ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ތަރައްގީކުރި ޕާކެއް. -- ފޮޓޯ: ބީއެމްއެލް
04 އޯގަސްޓް 2023 - 11:11
ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ދެވަނަ ފިޔަވަހީގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހަމަވާނެ އެވެ.
ކޮމިއުނިޓީ ފަންޑަށް މާލެ އާއި ރަށްރަށުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ އެންޖީއޯތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ.
ބީއެމްއެލްއިން ބުނީ ތިމާވެއްޓާއި ތައުލީމާއި ކުޅިވަރާއި މުޖުތަމައު ތަރައްގީކުރުމުގެ ދާއިރާތަކުން ޖަމިއްޔާތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށެވެ. މި ފިޔަވަހީގައި 10 ޕްރޮޕޯޒަލަކަށް އެހީ ދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ޖަމިއްޔާތަކަށް، ޕްރޮޖެކްޓުތައް ހިންގުމަށް 50،000ރ. އާ ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހޭނީ [email protected] އީމެއިލް އެޑްރެހަށެވެ.
ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް މެދުވެރިކޮށް ޖަމިއްޔާ އަދި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުވެރިކުރުމުގެ ޕްރޮގްރާމެކެވެ. އެ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ޕްރޮޖެކްޓެއް ހިންގުމަށް މިހާތަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy