ޖުމްހޫރީ ޕާޓީއާ އެކު އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން މިއަދު ކުރެއްވި މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މަޝްވަރާތައް ކުރިއަށް ގެންގޮސް ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ފާރިސް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
25 ޖުލައި 2023 - 14:51
ސެޕްޓެމްބަރުގައި އޮންނަ ވާދަވެރި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަން މިއަދު މަޝްވަރާތައް ފަށައިފި އެވެ.
ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާނެ ކަން އިއުލާނުކޮށްފަ އެވެ. އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވެސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ގެންދަވަނީ ކުށުގެ ރެކޯޑު ސާފުކުރައްވަމުންނެވެ.
ޖޭޕީގެ ޓީމުތައް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިޔައަސް ރަސްމީ ކެމްޕޭނެއް އަދި ނުފަށަ އެވެ. އެކަމަކު އޭގެ ކުރިން އެއް ކެންޑިޑޭޓަކު ނެރެގެން އިންތިހާބު ކާމިޔާބުކުރަން އަންނަނީ ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންނެވެ.
ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯދަން މި ދެ ޕާޓީން މަޝްވަރާ ފެށިއިރު، މި ސަރުކާރުގެ ކޯލިޝަނުން ރަސްމީކޮށް ދެ ޕާޓީ ވަތްކެއް ނުވެ އެވެ. އެކަމަކު ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ދިން ދައުވަތު ޖޭޕީ އާއި އެމްއާރުއެމް އިން ވެސް ގަބޫލެއް ނުކުރި އެވެ.
ޖޭޕީގެ މައި ޖަގަހަ، ކުނޫޒްގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ. އެމްއާރްއެމްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ފާރިސް އެވެ.
މި ބައްދަލުވުމަށް ފަހު ފާރިސް ވިދާޅުވީ ގައުމު އެދޭ އިސްލާހީ ބަދަލު ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު އާ ވެއްޖެ ކަމަށެވެ.
ހިޔާލުތަފާތުވާ ކަންތައްތަކެއް ހުރިނަމަ އެ ކަންކަމާމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އެބައޮތް، -- ފާރިސް
"އަޅުގަނޑުމެންގެ އެދުމަކީ އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރެވޭނެ ހާލަތަކަށް، ބައެއް ކަންތައްތައް ދެ ފަރާތުން އެއްބަސްވުން،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ނިންމުނީ ކޯލިޝަންގެ ބައްދަލުވުންތައް ރަސްމީ ގޮތުންނާއި ނުރަސްމީ ގޮތުން ކުރިއަށް ގެންގޮސް ވީ އެންމެ އަވަހަކަށް ގޮތެއް ނިންމުމެވެ.
"ހިޔާލުތަފާތުވާ ކަންތައްތަކެއް ހުރިނަމަ އެ ކަންކަމާމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އެބައޮތް،" ފާރިސް ވިދާޅުވި އެވެ.
ޖޭޕީން ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރަން ނިންމާފައިވީ ނަމަވެސް ރައްޔިތުން އެދޭ ބަދަލު ގެނެވޭނީ އެއް ކެންޑިޑޭޓަކު ނެރެގެން ކަމަށްވާ ނަމަ އެކަމާމެދު މަޝްވަރާ ނުކުރަންވީ ސަބަބެއް ނެތް ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން މެނުވީ މި ބޭނުންވާ ނަތީޖާ ނުނިކުންނާނެ. އަޅުގަނޑުމެން އެ ދިމާއަށް މަސައްކަތް ކުރާނަން އަދިވެސް،" އަމީން ވިދާޅުވި އެވެ.
މަޝްވަރާ ބައްދަލުވުމަށް ފަހު ޖޭޕީގެ ނައިބު ލީޑަރު އަމީން ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އެކުގައި މަސައްކަތް ކޮށްގެން ނޫނީ ބޭނުންވާ ނަތީޖާ ނުނެރެވޭނެ ކަމަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރިޔާސީ އިންތިހާބަށް އެމްއާރްއެމްއިން ފާރިސް ނެރެން މަސައްކަތް ކުރި ނަމަވެސް އެކަމުގައި ގާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ.
ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ. މިއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ އެމްއާރުއެމް އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން އޮތީ އީސީގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެ ނިންމުން މުރާޖައާ ކުރަން އީސީން ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާ ދެކޮޅަށެވެ. ނަމަވެސް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި އެމްއާރުއެމް ބައިވެރިއެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުމޫނިޒަމް
25 July 2023
މިވެސް ދެން ރޯގާއަކަށް ވެއްޖެކަމެއް. އެއްދަރި މިނިސްޓަރުކަމުގެ ދަހިވެތިކަމުގައި އެމްޑީޕީގައި، އަނެއްދަރި ޕީޕީއެމްގައި، އަނެއްދަރި އެމްއެންޕީގައި، ދެންހުރި ދަރި ތިން ހާސް ހަމަނުވިޔަސް ޕާޓީގަނޑެއް ހަދައިގެން އެޕާޓީގެ ރައީސް ކަމުގައި. ދިވެހިން އަދިވެސް ވިސްނާކަށް ނުވޭބާ!
