ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ފޭދޫ އިއްބެގެ ހެޓްރިކާ އެކު އީގަލްސް އަލުން ދެވަނައަށް

ފޭދޫ އިއްބެ އޭނާގެ ހެޓްރިކް ފުރިހަމަ ކުރުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ގެ ހެޓްރިކާ އެކު 5-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އީގަލްސް އަލުން ދިވެހި ޕްރިމިއާ ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފި އެވެ.

އީގަލްސް ލީގުގައި އެންމެ ފަހުން މެޗެއް ކުޅުނީ މި މަހުގެ ހަތަރުވަނަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށެވެ. އޭގެ ފަހުން މިމަހުގެ ނުވަވަނަ ދުވަހު ލީގު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރީ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ މެޗު ކުޅެން ބަންގްލަދޭޝް އަށް ފުރަން ޖެހުމުންނެވެ.

ދެވަނަ ބުރުގެ ފުރަތަމަ މެޗު ފަސް ކުރުމާ ގުޅިގެން، އީގަލްސް އަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ޕޮއިންޓެއް އިތުރަށް ހޯދައިގެން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވަނީ އީގަލްސް ތިންވަނައަށް ވައްޓާލައި ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފަ އެވެ. ނަމަވެސް ރޭގެ މޮޅާ އެކު އީގަލްސް މިވަނީ އަށް މެޗުން 20 ޕޮއިންޓް ހަމަކޮށްގެން އަލުން ދެވަނައަށް ޖެހިލައިފަ އެވެ.

ލީގު އެއްވަނައިގައި އޮތް މާޒިޔާ ވަނީ އިއްޔެ ހަވީރު ސަސް ބަލިކޮށްގެން އަށް މެޗުން 22 ޕޮއިންޓް ހަމަކޮށްފަ އެވެ. މިއާއެކު ސަސް ވަނީ ނުވަ މެޗުން ލިބުނު 18 ޕޮއިންޓާ އެކު ތިންވަނައަށް ވެއްޓިފަ އެވެ. ބައްޔާ އެކު ބުރު އަދިވެސް އޮތީ ފަސްވަނައިގަ އެވެ.

ބަންގްލަދޭޝްގެެ ޑާކާ އަބަހާނީ އަތުން ޕްރިލިމިނަރީ މެޗުގެ އެންމެ ފަހު ވަގުތުކޮޅު ވީ ބައްޔަށް ފަހު އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ރޭ އެޓީމުން ވަނީ 15 މިނިޓުތެރޭ ބުރު ކޮޅަށް ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އަހުމަދު ރިޒުވާން (ރިޒޭ) ހުސްކޮށްލި ބޯޅައަކުން މި ގޯލު ޖަހައިދިނީ ބްރެޒިލް ފޯވާޑް އިވާން ކާލޯސް އެވެ. އޭގެ 20 މިނިޓު ފަހުން އިވާންގެ އެހީތެރިކަމާ އެކު ލީޑު ފުޅާ ކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ފޯރި ގަދަ މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި އީގަލްސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ރިޒޭ އެވެ. އޭގެ ހަ މިނިޓު ފަހުން ރިޒޭގެ އެހީތެރިކަމާ އެކު ފޭދޫ އިއްބެ ވަނީ އޭނާގެ ދެވަނަ ގޯލު ކާމިޔާބު ކޮށްފަ އެވެ. ފޭދޫ އިއްބެ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 83 ވަނަ މިނިޓުގައި ކާމިޔާބުކުރި ގޯލުންނެވެ.

މާޒިޔާ ދޫކޮށް މި ސީޒަންގައި އީގަލްސް އަށް ބަދަލުވި ފޭދޫ އިއްބެގެ ހެޓްރިކާ އެކު އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން 10 ގޯލު ހަމަކޮށްފަ އެވެ. އޭނާއަށްވުރެ ގިނަ ގޯލު ލީގުގައި ޖަހާފައި ވަނީ، ރޭގެ މެޗުގައި 11 ވަނަ ގޯލު ހަމަކުރި އީގަލްސްގެ ކެޕްޓަން ރިޒޭ އެވެ. ރިޒޭ ވަނީ ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. އީގަލްސްގެ ފޯވާޑް ކާލޯސް ވަނީ މިހާތަނަށް އަށް ގޯލު ޖަހައިފަ އެވެ.

ފަހު ހާފުގައި ކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް ފެނުނު މި މެޗު ނިމެނިކޮށް، ބުރު ސްޕޯޓްސް ކްލަބްގެ ވައިސް ކެޕްޓަން މުހައްމަދު ނާއިމް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454