ކެނެޑާގެ ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް އާއި ޕުރުތޮރީކޯގެ ރެޕް ލަވަކިޔުންތެރިޔާ ބޭޑް ބަނީ.
15 އޯގަސްޓް 2023 - 06:25
ކެނެޑާގެ ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް އާއި ޕުރުތޮރީކޯގެ ރެޕް ލަވަކިޔުންތެރިޔާ ބޭޑް ބަނީ އެކުގައި އަނެއްކާ ވެސް ލަވައެއް ގެނެސްދޭން ނިންމާފައިވާ ކަން އިއްޔެ އިއުލާންކޮށްފި އެވެ.
ޑްރޭކް އެކަން އިއުލާންކުރީ އިއްޔެ ބޭއްވި އޭނާގެ ޝޯއެއްގެ ތެރެއިންނެވެ.
އެ ޝޯގައި ބޭޑް ބަނީ ވެސް ބައިވެރިވި އެވެ. އަދި ދެ މީހުން އެކުގައި އެ ޝޯގައި ޕާފޯމް ވެސް ކުރި އެވެ.
ދެ ލަވަކިޔުންތެރިން އަނެއްކާވެސް އެކުގައި ލަވައެއް ގެނެސްދޭން ނިންމިކަން މި އިއުލާންކުރީ، އެކަމުގެ އަޑުތައް ފެތުރިފައި ވާތާ ދުވަސްތަކެއްވި ފަހުންނެވެ. އެކި އިވެންޓުތަކުގައި ދެމީހުން ވެސް އެކަކު އަނެކެއްގެ މަސައްކަތްތަކަށް އަބަދުވެސް ތައުރީފު ކުރެ އެވެ.
މީގެ ހަތަރު އަހަރު ކުރިން ވެސް ޑްރޭކް އާއި ބޭޑް ބަނީ ވަނީ އެކުގައި ލަވައެއް ނެރެފަ އެވެ. އެއީ "މިއާ" އެވެ.
ޑްރޭކްގެ ލަވައެއް އެންމެފަހުން ނުކުތީ މީގެ ހަތަރު މަސްދުވަސް ކުރިންނެވެ. އެއީ ސާޗު އެންޑް ރެސްކިއު އެވެ. ބޭޑް ބަނީގެ ލަވައަކަށް އެންމެފަހުން ނުކުތީ "ވެއާ ޝީ ގޯސް" އެވެ. އެ ލަވަ ނުކުތީ މީގެ ދެ މަސްދުވަސް ކުރިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy