21 ޖޫން 2023 - 10:49
ޖިންސީ ހަމަހަމަކަން ހޯދަން ކުރާ މަސައްކަތުގެ ދުވެލި މަޑު ކަމަށާއި ކުރިއަށް އޮތް 131 އަހަރު ވެސް އެކަން ހާސިލް ނުވާނެ ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމްގެ "ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓް" ގައި ބުނެފި އެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިގްތިސާދީ، ސިއްހީ އަދި ތައުލީމީ ދާއިރާގައި ދެ ޖިންސުގެ ދެމެދުގައި ހުރި ފަރަގު ނައްތާލުމުގައި މިދިޔަ އަހަރާ އަޅާބަލާއިރު ލިބުނީ 0.3 ޕަސެންޓުގެ ކުޑަ ކުރިއެރުމެކެވެ.
މީގެ ތެރެއިން އިގްތިސާދު ފަދަ ދާއިރާތަކުގައި ކުރިއެރުން ނުލިބި ފަހަތަށް ގޮސްފައި ވުމަކީ ކަންބޮޑުވުން އޮތް އަދި އަލުން މި މަސައްކަތް ފަށަންޖެހޭ ކަމުގެ ސިގްނަލެއް ކަމަށް ޑަބްލިޔު.އީ.އެފްގެ މެނޭޖިން ޑިރެކްޓަރު ސާދިއާ ޒާހިދީ މި ރިޕޯޓްގައި ވިދާޅުވެފައިވެ އެވެ.
"ކޮވިޑް19 ގެ ސަބަބުން، މިދިޔަ ދެތިން އަހަރު، ޖިންސީ ހަމަހަމަކަން ގާއިމުކުރުމުގައި މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވި. އެއީ އަންހެނުންނާއި އަންހެން ކުދިންގެ ތައުލީމާއި މަސައްކަތުގެ މާހައުލަށް އެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ނޭދެވޭ އަސަރުތަކުގެ ސަބަބުން،" ސާދިއާ ވިދާޅުވެފައިވެ އެވެ.
"ލިބުނު މި ގެއްލުން ބައެއް ގައުމުތަކުގައި ފޫބައްދަމުން އަޔަސް އެހެން ބައެއް ގައުމުތަކުގައި ދަނީ އިތުރަށް ގޯސްވަމުން."
ޑަބްލިޔުއީއެފްގެ ރިޕޯޓްގައި ޖެންޑާ ގެޕް އިންޑެކްސް ނުވަތަ ޖިންސީ ތަފާތުކަން އޮތް މިންވަރު 146 ގައުމެއްގައި ބަލާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ބަލައިގެންނެވެ. އެއީ؛
- އިގްތިސާދީ ކަންކަމުގައި ބައިވެރިވާ މިންވަރާއި އެ ދާއިރާއިން ލިބޭ ފުރުސަތު
- ތައުލީމީ ދާއިރާއިން ލިބޭ ފުރުސަތު
- ސިއްހަތާއި އެކަމާ ގުޅުން ހުރި ކަންކަން
- ސިޔާސީ ގޮތުން ބާރުވެރިކުރުވުން
ރިޕޯޓްގައި ބުނެފައިވާ ގޮތުން 2006 ވަނަ އަހަރު މި ރިޕޯޓް ނެރެން ފެށިއިރާ އަޅާބަލާއިރު ޖުމްލަކޮށް މިހާތަނަށް ލިބިފައިވަނީ 4.1 ޕަސެންޓުގެ ކުރިއެރުމެކެވެ.
ތައުލީމީ ދާއިރާގައި ދެ ޖިންސުގެ މެދުގައި އޮތް ތަފާތު ކުޑަވެފައި ވިޔަސް ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމުގައި ފަހަތަށް ސޮއްސާލާފައިވުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި މި ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ޑަބްލިއުއީއެފް އިން އަންދާޒާކުރާ ގޮތުގައި އިގްތިސާދީ ދާއިރާގައި ޖިންސީ ހަމަހަމަކަން އަންނަން އަދި 169 އަހަރު ހޭދަވެދާނެ އެވެ. ސިޔާސީ ކަންކަމުގައި އޮތް މި ފަރަގު ނައްތާލަން 162 އަހަރު ހޭދަވާނެ އެވެ.
މުޅި ދުނިޔެ އަށް ބަލާއިރު ޖިންސީ ތަފާތު 80 ޕަސެންޓަށް ކުޑަކުރެވިފައިވަނީ އެންމެ ނުވަ ގައުމެއްގަ އެވެ. އެއީ އައިސްލެންޑާއި ނޯވޭ އާއި ފިންލެންޑާއި ނިއު ޒީލެންޑާއި ސްވިޑްން އާއި ޖަރުމަނާއި ނިކަރާގުއާ އާއި ނެމީބިއާ އަދި ލިޔުއޭނިއާ އެވެ. އައިސްލެންޑް ވަނީ 14 ވަނަ ފަހަރަށް، ޖިންސީ ތަފާތު އެންމެ ކުޑަ ގައުމުގެ ގޮތުގައި މި ފަހަރު ވެސް ހިމެނިފަ އެވެ. އެއީ 91.2 ޕަސެންޓަށް ތަފާތު ކުޑަކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިންސު
21 June 2023
ކޮން ކަމެއް ނުވެގެން އަސްލު އެ އުޅެނީ...؟؟
ބޮޑުމީހާ
21 June 2023
ޖިންަސީ ހަމަހަމަކަމެއްވެސް މިންތީގެ ހަމަހަމަކަމަށްވެސް ދުވަހަކުވެސް ނާންނާނެ. ތި ލިބިގެން އުޅޭ ގައުމުތަކުގައިވެސް ތި މައްސަލަތައް އޮތީ ތިހެން. ފިރިހެން، އަންހެން ހަށިގަނޑު ގުދުރަތީ ނިޒާމުން އުފެދިފައިވަނީ ވަކި ރޯލްތަކެއް އެސައިންގކުރެވި މުޖްތަމއުތައް ހެޔޮގޮތުގައި ބިނާކުރުމަށް. އެ ނިޒާމުތަކަށް ބޯނުލަނބާ ގައުމުތަކުގެ އިޖްތިމާއީ އެތައް މައްސަލަތަކެއް. އިލާހީ ގާނޫނަށްވުރެ މޮޅުވާން އުޅޭނެކަމެއް ނެތް
ކިރު ސައި
21 June 2023
ހަމަހަމަކަން މާނަ ކުރާގޮތް ތަފާތީ. މިރާއްޖެއަކީ ހަމަހަމަ ފުރުސަތުތަކާއި ތަފާތުކުރުމުގެ މިންވަރަށް ބަލާނަމަ ވަރަށް ރަނގަޅު ގައުމެއް. ނަމަވެސް ފިރިހެނުން ވިހެއުމާއި ، ވިއްސާރަ ދުނީގެ ކުލަތަކާއި އަދި ނަންއިތުރުތަކަށް ބަލާނަމަ ލިބޭނީ ވަރަށް ދަށް ނަތީޖާއެއް. މިފަދަ ކަންތަކަކީ އިންސާނީ ތަބީއަތާއި ޚިލާފު ހަޑިހުތުރު ކަންކަން. މިކަންތައް އޮންނަ ގައުމުތަކުގަވެސް ގިނަ ރައްޔިތުން ސީދާ ދެކޮޅު ކަންތަކެއް.
މިންތި
21 June 2023
ޖިންސީ ހަމަހަމަ ކަމެއް ނޫނޭ. އަސްލު ރަނގަޅު ގޮތަކީ މިންތީގެ ހަމަހަމަ ކަން. ޖެންޑަރ އީކުއަލިޓީ :)
ފެމްނިސްޓްޒް
21 June 2023
ދުނިޔޭގެ އެއްވެސް ތަނެއްގައި ވާނެކަމަށް ނޫން... ޖިންސީ ހަމަހަމަކަމަށް ވަކާާލުތުކުރާ މީހުން ކީއްވެ ތަ އަންހެނުން މަހަށް ދާން, މަޖޫރީކަން ކުރަން, ކޮންސްޓުރަކްޝަން މަސައްކަތް ފަދަ ޖިސްމާނީ ގޮތުން ގައިގައި ވަރު ހުންނަ މީހުން ކުރާ މަސައްކަތްތައް ކުރަން އަންހެނުންނަށް ބާރު ނާޅަނީ. ބަލަގަ އެފަދަ މަސައްކަތް ފިރިހެނުންނަށް އެކަނި ހާއްސަވާނަމަ ކޮބާ ދެ ޖިންސުގެ ހަމަހަމަކަން.
ވަސީމް އަލީ
21 June 2023
ޖިންސު ހަމަހަމަ ކުރަން މަހަށް ދޭބަލަ.. ނޫނީ ރާނަން ދޭބަލަ.. ނޫނީ ވަޑާން ކުރަން ދޭބަލަ.. ކޯއްޗެއް ހަމަ ނުވެގެން ތިއުޅެނީ؟؟؟
ސަސު
21 June 2023
ދެން މިއޮށް ހުރިހާ ދުވަހު ކުރި މަސައްކަތުގެ ނަތީޖާއަކީ ކޮބާތަ
ޓީޖެޓީ
21 June 2023
ދެ ޖިންސްގެ މެދުގައި ހަމަހަމަ ކަމެއް ނޯންނާނެއެވެ. އޮންނަންޖެހޭނީ ޢަދުލުވެރިކަމެވެ. އެއްބައިކަންކަމުގައި އަންހެނުން ކުރީގައި އުޅޭއިރު އަނެއްބައި ކަންކަމުގައި ކުރީގައި އުޅޭނީ ފިރިހެނުންނެވެ.
ފަޒީނާ
21 June 2023
ގިރިތަކާއި އެކު ޖިންސީ ހަމަހަމަ ކަން އޮތީ ކުރި އަރާފަ.. ދެން ކޯއްޗެއް ނުލިބިގެން ތިއުޅެނީ… ތިބުނާ އެއްޗެއް ހޯދަން ޔޫރަޕަށް ދޭބަލަ..
ާހަލީމާ
21 June 2023
ޖިންސުގެ ހަމަހަމަ ކަން ހޯދަން ޔޫރަޕަށް ދޭބަލަ..
ވަގސއ
21 June 2023
ނުޖެހޭ ދާކަށް. ކަލޭ ބޭނުމިއްޔާ އަފްގާނިސްތާނަށް ދޭބަލަ