ަސުންދުސް
25 July 2023
މި މީހުން ބަތްކައްކާ ކުޅެކުޅެ ތިއްބާ އިބޫ އެއްބުރުން ބޮޑުކޮށް ނަގާނީ!
ޖަޒްލީ
25 July 2023
މި އެންމެން ވެރިކަން ބޭނުންވަރުން ޕޮލިސީއެއް ވިސްނުމެއް ބެލުމެއް ނޯވޭ. ކޮންމެ މީހަކު ގޮސް އެމީހާ ފަހަތަށް އަނެއް މީހާ އަރާށޯ. 3000 ހަމަނުވެގެން އުވާލީމާ 500،000 (ފަސް ލައްކަ) މީހުންގެ ނައިބު ރައީސްއަކަށް ވާށޯލަ!
ސުންދުސް
25 July 2023
އަނގާގަހުރި ފެން ނޭފަތުން އައިއްސި!
އަންދަލޫސިޔާ
25 July 2023
ނެކްސްޓް ޖޯކް ޕްލީޒް!
އުމޭއްތަ
25 July 2023
އިބޫއާ ކޯލިޝަން ނަހަދަން ފާރިޝް އުޅެނީ ނައިބު ކަން ނުދީގެން. ގާސިމް ރަނިންގމޭޓެއް އިއުލާން ނުކޮށް މި ހުންނަނީ ޕީޕީ ނުވަތަ ދަނޑި އަތުވޭތޯ. އިބޫ ސައިޑުން ފާރިސް އޮންބޯޑް ނުވާކަން އެނގި، އަދި އަމިއްލައަށް ވިހިތިރީސް ވޯޓު ނުނެގޭނެކަން އެނގިގެން ފާރިސް ބުނީ ކެމްޕޭން މި ފަށަނީއޭ. ދެން ގޮސް ގާސިމާ ޑީލް ހަދާފަ މި ބުނަނީ ގައުމަށްޓަކާ ކެމްޕޭން ހުއްޓާފަ ނައިބަކަށް އޯކޭއޭ. މީ ހަމަ ހަތަރެސްކަން ލޯބީގެ ޑްރާމާއެއް.
ގެދާށޯމޮސް
25 July 2023
ވ ކުރުކޮށް ފޮނިކޮށް : ހަގީގަތަށް : އަދި ، އެހާމެ އިބާރާތް ފުރިހަމަ : ސާބަސް !
ހަސަނޭެެ
25 July 2023
ތަފާތުވާ ހިޔާލަކީ ރަނިންގްމޭޓު ކަން އެމް.އާރު.އެމްއަށް ދިނުން. 3ކ ހަމަ ނުވާބަޔަކު ރަނގަޅުވާނީ ރަނިންގްމޭޓުކަން ހޯދުމުގެ ބަދަލުގަ، އެހެންމީހުން ކުރާ ކަންކަން ބަލާލަން ޓީވީ ހުޅުވައިގެން ގޭގަ ތިބިއްޔާ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
25 July 2023
ޑީލެއް ހަދާފާނެ ގާސިމް މިފަހަރު ކެންޑީޑޭޓަށްވެ ފާރިސް ރަނިންމޭޓަށްވާން. އެކަމަކު ޝަރުތަކީ 2028ގާ ފާރިސް ކެންޑިޑޭޓަށްވެ ގާސިމް ފާރިސްގެ ރަނިންމޭޓަށްވުން.
ގޮބޮޅި
25 July 2023
ރައްޔިތުން އެދޭ ބަދަލަކީ ނަހުލާ މިނިސްޓަރުކަމުގަ ބަހައްޓައިގެން، ދެންތިބި މީހުން ސަރުކާރުގެ މަތީ މަގާމުތަކުގައި ބައިތިއްބާފަ ރައީސްމީހާ ގެޔަށް ކަނޑާލުން ހައްހައްހައް.... (އެއްކަލަ ހިނިގަނޑު)
ތުއްޕުޅު
25 July 2023
ތިޔަބުނާ ހިޔާލުތަފާތުވާ ކަންތައްތަކަކީ ބައިއެޅުމުގަ ހިޔާލުތަފާތުވާ ކަންތައްތައް، ކީއްވެތަ ސާފުކޮށް ބުނަން ނުކެރިގެން ތިޔައުޅެނީ.