ވިނަރެސް ފްލެޓްތައް. އެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން މާލީ ގާބިލުކަން ކަށަވަރު ކުރަން އިތުރު ފުރުސަތެއް ވަނީ ދީފައި-- ފޮޓޯ: މިހާރު
30 އޯގަސްޓް 2023 - 21:03
ވިނަރެސް ފްލެޓް ލިބުނު މީހުންގެ ތެރެއިން ދިގު މުއްދަތަށް ފައިސާ ބަހާލައިގެން ދައްކާ އުސޫލު (ލީސް ޓު އޯން) މޮޑެލްގެ ދަށުން މިހާތަނަށް މާލީ ގާބިލުކަން ސާބިތުކޮށްދެވިފައި ނުވާ 499 މީހުންނަށް އަލުން މާލީ މައުލޫމާތު ހުށަހަޅަން އާބަންކޯއިން ފުރުސަތެއް ދީފި އެެވެ.
އާބަންކޯ އިން މިއަދު ކުރި އިއުލާނުގައި، މާލީ ގާބިލުކަން ސާބިތު ނުކުރެވި ތިބި ފަރާތްތަކަށް އެކަން ކަށަވަރު ކުރަން މައިގަނޑު ތިން ލިޔުމެއް ހުށަހަޅަން ފުރުސަތު ދިނެވެ.
- އާމްދަނީ ސާބިތު ކުރަން ބޭނުންވާ އިތުރު ލިޔުންތައް
- އެމްއެމްއޭގެ ކްރެޑިޓް ރިޕޯޓު
- އެލިޖަބަލް އީއެމްއައި (އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް) ސާބިތުނުވާ ފަރާތްތަކުން ގެރެންޓާއެއް ހުށަހެޅުން
އާބަންކޯ އިން ބުނީ ގެރެންޓާއެއްގެ ގޮތުގައި އާއިލީ ގުޅުން ނެތް ފަރާތެއް ވެސް ހަމަޖެއްސި ދާނެ ކަމަށެވެ. ގެރެންޓާގެ ގޮތުގައި ހުށަހަޅާ ފަރާތުގެ، އެމްއެމްއޭ ކްރެޑިޓް ރިޕޯޓު ވެސް ހުށަހަޅަން ޖެހެ އެވެ. ކްރެޑިޓް ރިޕޯޓު ހުށަހެޅި ނަމަވެސް، ގެރެންޓާގެ ގޮތުގައި ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ގެރެންޓާއެއް ހުށަހަޅާ ނަމަ އެކަމަށް ހާއްސަ ފޯމެއް ވެސް އާބަންކޯ އިން ވަނީ ހުށަހަޅަން އެދިފަ އެވެ. އެކަމާ ގުޅޭ ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބޭނެ އެވެ.
މާލީ ގާބިލުކަން ކަށަވަރު ކުރަން ދިން މި ފުރުސަތުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އޮކްޓޫބަރު މަހުގެ ނިޔަލަށް އާބަންކޯއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
އާބަންކޯ އިން ބުނީ، މާލީ ގާބިލުކަން ސާބިތުކޮށްފައިވާ ފަރާތްތަކުންގެ ތެރެއިން ޔުނިޓް އިހްތިޔާރު ކުރަން މިހާތަނަށް ދައުވަތު ދީފައިވާ ފަރާތްތަކުން ވެސް އޮކްޓޫބަރުގެ 31ގެ ކުރިން އެ މަރުހަލާ ފުރިހަމަ ކުރުމަށް ވަނީ އެދިފަ އެވެ.
ވިރަނެސް ފްލެޓްތަކުގެ ގޮތުގައި 1،344 ފްލެޓް ހިމެނޭ 13 ބުރީގެ 10 ޓަވަރު ވަނީ އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން ގުޅިފަޅުން ފްލެޓް ގަތް 140 ފަރާތަކަށް ވިނަރެސް ފްލެޓް ދޫކުރި އެވެ. އަދި ސީލައިފް އިން 123 މީހުންނަށް އަދި ހިޔާ އިން ފްލެޓް ދޫކޮށްލި 78 ފަރާތަކަށް ވެސް ވިނަރެސް އިން ވަނީ ފްލެޓް ލިބިފަ އެވެ. އެ ފަރާތްތަކަށް އާބަންކޯއިން މިހާރު އަންނަނީ ފްލެޓް ތަޅުގަނޑި ހަވާލު ކުރަމުންނެވެ.
އެފަރާތްތަކުގެ އިތުރުން ވިނަރެސް އިން ފްލެޓަށް ހޮވުނީ މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހުންނާއި މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ.
ވިނަރެސްގައި ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަަފަރު
31 August 2023
ބްރިޖ އެޅީ އަލިރަސްގެފާނު
ސުނާރު
31 August 2023
މި ޕީޕީސް ތަކަށް ހާދަބޮޑަކަށް އޮޅިފަޔޭ މިތިބީ ވިނަރެސްއަކީ މިސަރުކާރުން ފައިނޭންސް ހޯދާއިގެން ހުރިހާކަމެއްކޮއްގެން އެޅި ތަންތަން. ފޭސް2ގަ ޔާމީން ކުރިކަމަކީ ހިއްކާފަ 12 ވަރަކަށްކޮތަރު ކޮށީގެ އޮނިގަނޑުން 60% ވަރު ނިމިފަހުރީ ބައެއް ކޮށީގެ ފައުންޑޭޝަންވެސް ނާޅާ، ހުރިހާޓަވަރެއް ނިންމާ މަގުތައްހަދާ ސުކޫލް އިމާރާތްކޮއް ޓްރާންސްޕޯޓް ވިއުގައެއް ގާއިމްކޮއް، މީހުންނަށް އުޅެވޭވަރު ތަނަކަށް ހެދީ މިސަރުކާރުން، އެއީ ބިންހިއްކުމަށް ވުރެ ވަކި ކުޑަ ކަމެއްނޫން
އަފު
31 August 2023
ވިނަރެސް ފުލެޓް ލިބުނި މީހުންވެސް އުޅެނި އަގު ބޮނޑުވެގެން.ދެން މާލީ ގާބިލް ކަމެކޭމިކިނި.
ހަލީމް
31 August 2023
ވިނަރެސް ފްލެޓް ލިބުނު މީހުންގެ ތެރެއިން ފުލް ޕޭމަން ހެދިފަރާތަކަށް ފްލެޓް ހަވާލުނުކޮށް އަދިވެސް ދިގުދަން މަނީ. ޕޭ ކުރި ފަހުން 3 މަސް...
ގިފިލިވިއު
31 August 2023
މެރީނާ ވިއުއޭ ކިޔާފަ އަގު ބޮޑުކޮށް ވިއްކި ފަރާތްތަކަށް ދެން ފެންނާނީ މެރީނާ ވިއުއެއް ނޫން. މާލޭ މީހުންގެ ގޯތީގެ ގިފިލި. އެހެންވީމާ އަގަށް ބަދަލެއް ގެނެވޭކަށް ނެތްތަ؟
ދޮން
31 August 2023
ކޮންމާލީ އެކޭ ކިޔާކަށް މީހަކު ސޯސަލް ހައުސިންްއަށް އެޅި 1300 ފުލެޓް ރަންވަޅަކަށް ހަދައިގެން 2.3މިލިޔަން ބޭންކު މެދުވެރިކޮށް ހޯދަށް ތިއުޅެނީ ލޯނު ދައްކާ ނިމޭއިރު 7 މިލިޔަށް އަރާ .ވަކިބަޔަކަށް ޖެހިގެން ގޮތް ބިމުން ހިލޭ ގޯތި . ތިވެރިކަން ނިންމާ ކުރި އޮތް ގޮތަށް ސޯސަލް ހައުސިން ގޮތަށް ބަދަލުކޮށް ހެދޭނެ ރެޑީވޭ.
ފުތާބެއްޔާ
31 August 2023
ކޮން މާލީ ގާބިލު ކަމެއް ބަލާކަށް ތޯ ، މާލޭ މީހުންނަށް ހިލޭ އެތަށް މިލިޔަން ރުފިޔާގެ އަގުހުރި ބިންތަކެއް ބަހާލާފަ . ފުލެޓް ލިބުނު މީހުންނަށް ފުލެޓްވެސް ދޭން ޖެހޭނީ ހިލޭ.
ފރޗފ
31 August 2023
ދޭބަލަ ދިވެހި ކުލާހަކަށް (އެތަށް އާ އެތައް އާ މިއީ ތަފާތު ދެ މާނައެއް ދޭހަވާ ބަހެއް)
ނަދާ ނައީމް
30 August 2023
ރ.ޔާމިން އެޅުވި ވިނަރެސް ފުލެޓްތަށް އަމާޒު ކުރީ މެދުފަންތިއަށް.އަދި މުއިއްޒު ވަނީ 7700ރ އެތާކުލި ބޮޑުނުވާނެކަމަށްބުނެފަ.ސޯލިހް ވަނީ ފުލެޓް ކުލި 20000ރ އަށް ބަދަލުކޮށްފަ ޖުމްލަ ފައިސާ ދައްކާ ނިމޭއިރު މަހުޖަނުންގެ ފެންވަރުގު އަގު އެފުލެޓްތަކަށް ދައްކަން ޖެހޭގޮތަށް ހަދާފަ.އަދި މެއިންޓެނެސް ފީ ގެ ގޮތުގަ އިތުރު 2000ރ ނަގާވަހަކަ މިހާރުބުނޭ.ކިތަންމެ ފުރުސަތެއް ދިނަސް ދެން ފަގީރުންވާނި ފަގީރު.ފުލެޓްތަށް އަގު ހެޔޮކުރަން ގޮވާލަން.
އަބުދުބެއްޔާ
31 August 2023
ޔާމިން އެތަން އަޅާ ވާހަކަ ދެއްކީ، ފައިނޭންސް ހޯދައިގެން އެތަން ހެދީ މި ސަރުކާރުން.
ޛުހާ
31 August 2023
އެއީ ޔާމީން އެޅި ފުލެޓެއްނޫން. ޢެހެންވިއްޔާ ބުރިޖްވެސް އެޅީ މައުމޫން