14 އޯގަސްޓް 2023 - 14:33
ކޮންމެ އަހަރަކު ވެސް ފުޑް އެންޑް ސަޕްލައި މާކެޓަށް އަމާޒުކޮށް ބާއްވާ އެސްޓްރަބަން އެކްސްޕޯގެ މި އަހަރުގެ އެޑިޝަން ބާއްވައިފި އެވެ.
މި އަހަރު މި އެކްސްޕޯ ބޭއްވީ މެންހެޓަން ބިޒްނަސް ހޮޓެލްގައި މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އެވެ.
މި އެކްސްޕޯ އަކީ އެސްޓްރަބަން އިން އެތެރެކޮށް ވިއްކާ އެކި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ޝޯކޭސް ކޮށް ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ފަރާތްތަކަށް މި ޕްރޮޑަކްޓުތައް ދައްކާލައި، އެ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ބޭއްވި އެކްސްޕޯއެކެވެ.
އެސްޓްރަބަން އަކީ 50 އަށް ވުރެ ގިނަ ސަޕްލަޔަރުންގެ ބްރޭންޑުތައް ވިއްކާ ކުންފުންޏެކެވެ. އޭގެ ތެރޭގައި އެފްއެންޑްބީގެ ބްރޭންޑް ކެފިޓަލީ އާއި ކިޗަންވެއާގެ ބްރޭންޑުތައް ކަމަށްވާ ސްޕެއިންގެ ޕުޖަދާސް، ޖަރުމަނުގެ ގީސާ، ސްޕެއިންގެ އަރަވެން، ތުރުކީގެ ގޭސްޓްރޯޕްލާސްޓް، މެލޭޝިއާގެ ބެރްޖާޔާ އަދި ފްރާންސްގެ ސަންޓޯސް ފަދަ ބްރޭންޑުތައް ހިމެނެ އެވެ.
މި އެކްސްޕޯގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި އެކްސްޕޯ އަކީ ރާއްޖެ ވޯލްޑް ކްލާސް ލަގްޒަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ އެކްސްޕޯއެއް ކަމަށެވެ. އަދި މި ފަދަ އެކްސްޕޯއިން ހޮސްޕިޓާލިޓީ އިންޑަސްޓްރީ އިތުރަށް ފުރިހަމަވެ، އެ ދާއިރާގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި އެކްސްޕޯގައި އެފްއެންޑްބީ ދާއިރާއާ ގުޅުންހުރި އުފެއްދުންތަކުގެ އިތުރުން ލޯންޑްރީ އިކުއިޕްމަންޓާއި ގޭތެރޭގެެ އެކި ބޭނުންތަކަށް ބޭނުންވާ ތަކެއްޗާއި ބަދިގެ ސާމާނު ވެސް ވަނީ ދައްކާލައިފަ އެވެ.
އެސްޓްރަބަން އެކްސްޕޯއަކީ އައިއެމްޓީއެމް އިން އިންތިޒާމުކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ އެކްސްޕޯއެކެވެ. މިއީ މި އެކްސްޕޯ ބާއްވާ ދެވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy