ކޮމެންޓެއް ތިކުރީ
ހެޔޮއެދޭ
15 June 2023
ސަލީމް އިދުރީހަށް ހެޔޮވިސްނުން ދެެއްވާށި. ތިބާވެސް މަރުވާނެ، އެދުވަހުން ޔަގީން ވާނެތާ.
ރަދީފްއޮފިޝަލް
13 June 2023
އިކުއެޑޯގަ ތިޔަ ކަހަލަ ކަމެއް ހިނގާފާނެ.
ނޫނީ
13 June 2023
ރާއްޖޭގެ ފޮޓޯ ެެެެއެއް ނޫނި ނުލެވޭތަ
ހުސެން ރަހާ
13 June 2023
ފޮޓޯ ރަނގަޅަށް ބަލައިލަ ބަލަ އަދި އެއްފަހަރު. އެމްބިއުލާންސްގަ ޖަހާފަ އޮތް ފޯން ނަންބަރުން އެކަނިވެސް އެނގޭނެ އެއީ ރާއްޖެ ނޫން ކަން. ތަންކޮޅެއް ބޮޑުވަރު
ެީއެލީ
13 June 2023
ވަރެއް ވެފައެންނު ތިހުރީ. ތީބޮޑުވަރު.
ޑޮކްޓަރު
13 June 2023
"މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، ހަށިގަނޑުގެ ގުނަވަންތައް ވެސް ހަރަކާތް ކުރާ ކަމަށާއި، ކުރިއަށް ވުރެ ހާލަތު ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ."........ މަރުވެގެން "ސަންދޯކު އަޅާފައޮތް ގަބުރެއް" އެންމެ ނޭވާއެއް ލުމަކީވެސް ވަރަށް ބޮޑު ކުރިެެރުމެކެވެ.